ބަލި ހާލަތުގައިވާ މަންމަ ބެލުން ފިރިހެންދަރިންނަން ހުއްދަވާނެތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މަންމައަށް ޚިދުމަތް ކުރުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ފުރަތަމައީ : އަންހެނުން ކުދިންނާއި ފިރިހެން ކުދިން މައިންބަފައިންނަށް އިޙްސާންތެރި ވުމުގައި ހަމަހަމަ ވާނެ އެވެ. ވަކި ޖިންސެއް ތަފާތު ކުރުމެއް ނެތި އިޙްސާންތެރި ވުމުގައި ތަފާތެއް ނުވެ އެވެ.
ﷲ ވަޙީކުރެއްވި އެވެ. وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَاناً إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيماً* وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِى صَغِير
އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ނަބިއްޔާގެ ވެރި އިލާހު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ!
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (اثنانِ يُعَجِّلُهُما اللهُ في الدنيا: البغي وعقوق الوالدين) ”ދެ ފާފައެއް ވެ އެވެ. އެ ދެކަމުގެ ޢުޤޫބާތް ދުނިޔެމަތީގައި ﷲ އަވަސް ކުރައްވަ އެވެ. އެ (ދެ ފާފައަކީ) މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އަދި އަދި ބަޣްޔު އެވެ.“صحيح الجامع للألباني، رقم 137 البغي : ޙައްޤަކާނުލައި މީސްތަކުންނަށް އަނިޔާވެރިވުމެވެ.
التيسير للمناوي، ج1 ص34-35
މިތަނުގައި ކޮންމެހެންވެސް ފާހަގަކޮށްލަން ޖެހޭ އަމުރެއްވެ އެވެ.
ވަރަށްވެސް ގިނަ ބަޔަކަށް ވިސްނިފައި އޮންނަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ތިމާގެ އަތުން ޚަރަދު ކުރުމާއި ހުންނާނެތަނެއް ދެއްކުން ފަދަ ކަންކަމެވެ. އެހެނަސް މިއީ ކުށް ހީއެކެވެ. މައިންބަފައިންނަށް އިޙްސާންތެރި ވުމުގެ ތެރެއަށް 2 ކަމެއް ވަންނާނެ އެވެ. އެއީ ހެޔޮ ފޯރުކޮށްދޭ ފަދައިން އެމީހުންގެ ކިބައިން އުނދަގޫތައްވެސް ދުރުކުރަންޖެހޭނެ އެވެ.
މީގެ މިޘާލަކީ، ތިމާއަށް މައިން ބަފައިން ބެލެއްޓުމާއި ކަންތައްތައް ކުރުމުގެ ޞިއްޙަތާއި އަދި ޤާބިލްކަން ލިބިގެންވާ ޙާލުގައި، އެ މައިންބަފައިންނަށް ތިމަންނަ ޚަރަދުކޮށް އެހެނަސް ބަންގްލަދޭޝް، އިންޑިޔާ ނުވަތަ އެފަދަ މީހެއް އެ މަންމަ އަދި ބައްޕަ ބަލަން ގެނެސްފައި ވުމެވެ.
ތެދެކެވެ. އޭނާ ބަރާބަރަށް ޚަރަދު ކުރެއެވެ. އެހެނަސް އޭނާގެ ފަރާތުން ލިބެންޖެހޭ، ދޭންޖެހޭ ބެލެހެއްޓުންތެރިކަމެއް ގާތް ކަމެއް ނޯވެ އެވެ.
ފަހެ، މައިން ބަފައިން ހިތުގައި ޖެއްސުން، ހިތް ނުތަނަވަސް ކުރުން، ހިތާމަ ކުރުވުމާއި އަދި ހިތާމަ ކުރާނެ ފަދަ ގޮތުގައި ޢަމަލު ކުރުން މިއީ ކަނޑައެޅިގެން ޙަރާމްވެގެންވާ ޢަމަލެކެވެ. ޙަރާމް ވެގެންވެ އެވެ.
ތިމާގެ ބޯމަތީގައި މައިން ބަފައިންނަށް އަދާ ކުރުމަށް އަމުރުވެގެންވާ އެތައް ޙައްޤުތަކާއި، އަދި ހެޔޮ ގޮތުގައި މުޢާމަލާތް ކުރުމަށް އަމުރު ކުރެވިގެންވާހނދު، އެ މައިންބަފައިން ދޫކޮށް އެހެން ބަޔަކާއި ރިވެތި ގޮތުގައި މުޢާމަލާތްކޮށް އަދި ހެޔޮ ގޮތުގައި ޢަމަލުކުރުމަށްފަހު، މައިންބަފައިންގެ ހިތުގައި ޖެހޭ ގޮތަށް ޢަމަލުކުރުން މިއީ އިންސާނެއް ކުރާނެ ކަމެއް ނޫނެވެ. އިންސާނިއްޔަތުގެ އަހުލުވެރިންވެސް ކުރާނެ ކަމެއް ނޫނެވެ.
ދެވަނައީ : މަންމަ ސާފު ކުރުމާއި ޠާހިރު ކުރުމުގައި ޚިދުމަތް ކުރުމެވެ.
ފަހެ، މިކަމުގައި އަންހެނުން ކުދިން ތިބެއްޖެހިނދު އެކުދިންގެ މައްޗަށް ވާޖިބުވެގެންވާ ނެ އެވެ. އަންހެންދަރިން ނެތިއްޖެހިނދު، ނުވަތަ ފިރިންގެ އަނބިންގެ ތެރެއިންވެސް އެފަދައިން އެކަމުގައި ޢަމަލުކޮށްދޭނެ ފަރާތެއް ނެތް ކަމުގައިވާނަމަ، އުޖޫރަ ދީގެން އަންހެނެއް ގެނެސްގެން ތާހިރުކޮށްދިނުމަށް އަންހެނަކު ހޯދުން ހުއްޓެވެ.
އެއްވެސް ފިރިހެން ކުއްޖަކަށް މަންމަގެ ލަދުވެތި ގުނަވަނަށް ތާހިރު ކުރުމުގައިވީނަމަވެސް ބެލުން ހުއްދައެއް ނުވާނެ އެވެ.
ސުވާލުގައި ބުނެފައިވާ ގޮތުން އެނގިގެންދަނީ އަންހެން ދަރިން ޢާއިލާގައި ތިބި ކަމެވެ. ވުމުން އަންހެން ކުދިން ތިއްބައި ފިރިހެން ކުދިން މަންމަ ހަށިގަނޑުގެ ލަދުވެތި ގުނަވަނަށް ބެލުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.