އުޒުރެއް މެދުވެރިވެ މިސްކިތުގެ ފުރަތަމަ ޖަމާޢަތް ނިމުނު ފަހުން، މިސްކިތަށް އަންނަ މީހުން ހަދާ ޖަމާޢަތުން ވެސް ފުރަތަމަ ޖަމާޢަތާ އެއްފަދަ ޘަވާބެއް ލިބޭނެ ހެއްޔެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ތި ސުވާލަށް ޖަވާބުދިނުމުގައި ނުކުތާތަކެއްގެ މައްޗަށް ބަލާލަމެއެވެ.

އެންމެ ފުރަތަމަ ނުކުތާއަކީ: ދެވަނަ ޖަމާއަތެއް މިސްކިތުގައި ހެދުން ހުއްދަވެގެންނުވާނެ ދެ ޙާލަތެއް ވެއެވެ. އެއީ އޭގެ ސަބަބުން މުސްލިމުންގެ ޖަމާޢަތް ބައިބައިވެ އަދި މިސްކިތުގައި ޤާއިމްކުރެވޭ ފުރަތަމަ ޖަމާޢަތަށް އައުމަށް އޭގެ ސަބަބުން ފަރުވާ ކުޑަކުރުމަށް މަގުފަހިވެގެންދާނެތީއެވެ.

ފުރަތަމަ ހާލަތަކީ: ޝަރުއީ ގޮތުން އެއްވެސް އުޒުރެއް ނެތި، ފުރަތަމަ ޖަމާޢަތަށް ނުގޮސް ފުރަތަމަ ޖަމާޢަތުގެ އިމާމް ނަމާދުކޮށް އަވަދިވުމުން މިސްކިތަށް ގޮސް ވަކިވަގުތެއްގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުމަށް އެއްބަސް ކިޔައިގެން ބަޔަކު ޖަމާއަތް ހެދުމެވެ. އެއީ މިސާލަކަށް މިސްކިތްތަކުގެ އިމާމުންނަކީ މުރުތައްދުވެފައިވާ ބައެއް ކަމުގަމުއި ދެކިގެން މުސްލިމުންގެ ޖަމާޢަތް ދޫކުރާ ހަރުކަށި ފިކުރުގެ ބައެއް މީސްތަކުން ކަންތައް ކުރާ ފަދައިންނެވެ. މިއީ މިސްކިތްތަކުގައި ފެންނަމުންދާ މަންޒަރެކެވެ. މިސްކިތުގައި ރަސްމީ އިމާމު ނަމާދުކުރާ ހިނދު އެ ޖަމާޢަތުގައި ބައިވެރި ނުވުމަށް އެބަޔަކު ތިބެއެވެ. އަދި ޖަމާޢަތުގައި ނަމާދުކޮށް ނިމުމުން މިސްކިތައް އަރައި އެބައިމީހުން ޖަމާޢަތެއް ހަދައި ނަމާދު ކުރެއެވެ.

ދެވަނަ ހާލަތަކީ: އަބަދުވެސް މިސްކިތުގައި ރަސްމީ ނުވަތަ މުސާރަ ކަނޑައެޅިގެންވާ ދެ އިމާމުން ތިބުމެވެ. އެބަހީ މިސްކިތުގައި ކޮންމެ ދުވަހަކުމެ ދާއިމީކޮށް ދެ ޖަމާޢަތެއް ޤާއިމްކުރެވެއެވެ. އެއީ މީގެ ކުރިން މަސްޖިދުލް ހަރާމުގައި (المسجد الحرام) ކޮންމެ މަޛުހަބަކަށް މިހުރާބެއް ޚާއްސަ ކުރެވި ކޮންމެ މަޛުހަބައެއްގެ ބަޔަކު އެމީހުންނަށް ޙާއްޞަ ވަކި ޖަމާޢަތެއް ހަދައިގެން ނަމާދު ކުރަމުން ދިޔަ ފަދައިންނެވެ.

މި ދެ ޙާލަތަކީ ވެސް ހުއްދަވެގެން ނުވާނެ ދެ ޙާލަތު ކަމުގައި الشيخ ابن عثيمين (رحمه الله) ވިދާޅުވެފައިވެ އެވެ.

ދެވަނަ ނުކުތާއަކީ: ދެންފަހެ އިސްވެދިޔަ ފަދަ ހާލަތެއް ނެތި ފުރަތަމަ ޖަމާޢަތުގެ ނަމާދު ނިމުނުތަނާ އިއްތިފާޤަކުން އާދެވުނު ދެމީހުން މިސްކިތުގައި ދެވަނަ ޖަމާއަތެއް ހެދުމެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގްންވަނީ ފުރަތަމަ ޖަމާޢަތުގެ ތަކްބީތަރުލް އިޙްރާމް ހޯދައިގަތުމަށް އަވަސްވެގަތުމެވެ. އެހެނަސް މިތަނުގައި ވާހަކަ މިދެކެވެނީ އުޒުރެއް ދިމާވެގެން ކުރިމަތިވާ މިފަދަ ހާލަތެއް ކަންތައް ކުރާނެ ގޮތާއި މެދުގައެވެ.

މި މައްސަލައިގައި ޢިލްމުވެރީން ވަނީ ޚިލާފް ވެފައެވެ. އިލްމުވެރީންގެ ބަސްފުޅުތަކުގެ ތެރެއިން ބޮޑަށް ބުރަވެވެނީ ދެވަނަ ޖަމާޢަތެއް ހެދުން ހުއްދަވެގެންވާނެ ކަމުގެ މައްޗަށެވެ.

މިކަމުގެ މައްޗަށް ދޭހަކޮށްދޭ ދަލީލުތަކުގެ ތެރޭގައި:

أن الرسول صلى الله عليه وسلم كان جالسا ذات يوم مع أصحابه ، فدخل رجل بعد أن انتهت الصلاة ، فقال : ( من يتصدق على هذا فيصلي معه ؟ ) فقام أحد القوم فصلى مع الرجل . رواه الترمذي (220)

އެއްދުވަހަކު ރަސޫލާ صلى الله عليه وسلم އެ ނަބިއްޔާގެ ސަހާބީންނާއެކު އިށީންދެވަޑައިގެން އިންނަވަނިކޮށް، ނަމާދު ނިމުނު ފަހުން މީހަކު މިސްކިތަށް ވަނެވެ. އެހިނދު ހަދީޘްފުޅު ކުރެއްވިއެވެ. އޭނާއާއަށް ދެވޭ ޞަދާޤާތެއް ގޮތުގައި އޭނާއާއެކު ނަމާދު ކުރާނީ ކާކު ހެއްޔެވެ؟”.

އިހުތިޖާޖު ކުރެވޭ ވަރަށްވުރެ މިހަދީޘްގެ ދަރަޖަ ދަށް ނުވާނެ ކަމަށް ކުރީގެ މުޙައްދިޘުންގެ އިތުރުން ފަހުގެ ޢިލްމުވެރިންވެސް ވިދާޅުވެފައިވެއެވެ. އަދި މިނޫނަސް އެހެން ދަލީލުތައްވެއެވެ.

 

ދެންފަހެ ދަތުރުވެރިން، ދަތުރު ކުރާ މަގެއްގައި ނުވަތަ ބާޒާރެއްގައި ކޮންމެ ފަހަރަކު ބަޔަކު އައިސް ޖަމާޢަތް ހަދާ މުސައްލާތަކުގައި ކިތަންމެ ގިނައިން ޖަމާއަތް ތަކުރާރު ކުރިޔަސް އެއްވެސް މައްސަލައެއް ނެތް ކަމަށް ޢިލްމުވެރީން އިއްތަފާޤުވެވަޑައިގަންނަ ކަހަލައެވެ.

ތިންވަނަ ނުކުތާއަކީ: ސުވާލުގައި ޒިކުރުކުރެވިގެންވާ އަޖުރުގެ ތަފާތާއި މެދު ބުނަމެވެ. އެއްވެސް ޝައްކަތް ނެތް ގޮތުގައި އެ ޖަމާޢަތަކަށް ދަހިވެތިވާންޖެހޭ އެންމެ މަތިވެރިވެގްންވާ ޖަމާޢަތަކީ ފުރަތަމަ ޖަމާޢަތެވެ.

އެއީ ސަބަބުތަކަށްޓަކައެވެ.

ފުރަތަމައީ: އެއީ ޖަމާޢަތުގެ އަސްލު ކަމުގައި ވާތީއެވެ. ދެވަނަ ޖަމާޢަތަކީ އުޒުރެއް ދިމާވެގެން ދިމާވާ ޙާލަތެއްގައި ހެދޭ ޖަމާޢަތަކަށް ވާތީއެވެ.

ދެވަނައީ: ފުރަތަމަ ޖަމާޢަތުގެ އައްތަޙިއްޔާތުގައި އިމާމު މީހާ ވަނިކޮށް މިސްކިތަށް ވަންނަ މީހާއަށް ވެސް އިރުޝާދު ދެވިގެންވަނީ ދެވަނަ ޖަމާޢަތެއް ހެދުމަށް މަޑުނުކޮށް އެ ޖަމާޢަތުގައި ބައިވެރިވުމަށެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރައްވާފައިވެއެވެ. “فما أدركتم فصلوا” މާނައަކީ ނަމާދުން ތިޔަބައިމީހުންނަށް ލިބުނު މިންވަރެއް ކުރާށެވެ.

އެހެންކަމުން ނަމާދުން ލައްވާލާ ކިތަންމެ މަދު މިންވަރަކަށް ވެސް މި ހަދީޘް އާންމު ވެގެންވެއެވެ.

ތިންވައީ: ނަމާދުގެ ޖަމާޢަތް ބޮޑު ވާ ވަރަކަށް އަޖުރު މަތިވެރިވެގެން ވުމެވެ.

ހަތަރުވަނަ ނުކުތާއަކީ: މިފަދައިން ފުރަތަމަ ޖަމާޢަތް މަތިވެރިވެގެންވީ ކަމުގައިވީ ނަމަވެސް އުޛުރަކާ ލައިގެން އެމީހަކަށް ފުރަތަމަ ޖަމާޢަތް ފާއިތުވުމުގެ ސަބަބުން ދެވަނަ ޖަމާޢަތެއްގައި ކުރި ކަމުގައި ވިޔަސް އެމީހަކަށް އެއްވެސް އުނިކަމެއް ނެތި ޖަމާޢަތުގެ އަޖުރު އެ އިލާހުގެ ފަޟުލުވަންތަކަމުން ދެއްވުމަކީ ދުރުކަމެއް ނޫނެވެ. އެހަނަސް އެއީ ފަރުވާކުޑަކުރުމެއްނެތި ހަޤީގަތުގައި ވެސް އުޒުރުވެރިވެފައިވާ މީހާއެވެ. މިސާލަކަށް ވުޟޫ ގެއްލުމުގެ ސަބަބުން ނަމާދުން ނުކުންނަން ޖެހުނު މީހާ ނޫނީ ކާރުބާރު ބޮޑުވެގެން މިސްކިތަށް ލަހުން ވަދެވުނު މީހާ ފަދަ ހަޤީޤީ އުޒުރުވެރި ފަރާތްތަކެވެ.

މިއަސްލުގެ މައްޗަށް ދަލީލު ކުރާ ވަރަށް ގިނަ ދަލީލުތައް ޝަރުޢުގައިވެއެވެ. އޭގެ ތެރޭގައި “إذا سافر العبد أو مرض كتب الله له مثل ما كان يعمل صحيحًا مقيمًا” ހިމެނެއެވެ. މާނައަކީ ”އަޅަކު ބަލިވުމުން ނުވަތަ ދަތުރު ކުރަންޖެހުމުން (އޭގެ ކުރިން ޢާދަވެ ކުރަމުންދާ ޢަމަލުތައް ކުރުމަށް ނުކުޅަދާނަވުމުން) އޭނާ ރަށުގައި ޤާއިމްވެހުންނަހިނދު އަދި ޞިއްޙަތު ސަލަމާތް ޙާލުގައިވި ހިނދު ކުރަމުންދިޔަ ޢަމަލުތައް އޭނާއަށްޓަކައި ލިޔުއްވޭނެއެވެ”.

މިހަދީޘުން ބަޔާންބެގެންދަނީ އުޒުރުވެރިވެގެންވާ ހާލުގައި އަޖުރަށް އުނި ކަމެއް ނާންނަ ކަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply