ވަކިން ހުކުރު ދުވަހުގައި ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ހުކުރު ދުވަހުގައި ރޯދައަށް ހުރުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.

ހުކުރު ދުވަހު ރޯދައަށް ހުރުމުގައި ތަފާތު ގޮތްތަކެއް ނުވަތަ ތަފާތު ސިފަތަކެއްވެ އެވެ. އެންމެ ސިފައެއް ނޫނެވެ.

މި ސިފަތައް ބަޔާން ކުރައްވާ މަދީނާގައި ތިއްބެވި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނވަޑައިގަންނަވާ އަހަރެމެންގެ ޝެއިޚް ޑރ. عَرَفَات بن حَسَن المحمدي – حفظه الله- ވިދާޅުވެފައިވާ ތަފްޞީލީ ބަސްފުޅެއް މިތަނުގައި ބަޔާން ކުރަމެވެ.

ޝެއިޚް ވިދާޅުވި އެވެ.

“ފުރަތަމަ ޙާލަތަކީ : ވާޖިބުވެގެންވާ ރޯދައެއް ނުވަތަ ކައްފާރާއެއްގެ ގޮތުގައި ހިފަން ޖެހިފައިވާ ރޯދައެއް، ޤަޟާ ކުރާ ރޯދައެއް ހުކުރުދުވަހުގައި ހިފުމެވެ. މިއީ ހުއްދަވެގެންވާ ކަމެއްކަމުގައި އެންމެހައި ޢިލްމުވެރިން އިޖްމާޢުވެގެންވެ އެވެ.

ދެވަނަ ޙާލަތަކީ : ހުކުރު ދުވަހުގައި ސުންނަތް ރޯދަ ހިފުމެވެ. މިޘާލަކަށް ހަނދުމަހުގެ 13، 14 ނުވަތަ 15 ވަނަ ދުވަހުގައި ރޯދައަށް ހުރުމެވެ. ނުވަތަ ޢާޝޫރާ ދުވަސް، ޢަރަފާތް ދުވަސް ހުކުރުދުވަހާ ދިމާވެ ހުކުރު ދުވަހުގައި ރޯދައަށް ހުރުމެވެ. މިކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ރޯދަހިފާ މީހާ ރޯދަ ހިފަނީ ހުކުރު ދުވަހަށްވެގެން ނޫންކަމުގައިވުމެވެ.

ތިންވަނަ ޙާލަތަކީ : ހުކުރު ދުވަހުގެ ކުރިއަށް އެއްދުވަސް ނުވަތަ ހުކުރު ދުވަހުގެ ފަހަށް އެއްދުވަސް ރޯދަހިފުމެވެ. މިފަދައިން ރޯދަހިފުމުގައި ޙަދީޘް ވާރިދުވެފައިވެ އެވެ. ނަބިއްޔާ ﷺ އަނބިކަނބަލުން جُوَيرِية -وضي الله عنها- އަރިއަހަށް ހުކުރު ދުވަހު ވަޑައިގެންނެވި އެވެ. އެކަމަނާ ރޯދައަށް ހުންނެވުމުން ޙަދީޘް ކުރެއްވި އެވެ. ”އިއްޔެ ރޯދައަށް ހުންނެވިން ހެއްޔެވެ.“

ވިދާޅުވި އެވެ. ނޫނެކެވެ. ޙަދީޘް ކުރެއްވި އެވެ. ”މާދަމާ ރޯދައަށް ހުންނަންތޯ އެވެ؟“ ވިދާޅުވި އެވެ. ”ނޫނެކެވެ.“ އެހިނދު ޙަދީޘް ކުރެއްވި އެވެ. ”ރޯދަ ދޫކޮށްލާށެވެ.“

އެއީ ކީއްވެގެން ހެއްޔެވެ؟

ސަބަބަކީ އެކަމަނާ ރޯދައަށް ހުންނެވީ ހުކުރު ދުވަސް ކަމުގައިވުމުން، އެދުވަހުގައި ރޯދައަށް ހުުރުމުގެ ބޭނުމުގަ އެވެ. ޙަދީޘްއިން ބަޔާންވެގެންދަނީ ބުރާސްފަތި ދުވަހު ނުވަތަ ހޮނިހިރު ދުވަހުގައި ރޯދައަށް ހުންނަ މީހަކު ހުކުރު ދުވަހުގައި ރޯދައަށް ހުރުން ހުއްދަވެގެންވާކަމެވެ. މި ޢަމަލުގައި އެއްވެސް މައްސަލައެއް ނެތެވެ.

ހަތަރުވަނަ ޙާލަތަކީ : ހުކުރު ދުވަސް ކަމުގައިވުމުން، އެ ދުވަހުގައި ރޯދަ ހިފުމުގެ ބޭނުމުގައި ރޯދައަށް ހުރުމެވެ. މިއީ ނަހީ ކުރެވިފައިވާ ކަމެކެވެ. މިކަމުގެ ޙަދީޘަކީ جُوَيرِية އަރިހުން ވާރިދުވެގެންވާ ޙަދީޘެވެ. ”

ވުމުން މައްސަލަ ސާފުވެެ އޮޅުން ފިލައިގެންދެ އެވެ. ޝައްވާލު މަހުގެ 6 ރޯދަ ހިފާ މީހަކު އޭނާގެ ރޯދަތައް، ޖެހިޖެހިގެން ހިފަމުންގޮސް ހުކުރު ދުވަހެއް ދިމާވެ ހުކުރު ދުވަހުގައި ރޯދަ ހިފުން އެއްވެސް މައްސަލައެއއް ނެތެވެ.

އެގޮތުން ޢާދަވެ ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހުގައި ރޯދަހިފާ މީހަކު އެ ނިޔަތުގެ މައްޗަށް ބިނާކޮށް ޙައްޖުމަހުގެ 9 ދުވަސްތަކުގައި ރޯދައަށް ހުރުމުގެ ޤަޞްދުގައި ރޯދައަށް ހުރީ އެވެ. އަދި އެފަދައިން ހުކުރު ދުވަހަކާ ދިމާވީ އެވެ. ފަހެ، މި ޙާލަތުގައި މައްސަލައެއް ނެތެވެ.

އަދި ހަމައެފަދައިން ހުކުރު ދުވަހުގައި ހިފާފައި ހޮނިހިރު ދުވަހުގައި ހިފާނަމަވެސް އޭގައި މަނާކަމެއް ނެތެވެ.

ސަބަބަކީ އެހިނދު އެވަނީ ޙަދީޘްގައި މަނާކުރެވިގެންވާ ޙުކުމުން ބޭރުވެފަ އެވެ.

އަދި ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި (މަތީގައި ޝެއިޚް ބަޔާން ކުރެވިފައިވާ ފަދައިން) އެ ދުވަހަކީ ހުކުރުދުވަސް ކަމުގައި ވުމުން އެދުވަހުގައި ރޯދަ ހުރުން މަނާވެގެން ވުމެވެ. ޙަދީޘްގެ މުރާދަކީ އެއީ އެވެ.

ވުމާއެކު، އެމީހަކު ހުކުރު ދުވަހުގައި ރޯދައަށް ހުރީ އެ ދުވަހާއި އެއްވެސް ގުޅުމެއް އޮވެގެން ނޫން ކަމުގައިވާނަމަ، އޭނާ އެ ދުވަހުގައި ސުންނަތް ރޯދައަށް ހުރުންވެސް މަނާކަމެއް ނެތެވެ.

އެހެނަސް އެންމެ އަޥްލާވެގެންވަނީ ހުކުރު ދުވަހުގެ ކުރިއަށް ނުވަތަ ފަހަތަށް ދުވަހެއްގައި ރޯދައަށް ހުންނަ ގޮތުގައި ރޯދަ ހިފުމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply