ގައުމުން ބޭރުގައި އުޟްޙިއްޔާ ޤުރުބާން ކުރުމުގެ ޙުކުމަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
އުޟްޙިއްޔާގެ ޝަޢީރަ އަކީ މުސްލިމަކު އެ އަޅުކަމުގެ މައްޗަށް ދެބަސްވާނެ އަޅުކަމެއް ނޫނެވެ.
އުޟްޙިއްޔާގެ ތަޢުރީފް : އެއީ އަޟްޙާ ޢީދު ދުވަސްތަކުގައި، ނަޢަމް ސޫފިތަކުން ﷲ އަށް ކުށްތަން ވުމަށްޓަކައި ކަތިލެވޭ ތަކެއްޗަށް ކިޔާ ނަމެވެ.
އުޟްޙިއްޔާ ޝަރުޢު ކުރެވިގެންވާކަމުގެ ދަލީލު : އުޟްޙިއްޔާއަކީ ޝަރީޢަތުގައި އެކަމަށް އަމުރުފުޅު ކުރެވިފައިވާ ކަމެއްގެ ގޮތުގައި ކީރިތި ޤުރުއާނާއި މާތްނަބިއްޔާގެ ސުންނަތުން އަދި އުއްމަތުގެ އިޖްމާޢުއިން ދަލީލު ކުރެވިގެންވާ ކަމެކެވެ.
ކީރިތި ގުރުއާނުގައި އެކަމަށް ވާރިދުވެގެންވާ ދަލީލުތަކުގެ ތެރޭގައި :
ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿فصَلِّ لِرَبِّكَ وَانْحَرْ﴾ ”އަދި އިބަނަބިއްޔާގެ ވެރި އިލާހުއަށް ނަމާދު ޤާއިމްކުރާށެވެ. އަދި އުޟްޙިއްޔާ ޤުރުބާން ކުރައްވާށެވެ.“
الإمام البغوي رحمه الله ވިދާޅުވެފައިވެ އެވެ. ”عكرمة، عطاء އަދި قتادة ވިދާޅުވެފައިވެ އެވެ. ނަބިއްޔާ ޢީދުނަމާދު ﷲ އަށް ކުރުން ހުއްޓެވެ. އަދި ޢީދު ދުވަހުގައި ﷲ އަށް އުޟްޙިއްޔާ ޤުރުބާން ކުރުން ހުއްޓެވެ.“ މި އާޔަތުގައި ޛިކުރުވެގެންވާ ނަމާދަކީ ޢީދުނަމާދު ކަމުގައި އަދި ނަޙްރު ކުރުމަކީ އުޟްޙިއްޔާ ކަތިލުން ކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكاً لِيَذْكُرُوا اسْمَ اللَّهِ عَلَى مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ﴾ ”ނަޢަމް ސޫފީގެ ތެރެއިން އެކަލާނގެ އެބައިމީހުންނަށް ދެއްވި ތަކެތީގެ މައްޗަށް (އެތަކެތި ކަތިލެވޭ ހިނދުގައި) ﷲ ގެ އިސްމުފުޅު ނަންގަތުމަށްޓަކައި، ތިމަން އިލާހު ކޮންމެ އުއްމަތަކަށްވެސް، ޤުރުބާން ކުރުމެއް ލެއްވީމެވެ.“
الإمام ابن كثير رحمه الله ވިދާޅުވެފައިވެ އެވެ. ކޮންމެ އުއްމަތަކަށް ޤުރުބާން ކުރެއްވުމެއް ލެއްވީމެވެ. ޔަޢުނީ ޢީދެއް ލެއްވީމެވެ. އަދިވެސް ވިދާޅުވެފައިވެ އެވެ. މިއާޔަތުގައި ޛިކުރުކުރެވިފައިވާ ޤުރުބާންކުރެއްވުން އަކީ އުޟްޙިއްޔާ ކަތިލުމެވެ.
ނަބިއްޔާ ސުންނަތުގައި ބަޔާންވެގެންވާ ޙަދީޘް ތަކުގެ ތެރޭގައި :
أنس رضي الله عنه ގެ އަރިހުން الإمام البخاري އަދި مسلم رحمهما الله ރިވާކޮށްފައިވެ އެވެ. (ضحى النبي -صلى الله عليه وسلم- بكبشين أملحين أقرنين ذبحهما بيده وسمى وكبّر ووضع رجله على صفاحهما) ”ނަބިއްޔާ -صلى الله عليه وسلم- އުޟްޙިއްޔާއަށް ވަރަށްވެސް ހުދު (ބައެއް ޢިލްމުވެރިން أملح ގެ މާނައީ، ކޮންމެވެސް މިންވަރަކަށް ކަޅުކުލަ އެކުލެވިފައިވާ ހުދު ނަޢަމްސޫފި ކަމުގައިވެސް ބުނެ އެވެ.) ދަޅު ފަޅައިފައި ހުރި 2 ކަންބަޅި، ﷲ ގެ އިސްމުފުޅު ޛިކުރުކުރައްވާ ތަކްބީރު ވިދާޅުވެ އަތްޕުޅުން ޤުރުބާން ކުރެއްވި އެވެ. އަދި ޤުރުބާން ކުރެއްވި ހިނދުގައި އެ ކަންބަޅި އޭތީގެ (ވައަތް ބިންމަތީގައި ޖެހޭ ގޮތަށް) ބާއްވަވައި ފައިންޕުޅު އެރުއްވުމަށްފަހުގައި ޤުރުބާން ކުރެއްވި އެވެ.“
އުޟްޙިއްޔާ ކަތިލުމަށް އުއްމަތުގެ އަހުލުވެރިން އިޖްމާޢުވެގެންވާކަން ބަޔާންކޮށް الإمام ابن قدامة رحمه الله ވިދާޅުވެފައިވެ އެވެ. ”އުޟްޙިއްޔާ ކަތިލުން ޝަރީޢަތުގައި ބަޔާންވެގެންވާ ކަމުގެ މައްޗަށް އެއްވެސް ޚިލާފެއްއޮތް ކަމުގައި ނޭނގެ އެވެ. ފަހެ، ހަމަކަށަވަރުން މުސްލިމުންވަނީ އުޟްޙިއްޔާ ކަތިލުމުގެ މައްޗަށް އިޖުމާޢުވެގެންނެވެ.“ ( المغني : 9/345)
އުޟްޙިއްޔާ ކަތިލުމުގެ ޙުކުމް :
އުޟްޙިއްޔާގެ ޙުކުމާއި މެދުގައި އުއްމަތުގެ ޢިލްމުވެރިން 2 ޤައުލެއްގެ މައްޗަށް ޚިލާފްވެގެންވެ އެވެ.
ފުރަތަމަ ޤައުލު : އެކަމަށް ތަނަވަސްވެގެންވާ މީހާގެ މައްޗަށް އެއީ ވާޖިބުކަމެއްގެ ގޮތުގައި ވުމެވެ. މި ޤައުލު ބަޔާންކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި ربيعة، الأوزاعي، أبو حنيفة، الليث، الملكية ބައެއް އަހުލުވެރިން، الإمام أحمد ގެ ދެ ރިވާޔަތުންކުރެ އެއްރިވާޔަތެވެ. އަދި މި ޤައުލަކީ شيخ الإسلام ابن تيمية އިޚްތިޔާރު ކުރައްވާފައިވާ ޤައުލެވެ.
الإمام تقي الدين رحمه الله ވިދާޅުވެފައިވެ އެވެ. ”އުޟްޙިއްޔާ، ޢަޤީޤާ އަދި ހަދުޔު ކަތިލައި ޤުރުބާން ކުރުމަކީ އޭގެއަގުން ޞަދަޤާތް ދިނުމަށްވުރެ ހެޔޮވެގެންވާ ކަމެކެވެ. އެގޮތުން ޔަތީމްކުއްޖާއަށް އޭނާގެ މުދަލުން ކަތިލުން ހުއްޓެވެ. އަނބިމީހާއަށް އޭނާގެ ފިރިމީހާގެ މުދަލުން އޭނާއަށާއި ގޭގެ އަހުލުވެރިންނަށް އުޟްޙިއްޔާ ކަތިލުމަށްޓަކައި ފައިސާނެގުން ހުއްދަވެގެންވެ އެވެ. އެއީ އެކަމަށް ފިރިމީހާ ހުއްދަނުދިން ކަމުގައިވިޔަސް އެވެ. އަދި ދަރަނި ޙައްޤުވެގެންވާ ފަރާތުން އެދަރަނި އަދާރުކުރުމަށް ނޭދޭނަމަ، ދަރަނިވެރިޔާ އުޟްޙިއްޔާ ކަތިލުން ހުއްޓެވެ.“
الإمام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ދަލީލުތަކުން ބޮޑަށް ފާޅުވެ (ބަޔާންވެގެންވަނީ) ފަހެ އުޟްޙިއްޔާ ގެ (ޙުކުމަކީ) ވާޖިބެވެ. ފަހެ އެއީ އިސްލާމްދީނުގައިވާ އެންމެ ބޮޑެތި ޝިޢާރުތަކުގެ ތެރެއިންވާ ޝިޢާރެކެވެ. އެއީ ދުނިޔެމަތީގައިވާ އެންމެހައި މީސްތަކުންނަށް ބަޔާންވެގެންވާ ޤުރުބާނެކެވެ. ﴿ قُلْ إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّهِ رَبِّ الْعَالَمِينَ. لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَاْ أَوَّلُ الْمُسْلِمِينَ﴾ ”ނަބިއްޔާ ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާގެ ނަމާދާއި، ތިމަން ނަބިއްޔާގެ ޤުރުބާން ކުރުން އަދި ތިމަން ނަބިއްޔާގެ ދިރިހުންނެވުމާއި އަވަހާރަވުން ވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެ އިލާހުއަށް އެއްވެސް ޝަރީކަކުނުވެ އެވެ. އަދި ތިމަން ނަބިއްޔާއަށް އަމުރުފުޅު ކުރެވިފައިވަނީ އެގޮތަށެވެ. އަދި ތިމަންނަބިއްޔާއަކީ މި އުއްމަތުގެ މުސްލިމުން ކުރެ އެންމެ ފުރަތަމަ މީހާ އެވެ.“ ﴿فصَلِّ لِرَبِّكَ وَانْحَرْ﴾ ”އަދި އިބަނަބިއްޔާގެ ވެރި އިލާހުއަށް ނަމާދު ޤާއިމްކުރާށެވެ. އަދި އުޟްޙިއްޔާ ޤުރުބާން ކުރައްވާށެވެ.“ ނަމާދު ކުރުމަށް އަމުރުފުޅު ކުރެއްވި ފަދައިން ޤުރުބާން ކުރެއްވުމަށް އަމުރުފުޅު ކުރެއްވި އެވެ.“ (سجود التلاوة : 4/29)
الإمام العثيمين رحمه الله ވިދާޅުވެފައިވެ އެވެ. ”(އުޟްޙިއްޔާ) ކަތިލުން ވާޖިބުވެގެންވޭ ބުނެފައިވާ ޤައުލަކީ، ވާޖިބުވެގެންވާ ކަމެއް ނޫންގޮތުގައި ބުނެފައިވާ ޤައުލަށްވުރެ ދަލީލުތަކުން ފާޅުވެގެންވާގޮތެވެ.“ (الشرح الممتع : 7/421)
ދެވަނަ ޤައުލު : އުޟްޙިއްޔާއަކީ ސުންނަތެވެ. ވާޖިބުވެގެންވާ ކަމެއް ނޫނެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. މި ޤައުލު ބަޔާންކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި مالك، الشافعي، أحمد، إسحاق، أبي ثور، المزني، ابن المنذر، داود، ابن حزم އަދި މި ނޫނަސް ޖުމްހޫރު ފިޤުހު އަހުލުވެރިންގެ ޤައުލަކީ މި އެވެ.
الإمام ابن باز رحمه الله ވިދާޅުވެފައިވެ އެވެ. އުޟްޙިއްޔާ އަކީ ކިފާޔަތުގެ ސުންނަތެކެވެ. އަދި ބައެއް ޢިލްމުވެރިން އެއީ ފަރުޟު ޢައިނެއް ކަމުގައި ވިދާޅުވެފައިވެ އެވެ.“ (فتاوى اللجنة الدائمة : 11/394)
އަޚުންނޭވެ! މި އަޅުކަން ނިޞްބަތްވެގެންވާ މޫސުމާއި އަދި އެ މޫސުމުގެ މާތްކަމާއި އަދި އިންސާނާ ﷲ އަށްޓަކައި އޭނާއަށް ޙަލާލުވެގެންވީ ބައެއް ކަންތައްތައް ނަފްސަށް ޙަރާމް ކޮށްފައިވުމަކީ މި އަޅުކަމުގެ މާތްކަމާއި މަތިވެރިކަމާއި އަދި ހެޔޮކަން އުފުލިގެންވާ ކަމުގެ ކޮންފަދަ ބޮޑު ހެއްކެތް ހެއްޔެވެ؟
އަޚުންނޭވެ!
(މި ނުކުތާގެ މައްޗަށް ވިސްނާލުން ހުއްޓެވެ.)
އުޟްޙިއްޔާ ގެ އަޞްލަކީ ޤައުމުގައި އަދި އަމިއްލަވަޠަނުގައި އަމިއްލައަށް އެ ޤުރުބާން ކުރުމެވެ.
ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން ޒަކާތް ފަދައިންނެވެ. އެއީ ޒަކާތުގެވެސް އަޞްލަކީ އެތަނެއްގައިވާ މުއްސަދިންގެ އަތުން ނަގައި އެތަނެއްގައިވާ ފަޤީރުންނަށް އެ ބެހުމެވެ.
އެހެނަސް އެހެން ހިސާބެއްގައިވާ އަހުލުވެރިންގެ ޙާޖަތް ބޮޑުވެ އެބައިމީހުންނަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށްޓަކައި ޒަކާތް ދިނުން ހުއްދަވެގެންވެ އެވެ.
ހަމައެފަދައިން އުޟްޙިއްޔާ ޤުރުބާން ކުރުންވެސް އެފަދަ އެވެ.
އަޞްލަކީ އެތަނެއްގައި އެތަނުގައިވާ އަހުލުވެރިން އެޢަމަލުގައި ބައިވެރިވެ އެ ޝިޢާރު ފާޅު ކުރުމެވެ.
ޤައުމުން ބޭރުގައި އުޟްޙިއްޔާ ޤުރުބާން ކުރުމުގައި ޢިލްމުވެރިންގެ މެދުގައި މަޝްހޫރު ދެ ރައުޔެއްވެ އެވެ.
ބައެއް ޢިލްމުވެރިން އެކަން އެފަދައިން ނުކުރުމަށް ވިދާޅުވާހިނދު ބައެއް ޢިލްމުވެރިން އެކަމުގައި މައްސަލއެއް ނެތް ކަމުގައި ވިދާޅުވެ އެވެ. އަދި ބޮޑު ސަބަބެއް ނުވަތަ ޙާޖަތެއް އޮވެއްޖެހިނދު ޤައުމުން ބޭރުގައި ކަތިލުމުގައި މަނާކަމެއް ނެތް ކަމުގައިވެސް ވިދާޅުވެ އެވެ.
ފަހުގެ ދުނިޔެ ދުށް، އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ކުރީގެ ސަޢުދީ ޢަރަބިއްޔާގެ މުފްތީ عبد العَزِيز بن باَز -رحمه الله- ވިދާޅުވެފައިވެ އެވެ.
ސުވާލު : ސަމާޙަތުއް ޝެއިޚް އެވެ! ޤައުމުން ބޭރުގައިވާ ފަޤީރު މިސްކީނުންނަށް (އުޟްޙިއްޔާ ޤުރުބާން ކުރުމުގައި) ފައިސާ ފޮނުވުމަކީ ހުއްދަވެގެންވާ ކަމެއް ހެއްޔެވެ؟
ޖަވާބު : އެކަމުގައި މައްސަލައެއް ނެތެވެ. އެއީ އޭނާގެ ގޭގައި އަދި ނުވަތަ ޤައުމުން ބޭރުގައި ކަތިލުމަކުން މައްސަލައެއް ނެތެވެ. އެހެނަސް އަމިއްލައަށް ގޭގައި ކަތިލުން ހެޔޮކަން ބޮޑުވެގެންވެ އެވެ.
އަދި ގޭގައި ކަތިލައި އޭގެ މަސް ކައި، އަދި އޭނާގެ ވަށައިގެންވާ ފަރާތްތަކަށް މަސް ބެހުން ހެޔޮކަން ބޮޑުވެގެންވެ އެވެ. އެއީ ނަބިއްޔާ އަށް އެކަމުގައި އިޤްތިދާވުމަށްޓަކަ އެވެ. ފަހެ، ނަބިއްޔާ އަމިއްލަފުޅަށް ގެކޮޅުގައި ޤުރުބާން ކުރައްވައި އެއިން ފަރިއްކުޅުއްވަ އެވެ. އަދި އެހެން އުޟްޙިއްޔާއެއް އެހެން ފަޤީރު ޤައުމެއްގައިވާ ފަޤީރުންނަށް ޤުރުބާން ކުރުމުގައި، އޭނާއަށް އެފަދައިން ޢަމަލު ކުރުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ، މިކަން ހިމެނިގެންދާނީ ޞަދަޤާތުގެ ތެރެއިންނެވެ. އާނއެކެވެ. (ޝެއިޚްގެ ޖަވާބު ނިމުނީ)
ފަހެ، މިއީ ބިދުޢަވެރި ޢަމަލެއް ކަމުގައި އެއަށްފަހު ބުނާނީ ކިހިނެތް ހެއްޔެވެ؟ މިއީ، އެފަދައިން ޢަމަލު ކޮށްފި މީހެއްގެ މައްޗަށް ޢައިބުބަސް ރައްދުކުރުން ހުއްދަވެގެންވާނެ ޢަމަލެއް ހެއްޔެވެ؟
އަޚުންނޭޥެ! އެމީހަކަށް ކެރި ކުޅަދާނަވެ، ތަނަވަސްކަން ލިބިގެންވާ ފަރާތުން މިއަޅުކަން އެންމެ އެދެވިގެންވާ ގޮތުގައި، އެންމެ ހެޔޮވެގެންވާ ގޮތުގައި ކުރުމަށްޓަކައި އަމިއްލައަށް މި އަޅުކަން އެފަދައިން ކުރުން ހުއްޓެވެ.
އެހެނަސް އެފަދަ ކެރިފޯރުންތެރިކަމެއް ނެތެވެ. ނުވަތަ އެހެން ސަބަބެއް އޭގައި އެކުވުމުގެ ސަބަބުން ޤައުމުން ބޭރުގައި އެކަން ކުރާފަރާތަކަށް އެކަން ހުއްދަވެގެން ނުވާނެ ކަމާއި، އޭނާގެ މައްޗަށް އެ އަޅުކަމުގެ ދޮރުވަނީ ބަންދުވެގެންކަމުގައި ބުނުމާއި، އަދި އެއީ ޞައްޙަވެގެން ނުވާނެ ކަމުގައި ބުނުމަކީ ޢިލްމުވެރިން ޚިލާފްވެގެންވާ މައްސަލަތަކުގައި ޤާއިމްވާ އަދި ދައްކާފައިވާ މަގާއި ޚިލާފް ގޮތްތަކެވެ.
އަދި މިފަދައިން ސުންނަތުގެ އަހުލުވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފް މައްސަލަތަކުގައި ގުޅުން ކެނޑުމަށް ގޮވުމާއި، އެކަކު އަނެކަކުގެ މައްޗަށް ނަފްރަތު އުފެދޭ ބީދައިން ރުޅިވެރިކަމާއި އަދި އަގުވެއްޓޭ ބީދައިން ބަސްބުނުމަކީ އެއްވެސް ޙާލެއްގައި ސުންނަތުގެ ހިދާޔަތް ދަންނަ ބަޔަކު، މީހަކު ކުރާނެ ޢަމަލެއްވެސް ނޫނެވެ.
ސަލަފީ އަޚުން އެންމެ ކުރީއްސުރެން ފަށައިގެންވެސް އުޟްޙިއްޔާ ޤައުމުން ބޭރުގައި ކަތިލުމުގައި ވާހަކަ ދެއްކުމާއި އެކު އެދުވަސްތަކުގައި މަދީނާގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންންވާ އަދި މިހާރު ސުންނަތުގެ އެންމެހައި ފަރާތްތަކެއްގެ ޤަދަރާއި އެބޭކަލެއްގެ ޢިލްމަށް ހެކިވަޑައިގެންފައިވާ އިމާމް العلامة عُبيد الجَابِري -حفظه الله- އަށް ސުވާލު ފޮނުވައި އެފަހަރުވެސް އޭގެ ޖަވާބު ހޯދައިފައިވާނެ އެވެ.
ޝެއިޚްގެ ޖަވާބަކީވެސް ”ސަބަބު ތަކާއެކު ހުއްދަވާނެ ކަމެވެ.“
ފަހެ، މިއަދު، އަހަރެމެންގެ ތެރެއިން އަޚަކު މި ސުވާލު ކުރުމުން މިއަދު ދުނިޔޭގައި ތިއްބެވި ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشيخ خَالد الظفِيري -حفظه الله- އަށް ސުވާލު ފޮނުވީމެވެ.
ސުވާލު : ”އަހަރެމެންގެ ޤައުމަކީ ގެރިބަކަރި ހުއިހައްޕައިގެން ގެންގުޅޭ ޤައުމެއް ގޮތުގައި ނުވެ އެވެ. ފަހެ، އެގޮތުން ކުޑަކުޑަ ބަކަރީގެ އަގުވެސް 300-400 ޑޮލަރާއި ގާތް ކުރެ އެވެ. ވުމުން މިއީ ވަރަށްބޮޑު ޢަދަދެއްގެ ފައިސާ އެވެ. ވުމާއެކު، މިވަރަށް ހޭދަ ކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާއަށް ޤައުމުން ބޭރުގައި 200 ޑޮލަރުވަރު ހޭދަކޮށްގެން ޤުރުބާން ކުރުމުގެ ފުރުސަތު އޮތްކަމުގައިވާނަމަ، ހުއްދަ ކަމުގައިވާނަމަ އެކަމުގައި އޭނާއަށް ކުޅަދާނަ އެވެ.
ވުމާއެކު، އެފަދައިން ޤައުމުން ބޭރުގައި ކަތިލުން ހުއްދަވާނެ ހެއްޔެވެ؟
ޝެއިޚް ވިދާޅުވި އެވެ. ”އެއަށް ޙާޖަތް ޖެހިފައިވާ ތަންތަނުގައި އެފަދައިން (ފައިސާ ފޮނުވައިގެން ޤުރުބާން ކުރުން) ހުއްދަވާނެ އެވެ.“
އުއްމީދަކީ، އަޚުންނަށް މައްސަލަ ސާފުވެ ދިއުމެވެ. ހުއްދަވެގެންވާ ކަމާއި، އެކަމުގައި ސުންނަތުގެ ޢިލްމުވެރިންގެ ބަސްފުޅުތައް އޮތްކަމެވެ. އެންމެ ހެޔޮވެގެންވާ އަދި އެ އެނޫންވެސް ގޮތުގައި ޢަމަލު ކުރުން ހުއްދަވެގެންވާކަން ބަޔާންވުމެވެ.
ޙައްޖު މަހުގެ ދުވަސްތައް ތިޔަ އަޚުންނާއި ބައްދަލު ކުރަން ނުހަނު ގާތްވެއްޖެ އެވެ. ފަހެ، އަޅުކަމުގައި ހީވާގި ކަމާއި ކުރުއަރައި ދިއުމަށް މަސައްކަތް ކުރުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.