ނަމުގެ ކުރިއަށް އިބުން އަދި ބިންތު ލައިގެން ކިޔުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މި އުއްމަތުގެ އެންމެ ކުރީ ކޮޅުން ފަށައިގެން އަދި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ޙަޔާތްޕުޅަށް ބަލާލުމުން ނަން ކިޔުމުގައި އެ ބޭކަލުން އިޚްތިޔާރު ކުރައްވާފައިވާ ގޮތަކީ ދަރީގެ ނަސަބު ބަޔާން ކުރާއިރު ދެ ނަމުގެ ދޭތެރެއަށް ފިރިހެން ދަރިއެއް ކަމުގައިވާނަމަ ابنُ އަދި އަންހެން ދަރިއެއް ކަމުގައިވާނަމަ بِنْتُ ލައިގެން ކިޔުމެވެ.
މިއީ އިސްލާމް ދީނުގެ އަހުލުވެރިންގެ ޢަމަލު ކަމުގައިވެ އެވެ.
މިޘާލަކަށް ދަރިފުޅުގެ ނަމަކީ إبراهيم ކަމުގައިވެ ބައްޕަގެ ނަމަކީ محمد ކަމުގައިވެ ކާފަގެ ނަމަކީ حَسَن ކަމުގައިވެއްޖެހިނދު، އެ ނަން ކިޔުމުގައި އެދެވިގެންވާ އެންމެ ރިވެތި ގޮތަކީ إبراهيم بن محمد بن حَسَن އެވެ. (އެހިނދު އެ ބުނެވެނީ، حَسَن ގެ ފިރިހެންދަރި محمد އަދި محمد ގެ ފިރިހެންދަރި إبراهيم އެވެ.)
އަދި މިފަދައިން ދަރިފުޅު މުނިކާފައިން ޚޫރު ކާފައިން ކިތަންމެ ދިގުކޮށްވެސް ނަޞަބު ލިޔުމެވެ.
އަދި މި ޢާއިލާއަށް ލިބުނު އަންހެން ދަރީގެ ނަމަކީ حَفصَة ކަމުގައި ވެއްޖެހިނދު، އަންހެން ދަރިފުޅުގެ ނަން ކިޔުމުގައި حَفصَة بِنتُ محمد بن حَسَن މިފަދައިން ކިޔުމެވެ. (އެހިނދު އެ ބުނެވެނީ، حَسَن ގެ ފިރިހެންދަރި محمد އަދި محمد ގެ އަންހެން ދަރި حَفصَة އެވެ.)
މިއަދު، މުސްލިމުންގެ ތެރެއިން ބަޔަކު މީހުން، މި ސިފައިގައި ނަން ކިޔުމަކީ، އޮތް ކަމެއް ނޫން ކަމާއި، މިއީ ދީނުގައި، ޝަރީޢަތުގައި ބަޔާންވެގެންވާ ގޮތް ނޫންކަމުގައި ބުނުމަކީ ހިތާމަހުރި ކަމެކެވެ.
އެހެނީ، މީސްތަކުން ދީނާއި ދުރުވެފައިވާ، ދީނީ ސިފަތަކާއި، ހެޔޮ ރިވެތި ނަމޫނާވެރި ބޭކަލުންގެ ކިބައިން ފަސްޖެހި ދުރުވެފައިވާކަން ދަލީލުކޮށްދޭ ސިފަ އެކެވެ. ހިތާމައިގެ ބޮޑު ކަމާ އެވެ.
މުސްލިމް ދަޥްލަތްތައް ކާފަރުން އިސްތިޢުމާރުކޮށް، ކާފަރުންގެ އާދަތަކާއި އެމީހުންގެ ވައްޓަފާޅިތައް މުސްލިމުން ޖާހިލުކަމުގައިވާ ޙާލު އެ ކާފަރު އިސްތިޢުމާރީން މުސްލިމް ޤައުމުތަކަށް ވެއްދި އެވެ.
ފަހެ، އެމީހުން މުސްލިމް ޤައުމުތަކުން ފައިބައިގެން ދިއަ އެވެ. އެހެނަސް އެމީހުން އިންދާފައިވާ އޮށްތައް ހުއްޓުމެއްނެތި ހެދެމުން ބޮޑުވަމުން ދެ އެވެ.
އެފަދަ އެއް އާދަކާދައަކީ، ނަން ކިޔުމުގައި އިބްނު އަދި ބިންތު ކިޔުން ދޫކޮށް އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ރިވެތި ނަމޫނާ ދޫކޮށްލާފައި ވުމެވެ.
މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة محمد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން އިންސާނާ ނަން ނިސްބަތް ކުރުމުގައި ابن ފޮހެލައި ނިޞްބަތްކޮށް ކިޔުން : މިޘާލަކަށް مُحمد عَبد الله ނުވަތަ محمد صَالح ނުވަތަ مُحمد سليمان މިފަދައިން (މިސިފައިގައި) ނަންކިޔުމަކީ، އެއްވެސް ޝައްކެޔް ނުވާ ގޮތުގައި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ މަގާއި ޚިލާފް ގޮތެވެ. މިއީ މީގެ ކުރިން އަހަރެމެން ދަންނަ ކަންތައްތަކެއް ނޫނެވެ. އެހެނަސް އަހަރެމެންގެ ތެރެއަށް ކާފަރު ޤައުމުތައް ވަދެ (މުސްލިމް ދަޥްލަތްތައް) އިސްތިޢުމާރު ކުރުމުން، އެއަށްފަހު މި ސިފަތައް ވަންނަން ފެށީ އެވެ. ހިތާމައަކީ އެއަށްފަހު މީސްތަކުން މި ސިފަތަށް ދޫކޮށް ރުޖޫޢަވުމެވެ. ފަހެ، (ޞައްޙަ) ހެޔޮވެގެންވާ ގޮތަކީ ابن އެއްކޮށްލައިގެން ކިޔުމެވެ. އެއީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا) -التحريم 12- …..“ (ޝެއިކްގެ ބަސްފުޅު ނިމުނީ އެވެ.) الفتاوى 25-274
ޤުރުއާނުގެ އެތައް އާޔަތްތަކެއްގައި، ﷲ ތަޢާލާ عِيسَى -عليه السلام- ނަންފުޅު ޛިކުރު ކުރައްވާފައިވީހިނދު، މި ސިފައިގައި ޛިކުރު ކުރައްވާފައިވެ އެވެ.
އެފަދަ ބައެއް އާޔަތްތައް މިތަނުގައި ބަޔާން ކުރަމެވެ.
(وَرَفَعَ بَعْضَهُمْ دَرَجَاتٍ ۚ وَآتَيْنَا عِيسَى ابْنَ مَرْيَمَ الْبَيِّنَاتِ وَأَيَّدْنَاهُ بِرُوحِ الْقُدُسِ) -البقرة 253-
(وَقَوْلِهِمْ إِنَّا قَتَلْنَا الْمَسِيحَ عِيسَى ابْنَ مَرْيَمَ رَسُولَ اللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ) -النساء 157-
އަޚާ އެވެ! އުޚްތާއެވެ! އިސްލާމީ ތާރީޚުގެ ކުރިއަށް ބަލައިފިހިނދުގައިވެސް، މައްކާގެ އަހުލުވެރިން އެބައިމީހުންގެ ޖާހިލިއްޔަތުގައިވެސް ނަން ކިޔާފައިވާ ސިފައަކީ މިފަދައިންނެވެ. ދަރިން ނިޞްބަޔްކޮށްފައިވަނީ ނަޞަބަށެވެ. ޔަޢުނީ ދުނިޔެއަށް ފާޅުވި ނަޞަބަށެވެ. އެގޮތުން އަހަރެމެންގެ މާތް ނަބިއްޔާ صلى الله عليه وسلم ގެ ނަންފުޅުވެސް އެފަދަ އެވެ. محمد بن عبد الله بن عبد المطلب بن هاشم بن عبد مناف ނަޞަބުގައިވާ ކޮންމެ ފަރާތަކީ އެ ނަމުގެ ކުރީގައިވާ ދަރީގެ ބައްޕަގޮތުގައިވާ ފަރާތެވެ.
މިފަދައިން ޢަމަލު ކުރުމަށް ނަޞޭޙަތްތެރިވަމެވެ. މިއީ އިސްލާމީ ރިވެތި ސިފައެކެވެ. އަދި އުއްމަތުގެ ސަލަފުއް ޞާލިހުން ޢަމަލު ކުރަމުންދިޔަ ގޮތެވެ.
އެބޭކަލުންނަކީ އަހަރެމެންނަށް އެންމެ ރިވެތި ނަމޫނާ ކަމުގައި މެނުވީ ނުވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.