ޢީދު ނަމާދު އަދި ޢީދު ދުވަހާ ގުޅިފައިވާ 9 ސުންނަތް ޢަމަލެއް
الحمد لله رب العالمين. والصلاة والسلام على رسول الله، و على آله و أصحابه ومن تبعهم إلى يوم الدين.
ޢީދު ނަމާދުގެ އަދަބު ތަކާއި ސުންނަތް ޢަމަލުތައް :
- އަންހެނުންނާއި ފިރިހެނުން އަދި ކުދިބޮޑު އެންމެހައި މުސްލިމުން ނަމާދަށް ނުކުތުން :
އިމާމް البخاري އަދި مسلم ރިވާކޮށްފައިވެ އެވެ. أم عطية -رضي الله عنهما- ވިދާޅުވި އެވެ. (أُمرنا أن نَخرج، فنُخرج الحُيَّض والعواتق وذوات الخدور فأما الحُيَّض فيشهدن جماعة المسلمين ودعوتهم، ويعتزلن مصلاهم)
”އަހަރެމެންގެ މައްޗަށް (ޢީދު ނަމާދަށް) ނުކުތުމަށް އަމުރު ކުރެވިގެންވެ އެވެ. (ބާރު އެޅުވިގެންވެ އެވެ.) ފަހެ، އެހިނދުގައި ޙައިޟުވެރި އަންހެނުންނާއި، ކައިވެނިކުރާ ފުރާވަރުގެ ޒުވާން އަންހެނުންނާއި އަދި ލަދުވެތިވެގެންވާ ޙާލު ގޭތެރޭގައި ތިބޭ ބިކުރުވެރި އަންހެންކަނބަލުންވެސް ނުކުތުމަށް (ބާރު އެޅުވިގެންވެ އެވެ.) އަދި ޙައިޟުވެރިންނަށް އަމުރުވެގެންވަނީ މުސްލިމުންގެ ޖަމާޢަތާއި އަދި އެމީހުންގެ ދުޢާގައި ބައިވެރި ވުމެވެ. އަދި ނަމާދުކުރާ މުޞައްލަ އާއި ދުރުގައި ތިބުމަށެވެ.“ البخاري 981 އަދި مسلم 890
الإِمَام العَلاَّمَة العُثَيْمِيْن -رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން މި ނަމާދު (ޢީދު ނަމާދު) ފިޔަވައި އެހެން އެންމެހައި ނަމާދުތައް އަންހެނުން އެކަނބަލުންގެ ގެތަކުގައި ކުރުން ހެޔޮކަން ބޮޑުވެގެންވެ އެވެ. ނަބިއްޔާ -صلى الله عليه وسلم- އަންހެނުންނަށް ޢީދު ނަމާދަށް ނުކުތުމަށް އަމުރުފުޅު ކުރެއްވި އެވެ.“مجموع الفتاوى 20-408
- ޢީދު ނަމާދަށް ދިއުމަށްޓަކައި ހިނައިގަތުން :
ابن رشد ވިދާޅުވެފައިވެ އެވެ. ”ޢީދު ނަމާދަށް ހިނައިގަތުމަކީ އެދެވިގެންވާ ސުންނަތެއް ކަމާމެދު ޢިލްމުވެރިން ވަނީ އިޖްމާޢުވެފަ އެވެ. “
ޢީދުނަމާދަށް ހިނައިގަތުން ސުންނަތް ވެގެންވަނީ ޢީދު ދުވަހުގެ ފަތިސް ނަމާދަށްފަހު ޢީދު ނަމާދަށް ދިޔުމުގެ ކުރިންނެވެ. އަދި ހިނައިގަތުން އޮތީ ޖުނުބުވެރި ވެފައިވާ މީހާ ހިނައިގަންނަޖެހޭ ފަދައިންނެވެ.
ޞަޙާބީ ابن عُمر -رضي الله عنهما- ގެ އަރިހުން ރިވާވެގެންވާ ޞައްޙަ އަޘަރެއްގައި ވެ އެވެ. ”ابن عُمر -رضي الله عنهما- ފިޠުރު ޢީދު ދުވަހުގައި ޢީދު މުޞައްލައަށް ވަޑައިގެންނެވުމުގެ ކުރިން ހިނައިގަންނަވަ އެވެ.“ صحيح/ الموطأ ١٧٧/١
އަދިވެސް ވާރިދުވެފައިވެ އެވެ. ”ابن عُمر -رضي الله عنهما- ފިޠުރު ޢީދު ދުވަހުގައި ހިނައިގަންނަވައި ހުނވަދު ތުރުކުރައްވަ އެވެ.“ صحيح مصنف عبد الرزاق 5752
- ޢީދު ނަމާދަށް ދިއުމަށްޓަކައި ރިވެތި ފޭރާން ލުމާއި އަދި ހަށިގަނޑުގައި ހުވަދުލުން :
محمد بن إسحاق ވިދާޅުވެފައިވެ އެވެ. ”نافع ގެ އަރިހުގައި ތިމަންނަ ދެންނެވީމެވެ. عبد الله بن عمر رضي الله عنهما ޢީދު ނަމާދު ކުރަށްވަނީ ކިހިނެއް ހެއްޔެވެ؟ އެހިނދު ވިދާޅުވި އެވެ. އެދުވަހުގެ ފަތިސް ނަމާދު އިމާމާއެކު ޖަމާޢަތުގައި ކުރަށްވަ އެވެ. އެއަށްފަހު ގެއަށް އެނބުރި ވަޑައިގެން ޖުނުބުވެރިއަކު ހިނައިގަންނަ ފަދައިން ހިނާވަޑައިގަންނަވަ އެވެ. އަދި އެންމެ ރީތި ހެދުން ތުރުކުރައްވަ އެވެ. އަދި އެންމެ މީރުވަސްދުވާ އަތަރެއް ބޭނުންކުރައްވަ އެވެ. “
ޢީދު ނަމާދަށް ހިނގައިގަތުމުގެ ޢަމަލު ބަޔާން ކުރައްވާ الإمام ابن القيم -رحمه الله- ވިދާޅުވެފައިވެ އެވެ. ”ابن عمر -رضي الله عنهما- ސުންނަތަށް ތަބަޢަވެވަޑައިގަތުމުގައި ނުހަނު ގަދައަޅާ މަސައްކަތްޕުޅު ކުރެއްވުމާ އެކުގައި، ޢީދު ދުވަހު ޢީދު ނަމާދަށް ވަޑައިގެންނެވުމުގެ ކުރިން ހިނައިގަންނަވާ ކަމުގައި ޘާބިތުވެގެންވެ އެވެ. އަދި އަތްޕުޅުގައިއޮތް އެންމެ ރިވެތި ހެދުންކޮޅު ތުރުކުރައްވަ އެވެ.“ زاد المعاد 1/442
- ފިޠުރު ޢީދު ނަމާދު ކަމުގައިވާނަމަ ޢީދު ނަމާދަށް ދިއުމުގެ ކުރިން ވިތުރި ޢަދަދަށް ކަދުރު ކެއުން އަދި އަޞްޙާ ޢީދު ކަމުގައިވާނަމަ ކާއެއްޗެއްގެ ގޮތުގައި އެއްޗެއް ކެއުން ސުންނަތް ވެގެންވަނީ ނަމާދަށް ފަހުގަ އެވެ. އަދި އެގޮތުން ނަމާދަށްފަހުގައި ޤުރުބާން ކުރާ އުޟްޙިއްޔާގެ މަސް އެއީ އެންމެ ފުރަތަމަ އެ ދުވަހުގައި ކާ ކާއެއްޗެހީގެ ގޮތުގައި ހެދުމެވެ.
އިމާމް البخاري ޞަޙާބީ أنس -رضي الله عنه- ގެ އަރިހުން ރިވާކޮށްފައިވެ އެވެ. ”ކަދުރު ފަރިއްނުކުޅައްވައި ނަބިއްޔާ ފިޠުރު ޢީދަށް ވަޑައެއް ނުގަންނަވަ އެވެ. އަދި ކަދުރު ވިތުރި ޢަދަދަށް ފަރިއްކުޅުއްވަ އެވެ.“ البخاري 953
ޞަޙާބީ ابن عَبَّاس ވިދާޅުވި އެވެ. ”ފިތުރު ޢީދު ދުވަހުގައި ޢީދު ނަމާދަށް ދިއުމުގެ ކުރިން އެންމެ ކަދުރެއްގެ މިންވަރު ކަމުގައި ނަމަވެސް ކެއުމަކީ ސުންނަތެކެވެ.“ صحيح/الموطأ ١٧٩/١
ابن المُسيِّب ވިދާޅުވި އެވެ. ”ފިތުރު ޢީދު ދުވަހުގައި ޢީދު ނަމާދަށް ދިއުމުގެ ކުރިން ކެއުމަށް އެބައިމީހުން އަމުރު ކުރެ އެވެ.“ صحيح/الموطأ ١٧٩/١
- ޢީދު ނަމާދަށް ހިގާފައި ދިއުން :
الإمام الترمذي ރިވާކޮށްފައިވެ އެވެ. ”ޢީދު ނަމާދަށް ހިނގާފައި ދިޔުމަކީ މުސްތަޙައްބު ކަމެއް ކަމަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަ އެވެ.“
- ޢީދު ނަމާދަށް ވީހާވެސް ކުރިން ދިއުމެވެ. ސަބަބަކީ ކުރީ ސަފު ހޯދުމާއި އަދި އިމާމްއާ ކައިރީގައި އިނުމުގެ ފުރުސަތު ލިބުމުގެ އިތުރަށް އަޖުރާއި ޘަވާބު އިތުރުވެދިއުމަށްޓަކަ އެވެ.
الشَّيْخُ العَلاَّمَة صَالح الفَوْزَان حفظه الله ވިދާޅުވެފައިވެ އެވެ. ”ޢީދުނަމާދަށް ވީހާވެސް ކުރީކޮޅު ދިއުން ސުންނަތްވެގެންވެ އެވެ.
އެއީ އިމާމްއާ ކައިރީގައި އިނުމުގެ ފުރުސަތު ހޯދުމުގެ ބޭނުމުގަ އާއި ނަމާދަށް އިންތިޒާރުކޮށް އިނުމުގެ މުއްދަތު އިތުރުވެދިއުމަށްޓަކަ އެވެ. ފަހެ، އޭނާއަށް އެހިނދު ޘަވާބު އިތުރުވެގެންވެ އެވެ.“ موقع الشيخ
- ޢީދު ނަމާދަށް ދިއުމާއި އަދި އެނބުރި އައުމުގައި މަގު ބަދަލު ކުރުން :
جابر رضي الله عنه އަރިހުން الإمام البخاري ރިވާކޮށްފައިވެ އެވެ. ”ޢީދު ދުވަހުގައި ރަސޫލު ﷲ -صلى الله عليه وسلم- މަގު ބަދަލު ކުރައްވައެވެ.“ البخاري (986)
ابن رشد ވިދާޅުވެފައިވެ އެވެ. ”ޢީދު ނަމާދުން އެނބުރި އައުމުގައި ޢީދު ނަމާދަށް ދިޔަ މަގު ނޫން އެހެން މަގަކުން އައުމަކީ ސުންނަތެއް ކަމާމެދު ވަނީ އިޖުމާޢު ވެވިގެންނެވެ. އެއީ އެކަމަކީ މާތް ނަބިއްޔާ -صلى الله عليه وسلم- ގެ ފަރާތްޕުޅުން ސާބިތުވެގެންވާ ކަމެއް ކަމުގައިވާތީ އެވެ.“
- ޢީދު ނަމާދުގެ ކުރިއަށް އަދި ނަމާދުކޮށް އަވަދި ވުމަށްފަހުގައި ސުންނަތް ނަމާދެއް ނުވެ އެވެ.
މިތަނުގައި މީސްތަކުންގެ ތެރޭގައި އެ ސުންނަތެއް އެކުއެކީގައި ހަނދާންނެތިފައިވާ ނުވަތަ ނޭނގުމުގެ ސަބަބުން އެކުއެކީގައި ދޫކޮށްލއިފައިވާ ސުންނަތެއް ބަޔާން ކުރަމެވެ.
އެގޮތުން، ޢީދު ނަމާދު ކުރާ މުސައްލައިގައި ނަމަ، ޢީދު ނަމާދު ކުރުމުގެ ކުރިން އަދި ޢީދު ނަމާދުގެ ފަހުންވެސް ސުންނަތް ނަމާދެއް ކުރުމެއް ނުވެ އެވެ.
ޢީދު ނަމާދު ކުރެވެނީ މިސްކިތުގައި ކަމުގައިވާނަމަ ޢީދު ނަމާދަށް މިސްކިތަށް ދާ ފަރާތް މިސްކިތުގައި އިށީނުމުގެ ކުރިން ތަޙިއްޔަތުލް މަސްޖިދު ކުރުން ވެ އެވެ. އެހެނަސް އެއީ ޢީދު ނަމާދު ކުރިން ކުރާ ސުންނަތެއް ނޫނެވެ.
ޞަޙާބީ ابن عَبَّاس -رضي الله عنهما- ވިދާޅުވި އެވެ. ”رَسُول اللهِ -صلى الله عليه وسلم އަޟްޙާ ޢީދު ދުވަހުގައި ނުވަތަ ފިޠުރު ޢީދު ދުވަހުގައި ނުކުމެވަޑައިގަންނަވާ (ޢީދު ނަމާދު) ދެ ރަކުޢަތަށް ކުރެއްވި އެވެ. އަދި ޢީދު ނަމާދުގެ ކުރިއަށް އަދި ފަހަށް ނަމާދެއް ނުކުރައްވަ އެވެ.“ البخاري ٩٦٤ مسلم ٨٨٣
ވުމުން، އިސްވެ ދިޔަ ޙަދީޘްގައި ބަޔާންވެގެންވަނީ، ނަމާދު ކުރާ މުޞައްލާގައި ޢީދު ނަމާދު ކުރުމުގެ ކުރިން ސުންނަތް ނަމާދެއް ކުރުމެއް ނުވާކަމެވެ.
ފަހެ، ޢީދު ނަމާދު ކުރުމަށްފަހު ގެއަށް އެނބުރި އަތުވެއްޖެހިނދު ދެރަކުޢަތް ސުންނަތް ނަމާދެއް ކުރުން ވާރިދުވެގެންވެ އެވެ. މިއީ މިއަދު އެ ސުންނަތެއްގެ މައްޗަށް ނުހަނު ގިނަ ބަޔަކު އަދި ކިޔެއްތަ، ވަރަސް މަދު ބަޔަކު މެނުވީ އެންމެހައި މީސްތަކުން ދޫކޮށްފައިވާ ޢަމަލެއް ކަމުގައި ބަޔާންވެ އެވެ.
ޙަދީޘްގައިވެ އެވެ. ޞަޙާބީ أبو سعيد الخدرى ވިދާޅުވެފައިވެ އެވެ. “ كان رسول الله صلى الله عليه وسلم لا يصلى قبل العيد شيئاً , فإذا رجع إلى منزله صلى ركعتين ”. “ رسول الله صلى الله عليه وسلم ޢީދު ނަމާދުގެ ކުރިން އެއްވެސް ނަމާދެއް ނުކުރައްވަ އެވެ. ފަހެ، ގެކޮޅަށް ވަޑައިގަންނަވައިފިހިނދު ދެ ރަކުޢަތް ކުރައްވަ އެވެ.“
މި ހަދީޘް ابن ماجه (1293) أحمد (3/28) އަދި الحاكم (1/297) ރިވާ ކުރެއްވި އެވެ. އަދި الحاكم ވިދާޅުވި އެވެ. صحيح الإسناد –
މި ޙަދީޘް ޛިކުރު ކުރެއްވުމަށްފަހު އިމާމް الشيخ محمد ناصر الدين الألباني رحمه الله ވިދާޅުވެފައިވެ އެވެ. ”މި ޙަދީޘް އާއި ޢީދު ނަމާދަށްފަހު ސުންނަތް ނުކުރައްވާކަމަށް ވާރިދުވެގެންވާ ޙަދީޘްގެ މައްޗަށް ބުނެވޭ ގޮތަކީ، ސުންނަތް ނުކުރައްވާކަން ވާރިދުވެގެން ވުމުގެ މާނައަކީ އެއީ މުޞައްލާގައި ނަމާދު ކުރެއްވުމަށްފަހު މުޞައްލާގައި ސުންނަތް ނުކުރައްވާކަމެވެ.“ إرواء الغليل في تخريج أحاديث منار السبيل 3/100
- ޢީދު ދުވަހުގައި އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ކިޔުން :
ޢީދު ދުވަހުގައި އެކަކު އަނެކަކަށް ތަހުނިޔާ ކިޔުމަކީ ހެޔޮވެގެންވާ ޤަރުނުތަކުގެ އަހުލުވެރިން ކަމުގައިވާ ސަލަފުއް ޞާލިޙުންގެ ފަރާތްޕުޅުން އަދި ޚާއްޞަކޮށް ޞަޙާބީންގެ ފަރާތްޕުޅުން ސާބިތުވެފައިވާ ޢަމަލެކެވެ. އެގޮތުން ޞަޙާބީން އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ވިދާޅުވުމުގެ ގޮތުން تَقَبَّلَ اللهُ مِنَّا وَ مِنْكُم ވިދާޅުވެ އެވެ.
ތާބިޢީ جُبَيْر بن نُفَيْر رحمه الله ވިދާޅުވެފައިވެ އެވެ. (كان أصحابُ النبيِّ -صلى الله عليه وسلم- إذا الْتَقَوْا يومَ العيدِ يقولُ بعضُهم لبعضٍ: تَقَبَّلَ اللهُ مِنَّا ومنكَ)
”ނަބިއްޔާ -صلى الله عليه وسلم ގެ އަޞްޙާބުން ޢީދު ދުވަހުގައި އެކަކު އަނެކަކާ ބައްދަލުވާ ހިނދުގައި، އެއްބަޔަކު އަނެއްބަޔަކަށް تَقَبَّلَ اللهُ مِنَّا ومنكَ ވިދާޅުވެ އެވެ.“ الألباني : تمام المنة: إسناده صحيح 354
وصلى الله على نبينا محمد وعلى آله و صحبه وسلم.