ސުންނަތް ނަމާދުގައި އައްތަހިޔާތަށް އިނުން އެންމެ ރަނގަޅީ ކިހިނެތްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އައްތަހިޔާތަށް އިށީނުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ފުރަތަމައީ : އެ ނަމާދެއްގައި 2 އައްތަހިޔާތު އޮންނަ ނަމާދުތަކެވެ. މިޘާލަކަށް މެންދުރު ނަމާދު، ޢަޞްރު ނަމާދު، މަޣްރިބް ނަމާދު އަދި އިޝާ ނަމާދު ފަދަ ނަމާދު ތަކެވެ.
މިފަދަ 2 އައްތަހިޔާތަށް އިށީންނަ އެންމެހައި ނަމާދުތަކުގައި، ފުރަތަމަ އައްތަހިޔާތުގައި އިފްތިރާޝަށް (ވައަތް ފައިތިލަ އަރިއަކަށް ބާއްވައި އެ ފައިތިލަ މަތީގައި ފޫކޮޅު މަސްގަނޑު ބައިންދައި އިށީދެ އިނުމާއެކު ކަނާއަތުފައިތިލަ އަރިމަތީގައި ކޮޅަށް، ފުންނާބު މައްޗަށް ހުންނަގޮތަށް ބިންމަތީގައި ވިއްދައިގެން އިނުމެވެ.)
ތަސްވީރުގައި ފެންނަނީ އިފްތިރާޝަށް އިންނަ ސިފަ އެވެ.
އަދި ދެވަނަ އައްތަހިޔާތުގައި ތަވައްރުކަށް (ހަށިގަނޑުގެ ކަނައަތްފަރާތަށްވާ ގޮތަށް ދެފައިތިލަ ނެރެ ފޫކޮޅުގެ މަސްގަނޑު ބިންމަތީގައި ޖައްސައިގެން އިނުން) ފަހެ، މި ސިފައިގައި 2ވަނަ އައްތަހިޔާތަށް އިނުން މުސްތަޙައްބުވެގެންވުމެވެ.
ތަސްވީރުގައި ފެންނަނީ ތަޥައްރުކުކޮށް އިންނަ ސިފަ އެވެ.
މިފަދައިން الحنابلةِ ދެކެވަޑައިގަންނަވަ އެވެ. އަދި މިފަދައިން ابنِ القيِّمِ، ابنِ بازٍ އަދި ابنِ عُثَيمين އިޚްތިޔާރު ކުރައްވާފައިވެ އެވެ.
އެބޭކަލުން މި ޤައުލަށް ގިނަ ދަލީލުތަކެއް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިމާމް البخاري (828) ގައި أبو حُمَيدٍ السَّاعديُّ ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތް ހިމެނެ އެވެ. ޞަޙާބީ ވިދާޅުވެފައިވެ އެވެ. (أنا كنتُ أحفَظَكم لصلاةِ رسولِ اللهِ صلَّى اللهُ عليه وسلَّم، رأيتُه إذا كبَّرَ جعَل يدَيْهِ حِذاءَ مَنْكِبَيْهِ، وإذا ركَع أمكَنَ يديه مِن رُكبتَيْهِ، ثم هصَر ظَهرَه، فإذا رفَع رأسَه استوى، حتَّى يعودَ كلُّ فَقَارٍ مكانَه، فإذا سجَدَ وضَعَ يديه غيرَ مُفتَرَشٍ ولا قابضِهما، واستقبَلَ بأطرافِ أصابعِ رِجْلَيْهِ القِبْلةَ، فإذا جلَس في الرَّكعتينِ جلَس على رِجْلِه اليُسرى، ونصَبَ اليُمنى، وإذا جلَس في الرَّكعةِ الآخِرةِ، قدَّم رِجْلَه اليُسرى، ونصَبَ الأخرى، وقعَدَ على مَقعدتِه)
“ނަބިއްޔާ ގެ ޞަޙާބީންގެ ތެރެއިން ބައެއްޞަޙާބީންނާއިއެކު އިށީނދެވަޑައިގެން އިންނެވިކަމަށް محمد بن عمرو بن عطاء ގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. އެހިނދު أبو حميد الساعدي ވިދޅުވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން އެންމެބޮޑަށް ރަސޫލާ صلى الله عليه وسلمގެ ނާމާދު ދަންނަ ފަރާތެއްކަމުގައި ތިމަންނަ ވަމުއެވެ. ނަބިއްޔާ ޙަރަމްބަންނަ ތަކްބީރު ކިޔުއްވާއިރު ދެކޮނޑާއި ދާދި އެއްވަރަކަށް އަތްޕުޅު ނަންގަވައެވެ. އަދި ރުކޫޢު ކޮށްފި ނަމަ (ދެއަތްޕުޅު ކަކޫފުޅުމަތީގައި ބޭއްވުމުގެ ބަދަލުގައި) ދެއަތްޕުޅު ދެކަކުލުގައި (ބާރަށް) ހިތްޕަވަ އެވެ. ދެން އެއްވެސް ގުދެއްނެތި ބުރަކަށި ސީދާ ކުރެއްވިއެވެ. ދެން (ރުކޫޢުއިން) އިސްތަށިފުޅު އުފުއްލަވައިފިނަމަ މައިބަދައިގެ ކޮންމެ ބަދައެއް އޭގެ މަޤާމަށް އަނބުރާއައިސް ސީދާ ވެއްޖައުމަށްދާންދެން (ކޮޅަށް ހުންނެވުމުގައި) ހަށިގަނޑު ސީދާ ކުރައްވަ އެވެ. އަދި ސަޖިދަ ކުރައްވައިފިނަމަ އަތްދަނޑިއާއިއެކު ބިންމަތީގައި އަތް ފަތުރާލައިފައި ނުބާއްވަވަ އެވެ. އަދި މުއްކަވާފައި ދެ އަތްތިލައިގެ އިނގިލިތަށް ލައްޕަވާލައިފައިވެސް ނުބާއްވަވަ އެވެ. އަދި ދެފައިންޕުޅުގެ ކުރީގެ އިނގިލިތަކުން ޤިބްލައާއި ކުރިމަތި ލައްވައެވެ. އަދި ފުރަތަމަ ދެ ރަކްޢަތަށްފަހު އިށީނދެވަޑައިގެންފިނަމަ (އެބަހީ: ފުރަތަމަ އައްތަޙިއްޔާތަށް) އިށީނދެ ވަޑައިގެންފިނަމަ އިށީނދެވަޑައިގަންނަވަނީ ވާތު ފައިންޕުޅުގެ މައްޗަށެވެ. އަދި ކަނާތު ފައިންޕުޅު ކޮޅަށްވިއްދަވައެވެ. (ޔަޢުނީ : ފުރަތަމަ އައްތަހިޔާތުގައި އިފްތިރާޝު ސިފައިގައި އިށީދެވަޑައިގަންނަވަ އެވެ.)
އަދި ފަހު ރަކުޢަތުގައި (އައްތަޙިއްޔާތަށް) އިށިންދެ ވަޑައިގެންފިނަމަ ވާތު ފައިންޕުޅު ނެރުއްވައި (އެބަހީ: މާކަޅުވާފުޅާއި ކަށިމަތިފުޅުގެ ދަށަށް ލައްވައިގެންނެވެ.) އަދި ކަނާތު ފައިންޕުޅު ކޮޅަށް ވިއްދަވައެވެ. އަދި ފިނދުކިބަފުޅު ބިންމަތީގައި ޖައްސަވައިގެން އިށީނދެވަޑައިގަންނަވައެވެ. (ޔަޢުނީ : ފަހު އައްތަހިޔާތުގައި ތަޥައްރުކުކޮށް އިށީންނަވަ އެވެ.)“
ދެވަނައީ : އަދި އެއް އައްތަހިޔާތު ކޮށްފައި ސަލާމްދޭ ނަމާދުތަކުގައި، މިޘާލަކަށް ފަތިސް ނަމާދުފަދަ ނަމާދުތަކުގައި އައްތަހިޔާތަށް އިންނަގޮތެވެ.
މިފަދަ އެންމެހައި ނަމާދު ތަކުގައި އިފްތިރާޝްކޮށް އިނުން ސުންނަތް ވެގެންވެ އެވެ.
މިފަދައިން الحنفيَّةِ، الحنابلةِ އަދި ގިނަ ސަލަފުއް ޞާލިހުންނާއި ފަހުގެ އިމާމުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ابنُ بازٍ އަދި ابنُ عُثَيمين މިފަދައިން ދެކެވަޑައިގަންނަވަ އެވެ.
އެބޭކަލުން މިފަދައިން ބަޔާންކޮށްފައިވަނީ ވާރިދުވެގެންވާ ދަލީލު ތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި އިމާމް مسلم (498) ސަޙީޙުގައި عائشةَ رَضِيَ اللهُ عَنْها ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘް ހިމެނެ އެވެ. ޙަދީޘްގައިވެ އެވެ. (وكانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ يَسْتَفْتِحُ الصَّلَاةَ بالتَّكْبِيرِ.والْقِرَاءَةِ، بـ {الْحَمْدُ لِلَّهِ رَبِّ العَالَمِينَ} ، وكانَ إذَا رَكَعَ لَمْ يُشْخِصْ رَأْسَهُ، ولَمْ يُصَوِّبْهُ ولَكِنْ بيْنَ ذلكَ، وكانَ إذَا رَفَعَ رَأْسَهُ مِنَ الرُّكُوعِ لَمْ يَسْجُدْ، حتَّى يَسْتَوِيَ قَائِمًا، وكانَ إذَا رَفَعَ رَأْسَهُ مِنَ السَّجْدَةِ، لَمْ يَسْجُدْ حتَّى يَسْتَوِيَ جَالِسًا، وكانَ يقولُ في كُلِّ رَكْعَتَيْنِ التَّحِيَّةَ، وكانَ يَفْرِشُ رِجْلَهُ اليُسْرَى ويَنْصِبُ رِجْلَهُ اليُمْنَى، وكانَ يَنْهَى عن عُقْبَةِ الشَّيْطَانِ. ويَنْهَى أنْ يَفْتَرِشَ الرَّجُلُ ذِرَاعَيْهِ افْتِرَاشَ السَّبُعِ، وكانَ يَخْتِمُ الصَّلَاةَ بالتَّسْلِيمِ.)
ޢާއިޝާ رضي الله عنها ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ނަމާދު ހުޅުއްވާލައްވަނީ ތަކްބިރުގެ އިތުރުން ( الحمد لله رب العالمين ) ( މިސޫރަތް) ކިޔަވައި ވިދާޅުވަމުންނެވެ. އަދި ނަބިއްޔާ ރުކޫޢު ކުރައްވާހިނދު، އެނަބިއްޔާގެ އިސްތަށިފުޅު ނުއުފުއްލަވައެވެ. އަދި ތިރިނުކުރައްވައެވެ. އެހެނެއްކަމަކު އެދެމެދުގައެވެ. އަދި ރުކޫޢުން ތެދުވެވަޑައިގެންފިނަމަ ކޮޅަށް ހުންނެވުމުގައި ސީދާވެ ވަޑައިގެންފުމަށް ދާންދެން ސަޖިދައެއްނުކުރައްވައެވެ. އަދި ސަޖިދައިން އިސްތަށިފުޅު އުފުއްލަވައިފިނަމަ އިށީނދެވަޑައިގަތުމުގައި ސީދާވެވަޑައިގެންފުމަށް ދާންދެން ސަޖިދައެއް ނުކުރައްވައެވެ. އަދި ނަބިއްޔާ ކޮންމެ ދެރަކުޢަތުން އައްތަޙިއްޔާތު ވިދާޅުވެ އެވެ. އަދި ނަބިއްޔާ ވައަތު ފައިންޕުޅު ފަތުރާލައްވަ އެވެ. އަދި އެނަބިއްޔާ ކަނާތު ފައިންޕުޅު ކޮޅަށް ވިއްދަވަ އެވެ.(އެބަހީ : އިފްތިރާޝަށް އިންނަވަ އެވެ.)
އަދި ޝައިޠާނާގެ ޢުޤުބާ ޖައްސައިގެން އިންނަގޮތަށް އިނުމުން ނަބިއްޔާ ނަހީ ކުރައްވާކަމުގައިވެ އެވެ. އަދި މިނިކާސޫފި (އެއްޗެހީގެ ދެ އުޅަނބޮއްޓާއިއެކު ދެއަތްދަނޑި) ފަތުރައިގެން ތިބޭގޮތަށް މީހާ އޭނާގެ ދެއަތްދަނޑި ފަތުރައިލުމުން ނަބިއްޔާ ނަހީކުރެއްވި އެވެ. އަދި ސަލާމްދިނުމުން ނަމާދު ނިންމަވަ އެވެ.“
ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام محمد بن صَالح العَثَيمين -رحمه الله- ވިދާޅުވެފައިވެ އެވެ. “ ”2 އައްތަހިޔާތަށް (ފުރަތަމަ އައްތަހިޔާތު އަދި ދެވަނަ އައްތަހިޔާތަށް) އިށީންނަ ކޮންމެ ނަމާދެއްގައި، ފަހު އައްތަހިޔާތަށް އިށީނުން އޮތީ ތަޥައްރުކަށެވެ. އެއީ، މަޣްރިބް ނަމާދާއި ޢިޝާ ނަމާދު އަދި މެންދުރު ނަމާދާއި އަޞްރު ނަމާދުގަ އެވެ. ދެންފަހެ، އެ ނަމާދެއްގައި އެއް އައްތަހިޔާތު ނޫނީ ނެތް ނަމާދުގައި ތަޥައްރުކަށް އިށީނުމެއް ނުވެ އެވެ. އަދި ކިޔެއްތަ، އެ ނަމާދުގައި އައްތަހިޔާތަށް އިށީނުން އޮތީ އިފްތިރާޝް ކޮށެވެ.“ نور على الدرب 319
ވުމުން މައްސަލައިގެ ޚުލާޞާއަކީ، ދެ އައްތަހިޔާތު އޮންނަ ނަމާދެއް ކަމުގައި ވެއްޖެހިނދު، ފުރަތަމަ އައްތަހިޔާތުގައި އިފްތިރާޝަށް އިނުމެވެ.
އަދި ދެވަނަ އައްތަހިޔާތުގައި ތަޥައްރުކަށް އިނުމެވެ.
އަދި އެއް އައްތަހިޔާތުގެ ނަމާދެއް ކަމުގައިވެއްޖެހިނދު އައްތަހިޔާތަށް އިންނާނީ ފުރަތަމަ އައްތހިޔާތަށް އިންނަ (އިފްތިރާޝަށް އިންނަ) ސިފައިގަ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.