ނަމާދުގައި ހުންނަ މީހާ ލޮލުގެ ނަޟަރު ހުއްޓި ހުންނާނީ ކޮނަތަނަކަށްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ނަމާދުގައި، ނަމާދު ކުރާ މީހާގެ ލޮލުގެ ނަޟަރު ހުއްޓުމަށް ކަނޑައެޅިފައިވާ ތަނާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.
ޖަވާބު އެކި ނުކުތާ ތަކުގެ މައްޗަށް ބިނާކޮށް ތަފްޞީލުކޮށް ބުނަމެވެ.
ފުރަތަމައީ : ޤިޔާމުގެ ޙާލަތުގަ އެވެ. ނަބިއްޔާ صلى الله عليه وسلم އަރިހުން ޤިޔާމުގައި ހުންނަވާހިނދު އެންމެ ޞައްޙަވެގެންވަނީ ނަބިއްޔާ ﷺ ސަޖިދަ ކުރައްވާތަނަށް ބައްލަވާ ކަމެވެ. އެފަދައިން ވާރިދުވެގެންވާ ރިވާޔަތްތަކުގެ ތެރޭގައި، ނަބިއްޔާ ﷺ ގެ އަނބިކަނބަލުން عائشة أم المؤمنين رضي الله عنها ރިވާކޮށްފައިވެ އެވެ.
( لمَّا دخلَ الْكعبةَ ما خلفَ بصرُهُ موضعَ سجودِهِ حتَّى خرجَ منْها) ”ނަބިއްޔާ ﷺ ކަޢުބާއަށް ވެދެވަޑައިގެންނެވިހިނދު ، އެތަނުން ނުކުންނެވުމަށް ދާންދެން (ނަމާދުގައި ސަޖިދަ ކުރައްވާ ތަނަށް މެނުވީ) ލޯފުޅުގެ ނަޟަރު ނުހުއްޓުވަ އެވެ.“
މި ޙަދީޘް އިމާމް الألباني، صفة الصلاة ގައި ޞައްޙަ ކުރައްވާފައިވެ އެވެ.
ޤިޔާމުގައި ސަޖިކުރާތަނަށް ލޮލުގެ ނަޟަރު ހުއްޓިހުންނަ ފަދައިން، ޢިލްމުވެރިން ބަޔާން ކުރައްވާފައިވަނީ ރުކޫޢުގައިވެސް އެފަދައިން ހުރުމެވެ.
އަދި މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި އިމާމްވެރި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”ނަމާދަށް ހުންނަ މީހާ އޭނާ ޤިޔާމުގައި ހުންނަ ދަނޑިވަޅުގައި ބެލުން ސުންނަތްވެގެންވަނީ ސަޖިދަ ކުރާތަނަށެވެ. މިފަދައިން ރުކޫޢުގައިވެސް މެ އެވެ. ދެންފަހެ އޭނާ އިނށީދެއިންނަ ޙާލަތުގައި އޭނާގެ އިޝާރާތް ކުރުމުގައިވާ އިނގިއްޔަށް ބެލުންވެ އެވެ. މިފަދައިން ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ސުންނަތުގައި ވާރިދުވެގެންވެ އެވެ.“
ދެވަނައީ : އައްތަޙިޔާތަށް އިންނަ ހިނދުގަ އެވެ. ނަމާދަށް ހުންނަ މީހާ އޭނާ އައްތަހިޔާތުގައި ލޮލުގެ ނަޟަރު ހުއްޓިފައިވާންޖެހޭނީ ޝަހާދަތް އިނގިއްޔަށް ކަމާއި އެއީ ސުންނަތުގައި ވާރިދުވެގެންވާ ގޮތެވެ. ސުންނަތްވެގެންވަނީ އެފަދައިންނެވެ. މި ޤައުލަކީ الشافعيَّةِ އަދި الحنابلةِ ވިދާޅުވެފައިވާ ޤައުލެވެ. އަދި މި ޤައުލު އިޚްތިޔާރު ކޮށްފައިވާ ޢިލްމުވެރިންގެ ތެރޭގައި ابنُ القيِّمِ، الشَّوكانيُّ ، ابنُ بازٍ ، ابنُ عُثَيمين އަދި الألباني ހިމެނިވަޑައިގަންނަވަ އެވެ.
މި މައްސަލައިގައި ވަރަށް ސާފުވެގެންވާ ޞަރީޙަ ދަލީލު ވާރިދުވެފައިވެ އެވެ.
الإمام النسائي 1160 ގައި عَبْدِ اللَّهِ بْنِ عُمَرَ – رَضِيَ اللَّهُ عَنْهُمَا – ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (މި ޙަދީޘްގައި ނަބިއްޔާ ﷺ ނަމާދުގައި އިށީނދެވަޑައިގެން އިންނަވާގޮތް ސިފަކޮށްދީފައިވެ އެވެ.)
”ފަހެ، ކަނައަތްޕުޅު ކަނައަތުފައިގެ ފަލަމަސްގަނޑުގެ މަތީގައި ބޭއްވި އެވެ. އަދި ބޮނޑުވައި އިނގިލިފުޅާއި ޖެހިގެން އިންނަ އިނގިލިފުޅު ޤިބްލައަށް -ސީދަލަށް- ބަހައްޓަވައި އިޝާރަތް ކުރައްވައި އެއަށް ބެއްލެވުމުގައި ދެމިހުންނެވި އެވެ….“
މި ޙަދީޘް އެވެ. މި ޙަދީޘް އަކީ الإمام الألباني -رحمه الله- ޞައްޙަ ކުރައްވާފައިވާ ޙަދީޘެކެވެ.
އަދިވެސް މި މައުޟުގައި الأمام أبوداود 990 ގައި ޞަޙާބީ عبدِ اللهِ بنِ الزُّبَيرِ ގެ އަރިހުން ޙަދީޘް ރިވާކޮށްފައިވެ އެވެ. މި ރިވާޔަތުގައިވެ އެވެ.
”رسولُ اللهِ صلَّى اللهُ عليه وسلَّم އައްތަހިޔާތަށް އިށީނދެވަޑައިގަންނަވައިފިހިނދު، ކަނައަތްޕުޅު ކަނާއަތްފައިންޕުޅުމަތީގައި (ފަލަމަސްގަނޑު) މަތީގައި ބާއްވަވަ އެވެ. އަދި ވައަތްޕުޅު ވައަތުފައިންޕުޅުގެ (ފަލަމަސްގަނޑު) މަތީގައި ބާއްވަ އެވެ. އަދި ޝަހާދަތް އިނގިލިފުޅުން އިޝާރާތް ކުރެއްވުމުގައި އިންނަވަ އެވެ. އަދި ލޯފުޅުގެ ނަޟަރު އެ އިޝާރާތް ކުރައްވާ (އިނގިލިފުޅަށް) ބެއްލެވުން ނޫން އެހެން ދިމާލަކަށް ނުގެންދަވަ އެވެ.“
ދަންނަ އެވެ! މިއީ ވަރަށް ޞަރީޙަ ޞައްޙަ ޙަދީޘްތަކުގައި ބަޔާންވެގެންވާ ދެ ތަނެވެ. ޤިޔާމުގައި ރުކޫޢުގައި އަދި އައްތަހިޔާތުގައި ލޮލުގެ ނަޟަރު ހުއްޓި ހުންނާނީ ކޮންތަނެއް ކަމާއި މެދުގަ އެވެ. ޤިޔާމުގައި އަދި ރުކޫޢުގައި ސަޖިދަ ޖަހާތަނަށް އަދި އައްތަހިޔާތުގައި ޝަހާދަތް އިނގިއްޔަށް ބަލަހައްޓައިގެން އިނުމެވެ.
ތިންވަނައީ : ނަމާދުގައި އިށީނދެ އިންނަ ޙާލަތުގަ އެވެ. އެފަދަ ދަނޑިވަޅަކީ ދެސަޖިދަ ދެމެދުގައި އިށީނދެއިންނަ އިނުމުގަ އެވެ.
ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން، އައްތަހިޔާތަށް އިށީނދެ އިންނަ އިނުމާއި ދެސަޖިދަ ދެމެދުގައި އިނުން ތަފާތު ނުކުރައްވަ އެވެ. ވުމުން އައްތިޔާތުގައި ލޮލުގެ ނަޟަރު ހުއްޓި ހުންނަ ފަދައިން ދެސަޖިދަ ދެމެދުގައިވެސް އެފަދައިންނެވެ.
ޢިލްމުވެރިންގެ ދެވަނަ ރައުޔަކީ : އިށީނދެ އިންނަ ޙާލަތުގައި އެމީހެއްގެ އުނގަށް ބަލަހަށްޓައިގެން އިނުމެވެ. މިފަދަ ޝާފިޢީ މަޛްހަބުގެ ބައެއް ބޭކަލުން ވިދާޅުވެފައިވެ އެވެ. އޭގެ ތެރޭގައި އަލް-ޙާފިޟް النووي -رحمه الله- ހިމެނިވަޑައިގަންނަވަ އެވެ.
އަދިވެސް ބައެއް ބައެއް ޢިލްމުވެރިން ވިދާޅުވަނީ، އައްތަހިޔާތުގައި އިނުމުގައި އޭނާގެ ކަނައަތާއި ދިމާލަށް ބެލުމަށެވެ. މިފަދައިން ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.
ތިންވަނަ ރައުޔަކީ : ސަޖިދަކުރާ ތަނަށް ބެލުމެވެ. ފަހެ މި ބަސްފުޅަކީ و الله أعلم- އެންމެ ހެޔޮވެގެންވާ ބަސްފުޅެވެ. ސަބަބަކީ، ނަބިއްޔާ صلى الله عليه وسلم ގެ ނަމާދު ސިފަވެގެންވާ ރިވާޔަތްތަކުގައި ސަޖިދަކުރައްވާ ތަނަށް ބެއްލެވުމުގައި ދެމިހުންނަވާކަން ޛިކުރު ވެގެންވުމެވެ. އޭގެ ރިވާޔަތެއް އިސްވެ ޛިކުރުކޮށްފައިވާނެ އެވެ. عائشة أم المؤمنين ރިވާކޮށްފައިވެ އެވެ.
( لمَّا دخلَ الْكعبةَ ما خلفَ بصرُهُ موضعَ سجودِهِ حتَّى خرجَ منْها) ”ނަބިއްޔާ ﷺ ކަޢުބާއަށް ވެދެވަޑައިގެންނެވިހިނދު ، އެތަނުން ނުކުންނެވުމަށް ދާންދެން (ނަމާދުގައި ސަޖިދަ ކުރައްވާ ތަނަށް މެނުވީ) ލޯފުޅުގެ ނަޟަރު ނުހުއްޓުވަ އެވެ.“
މި ޙަދީޘް އިމާމް الألباني، صفة الصلاة ގައި ޞައްޙަ ކުރައްވާފައިވެ އެވެ.
އަދިވެސް ބޮޑަށް ވިސްނައިދިނުމަށްޓަކައި ބުނަމެވެ. ނަމާދުގައި، ނަމާދު ކުރާ މީހާގެ ލޮލުގެ ނަޟަރު ހުއްޓެންޖެހޭނީ އެމީހާ ސަޖިދަ ކުރާތަނަށް ކަމުގައި ޙަދީޘްގައި ބަޔާންވުމުން، އެ ނޫން ތަނަކަށް ބެލުމަށް ބުނާނަމަ، އެފަދައިން ދަލީލެއް ބަޔާންވުން ހުއްޓެވެ. އެހެން ނޫންނަމަ ރުޖޫޢަވާނީ އޭގެ އަޞްލަށެވެ. ފަހެ، އައްތަހިޔާތުގައި ކަނައަތުގެ ޝަހާދަތް އިނގިއްޔަށް ބެލުމަށް ބަޔާންކުރަނީ އެފަދައިން ޞައްޙަ ޙަދީޘްގައި ބަޔާން ވުމުންނެވެ. ފަހެ، ޞައްޙަ ޙަދީޘެއްނެތް ހިނދު، ރުޖޫޢަވާހުށީ އޭގެ އަޞްލަށެވެ. އެއީ ސަޖިދަ ޖަހާތަނަށް ބެލުމެވެ.
މިފަދައިން، އަޞްލަކީ ކޮބައިކަމާއި، އަދި އެނޫން ތަނަކަށް ބަލާނަމަ އެއީ ޚާއްޞަ ދަލީލުން ކުރެވޭ ޢަމަލެއް ކަމާއި އެނޫން ޙާލަތުގައި އޮތީ އަޞްލަށް ރުޖޫޢަވުން ކަމުގައި ބަޔާންވެއްޖެހިނދު، މަޢުޟޫ ފަހުމްވެއްޖެކަމުގައި ވާނެ އެވެ.
الإِماَم العَلاَّمَة الأَلْبَانِي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޞައްޙަ ސުންނަތުގައި ވާރިދުވެގެންވަނީ، ނަމާދަށް ކޮޅަށް ހުންނަ މީހާ އޭނާ ސަޖިދަ ޖަހާތަނަށް ބެލުމެވެ. އަދި އައްތަހިޔާތުގައި އޭނާ ބަލާނީ ޤިބްލައާ ދިމާލަށް އުފުލައިފައިވާ އެމީހެއްގެ ޝަހާދަތް އިނގިއްޔާ ދިމާލަށެވެ.
ހަމަ އެފަދައިން ޞައްޙަވެގެންވާ ސުންނަތުގައިވާ ގޮތަށް އެމީހަކު އެ އިނގިލި ޙަރަކާތް ކުރާނީ އެވެ. ފަހެ، އެމީހަކު އެ އިނގިއްޔާ ދިމާލަށް (އައްތަހިޔާތުގައި) ބެލުން ހުއްޓެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.