ފަތިސްނަމާދު ކުރުމަށްފަހު އިރު އެރުމަށް ދާންދެން އިނުމަށްފަހު 2 ރަކުޢަތް ކުރުމުން ޙައްޖެއް އަދި ޢުމުރާއެއްގެ އަޖުރު ލިބޭނެތޯ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޙަދީޘްގައިވެ އެވެ. (مَن صلَّى صلاةَ الصُّبحِ في جماعةٍ ثمَّ ثبَت حتَّى يُسَبِّحَ اللهَ سُبْحةَ الضُّحى له كأجرِ حاجٍّ ومُعْتَمِرٍ تامٍّ له حَجَّتُه وعُمْرَتُه)
ޖަމާޢަތުގައި ފަތިސް ނަމާދު ކުރުމަށްފަހު، (އިރު އެރުމަށް ދާންދެން) ޛިކުރު ކުރުމުގައި ޤާއިމްވެ ހުރުމަށްފަހު، ދެން އެއަށްފަހު ޟުޙާ ނަމާދު ކުރެ އެވެ. އެހިނދު އޭނާއަށް އެކަމުގެ އަޖުރެއްގެ ގޮތުގައި، ޙައްޖުކުރާ މީހެއް އަދި ޢުމުރާ ކުރާ މީހެއްގެ އަޖުރުވެ އެވެ. ފުރިހަމަ ޙައްޖެއް އަދި ޢުމުރާއެއްގެ ޘަވާބު ހުއްޓެވެ. صحيح الترغيب 469 ގައި ބަޔާންވެގެންވެ އެވެ. އަދި الإمام الألبَانِي -رحمه الله- ވިދާޅުވެފައިވެ އެވެ. صحيح لغيره
ފަހެ، ހަދީޘްގެ ނައްޞުގައި ބަޔާންވެގެންވަނީ އެގަޑީގައި ޟުޙާ ނަމާދު ކުރެވޭނެ ކަމެވެ. އަދި ޟުޙާ ނަމާދު ކޮށްފިހިނދު އޭނާއަށް ޙަދީޘްގައިވާ އަޖުރާއި ޘަވާބު ލިބޭނެ ކަމެވެ. މި ޙަދީޘް ގެ އެހެން ލަފޟެއްގައި ވެ އެވެ. (مَنْ صَلى الغَداة فِي الجَمَاعَة ثُمَّ قَعَدَ يَذكُرُ الله حَتَّى تَطلُعَ الشَمس ثم صَلى رَكْعَتَين كَانت لَه كأجْر حَجَّة وَ عُمْرة تَامة تَامة تَامة)
”ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު މިސްކިތުގައި އިރު އެރުމަށް ދާންދެން،ﷲ އަށް ޛިކުރުކުރުމަށްޓަކައި އިށީނދެ އިނުމަށްފަހު، 2 ރަކުޢަތް ނަމާދެއް ކުރުމުން އޭނާއަށް ޙައްޖެއް އަދި ޢުމުރާއެއްގެ އަޖުރު ލިބޭނެ އެވެ. އެއީ ފުރިހަމަ ޙައްޖެއް އަދި ޢުމުރާއެކެވެ. އެއީ ފުރިހަމަ ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބެވެ. ފުރިހަމަ ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބެވެ.“ السلسلة الصحيحة (حسن) 3403
ފަހެ، ޙަދީޘް ޞައްޙަވެއްޖެހިނދު އެކަމުގެ މައްޗަށް ބުނާނެ އިތުރު ބަސްތަކެއް ނުވެ އެވެ. މިޙަދީޘްގައި މިވަނީ، އެމީހަކު އެގަޑީގައި ﷲއަށް ސުންނަތް ދެރަކުޢަތް ނަމާދެއް ކުރެވޭނެ ކަމެވެ. ސަބަބަކީ އެއީ ސުންނަތް ނަމާދު ކުރަންފެށޭގަޑި ކަމުގައިވެ، ފަތިސް ނަމާދުފަހުން ޛިކުރު ކުރުމަށް އިށީނދެ އިނުމަށްފަހު، އެ އަޖުރާއި ދަރުމަށްޓަކައި، އެ ޤަޞްތުގައި ސުންނަތް ނަމާދެއް ކުރީ އެވެ. ވުމާއެކު، އެފަދައިން އިންނަ މީހާއަށް، ސުންނަތް ނަމާދެއް ކުރެވޭނެ އެވެ. އަދި އެމީހަކު އެދޭ ކަމުގައިވާނަމަ އެއީ ޞުޙާ ވަޤުތު ކަމުގައި ވުމުން ޟުޙާ ނަމާދުވެސް ކުރެވިދާނެ އެވެ.
އިތުރު މަޢުލޫމާތެއްގެ ގޮތުގައި ބުނަމެވެ. ފަތިސް ނަމާދު ގޭގައި ކުރާ ފަރާތްތައް، ޚާއްޞަކޮށް އަންހެން ބޭކަނބަލުން، މި އަޖުރު ހޯދުމަށްޓަކައި ފަތިސްނަމާދަށްފަހު އިރު އަރަންދެން ޛިކުރު ކުރުމަށް އިނުމަށްފަހު 2 ރަކުޢަތް ނަމާދު ކުރުމުން އެ އަޖުރާއި ޘަވާބު ލިބޭނެތޯ ސުވާލު ކުރުމުން، މަދީނާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشيخ عَرفَات بن حسن المحمدي – حفظه الله- އަރިހުގައި މިފަދައިން ސުވާލު ދެންނެވީމެވެ. ޝެއިޚް ޖަވާބުގައި ވިދާޅުވި އެވެ.
”އެފަދައިން އަންހެނަކު ގޭގައި ފަތިސް ނަމާދު ކުރުމަށްފަހު އިރު އެރުމަށް ދާންދެން ޤާއިމްވެ އިނުމަށްފަހު ދެރަކުޢަތް ނަމާދު ކުރުމުން ޙަދީޘްގައިވާ އަޖުރު ލިބޭނެ ކަމުގައި ޖަޒްމުކޮށް (ޔަޤީން ކަމާ އެކު) އަހަރެމެން ނުބުނާ ހުށީމެވެ. އެހެނަސް އަންހެން މީހާއަށް އެދަރުމަ ލިބޭނެ ކަމުގައި އުއްމީދު ކުރަމެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.