ވިތުރީގެ 3 ރަކުޢަތް އެއްކޮށް ކުރާނީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ވިތުރިއަކީ ރޭއަޅުކަމުގެ ތެރެއިންވާ ރޭއަޅުކަމުގެ ނިމުމެވެ. އެއީ، އެހެނިހެން ރަކުޢަތްތަކާ ވަކިވެގެންވާ ގޮތުގައި ކުރެވޭ ރަކުޢަތްތަކަށް ދެވިގެންވާ ނަމެކެވެ. ވިތުރި ކުރެވޭ ތަފާތު ސިފަތަކެއްވެއެވެ. އެހެންނަމަވެސް މިތާގައި ބަޔާންކުރާނީ ވިތުރީގެ 3 ރަކުޢަތް ކުރެވޭ ސިފަތަކެވެ.
މީގެ ކުރީގައި ކޮށްފައިވާ ސުވާލުތަކުގައި ވިތުރީގެ މާތްކަމާއި، މަތިވެރިކަން އަދި ވިތުރި ކުރާނެ ވަޤުތު ބަޔާން ކޮށްފައިވާނެއެވެ. އެ ސުވާލުތަކަށް ރުޖޫޢުވުމަށް ހަނދުމަކޮށްދެމެވެ.
އެއަށްފަހު ވިތުރި 3 ރަކުޢަތް އެކުގައި ކުރުމާއި ގުޅޭ ގޮތުން ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. އަޚާއެވެ! ވިތުރި 1 ރަކުޢަތަށް އަދި 3 ރަކުޢަތަށް ކުރުން ވެސް ވާރިދު ވެގެންވެއެވެ. ތިރީގައި މި ބަޔާންކުރާ މަޢުލޫމާތުތައް، އަޚާއަށް އަދި އެހެނިހެން ފަރާތްތަށް ފައިދާ ކުރާނެ ޢިލްމެއްގެ ގޮތުގައި ލައްވާށިއެވެ.
1- ރޭ އަޅުކަންކޮށް އަވަދިވުމަށްފަހު، ރޭ އަޅުކަމުގެ ރަކުޢަތްތަކުގެ މައްޗަށް صَلاَة الوِتر އެއް ރަކުޢަތް ކުރުން.
މިކަމުގެ ދަލީލަކީ، عَبد الله بن عُمر -رضي الله عنهما- أن رَجُلا سأل رسول الله ز عن صلاة الليل؟ فقال رَسُول الله ﷺ (صلاة الليل مَثنى مَثنى، فإِذا خَشِيَ أَحَدكُم الصُّبح، صَلَّى رَكْعَةً وَحِدَةً تُوتِر له مَا قَد مَضَى) عَبد الله بن عُمر رضي الله عنهما ވިދާޅުވިއެވެ. رَسُول الله ﷺ އަރިއަހުގައި މީހަކު صلاة الليل އާ މެދުގައި ސުވާލުކުރިއެވެ. ފަހެ، رَسُول الله ﷺ ޙަދީޘް ކުރެއްވިއެވެ. “صلاة الليل ވަނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު (ރޭއަޅުކަމުގައި ވަނިކޮށް) ފަތިސް ވަޤުތު ވަދެދާނެކަމަށް ބިރުހީވެއްޖެ ހިނދުގައި އޭނާގެ ރޭއަޅުކަމުގެ ގޮތުގައި ކޮށްފައިވާ ރަކުޢަތްތަކުގެ މައްޗަށް އެއް ރަކުޢަތްކޮށް ވިތުރި (ޢަދަދުން) ނިންމާލުން ހުއްޓެވެ” (رواه البُخَاري، 990 އަދި مسلم، 749).
2- صَلاَة الوِتر ތިން ރަކުޢަތުން ކުރުން.
صَلاَة الوِتر، ތިން ރަކުޢަތުން ކުރާ މީހާއަށް ދެ ސިފައެއްގައި ކުރުން ހުއްދަ ވެގެންވެއެވެ. އެއީ :
ފުރަތަމައީ: ދެ ރަކުޢަތްކޮށްފަ ސަލާމް ދިނުމެވެ. އަދި ވަކިން އެއް ރަކުޢަތް ކުރުމެވެ.
ދެވަނައީ: ތިން ރަކުޢަތް އެއްކޮށް ކުރުމެވެ. ތިން ރަކުޢަތް އެކީގައި ކުރުމަށްފަހު އައްތަހިޔާތަށް އިނުމެވެ. أَبُوهُرَيرة رضي الله عنه އަރިހުން ރިވާކުރެވިގެންވެއެވެ. رَسُول الله ﷺ ޙަދީޘް ކުރެއްވިއެވެ. (لاَ تُوتِروا بِثلاثٍ تشبِّهُوا بِصَلاَةِ المَغْرِب) ”މަޣްރިބް ނަމާދާއި އެއްވަތްތަރުކޮށް ތިން ރަކުޢަތުން ތިޔަބައިމީހުން ވިތުރި ނަމާދު ނުކުރާށެވެ” (أخرجه الحاكم، صححه الألباني في (صلاة التراويح) ، ص 85).
ތިން ރަކުޢަތް އެކީގައި ކުރުމަށްފަހު، އެންމެ ފަހު ރަކުޢަތަށްފަހުގައި މެނުވީ އިށީނދެވަޑައި ނުގަންނަވާ ކަމުގައި رَسُول الله ﷺ ގެ އަރިހުން ވާރިދު ވެގެންވެއެވެ. أُبَيُّ بن كَعب رضي الله عنه قال: (كانَ رسولُ اللَّهِ صلَّى اللَّهُ عليهِ وسلَّمَ يقرَأُ في الوِترِ ب ﴿سَبِّحِ اسْمَ رَبِّكَ الْأَعْلَى﴾ وفي الرَّكعةِ الثَّانيةِ ب﴿قُلْ يَا أَيُّهَا الْكَافِرُونَ ﴾ وفي الرَّكعةِ الثَّالثةِ ب﴿قُلْ هُوَ اللَّهُ أَحَدٌ ﴾ وَلا يُسلِّمُ إلَّا في آخِرِهنَّ)
أُبَيُّ بن كَعب رضي الله عنه ވިދާޅުވިއެވެ. ”رَسُول الله ﷺ ވިތުރީގެ ފުރަތަމަ ރަކުޢަތުގައި ﴿سَبِّحِ اسْمَ رَبِّكَ الْأَعْلَى﴾، ދެވަނަ ރަކުޢަތުގައި ﴿قُلْ يَا أَيُّهَا الْكَافِرُونَ ﴾ އަދި ތިންވަނަ ރަކުޢަތުގައި ﴿قُلْ هُوَ اللَّهُ أَحَدٌ ﴾ ވިދާޅުވެއެވެ. އަދި އެންމެ ފަހު ރަކުޢަތަށްފަހު މެނުވީ އިށީނދެވަޑައެއް ނުގަންނަވައެވެ” (رَوَاه النسائي، صححه الألباني صحيح سنن النسائي 1-372).
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.