ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔެވުމަށް ވާރިދުވޭތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ބަޤަރާ ސޫރަތް ކިޔެވުމާއި މެދުގައި ބުނަމެވެ. ސުވާލުކޮށްފައިވަނީ އެތައް މަޢުލޫމާތުތަކެއް ހިމެނޭ ގޮތަށް ވުމުން އެ ތަފްޞީލުކޮށް ބަޔާން ކުރަމެވެ.
ފުރަތަމައީ : ބަޤަރާ ޞޫރަތް ކިޔުމަށް ވަކި ޚާއްޞަ ވަޤުތެއް ކަނަޑައެޅި ބަޔާންވެގެންނުވެ އެވެ.
ފަހެ، އެގޮތުން އެ ޞޫރަތް އަޚާއަށް ކޮންމެ ދުވަހަކު، ކޮންމެ ދެ ދުވަހަކުން، ކޮންމެ ހަފްތާއަކުން ކިޔެވުންވެސް ހުއްދަވެގެންވެ އެވެ.
ދަންނަން ޖެހޭ އެއްޗަކީ، އެ ޞުރަތް ގިނައިން ކިޔެވުމަށް ބާރުއެޅިފައި ވުމެވެ. ދޫކޮށް ނުލައި އަބަދުވަސް ބަޤަރާ ޞުރަތް ކިޔުމަށް ހިތްވަރު ދެވިފައި ވުމެވެ.
ކޮންމެ ދުވަހަކު ނުވަތަ 3 ދުވަހުން ކިޔަވަން ޖެހޭނެ އޭ ބުނާކަށް ދަލީލެއް ނުދަންނަމެވެ.
އެހެން ވުމުން ދީނުގައި އޮތް މިންވަރަށް ބުނުން ހުއްޓެވެ. އެއީ ޞުރަތް ކިޔެވުން ގިނަކުރުމެވެ.
ދެވަނައީ : ސޫރަތް ގިނައިން ކިޔެވުމަށް ބާރުއެޅުވިފައި ވުމާއި އަދި އޭގެ އަޖުރާއި ޘަވާބު ބޮޑުކަން ބަޔާންވެގެންވާ ރިވާޔަތްތަކެވެ. އޭގެ ތެރޭގައި އިމާމް مسلم ޞަޙާބީ أًبِي أُمَامَةَ الْبَاهِلِيُّ ގެ އަރިހުން ރިވާކޮށްފައިވާ ރިވާޔަތެވެ. (ޞަޙާބީ ވިދާޅުވި އެވެ.) ރަސޫލާ -صلى الله عليه وسلم- ޙަދީޘް ކުރައްވަނިކޮށް އަޑު އެހީމެވެ. ”ތިޔަބައިމީހުން ޤުރުއާން ކިޔާވާހުއްޓެވެ. ޤުރުއާނުގެ އަހުލުވެރިންނަށް ޝަފާއަތަށް އެދި ޤިޔާމަތް ދުވަހުގައި ޤުރުއާން އަންނާނެތެވެ. ތިޔަބައިމީހުން -އަލް-ބަޤަރަ އަދި އާލި-ޢިމްރާން- ކިޔެވުން ހުއްޓެވެ. ބޯ ވިލާގަނޑެއްފަދައިން ޤިޔާމަތްދުވަހު އެ ދެ ޞޫރަތް އޭގެ އަހުލުވެރިންގެ ގާތަށް އަންނާނެތެވެ….. (އެ ޞޫރަތް ކިޔަވާ އަހުލުވެރިންނަށް) ދިފާޢުގައި ދެ ޞޫރަތް އަންނާނެތެވެ. ތިޔަބައިމީހުން އަލް-ބަޤަރާ ސޫރަތް ކިޔެވުން ހުއްޓެވެ. އެ ކިޔެވުމަކީ ބަރަކާތެވެ. ދޫކޮށްލުމަކީ އަބާއްޖަވެރި ކަމެކެވެ. އަދި ސިޙުރުވެރިންނަށް އޭގެ މައްޗަށް ގަދަވެ ނުގަނެވޭނެތެވެ.“
ދެވަނައީ : ބަޤަރާ ސޫރަތުގެ މައްޗަށް އައިސްފައިވާ ޚާއްޞަ ބައެއް ކަންތައްތަކެވެ. އެގޮތުން އެ ޞޫރަތް އެ ގެއެއްގެ ތެރޭގައި ކިޔަވާ ގެއަކަށް ޝައިޠާނާ ނުވަންނާނެކަމަށް ވާރިދުވެގެންވެ އެވެ. رسول الله -صلى الله عليه وسلم- ޙަދީޘް ކުރެއްވި އެވެ.
(اقرؤوا سورةَ البقرةِ في بيوتِكم، فإنَّ الشيطانَ لا يدخلُ بيتًا يُقْرَأُ فيه سورةُ البقرةِ) ”ތިޔަބައިމީހުންގެ ގެތަކުގައި سُوْرةُ البَقَرةِ ކިޔެވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެ ގެއެއްގައި سورةُ البقرةِ ކިޔަވާ ގެއަކަށް ޝައިޠާނާ ނުވަންނާނެ އެވެ.“
ތިންވަނައީ : ޞުރަތުގައިވާ ބައެއް އަޔާތްތަކުގެ މައްޗަށް ވާރިދުވެފައިވާ ދަލީލުތަކެވެ. އޭގެ ތެރޭގައި ، البُخَاري އަދި مُسلم ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (مَن قرَأ بالآيتَينِ مِن آخرِ سورةِ البقرةِ في ليلةٍ كفَتاه)
”البقرةِ ސޫރަތުގެ އެންމެ ފަހު ދެ އާޔަތް ރޭގަނޑުގައި ކިޔަވައިފި މީހާއަށް އެންމެހައި ކަންތައްތަކުން ފުދިގެންވެ އެވެ.“
الإمام ابن القَيِّم ވިދާޅުވެފައިވެ އެވެ.
މާނައަކީ : ގެއްލުންދޭނެ އެންމެހައި ތަކެތީގެ ނުބައިކަމުން ފުދިގެންވެ އެވެ. (ސަލާމަތްކަން ލިބިގެންވެ އެވެ.)
الإمام ابن بَاز ވިދާޅުވެފައިވެ އެވެ.
މާނައަކީ : އެންމެހައި ތަކެތީގެ ނުބައިކަމުން ފުދިގެންވެ އެވެ.
އިސްވެދިޔަ ނުކުތާ ތަކުގެ މައްޗަށް ބުނަމެވެ. އަޚާ އެވެ! އަލް-ބަޤަރާ ކިޔެވުމަކީ ބަރަކާތެކެވެ. ބޮޑު ހެވެކެވެ. ދޫކޮށްލުމަކީ ނުހަނު ބޮޑު އަބާއްޖަވެރި ކަމެކެވެ. ވުމުން ގިނައިން ކިޔުމަށް ނަޞޭޙަތްތެރިވަމެވެ. އެހެނަސް ކޮންމެ ދުވަހަކު ކިޔުމަށް އެއީ ކަނޑައެޅިފައިވާ ގޮތް ކަމުގައި ބުނެވޭނީ ދަލީލެއް ޚާއްޞަކޮށް ވާރިދުވުމުންނެވެ.
މިއީ އަހަރުމެން ދީނުގައި ދެމިތިބެންޖެހޭނެ ގޮތެވެ. ހެޔޮކަމެއް ކަމުގައި އެކަމެއް އަހަރުމެން ކުރަންޖެހޭނީ އެކަމަށް ދަލީލު ޘާބިތުވެގެންނެވެ. ނޫނީ އެކަމުގެ މައްޗަށް ހަނުހުރުން އެއީ ސުންނަތުގެ އަހުލުވެރިންގެ ސިފަކަމުގައި ހަދާންކޮށްދެމެވެ.
ނިންމާލުމުގެ ކުރިން ހަތަރު ވަނަ ނުކުތާއެއްގެ ގޮތުން ބުނަމެވެ. މި ޞޫރަތުގެ މައްޗަށް ގެނެސްފައިވާ ބާޠިލް ބަސްތަކުންވެސް ސަލާމަތްވާން ޖެހެ އެވެ. ﷲ ގެ ކަލާމްފުޅު އެއީ އަހަރެމެން ކުޅިވަރެއް، މަޖަލެއް، ބުނާހާ އެއްޗެއް ބުނުމަށްއޮތް ކަލާމްފުޅެއް ކަމުގައި ހަދައިގެން ނުވާނެ އެވެ. އެއީ އަދަބު އިޚްތިރާމް ނުދެވުމެވެ.
އަލް-ބަޤަރާ ކިޔެވުމުން މިވެނި، އެވެނި ކަމެއް ވާނެއޭ ބުނެގެން ނުވާނެ އެވެ. ޘާބިތު ހެއްކެއް ޤަރީނާއެއް ފެނުމަށް ދާންދެނެވެ. ނޫނީ ތިމާ އެދުވަހެއްގައި ﷲ ގެ ހަޟުރަތުގައި ބުނާނީ، ޖަވާބަކީ ކޮބައި ހެއްޔެވެ؟ ސަލާމާތްކަން ހޯދުމަށް އެފަދަ ބަސްތަކުން ދުރުވެ ވަކިވާން ޖެހެ އެވެ.
އެފަދަ އެއް ބަހަކީ، ބަޤަރާ ސޫރަތް ކިޔެވުމަކީ ދަރިމައި ނުވާ އަންހެނުން ދަރިމައި ކުރުވުމަށް އޮތް ކަމެއް ކަމެއްގައި ބުނުމެވެ. މިއަދު ދުނިޔޭގައިވާ ޙައްޤު މަންހަޖުގެ ސަލަފީ ސުންނަތުގެ އިމާމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ الشيخ العلامة صَالح الفَوزَان -حفظه الله- އަރިހުގައި ކުރެވުނު ސުވާލެއް ޛިކުރު ކުރަމެވެ.
ސުވާލު : ސުވާލުގައި ބުނެ އެވެ. ޑޮކްޓަރަކު ބުނާ އަޑު އަހަރެމެން އެހީމެވެ. ރޭ އަޅުކަމުގައި البقرة ސޫރަތް ވަކި މުއްދަތެއް ވަންދެން ކިޔުމަކީ، ﷲ ގެ އިޛުނަފުޅާ އެކު ދަރިމައިވާނެ ކަމެކެވެ. މިއީ ޞައްޙަ ވާހަކައެއްތޯ އެވެ.
ޖަވާބު : ތިޔައީ ޞައްޙަ ވާހަކައެއް ނޫނެވެ. ތިޔައީ ޞައްޙަ ވާހަކައެއް ނޫނެވެ. އާއެކެވެ.
ﷲ ތަޢާލާ އަޅަމެނަށް އެކަލާނގެ ރުއްސަވާވޮޑިގަންނަވާ މަގަށް މަގު ދައްކަވާށި އެވެ
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.