ކުދިންނަށް ކާރޓޫން ދެއްކުމާއި ގޭމް ކުޅެން ދިނުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލަށް ޖަވާބު ދިނުމުގައި ނުކުތާތަކެއް ބަޔާން ކުރަމެވެ.
ފުރަތަމައީ: މުނިފޫހި ފިލުވުމަކީ އެއީ ހުއްދަ ކަމެއް ކަމުގައި ވުމެވެ. އެހެނަސް އިސްތިސްނާ ވެގެންވާ ކަންތައްތައް ފިޔަވައެވެ.
ފޫހިވުމެއް ވަރުބަލިވުމެއްނެތި، ﷲއަށް އަޅުކަން ކުރުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނާކަން ލިބިގެންވާ ކަމެއް ނޫނެވެ. އެގޮތުން ނަފްސަށް ބޭނުންވާ އަރާމާއި ހިތްހަމަޖެހުން ހޯދައި ދިނުމަކީ ނަފްސަށް ލިބިގެންވާ ހައްޤެކެވެ. އެހެނަސް ޙަލާލެއް ޙަރާމެއް ބެލުމެއްނެތި ކުޅިވަރާއި މަޖަލުގެ ތެރޭގައި އުޅުން އަހަރެމެންނަށް ހުއްދަވެގެން ނުވާނެއެވެ.
ދެވަނައީ: ދީނުގައި އެ ކުޅިވަރެއް ކުޅުމަށް ނުވަތަ މުނިފޫހި ފިލުވުމަށް އިރުޝާދު ވެދިފައިވާ ބައެއް ޢަމަލުތަކެވެ. އެގޮތުން އަހަރެމެންނަށް ހުއްދަވެގެންވާ ކުޅިވަރުތަކުގެ ތެރޭގައި ޖިހާދަށް ތަމްރީނުލިބޭ ހިތްވަރާއި ޢަޒުމް އަށަގަނުވައިދޭ ކުޅިވަރުތައް ހިމެނިގެންވެއެވެ.
ހަމައެފަދައިން މިސާލަކަށް ފެތުމާއި، އަސް ދުއްވުން އަދި ދުނިއުކުން ފަދަ ކުޅިވަރުތަކަކީ ފޫހި ފިލުމަށްވާ ހެޔޮ ކަންތައްތަކެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. މިގޮތުން صحيح البخاري ގައި ވެއެވެ. ارْمُوا بَنِي إسْمَاعِيلَ فإنَّ أبَاكُمْ كانَ رَامِيًا ، މާނައީ “ދުނި އުކާބަޔަކު ކަމުގައި އިސްމާޢީލްގެ ދަރިފަސްކޮޅު ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ދުނި އުކާ ބޭކަލަކު ކަމުގައި ތިޔަބައިމީހުންގެ ބަފައިކަލުންވިއެވެ”.
ތިންވަނައީ: ޢާންމުކޮށް ކުޅިވަރުގެ މައްޗަށް ބުނަމެވެ.
އެ ކުޅިވަރިތަކަކީ އޭގެ ސަބަބުން ޖިހާދަށް ތަމްރީނު ނުލިބޭ ކުޅިވަރުތަކެއް ކަމުގައިވާނަމަ، އެއްގޮތަކީ ކުޅިވަރަކީ ސީދާ ޙަރާމް ކަމެއް ކަމަށް ނައްސުން ބަޔާންވެގެންވާ ކުޅިވަރެއް ކަމުގައިވުމެވެ. މިޘާލަކަށް ރާޒުވާ ފަދަ ކުޅިވަރެވެ. އަނެއް ގޮތަކީ އެ ކުޅިވަރުތަކުގެ ތެރޭގައި ޙަރާމް ވެގެންވާ ކަންތައްތަކެއް ހިމެނިގެންވުމެވެ.
ނުވަތަ އެކުޅިވަރަކީ ޙަރާމް ކަމަކަށްވާ ވަޞީލަތެއް ކަމުގައި ވުމެވެ. މިފަދަ އެންމެހައި ޙާލަތެއްގައި ވެސް އެކަންކަމުން ދުރުވާން ޖެހޭނެއެވެ.
އެހެނަސް އެކުޅިވަރެއްގައި ޙަރާމް ކަމެއް ނުވާނަމަ، މިޘާލަކަށް އެފަދަ ޙަރާމް ކަމެއް ނުވާގޮތަށް ފުޓްބޯޅަ ކުޅުމާއި، ބާސްކެޓްބޯޅަ ކުޅުމާއި މިފަދަ ކުޅިވަރުތައް ހުއްދަވެގެންވެއެވެ.
އެ ކުޅިވަރު ކުޅެވިގެންދަނީ ޖުވާގެ ގޮތުގައި ނުވުމާއި އަދި ﷲ ތަޢާލާ ހަނދުމަ ކުރުމުގެ މަތިން އޭގެ ސަބަބުން ޣާފިލް ނުވުމާއި އަދި ފައިދާއެއްނެތް ގޮތުގައި ގިނަ ވަޤުތުތަކެއް ބޭކާރުފަދަ ބީދައަކުން އެކަން ނުކުރުން، މިފަދަ ކަންތައްތަކަށް ބަލަން ޖެހޭނެއެވެ.
އެގޮތުން ނައްޞުން (ދަލީލުން) ޙަރާމް ކަމެއް ކަމުގައި ކަނޑައެޅިގެންވުމާއި ނުވަތަ ޞައްޙަ ގޮތުގައި ކުރެވޭ ޤިޔާސްއަކުން އެއީ ހުއްދަ ނޫން ކަމެއް ކަމުގައި ބަޔާންވުމެވެ. ނުވަތަ އެކަމަކީ، ﷲ ގެ މަތިން ކުރުން ވާޖިބުވެގެންވާ ޛިކުރުގެ މަތިން އެކަން ކުރާ މީހާ ޣާފިލް ކުރުވާ ކަމެއް ކަމުގައި ވުމެވެ. މިފަދަ ކުޅިވަރުތަކުން ދުރުވާން ޖެހެއެވެ. އެހެންނަމަވެސް އެކުޅިވަރަކީ މިޘާލަކަށް ޖަމާޢަތުގައި ނަމާދު ކުރުން، ނުވަތަ އެކަމަކީ އޭގެ ޛާތުގައި ޤިމާރު (ޖުވާ) ފަދަ، ޙަރާމް ކަމެއް ނުވަތަ އެހެން ޙަރާމް ކަމަކަށް މަގުފަހި ކޮށްދޭ ދޮރެއް ކަމުގައި ނުވާނަމަ އެފަދަ ކުޅިވަރެއް ކުޅުން ހުއްދަވާނެއެވެ.
ހަތަރުވަނައީ: ޚާއްޞަކޮށް ގޭމް ކުޅުމާއި މެދުގައި ބުނަމެވެ. މިއަދު ބާލިޣްވެފައިވާ، އުއްމަތުގެ ޒުވާނުން މެދުގައި ޢާންމުވެފައިވާ މުޞީބާތެއްފަދަ އެކި އެކި، ޓީވީ ގޭމް، ޕްލޭސްޓޭޝަން، އޮންލައިން ގޭމްތައް ކުޅޭ ފަރާތްތައް އަޑުއަހާލުން ހުއްޓެވެ. އަމިއްލަ ނަފްސަށް އަޑު އަހާލުން ހުއްޓެވެ.
މިދުނިޔޭގެ ޙަޔާތުގެ އަގު ވަޒަން ކުރެވޭ ހެއްޔެވެ؟ الإمام ابن الجَوزِي رحمه الله ދަރިފުޅަށް ވަޞިއްޔަތްކޮށް ލިޔުނު ސިޓީގައި އިޝާރާތް ކުރެއްވި ފަދައިން، ނިދުމަށާއި، ކެއުމަށާއި، ބުއިމަށާއި، އަރާމް ހޯދުމަށާއި އަދި ބާލިޣްވުމުގެ ކުރިން ކުޑައިރު ހޭދަކުރި ވަޤުތު އުނިކޮށްފައި ޢުމުރުގައި އާޚިރަތަށްޓަކައި އަޅުކަން ކުރަން އޮތީ މަދު ވަޤުތު ނޫން ތޯއެވެ؟
އަހަރެމެންގެ މި އުއްމަތުގެ ގިނަ މީހުންގެ ޢުމުރަކީ 60 އަހަރެވެ.
އަޚާއެވެ! ﷲ އަހަރެމެންނަށް ދެއްވި ޢުމުރު އެއީ އަހަރެމެންގެ ޙަޔާތް (ދުނިޔޭގެ ދިރިއުޅުން) ވިސްނާލައި ބަލާލުން ހުއްޓެވެ. ޙަޔާތަކީ މިއީ ނޫންތޯއެވެ؟ އަބަދުގެ އަބަދަށް އުފަލާއި އަރާމާއި ނިއުމަތް ލިބުމަށްއޮތް ސުވަރުގެ ހޯދުމަށް އޮތް ވަޤުތަކީ މި ކުޑަ މަދު ޢުމުރު ނޫން ހެއްޔެވެ؟
ބުނަމެވެ. ޅަފަތުގައި ޢުމުރުގެ 15 ވަނީ ފާއިތުވެފައެވެ. ނިދުމަށް ދުވާލަކު 8 ގަޑި އިރެވެ. ކެއުމާއި ބުއިމާއި ފެންވެރުމާއި ފަޚާނަ ކުރުމަށް ދުވާލަކު 3 ގަޑިއިރު ހޭދަކޮށްފިއެވެ. ޢުމުރަކީ 60 އަހަރު ކަމުގައިވެއްޖެ މީހާއަށް ބާކީއޮތީ ކިހާވަޤުތެއް ހެއްޔެވެ؟ ސުވަރުގެ ހޯދުމަށް މަސައްކަތް ކުރަން އޮތީ ކޮންފަދަ މުއްދަތެއް ހެއްޔެވެ؟
މިފަދަ މީހަކު މުނި ފޫހި ފިލުވުމަށް އަނގައިން ވެސް ބުނާނެ އެއްޗެއް އޮންނާނެ ހެއްޔެވެ؟
ވީމާ، މި ޢުމުރު ބޭކާރުކޮށް، އަގެއްނެތް، ވަޤުތަކީ މުހިންމު އެއްޗެއްކަމުގައި ނުވެއްޖެ މީހާއަށް އޮތީ ކޮންފަދަ އަބާއްޖަވެރި ކަމެއް ހެއްޔެވެ؟
ބެލެހެއްޓުމެއްނެތި، ޙިސާބު ކުރުމެއްނެތި ވަގުތު ހޭދަކުރާ މީހާއަށް الإمام ابن القيم رحمه الله ވިދާޅުވެފައިވެއެވެ. ”އިންސާނާގެ ވަޤުތަކީ ޙަޤީޤަތުގައި އޭނާގެ ޢުމުރުއެވެ. އެއީ އަބަދުގެ އަބަދަށް މެދުކެނޑުމެއްނެތި ދިއުމަށްއޮތް ނިޢުމަތުގެ އަޞްލެވެ. ފަހެ، އެމީހެއްގެ ވަޤުތުތައް ޣާފިލުކަމުގައި، ބޭކާރު ހުސްވަޤުތުތަކުގައި އަދި އެކިހަކަލަ ބާޠިލް ހުވަފެންތަކުގައި ހޭދަކޮށް އަދި އެމީހަކު އޭނާގެ ވަޤުތުތައް ހޭދަކުރި އެންމެ ހެޔޮގޮތަކީ ނިދުމާއި އަގުނުކުރެވޭ ކަންތައް ކަމުގައިވެއްޖެ ހިނދު، މިފަދަ މީހާ މި ޙަޔާތުގައި އުޅުމަށްވުރެ މަރުވެދިޔުން މާ ހެޔޮކަންބޮޑެވެ.“ الجواب الكافي
ސަބަބަކީ، އޭނާ ދިރިހުރެއްޖެހިނދު އޭނާވަނީ ﷲ އާއި ދުރަށް ދެވޭ ފާރަތެއްގެ ގޮތުގައެވެ.
الإِمَام ابن القيِّم رحمه الله ވިދާޅުވެފައިވެއެވެ. ”މި ދުނިޔޭގައި ހޯދޭނެ އެންމެ ބޮޑު ފާއިދާ އަކީ، ތިބާގެ އެންމެހައި ވަޤުތުތަކެއް އެންމެ އަޥްލާވެގެންވާ ގޮތުގައި އަދި އަންނަންއޮތް އާޚިރަތަށް އެންމެ ފައިދާވާނެ ގޮތުގައި ހޭދަކުރުމުގައި މަޝްޣޫލު ކުރުމެވެ.“ الفوائد ٤٥٨
الإِمَام العلامة ابن باز رحمه الله ވިދާޅުވެފައިވެއެވެ. ”ވަޤުތަކީ އެއީ ޙަޔާތެވެ. އެމީހެއްގެ ވަޤުތު ބޭކާރުކޮށްފި މީހާއަކީ އޭނާގެ ޙަޔާތް ބޭކާރުކޮށްފައިވާ މީހެކެވެ. އެމީހެއްގެ ޙަޔާތް ބޭކާރުކޮށްލައިފި މީހާއަކީ އެކަމާ ހިތާމާ ކުރާނެ މީހެކެވެ. އަދި އެ ހިތާމައަކުން މަންފާއެއް ނުކުރާނެއެވެ.“ ﻓﺘﺎﻭﺍﻩ 261/16
الإِمَام العَلاَّمَة العُثَيْمِيْن رحمه الله ވިދާޅުވެފައިވެއެވެ. ”އަހަރެންގެ އަޚާއެވެ. ތިބާގެ ޢުމުރުގެ ދުވަސްތައް ރައްކާތެރި ކުރުން ހުއްޓެވެ. ﷲ ޤަންދީ ބުނަމެވެ. ރަނާއި ރިއްސަށްވުރެ ޢުމުރަކީ އަގުހުރި އެއްޗެކެވެ. ފަހެ، އިންސާނަކު އެންމެ ދިރުހަމެއްހާ މިންވަރު ބޭކާރު ގޮތުގައި ހޭދަނުކުރާނެ ހިނދުގައި، އޭނާގެ ޢުމުރު ބޭކާރު ކޮށްލަންވީ ކީއްވެ ހެއްޔެވެ؟“ اللقاء الشهري 72
الإِمَام العلامة الشيخ العثيمين رحمه الله ވިދާޅުވެފައިވެއެވެ. ”އަހަރެމެންގެ ޢުމުރު ޞާލިޙް ޢަމަލުތަކުގެ
މައްޗަށް ބިނާ ނުކުރެވިއްޖެ ހިނދުގައި، އަހަރެމެންނަށް ވަނީ ދުނިޔެއާއި އާޚިރަތް ވެސް ފާއިތުވެ ގޮސްފައެވެ.“ الكافية الشافية 4-380
އަޖައިބުވެ ޙައިރާންވާ ކަމަކީ، މިއަދު މުސްލިމް ދަރިން ވަޤުތުތައް ގިނަވެ، ކުރާނެ ކަމެއްނެތިފައި، މުނިފޫހި ފިލުވުމުގެ ނަމުގައި އެކިއެކި ކަންތައްތަކުގައި މަޝްޣޫލު ކުރުމެވެ.
އަޚާ އެވެ! ވިސްނާލުން ހުއްޓެވެ! ބުއްދިވެރިންނޭވެ! ޢިބްރަތެއް ލިބިގަތުން ހުއްޓެވެ. މި ދުނިޔެ މަތީގައި 70 އަހަރު ނުވަތަ 80 އަހަރު ނުވަތަ 100 އަހަރު ހޭދަކޮށްފައި މަރުވެ ދުނިޔެ ދޫކޮށްފައިވާ މީހާގެ ޖަވާބު ކަމުގައިވާހުށީ މިއެވެ.
ﷲ ވަޙީ ކުރެއްވިއެވެ. قالُوا لَبِثْنا يَوْماً أَوْ بَعْضَ يَوْمٍ فَسْئَلِ الْعادِّينَ “އެމީހުން ބުނާނެއެވެ. އަހަރެމެން އުޅުނީ އެންމެ ދުވަހެއް ވަންދެނެވެ. ނުވަތަ ދުވަހެއްގެ ބައެއް ވަންދެނެވެ.”
މިފަދަ ކުރު ޢުމުރާއި މަދު ވަޤުތު އަހަރެމެންގެ ނަފްސުގައި ވަޒަން ކުރެވޭ ހެއްޔެވެ؟
އެއަށްފަހު ބުނަމެވެ. މަތީގައި ޛިކުރު ކުރެވުނު އެންމެހައި ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ބުނަމެވެ. އުސްތާޛްމެންގެ ޙަޔާތުގައި އެތައް ގެއަކަށް، މައިންބަފައިން ދަޢުވަތުދީގެން އަދި ޒުވާން ކުދިންނަށް ނަޞޭޙތް ދިނުމަށް ދާހިނދު، އެންމެހައި މީސްތަކުންގެ ޝަކުވާއަކީ ދަރިން ގޭމުގެ ތެރެއަށް ގެއްލިފައި ވުމާއި، އެއަށް ދެވި ހިފާފައި ވުމާއި، އެއްވެސް އެހެން ކަމަކަށް އިސްކަން ނުދެވޭ މިންވަރަށް އެ ގޭމުތަކުގެ ތެރޭގައި އުޅުމާއި، ރޭގަނޑުގެ ނިދި ނަގާލައި އޮންލައިންކޮށް ގޭމް ކުޅުމާއި، ހެނދުނެއް މެންދުރެއް ހަވީރެއް ރޭގަނޑެއް ދަމެއް ނޯންނަ ކަމެވެ. ނަމާދަށް މިފަދަ ދަރިން ހޭލާނީ ކިހިނެތް ހެއްޔެވެ؟ ނަމާދަށް ހުންނާނީ ކޮން ޝައުގުވެރި ކަމެއް ހެއްޔެވެ؟
މި ގޭމްތަކުން ނުކުން އެންމެ ހެޔޮ ކަމެއް ބުނެދީ ބަލާށެވެ! އެންމެ ކަމެކެވެ. ﷲ ޤަންދީ ބުނަމެވެ! މިއީ ތިމާގެ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލަނީއެވެ! ތިމާ އަބާއްޖަވެރިކަން އިޚްތިޔާރު ކުރުމެވެ. ތިމާ އަދާ ކުރަންޖެހޭ ވާޖިބުތަކެތިން ބޮޑުވެގެންވާ އިހުމާލުން އިހުމާލުވެ، ﷲ ދެއްވި ވަޤުތުގެ ނިޢުމަތް އެއްވެސް އެއްޗަކަށް ނުހެދުމެވެ. މިފަދަ ގޭމްތަކުގެ ތެރެއަށް ދިއުމަށް އެކަކަށްވެސް، އެއްވެސް ކުއްޖަކަށް ނަޞޭޙަތްތެރި ނުވަމެވެ.
މިފަދައިން މިއަދު ކުދިން ކުޅެމުންދާ ގޭމް ތަކަކީ ކުޅުން ޙަރާމް ވެގެންވާ ގޭމްތަކަށް ވެސް ވަނީ ވެފައެވެ. ކުފުރާއި ޝިރުކުގެ ތެރޭގައެވެ. ބާރު ހޯދަން ގޮސް ބުދުތައް ކައިރީގައި ރުކޫޢުކޮށް، ކުރުނީސް ކުރުމުގައެވެ. ﷲ ޤަންދީ ބުނަމެވެ. މި ޢަމަލުތައް ޙަރާމް ކަމާއި މެދު ޝައްކެތްވެސް ނެތެވެ.
މިއީ ކުދިންނާއި ޒުވާނުން ނުބައިމަގުތަކުން ދިއުމަށް އޮތް ބޮޑުވެގެންވާ ނުރައްކަލަކަށް ވެއްޖެއެވެ. ފަހެ، ނަޞޭހަތަކީ މި ގޭމްތަކަކީ ދިރިއުޅުމާއި، ހަލާކާއި، އަބާއްޖަވެރި ކަމުގެ ތެރެއަށް ގެންދާ ނުވަތަ ގެންގޮސްދޭ ވަޞީލަތްތަކެއް ކަމުގައި ވުމަކީ އެއްވެސް ބުއްދިއަކުން ދެބަސްވާނެ ކަންތައްތަކެއް ނޫނެވެ.
އަޚުންނޭވެ! މި ޢުމުރާއި މެދު ވިސްނާލުން ހުއްޓެވެ. ޢުމުރާއި މެދު އަދި ވަޤުތާއިމެދު ސުވާލު ކުރެވޭނެކަން ދަންނަންޖެހެއެވެ. އެ ދުވަހުގައި “އަހަރެން މުނި ފޫހި ފިލުވުމަށް ހޭދަ ކުރީއެވެ.” ބުނެވޭނެ ހެއްޔެވެ؟
އެހެނަސް ނަޞޭޙަތަކީ ވަޤުތަކީ ފާއިދާ ކުރަނިވި އަގުހުރި ވަޤުތަކަށް ހެދުމާއި ވަޤުތުތަކުގައި ސަލަފީ (އަހުލުއް ސުންނަތް) ފޮތް ތަކާއި ސަލަފީ ދަރުސްތައް އަޑު އެހުމެވެ. އެހެނީ، ޢިލްމު ޙާޞިލް ކުރުމަކީ އަޅުކަމަކަށްވެފައި އޭގެ ސަބަބުން އެމީހާގެ ހިތަށް އަރާމާއި އުފާ ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.
ނުވަތަ އިސްވެ ބަޔާން ކުރި ފަދައިން ބައެއް ކުޅިވަރުތަކުގައި ވުމެވެ. އެފަދަ ހުއްދަ ކުޅިވަރުތައް ނުހަނު ގިނައެވެ.
ފަސްވަނަ ނުކުތާއެއްގެ ގޮތުގައި ބުނަމެވެ.
އަތުން ކުރަހާފައިވާ ކާޓޫނު ޞޫރަ ތަކާއި އެކިއެކި މީހުންގެ ޞޫރަތަކުން ތައްޔާރުކޮށްފައި ހުންނަ ގޭމްތަކާއި ކާޓޫންފަދަ ތަކެތީގެ މައްޗަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅެވެ.
މި މައްސަލައިގެ ތަފްޞިލަށް ބަލާއިރު މިއަދު މަދީނާގެ މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންއި ދެއްވުމުގައިވާ ޢިލްމުވެރިޔާ أ. د. سُلَيمَان الرُّحَيلِي حفظه الله ވިދާޅުވެފައިވެއެވެ. “ކާޓުނުތަކަކީ އޭގައި މިއުޒިކް އެކުލެވިގެންވާ އެއްޗެއް ކަމުގައިވާނަމަ، މުސްލިމަކު މިއުޒިކް އަޑުއެހުން ހުއްދައެއް ނުވާނެއެވެ. އެ މިއުޒިކްވަނީ ކާޓޫނާ އެކުގައި ނުވަތަ ޚަބަރު ކިޔާހިނދު ނުވަތަ އެ ނޫން އެއްޗެއްގައި ކަމުގައިވީނަމަވެސް މެއެވެ.
(އެ ކާޓުނު ތަކުގައި މިއުޒިކް ނުވެއެވެ.) އެހެނަސް އެ ކާޓޫނު ތަކަކީ، އިސްވެ ގޮސްފައިވާ އުއްމަތްތަކުގެ ވާހަކަތައް (ކާޓޫނުގެ ޛަރީޢާއިން) އަންގައިދޭ ކާޓުނު ކަމުގައިވާނަމަ، މިއީވެސް ހުއްދަވެގެންވާ ކާޓޫނު ތަކެއް ނޫނެވެ. އެގޮތުން ބުނެއެވެ. އެއީ ޢާދު ޤައުމުގެ މީހުންނެވެ. އެއީ ހޫދް ޤައުމުގެ މީހުންނެވެ. އެއީ ފިރުޢައުނުގެ ޤައުމުގެ (ވާހަކައެވެ.)
މިއީ ހުއްދަވެގެންވާ އެއްޗެއް ނޫނެވެ. ސަބަބަކީ އަހަރެމެންނަށް އެ ޤައުމުތަކުގެ ޙަޤީޤަތް އެނގިފައި ނުވުމެވެ. މިފަދަ (ކާޓޫނުތައް) ބެލުމުން އެމީހެއްގެ ވިސްނުމުގައި، ޚިޔާލުގައި އެ ފަދައިން ތަޞައްވުރު ކުރެވިގެންވެއެވެ. ޚާއްޞަކޮށް ކުޑަ ކުދިންނަށެވެ.
އެ ޤައުމުތަކުގެ އަހުލުވެރިންވަނީ އެފަދައިން ކަމުގައި ވިސްނިފައިވެއެވެ.
ދެންފަހެ، ޤުރުއާން ކިޔަވާހިނދު، މިޘާލަކަށް ޢާދު ޤައުމުގެ ވާހަކަތައް ޛިކުރު ކުރެވޭހިނދު، އޭނާގެ ތަޞައްވުރަށް އެ (ކާޓުނުތައް، ޞޫރަތައް) އާދެއެވެ. މިއީ ހުއްދަވެގެންވާނެ އެއްޗެއް ނޫނެވެ.
ދެންފަހެ، އޭގައި މިއުޒިކް އެކުލެވިފައިނުވެއެވެ. އަދި އިސްވެ ގޮސްފައިވާ ޤައުމުތަކުގެ ޚަބަރުތައް ކިޔައި ދިނުމެއް ނުވެއެވެ. އެހެނަސް އެއިން އުނގަންނައިދެނީ އަދަބުތަކެވެ. އަޚްލާޤުތަކެވެ. އަދި ހެޔޮ ރިވެތި ކަންތައްތަކެވެ. އެފަދަ ޙާލުގައި އެކަމުގައި މައްސަލައެއްނެތެވެ. إن شاء الله
(ފަހަރެއްގައި) މީހަކު ބުނެފާނެއެވެ. އެ ޞޫރަތަކާއި އަދި އެއްޗެހި ތަކަކީ މީހުން ހަދައިފައިވާ ޞޫރަތަކެވެ. އެހިނދު އަހަރެމެން ބުނަމެވެ. އެއީ ތިބާ ހަދައި ތައްޔާރުކުރި އެއްޗެއް ނޫނެވެ. އަދި އެތަކެތި ތައްޔާރު ކުރުމަށް ތިބާ ވާގިވެރިއެއް ނުވެއެވެ. އަދި ކިޔެއްތަ! އެތަކެތި މިހާރު ވަނީ ތައްޔާރުކޮށް ނިންމާފައެވެ. އަދި ތިބާ އަދި ތިބާގެ ދަރިން އެ ބެލުމުގައި ނުރައްކަލެއް ނެތެވެ”.
ޝެއިޚްގެ ފަތުވާގައި ޛިކުރު ކޮށްފައި ނެތް ބައެއް މިތަނުގައި ޛިކުރު ކުރުމެވެ.
ބައެއް ކާޓޫންތަކަކީ، އަނިޔާ ދިނުމާއި، ގެއްލުން ދިނުމާއި، ކެހި ދިނުމާއި، މަކަރު އަދި ހީލަތް ހެދުމުގައި ތައްޔާރުކޮށްފައިވާ ކާޓޫނު ތަކެކެވެ. މިއީ އޭގައި އެއްވެސް މަންފާއެއް ކުރާނެ އެއްޗެއް ނޫނެވެ. އޭގެ އިތުރަށް ދަރިންގެ އަޚުލާޤު ފަސާދަކޮށް ހަލާކުކޮށް، އެކުދިންގެ ޙަޔާތަށް ނޭދެވޭ އަޘަރު ކުރާނެ ތަކެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.
ކޮންމެ މުސްލިމަކު ދަންނާނެއެވެ. މިފަދަ ތަކެއްޗެއް ދަރިންނަށް ދެއްކުމަކީ އެއިން މަންފާއެއް ލިބޭނެ ކަންތައްތަކެއް ނޫން ކަމުގެ އިތުރަށް އަޚުލާޤާއި އުޅުން ފަސާދަވާނެ ތަކެއްޗެވެ.
މައިންބަފައިންނޭވެ! ދަރިން ރުއްސުމަށްޓަކައި ނުވަތަ ދަރިން މަޑުމައިތިރިކޮށް ބޭތިއްބުމަށްޓަކައި މިއީ ހެޔޮވެގެންވާ މަގެއް ނޫނެވެ. މިއީ އެދަރިންގެ ހަޔާތް ނޭނގުމުގެ ތެރޭގައި ހަލާކުވާނެ ސަބަބެކެވެ. ނޭނގިތިބެ އެ ދަރިންނަށް ދެވޭ ގެއްލުމެވެ. އޭގެ ނަތީއްޖާ ނުހަނު ހިތިވެގެންދާނެ ކަމެއް ކަމުގައި މެނުވީ ނުވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.