ކްރެޑިޓް ކާރޑު ބޭނުން ކޮށްގެން މުދާ ގަތުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه – وعلى آله و صحبه أجمعين.
أما بعد:
ކުރެޑިޓް ކާޑާއި މެދުގައި ބުނަމެވެ.
އިސްލާމް ދީނުގައި ފައިސާ ދަރަންޏަށް ނެގުމަށްފަހު އެ ފައިސާ އަނބުރައި ދައްކާއިރު ދަރަންޏަށް ނެގި ޢަދަދަށްވުރެ އިތުރަށް އެންމެ ލާރިއެއް ދޭން ބުނި ކަމުގައިވީނަމަވެސް އެއީ ޙަރާމް ވެގެންވާ ރިބާ އެވެ.
(ޙަޤީޤަތަކީ ބެންކުން އޭނާއަށް އެދެވެނީ ލޯނެކެވެ. ނަގުދު ފައިސާ ގޮތުގައި ނޫޓު ނުދިނަސް އެދެވުނީ ފައިސާގެ ލޯނެކެވެ. އެ ފައިސާގެ ލޯނު އަނބުރައި ދައްކާހިނދު، ވަކި މުއްދަތެއްގެ ފަހުން އެއަށް ޕަސެންޓް އިތުރުކޮށް ދިނުމަށް އެއްބެސްވުމެވެ.)
އަދި މިފަދައިން އަނބުރާ ދޭން އެއްބަސް ވުންވެސް ހަރާމް ވާނެ އެވެ.
ފަހެ، ކުރެޑިޓް ކާޑު ނަގާ މީހާ އެ ކުރެޑިޓް ކާޑް ދޭ ބެންކު ނުވަތަ އެހެންތަނަކާއި ކުރާ އެއްބަސް ވުމަކީ މި އެވެ. އޭނާގެ އަތުގައި ފައިސާ ނެތް ކަމުގައިވީނަނަވެސް އޭނާއަށް ކުރަންޖެހޭ ވިޔަފާރިއެއް ބޭންކުގެ ލާރިން ކޮށްދޭނެ ކަމެވެ. ފަހެ އެހިނދު އެމީހާ އެވަނީ ބޭންކަށް ދަރަނިވެރިވެފަ އެވެ. އެފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ނުދެއްކިއްޖެހިނދު ވަކި އިންސައްތައެއް އެ ފައިސާގެ ތެރެއަށް އިތުރުކޮށް ދިނުމަށް އެއްބަސްވެ އެވެ.
މިއީ ރިބާގެ އެއްބަސްވުމެކެވެ.
جَابِر رضي الله عنه ވިދާޅުވެފައިވެ އެވެ. (لعن رسول الله صلى الله عليه وسلم آكل الربا، وموكله وكاتبه، وشاهديه، وقال هم سواء) ”ރިބާ ކާ މީހާއަށާއި، ރިބާ ދޭ މީހާ، ރިބާ ލިޔެދޭ މީހާއަށާއި، ރިބާއަށް ހެކިވާ ދެ ހެކިވެރިންނަށް رسول الله ﷺ ލަޢުލަން ލައްވާފައިވެ އެވެ. އަދި ޙަދީޘްފުޅު ކުރެއްވި އެވެ. އެ އެންމެހައި ފަރާތްތައް ފާފައިގައި ހަމަހަމަވެގެންވެ އެވެ.“
މި ޙަދީޘް مسلم ޞަޙީޙުގައި ރިވާކޮށްފައިވެ އެވެ.
وقال هم سواء ޔަޢުނީ ލަޢުނަތުގައި ހަމަހަމަވެގެންވެ އެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (دِرهمُ رِبًا يأكلُه الرجلُ، و هو يعلمُ، أشدُّ عندَ اللهِ من سِتَّةٍ و ثلاثِينَ زَنْيةً) ”އެމީހަކަށް އެނގިހުރެ، ރިބާގެ ގޮތުގައިވާ ފައިސާފޮއްޗެއްގެ މިންވަރު ކެއުން ﷲ ހަޟުރަތުގައި ތިރީސް ހަ ފަހަރު ޒިނޭ ކުރުމަށްވުރެ ނުބައިކަން ބޮޑުވެގެންވެ އެވެ.“ صحيح الجامع ( 3375 )
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (الرِّبا اثَنانِ و سبعونَ بابًا، أَدْناها مثلُ إِتْيانِ الرجلِ أُمَّهُ) ”ހަތްދިހަ ދެ ބާވަތުގެ ރިބާ ވެ އެވެ. އެ ބާވަތްތަކުގެ ތެރެއިން އެންމެ ދަށް ބާވަތުގެ މިޘާލަކީ ފިރިހެނަކު އޭނާގެ މަންމައާ އެއްދާން ކުރުމެވެ.“ السلسلة الصحيحة 1871
ދަންނަހުއްޓެވެ! މިއީ ރިބާ ނުކެއުމަށާއި އަދި ރިބާގެ ވިޔަފާރި ނުކުރުމަށް ކަނޑައެޅިގެން ބަޔާންވެގެންވީހިނދު، އޮޅުވާލުމާއި މަކަރާއި ހީލަތްތެރި ގޮތްތަކުން ރިބާ ކެއުމަށް ގެނެސްފައިވާ މަގުތައް މެނުވީ ނުވެ އެވެ.
މިއަދު މިފަދަ ކިތައް ކިތައް ހީލަތްތެރި މަގުތަކެއް އެބައިމީހުން ގެނެސްފައިވޭ ހެއްޔެވެ؟
މިއީ އެންމެ މުޑުދާރު އަދި އެންމެ ނުބައި އާމްދަނީގެ ތެރެއިން ހިމެނިގެންވާއިރު، އެއްބަޔަކަށް މިފަދަ ކާޑުތައް ހުށަހަޅައި ނެގުމަކީ މިއަދު މި ޒަމާނުގައި ފަޚުރަކަށް ވެއްޖެކަމީ ނުހަނު ހިތާމަހުރި ކަމެކެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْ مُؤْمِنِينَ) ”އޭއީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށް ތިޔަބައިމީހުން ތަޤްުވާވެރިވާށެވެ. އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ، ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ.]
عَبد الله بن مَسعُود رضي الله عنه ވިދާޅުވެފައިވެ އެވެ. ”އެންމެ ނުބައި ވެގެންވާ އާމްދަނީ އަކީ ރިބާގެ އާމްދަނީ އެވެ.“ صحيح/ابن أبي شيبة ٣٥٦٩٤
الإِمَام مَالك -رحمه الله- ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން އަހަރެން ﷲގެ ފޮތަށް ނަޟަރުހިންގައި ބެލީމެވެ. އަދި އެ އިލާހުގެ ރަސޫލާގެ ސުންނަތް ބެލީމެވެ. ރިބާ އަށްވުރެ (ޢަޛާބާއި ޢުޤޫބާތުގައި) ގަދަފަދަ އެއްޗެއް ނުދެކެމެވެ. ސަބަބަކީ ﷲވަނީ އެއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިޛުނަ ދެއްވައިފައި އެވެ.“ تفسير القرطبي ٤٠٥/٤
ކޮންމެ ފަދަ ވަޞީލަތެއް ބޭނުންކޮށްގެން ކަމުގައިވީނަވެސް، ދަރަންޏެއް ގޮތުގައި ބޮލުގައި އެޅޭ ފައިސާގެ މިންވަރުން އެއްވެސް އެއްޗެއް އިތުރަށް އެފައިސާއަށް ނިޞްބަތްކޮށް ދިނުން ހުއްދައެއް ނުވާނެ އެވެ. އަދި އެފަދަ ޙަރާމް ރިބާއެއް ދިނުމަށް އެއްބަސްވެސް ނުވެވޭނެ އެވެ. ސަބަބަކީ ޙަރާމް ކަމަކަށް ރުހުމަކީވެސް ފާފައެއް ކަމުގައިވާތީ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.