ކުދިން ނިދާއިރު ޤުރުއާން ޖަހާފައި ބެހެއްޓުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

ސުވާލު:“ކުޑަކުދިން ނިންދަވާފަ ވަރަށް ގިނަ މީހުން ޤުރުއާން ޖަހާފަ ބަހައްޓާ. މިގޮތަށް ޤުރުއާން ޖަހާފަ، ކައިރީގައި އިންނަ ބަލަދުވެރިޔާ ފޯނާ ކުޅުމަށް ނުވަތަ ވާހަކައެއް ކިޔުމަށް ނުވަތަ އެހެން ކަމަކާ މަސްޢޫލުވެ އުޅޭ”. މިގޮތަށް ޤުރުއާން ޖެހުމަކީ ކޮންކަހަލަ ކަމެއް ތޯ؟ އަދި މި ގޮތަށް ޤުރުއާން ޖަހާފިއްޔާ ހުރިހާ ކަމެއް ހުއްޓާލާފަ ޤުރުއާން އަޑު އެހުމަށް މަސްޢޫލުވާން ޖެހޭނެ ތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ޤުރުއާން ޖަހާފައި ބެހެއްޓުމާއި މެދުގައި ބުނަމެވެ. ﷲ ވަޙީ ކުރެއްވި އެވެ.

(وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ) الأعراف 204

މާނައަކީ : އަދި ޤުރުއާން ކިޔެވިއްޖެނަމަ ތިޔަބައިމީހުން އެއަށް ކަނުލައި އަޑުއަހާށެވެ. އަދި ހަނު ތިބުން ހުއްޓެވެ. (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.

ވޭތުވެދިޔަ ޤަރުނުގައި ތަފްސީރު ޢިލްމުގައި ކުރިއަރައި ވަޑައިގެންނެވި އިމާމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ الشيخ العلامة عبد الرحمن بن نَاصر السعدي -رحمه الله- ވިދާޅުވެފައި ވެއެވެ. “ހަނު ތިބުން ވަނީ ބޭރުފުށުންނެވެ. ވާހަކަ ދެއްކުން ދޫކޮށްލުމާއި އަޑު އެހުމުން ދުރުކުރުވާ ކަންތައްތައް ދޫކޮށްލުމެވެ. ދެންފަހެ، ޤުރުއާން ކަނުލައި އަޑުއެހުން، އެކަން ކުރާނެ ގޮތަކީ، އޭނާގެ ކަންފަތް އެކަމަށް ހުސްކުރުމެވެ. އަދި އޭނާގެ ހިތް ހާޟިރު ކުރުމެވެ. އަދި އޭނާއަށް އަޑުއިވޭ އާޔްތަކާއި މެދު ވިސްނައި ފިކުރު ކުރުމެވެ. ފަހެ، ﷲގެ ފޮތް ކިޔެވޭހިނދު މި 2 ކަމަށް (ހަނުތިބުން، ކަނުލައި އަޑު އެހުމާއި) މުލާޒާމާ (މެދު ނުކެނޑި ޢަމަލު) ކޮށްފި މީހަކު ނަމަ، ފަހެ، ހަމަކަށަވަރުން އޭނާއަށް ބައިވަރު ހެޔޮކަމާއި، ގިނަ ޢިލްމާއި، އާވެގެންދާ މެދުނުކެނޑެކޭ އީމާންތެރިކަމާއި، އިތުރުވެގެންދާ ހިދާޔަތާއި، އޭނާގެ ދީނުގައި ބަޞީރާ (ޢިލްމު) ޢިލްމު ޙާޞިލްވެގެންދާނެ އެވެ”.

އަޚާ އެވެ! މި ބަސްފުޅުތަކާއި ސުވާލުގައި ޛިކުރު ކޮށްފައިވާ ޢަމަލު އަޅާ ކިޔާލުން ހުއްޓެވެ! ޤުރުއާން ޖަހާފައި ބަހައްޓާފައި، ގޭމް ކުޅުމާއި، ވާހަކަ ކިޔުމާއި، ސޯޝަލް މީޑިޔާގައި ޗެޓް ކުރުމާއި، މަޖާ ކުރުމާއި މިފަދައިން ކިޔާނެ ކަމެއް ނެތެވެ. ފަހެ، މިފަދަ އިންސާނާގެ ނަފްސަށް ބުނެލުން ހުއްޓެވެ. ޤުރުއާނަށް ދެވޭ މަތިވެރިކަމާއި، ޤަދަރާއި މާތް ކުރުމަކީ ތިޔައީ ތޯ އެވެ؟ ޚާލިޤްވަންތަ ﷲ، ފަރުބަދައެއްގެ މައްޗަށް އެއިލާހު އެ ޤުރުއާން ބާވައިލެއްވި ނަމަ، އެ ބޮޑު، ވަރުގަދަ ފަރުބަދަ ބިރުވެތިކަމާއެކު ފުނޑުފުނޑުވެ ކުދިކުދިވެގެން ދާނެކަމަށް ﷲގެ ވަޙީބަސްފުޅުގައި ވެއެވެ. އެހެނަސް އިންސާނާގެ ޢަމަލު ހުރިގޮތް ވިސްނާލުން ހުއްޓެވެ.

އަޚާ އެވެ! މިއީ ޤުރުއާން ހަޖުރު ކުރުމުގެ (ޤުރުއާން ދޫކޮށްލުން، ޤުރުއާން ޤަދަރުކުޑަކޮށްލުން، ޤުރުއާން އެއްޗެއްކަމުގައި ނުހެދުން) ތެރެއަށް ވަނުމުގެ ތެރެއަށް ވަންނާނެ ކަމާއި މެދުގައި ބިރުވެތިވަމެވެ.

(وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَٰذَا الْقُرْآنَ مَهْجُورًا) [ރަސޫލާ ވިދާޅުވި އެވެ. އަޅުގެ ވެރި އިލާހު! ހަމަކަށަވަރުން ތިމަންއަޅާގެ ޤައުމުގެ މީހުން މި ޤުރުއާނަކީ ޙަޖްރު (އެއްކިބާކޮށް، ދޫކޮށްލާފައިވާ) އެއްޗެއްގެ ގޮތުގައި ހަދައިފިއެވެ].

އަޚާ އެވެ! ގޭތެރޭގައި ޓީވީ ޕްރޮޤްރާމެއް އަޅުވާފައިހުރެ، ގޭގައިވާ މިސްތަކުން އެމީހަކު ކުރަން ބޭނުންވާ ކަމެއްގައި މަޝްޣޫލުވެ އުޅޭހިނދު ބުނާނީ ކީކޭ ހެއްޔެވެ؟ އެއީ އެއްވެސް ސަމާލުކަމެއް، އެއްވެސް އަޅާލުމެއް ދެވޭ އެއްޗެއް ކަމުގައި ނުވޭ ނޫންތޯއެވެ؟ ފަހެ ޤުރުއާނާއި މެދުގައި އޮތީ މިހެން ތޯއެވެ؟ ވިސްނާލުން ހުއްޓެވެ! ބުއްދިއަށް ތަޞައްވުރު ކޮށްލުން ހުއްޓެވެ. ބައެއް ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާން ކުރަމެވެ.

الإِمَام مُحمَّد بن صَالح العُثَيمِين -رحمه الله- ވިދާޅުވެފައިވެއެވެ. ”މީސްތަކުން އެހެނިހެން ކަންތަކުގައި މަޝްޣޫލުވެފައިވާހިނދު ޤުރުއާން ޖެހުމާމެދު ސުވާލުކުރި އަޚާއަށް ބުނަމެވެ. ޤުރުއާން ނުޖަހާށެވެ. (މިކަމުގައި އަހަރެން ދެކެނީ) ﷲ އެބަޔަކާމެދު ވަޙީކުރައްވާފައިވާ މީސްތަކުންނާ މިބައިމީހުންނާ އެއްވަތްތަރު ވުމެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَقَالَ الَّذِينَ كَفَرُوا لَا تَسْمَعُوا لِهَٰذَا الْقُرْآنِ وَالْغَوْا فِيهِ لَعَلَّكُمْ تَغْلِبُونَ

އަދި ކާފަރުވީމީހުން ބުންޏެވެ. ތިޔަބައިމީހުން މި ޤުރުއާން އަޑު ނާހާށެވެ. (އަދި ޤުރުއާން ކިޔެވޭހިނދު) ތިޔަބައިމީހުން އަޑުގަދަ ކުރާށެވެ. އެއީ ތިޔަބައިމީހުން ގަދަވެގަނޭތޯއެވެ.

ތިބާގެ އަޚުންވަނީ އެބައިމީހުން އެކަކުއަނެކަކާ ވާހަކަ ދެއްކުމުގައި މަޝްޣޫލުވެގެންނެވެ. ފަހެ، އެހިނދު ޤުރުއާން ނުޖަހާށެވެ…“.

htp://bit.ly/2N26Hn3

އަދިވެސް ވިދާޅުވެފައިވެއެވެ. الإِمَام العَلَّامَة مُحمَّد بن صَالح العثيمين -رحمه الله- ވިދާޅުވެފައިވެ އެވެ.

”ޤުރުއާން ރެކޯޑުކޮށް އެއްޗަކުން ޖަހައި އެއިން ޤުރުއާން ކިޔަވާ މީހާގެ އަޑު އިވޭ ހިނދުގައި ވާހަކަ ދައްކާ ހަދާނަމަ: އެއްގޮތަކީ އެ އެއްޗެއް ނިއްވާލުމެވެ. އަނެއް ގޮތަކީ ޤުރުއާން އަޑު އެހުމަށްޓަކައި ތިބުމެވެ“.

لقاء الباب المفتوح: [٦]

الشَّيخُ د. العَلاَّمَة صَالح الفَوْزَان حفظه الله ވިދާޅުވެފައިވެ އެވެ. ”ތިބާ ޤުރުއާން އަޑުއަހާ ކަމުގައިވާނަމަ އެއީ ހެޔޮވެގެންވާ ކަމެކެވެ. އެހެނަސް ތިބާ ޤުރުއާން އަޑު ނާހައި، ނިދާ ކަމުގައިވާނަމަ، އެއީ ތިބާއަށް އެއްވެސް ފައިދާއެއް ވާނެ ކަމެއް ނޫނެވެ“.

htps://goo.gl/JS9s76

މިއީ މުޅި ދުނިޔެ، މުޅި އުއްމަތް އެބޭކަލުންގެ ޢިލްމަށް އިތުބާރު ލިބިގެންވާ ބޭކަލުންގެ ބަސްފުޅުތަކެވެ. ދުނިޔެމަތީގައި އެބޭކަލުންގެ ޢިލްމުގެ މައްޗަށް ފުރިހަމައަށް އިތުބާރު ކުރެވޭ ބޭކަލުންގެ ޢިލްމު ހޯދާ ކަމުގައިވާ ނަމަ މި ބޭކަލުންގެ ބަސްފުޅުތަކަށް ރުޖޫޢަވުން ހުއްޓެވެ. އުއްމަތުގެ މިފަދަ ޢިލްމުވެރިންގެ މައްޗަށް ބަސްބުނެ، ޢަމަލު ކުރާ، ފިތުނައިގެ އަހުލުވެރިންގެ ބަސްތަކުން ސަލާމަތްވުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply