ޙައްޖުވެރިންގެ ޢަމަލުތަކުގެ ތެރެއިން – ޙައްޖުވެރިން ޢަރަފާތުގައި ތިބުން
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
1- عَرَفة ދުވަހަށް އިރު އެރުމަށް ފަހު، مِنَى އިން عَرَفة އަށް ދިޔުން މުސްތަޙައްބު ވެގެންވެ އެވެ. އެއީ صَحِيحُ مُسْلِم (2950) ގައި جَابِر رضي الله عنه ގެ އަރިއަހުން ވާރިދުވެފައިވާ ދިގު حَدِيث ގައިވާ ފަދައިންނެވެ.
(غَدَوْنَا مَعَ رَسُوْلُ الله ﷺ مِنْ مِنَى إِلَى عَرَفَات، مِنَّا المُلَبِّي، وَمِنَّا المُكَبِّر) ”އަހަރެމެން رَسُوْلُ الله ﷺ އަރިއަހުގައި مِنَى އިން عَرَفة އަށް އެދުވަހުގެ ހެނދުނުގެ ވަގުތުގައި ދިޔައީމެވެ. އަހަރެމެންގެ ތެރެއިން އެއްބަޔަކު ތަލްބިޔާ ކިޔުމުގައި އަދި އަނެއް ބަޔަކު ތަކްބީރު ކިޔުމުގައިވިއެވެ.“
ޙަދީޘްއިން ބަޔާންވަނީ، އިޙްރާމުގައިވާ މީސްތަކުން ތަލްބިޔާ ކިޔުމާއި އަދި ތަކްބީރު ކިޔުންވެސް ވެ އެވެ. އަދި އެއީ ތަނަވަސް ވެގެންވާ ކަމެކެވެ.
ވުމާއެކު، ޙައްޖުމަހުގެ 8 ވަނަ ދުވަސް (ޔަޥްމު ތަރްވިޔާ) ގައި މިނާގައި ތިބެ، މެންދުރު، ޢަޞްރު، މަޣްރިބް، ޢިޝާ އަދި 9 ވަނަ ދުވަހުގެ ފަތިސް ނަމާދު ކުރުމަށްފަހު، އިރު އެރުމާއެކު މިނާއިން ޢަރަފާތަށް ދާނީ އެވެ.
ދަންނައެވެ! މިނާގައި ތިބެންޖެހޭ ރޭގައި، ޢަރަފާތް ދުވަހު ވިލޭރޭގައި ޢަރަފާތަށް ދިއުމަކީ އެއްވެސް ގޮތަކަށް ދީނުގައި ކަނޑައެޅިފައިވާ ޢަމަލެއް ނޫނެވެ.
ދަންނަންޖެހެ އެވެ!
ނަބިއްޔާ ﷺ އަރިހުގައި އެއްލައްކަ ޞަޙާބީން ޙައްޖު ކުރެއްވި އެވެ. އެއީ އެ ޒަމާނާއި އަޅާ ބަލާއިރު މަދު ޢަދަދެއް ނޫނެވެ. ފަހެ، އެ އެންމެހައި ބޭކަލުން، ޢަރަފާތް ދުވަހުގެ ހެދުނު ވަޤުތުގައި ޢަރަފާތަށް ވަޑައިގެންނެވި އެވެ.
މިއަދު ދަތުރުގެ ވަޞީލަތްތަކާއި އަދި މަގުތަކުގެ ވަޞީލަތްތަކުން މިޒަމާނުގައި ޙައްޖު ކުރާ މީސްތަކުން ޢަރަފާތް ދުވަހުގެ ހެދުނު ވަޤުތުގައި މިނާއިން ޢަރަފާތަށް ނުދެވޭނެ ކަމުގައި ބުނާނީ ކިހިނެތް ހެއްޔެވެ؟
2. ޢަރާފާތަށް އާދެވުމުން އެތަނަށް ފައިބާނީ އެވެ. އަދި ޢަރަފާތުގެ އެކިއެކި ދިމާލުގައި ޖަހާފައިވާ ބޯޑުތަކުން އެމީހަކު ޢަރަފާތުގައި ހުރިކަން ޔަޤީންކުރަންވާނެ އެވެ.
ސަބަބަކީ عَرَفة ގައި ހުރުމަކީ حَجُّ ގެ ރުކުނެކެވެ. އެ ރުކުން އަދާކޮށްގެން މެނުވީ حَجُّ ފުރިހަމައެއް ނުވާނެ އެވެ. النَّبِيُّ ﷺ حَدِيْثُ ކުރެއްވި އެވެ. (الحج عرفة) ”ޙައްޖަކީ عَرَفة އެވެ.“
3- عَرَفة ގައި ތިބުމުގެ وَقُت (ޒަމާން) عَرَفة ދުވަހު އިރު މެދުން ފިލީއްސުރެން ފެށިގެން ޢީދު ވިލޭރޭ ފަތިސް ވަގުތާ ޖެހެން ދެން ދެމި އޮންނާނެ އެވެ. ސަބަބަކީ جَابِر رضي الله عنه ގެ حَدِيْث ގައި ބަޔާން ވެގެންވާ ފަދައިން النَّبِيُّ ﷺ عَرَفة ދުވަހުގައި عَرَفة ގައި ޤާއިމުވެ ހުންނެވީ އެދުވަހުގެ އިރު މެދުން ފިލީއްސުރެ ފަށައިގެންނެވެ.
عُرُوَة بِن مُضَرِّس ގެ حَدِيْث ގައި ޛިކުރު ކުރެވިގެންވާ ފަދައިންނެވެ. ވިދާޅުވި އެވެ. (أتيت رسول الله ﷺ بالموقف يعني بجمع، قلت: جئت يا رسول الله من جبل طيء، أكللت مطيتي وأتعبت نفسي، والله! ما تركت من حبل إلا وقفت عليه، فهل لي من حج؟ فقال رسول الله : من أدرك هذه الصلاة وأتى عرفات قبل ذلك ليلاً أو نهاراً فقد تمَّ حجه وقضى تفثه) ”ތިމަން ޞަހާބީ رَسُوْلُ الله ﷺ އަރިއަހަށް މައުޤިފުގައި –މުޒްދަލިފާ- ގައި ދިޔައީމެވެ. އަދި ދެންނެވީމެވެ. ”އޭ ﷲގެ ރަސޫލާ އެވެ. ތިމަން މިއައީ ޠައްޔު ފަރުބަދައިންނެވެ. އަހަރެންގެ ޖަނަވާރު ވަރުބަލިކޮށްލުވައިފީމެވެ. އަދި އަހަރެންގެ އަމިއްލަ ނަފްސުވެސް ވަރުބަލި ކުރުވައިފީމެވެ. ﷲ ޤަންދީބުނަމެވެ. އެއްވެސް އުސް ވެލިގަނޑެއް އޭގެ ނުހުއްޓި އެއްވެސް ތަނެއް ދޫނުކުރަމެވެ. ފަހެ، ތިމަން ޞަޙާބީއަށް ޙައްޖުވޭތޯ އެވެ؟“ ދެންފަހެ، ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. ”މި ނަމާދު (މުޒްދަލިފާގައި ފަތިސްނަމާދު) ލިބިއްޖެ މީހާ އަދި އޭގެ ކުރިން ރޭގަނޑުގައި ނުވަތަ ދުވާލުގައި ޢަފަރާތަށް އަތުވެއްޖެނަމަ، ފަހެ، ހަމަކަށަވަރުންވެސް އޭނާގެ ޙައްޖު ފުރިހަމަވެއްޖެ އެވެ. އަދި ޙައްޖުގެ މަނާސިކުތައް ނިންމައިފި އެވެ.“
4. ދުވާލުގެ ވަގުތު ގައި عَرَفة ގައި ޤާއިމު ވެއްޖެ މީހާ عَرَفة އިން ނުކުތުން އޮތީ އެދުވަހުގެ އިރު އޮއްސުމަށް ފަހުގަ އެވެ. އޭގެ ކުރިއަކުން ނޫނެވެ. އިރު އޮއްސުމުގެ ކުރިން ނިކުމެއްޖެމީހާ އެހިނދު އެވަނީ ޙައްޖުގެ ވާޖިބެއް ދޫކޮށްފަ އެވެ.
ވުމާއެކު ޢަރަފާތުގައި އެދުވަހުގެ އިރު އޮއްސެންދެން ތިބެންޖެހޭނެ އެވެ.
5- ޙައްޖުވެރިން عَرَفة ގައި الظُّهر އަދި العَصر ނަމާދު، މެންދުރުގެ ކުރީ ކޮޅުގައި قَصْرُ ކޮށް އަދި ޖަމްޢުކޮށް ކުރާނީ އެވެ. އެއީ އެއް ބަންގި އަދި ދެ ޤަމަތް ދިނުމާ އެކުގަ އެވެ. جَابِر رضي الله عنه ގެ حَدِيْث ގައި ބަޔާންވެގެންވާ ފަދައިންނެވެ. އަދި رَسُوْلُ الله ﷺ އަށް އިޤްތިދާޢުވުމުގެ ގޮތުން އިމާމް ނުވަތަ އިމާމްގެ ނާއިބަށް الظُّهر އަދި العَصر ގެ ކުރިން ޚުޠުބާއެއް ދިނުން މުސްތަޙައްބު ވެގެންވެ އެވެ.
6- عَرَفة ގައި ޤާއިމްވެ ހުރުމަށް، عَرَفة ގެ ކޮންމެ ތަނެއްވެސް قِبْلَة އަށް ކުރިމަތިލާ ޤާއިމްވެ ހުރުމަށް އެކަށީގެންވެ އެވެ. މި މަތިވެރި މާތް ވެގެންވާ ދުވަހުގައި ތަލްބިޔާ ކިޔުން މަތީ، ޛިކުރުކުރުމާއި އަދި ދުޢާ ކުރުން ގިނަ ކުރުން ހުއްޓެވެ. އަދި ﷲ ގެ حَضْرَة ށް ދެރަ ނިކަމެތިވެ އާދޭހާ އެކު ދުޢާކޮށް، ދުނިޔޭއާއި އާޚިރަތުގެ އެންމެހައި ހެޔޮ ކަންތަކަށް އެދި ދެންނެވުން ހުއްޓެވެ.
މިފަދަ މާތް މަތިވެރި ދުވަހެއް އެއްބަޔަކު އެކިއެކި ކަންތަކާ މަޝްޣޫލުވެ ދުނިޔެވީ ބޭނުންތަކަށް އަގެއްނެތް ކަންތައްތައް ކުރުމަކީ ހިތާމަ ހުރި ކަމެކެވެ.
މި މާތް މަތިވެރި ދުވަހުގައި عَرَفة ގެ އެތަން މި ތަނަށް ދިޔުމާއި، جَبَلُ الرَّحْمَة އޭ ކިޔުނު ފަރުބަދަ އަށް ގޮސް އެ ތަނަށް އެރުމާއި މި ފަދަ ކަންތައްތަކުގައި ނަފްސު މަޝްޣޫލު ކޮށްގެން ނުވާނެ އެވެ. ސަބަބަކީ މި ކަންތަކަށް އެއްވެސް ދަލީލެއް ވާރިދު ވެފައެއް ނުވެ އެވެ.
7- عَرَفة ދުވަހުގެ މަތިވެރި ކަމުގެ މައްޗަށް އަދި عَرَفة ގައި ޤާއިމްވެ ހުރުމުގެ މަތިވެރިކަން ވާރިދުވެގެންވާ ރިވާޔަތުގެ ތެރޭގައި، النَّبِيُّ ﷺ حَدِيثُ ބަސްފުޅު ހިމެނެ އެވެ.
(مَا مِنْ يَوْم أَكْثَر مِنْ أَنْ يَعْتِق الله فِيْهِ عَبْداً مِنَ النَّارِ مِنْ يَوْم عَرَفَة، وَإِنَّهُ لَيَدْنُوْ ثُمَّ يُبَاهِيْ بِهِمْ المَلاَئِكَة، فَيَقُوْل: مَا أَرَادَ هَؤُلاَءِ؟) ”عَرَفة ދުވަހަށް ވުރެ ގިނައިން އެ ދުވަހެއްގައި ﷲ އެ އިލާހުގެ އަޅުތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހެއް ނުވެ އެވެ. ހަމަކަށަވަރުން އެ އިލާހު މީސްތަކުންނާ އެ ދުވަހުގައި ކުއްތަންވެ ވޮޑިގެންނަވާނެ އެވެ. އެއަށް ފަހު އެ އިލާހު މަލާއިކަތުންގެ މައްޗަށް ފަޚުރުވެ ވޮޑިގެންނަވާ وَحِي ކުރައްވާނެ އެވެ. ”އެބައިމީހުން ބޭނުންވަނީ ކޮން ކަމެއްތޯ އެވެ؟“
8. عَرَفة ދުވަހުގެ دُعَاء ގެ މަތިވެރިކަން رَسُولُ الله ﷺ ގެ حَدِيثُ ފުޅުން ވާރިދުވެގެންވެ އެވެ.
النَّبِيُّ ﷺ ކުރެއްވިއެވެ. (خَيْرُ الدُّعَاِء دُعَاء يَوْم عَرَفَة، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيونَ مِنْ قَبْلِي: لَا إِلَه إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ المْلُكْ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْر) ”އެންމެ ހެޔޮ ދުޢާ އަކީ عَرَفة ދުވަހުގެ ދުޢާ އެވެ. ތިމަން ނަބިއްޔާ އަދި ތިމަން ނަބިއްޔާ އަށް ވުރެ ކުރިން އިސްވެވަޑައިގެންނެވި ނަބިއްޔުން ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ لَا إِلَه إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ المْلُكْ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْر އެވެ.“
މި حَدِيثُ ރިވާ ކުރެއްވީ عَبدُ الله بْنُ عُمَر رضي الله عنهما ގެ އަރިއަހުން الترْمِذِي (3085) އެވެ.
ޢަރަފާތް ދުވަހަށް އެދުވަހުގެ މަތިވެރިކަމާއި މާތްކަން ޙާޞިލް ކުރުމަށް ނަބީބޭކަލުންނާއި ރަސޫލުބޭކަލުން عليهم الصلاة والسلام ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ މި އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ.
ވުމުން، އެންމެހައި ޛިކުރުތަކާއި ވިރިދުތަކުގެ މައްޗަށް މި ޛިކުރު އިސްވެގެންވެ އެވެ. މި ޛިކުރު އެދުވަހުގައި ކިޔުން ގިނަ ކުރުން ހުއްޓެވެ.
ފަހުގެ ދުވަސްތަކުގައި ދުނިޔެ ދޫކުރެއްވި ބޮޑެތި ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة صَالح اللُّحَيْدان -رحمه الله- ވިދާޅުވެފައިވެ އެވެ. “ ޢަރަފާތުގައި ހުންނަ މީހާ ޤުރުއާން ކިޔެވުމަށްވުރެ،ޛިކުރު ކުރުމުގައި ދެމިހުރުން ހެޔޮކަން ބޮޑުވެގެންވެ އެވެ.
ކީރިތި ޤުރުއާނަކީ އެންމެ ހެޔޮވެގެންވާ ކަލާމްފުޅު (ބަސްފުޅު ކަމާއި މެދުގައި) އެއްވެސް ޝައްކެތްނެތެވެ.
އެހެނަސް ކޮންމެ ތަނަކަށް އެތަނަކަށް ޚާއްޞަވެގެންވާ ކަންތައްތަކެއްވެ އެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅު ކުރެއްވި އެވެ. ”އެންމެ ހެޔޮވެގެންވާ ދުޢާ އަކީ ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާ އެވެ. ތިމަން ނަބިއްޔާ އަދި ތިމަން ނަބިއްޔާ އަށްވުރެ ކުރިން އިސްވެދިޔަ ނަބިއްޔުން ޢަރަފާތް ދުވަހުގައި ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ މިއެވެ. لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَشَرِيْكَ لَهُ، لَهُ المُلْكُ، وَلَهُ الحَمْدُ، وهُوَ عَلَى كُلِّ شَيْءٍ قدير“ حقيقة الحج والإستعدادات اللازمة له
ޢަރަފާތުގައި ޤާއިމްވެ ހުންނަ މީހާ، ދުޢާ ކުރުމުގައި ދެއަތް އުފުލައިގެން ދުޢާ ކުރުން ވާރިދުވެގެންވެ އެވެ. އަދި އަބަދުވެސް ޤިބްލައަށް ކުރިމަތިލައިގެން ދުޢާ ކުރުމަށް އިސްކަން ދިނުން ހުއްޓެވެ.
9. މި ދުވަހުގައި ދުޢާކުރުމަށް އެންމެ މޮޅު އިތުރުވެގެންވާ ވަޤުތަކީ އެ ދުވަހުގެ މެންދުރު ނަމާދާއި ޢަޞްރު ނަމާދުކޮށް ނިމުމަށްފަހު، އިރުއޮއްސުމަށް ދާންދެނެވެ.شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެންމެ މަތިވެރި، ހެޔޮ ވެގެންވާ ދުޢާއަކީ ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާ އެވެ. ފަހެ، ހަމަކަށަވަރުން (އެ ދުވަހު ދުޢާ ކުރުމަށް މާތްވެގެންވާ ވަޤުތަކީ) މެންދުރާއި ޢަޞްރު ނަމާދުގެ ފަހުގެ ވަޤުތެވެ.“ الاستغاثة ٢٨٢
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
