އިރު އޮއްސުމުގެ ކުރިން އަންހެނަކު ޙައިޟުން ތާހިރުވީ އެވެ. ނުވަތަ ފަތިސް ވުމުގެ ކުރިން އަންހެނަކު ޙައިޟުން ތާހިރުވީ އެވެ. މި އަންހެން މީހާގެ މައްޗަށް އެހިނދު އެ ދުވަހުގެ ނަމާދު ކުރުން ކަނޑައެޅިފައިވަނީ ކޮން ސިފައަކަށް ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އިރު އޮއްސުމުގެ ކުރިން އަންހެނަކު ޙައިޟުން ތާހިރުވީ އެވެ. ނުވަތަ ފަތިސް ވުމުގެ ކުރިން އަންހެނަކު ޙައިޟުން ތާހިރުވީ އެވެ. މި އަންހެން މީހާގެ މައްޗަށް އެހިނދު އެ ދުވަހުގެ ނަމާދު ކުރުން ކަނޑައެޅިފައިވަނީ ކޮން ސިފައަކަށް ހެއްޔެވެ؟
ދަންނަ އެވެ.
އިސްލާމް ދީނުގައި ޢުޛުރުވެރި ޙާލަތެއް ދިމާވެ އެ ޢުޛުރުވެރި ޙާލަތު ދެމިގެންދާ މީހާއަށް ނަމާދު ޖަމްޢުކުރުން ހުއްދަވެގެންވެ އެވެ. އެ ގޮތުން ބަލި ޙާލަތުގައިވާ މީހާ އެވެ.
ބަލި ޙާލަތުގައިވާ މީހާއަށް، މެންދުރު ނަމާދު އަޞްރު ނަމާދުގެ ވަޤުތައް ލަސްކޮށް، ޢަޞްރު ވަޤުތުގައި މެންދުރާއި ޢަޞްރު ނަމާދު، ދެ ނަމާދު އެއްވަޤުތެއްގައި ކުރުން ކަނޑައެޅިފައިވެ އެވެ. އެބަހީ 2 ނަމާދު ޖަމްޢު ކުރުމެވެ.
އެއީ، އެންމެ ފުރަތަމަ މެންދުރު ނަމާދު 4 ރަކުޢަތަށް ކޮށް ސަލާމް ދޭނީ އެވެ. އަދި އެއަށްފަހު ޢަޞްރު ނަމާދު 4 ރަކުޢަތަށްކޮށް ސަލާމް ދޭނީ އެވެ.
މި ގޮތުގެ މަތިން، ޙައިޟުވެރިކަމުގައި އަންހެނަކު މެންދުރުވަގުތުގައިވެސް ދެމިހުރީ އެވެ. އަދި ޙައިޟު ޢަޞްރު ވަޤުތާއި ޖެހެންދެން ދެނި އޮތެވެ. އަދި ޢަޞްރު ނަމާދުގެ ވަޤުތުގެ ތެރޭގައި ލޭ ހުއްޓުނެވެ.
މިފަދަ މިޘާލަކީ، އަންހެނަކު މަޣްރިބް ވަޤުތު ވަތްހިނދު ޙައިޟުގައިވެ އެވެ. އަދި އެގޮތުގައި އެ ރޭގެ ފަތިސް ވަގުތު ވަނުމުގެ ކުރިން ތާހިރުވީ އެވެ.
މި ޙާލަތުގައި ހިނައި ތާހިރުވެ އަންހެން މީހާ މަޣްރިބް ނަމާދު އަދި ޢިޝާ ނަމާދު ކުރުން ކަނޑައެޅިފައިވެ އެވެ.
އެގޮތުން ފުރަތަމަ މަޣްރިބް ނަމާދު 3 ރަކުޢަތަށް ކުރާނީ އެވެ. އަދި އެއަށްފަހު ޢިޝާ ނަމާދު 4 ރަކުޢަތަށް ކުރާނި އެވެ.
މިފަދައިން ނަމާދު ކުރުން ކަނޑައެޅިފައިވާކަން ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އަދި މާތް ނަބިއްޔާގެ ބައެއް އަޞްޙާބު ބޭކަލުން މިފަދައިން ފަތުވާ ދެއްވާފައިވެ އެވެ.
އިމާމް ابن قدامة -رحمه الله- ވިދާޅުވެފައިވެ އެވެ. ”ޙައިޟުވެރި އަންހެނާ އިރު އޮއްސުމުގެ ކުރިން ތާހިރުވެއްޖެނަމަ، މެންދުރު ނަމާދާއި ޢަޞްރު ނަމާދު ކުރުންވެ އެވެ. އަދި ފަތިސް ވުމުގެ ކުރިން ޠާހިރުވެއްޖެނަމަ، މަޣްރިބް ނަމާދާއި ޢިޝާނަމާދު ކުރުންވެ އެވެ. މިފަދައިން މި ބަސްފުޅު ޞަޙާބީ عبد الرحمن بن عوف އާއި ابن عباس އަރިހުން ވާރިދުވެގެންވެ އެވެ. (ތާބިޢީ ބޭކަލުންގެ ތެރެއިން) طاوس އާއި مجاهد އާއި النخعي އަދި الزهري ގެ އަރިހުން ވާރިދުވެގެންވެ އެވެ. އަދި މި ބަސްފުޅު ربيعة އާއި مالك އާއި الليث އާއި الشافعي އާއި إسحاق އަދި أبي ثور ވިދާޅުވެފައިވެ އެވެ.“ المغني (1/238)
ޞަޙާބީ عبد الرحمن بن عوف އާއި ابن عباس އަރިހުން ވާރިދުވެގެންވެ އެވެ. ދެ ބޭކަލުން ވިދާޅުވެފައިވެ އެވެ. ”ޙައިޟުވެރިޔާ ޙައިޟުން ޠާހިރުވީ ފަޖުރުއް ޞާދިޤުގެ އަލިކަން ފާޅުވުމުގެ ކުރިން ރަކުޢަތެއް ކުރެވޭނެ ވަޤުތު އޮއްވަ އެވެ. ފަހެ، މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރުންވެ އެވެ. އަދި އިރު އޮއްސުމުގެ ކުރިން ޠާހިރުވީ އެވެ. އެހިނދު މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކޮށް ކުރާނީ އެވެ.“
ސަބަބަކީ، ޢުޛުރުވެރި ޙާލަތެއް ދިމާވެފައިވާ މީހާއަށް ދެވަނަ ވަޤުތަކީ ފުރަތަމަ ނަމާދުގެ ކުރެވޭނެ ވަޤުތެކެވެ.
ފަހުގެ ދުވަސްތަކުގައި ފާޅުވި އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ العَلاَّمَة محمد بن صالح العثيمين رحمه الله ވިދާޅުވެފައިވެ އެވެ.
”(އަންހެން މީހާ ޙައިޟުން ޠާހިރުވާ ވަޤުތުގެ ގޮތުން) ދެ ނަމާދު ޖަމްޢުކޮށް ކުރަންޖެހޭނެކަން ބަޔާންވެގެންވަނީ ކިހިނަކުންތޯ ބުނެވިއްޖެހިނދު ޖަވާބުގައި ބުނަމެވެ.
އެއަށްއޮތް ޖަވާބަކީ، ޢަޘަރުތަކުގައި އެފަދައިން ވާރިދުވެގެން ވުމާއި، އޭގެ މައްޗަށް ވިސްނައި ނަޟަރު ހިންގާލުމުން ބަޔާންވެގެންވާ ހެކިތަކެވެ.
ދެންފަހެ، އެފަދައިން ނަމާދު ކުރުމުން ޞަޙާބީ ބޭކަލުންގެ ތެރެއިން ޞަޙާބީ عبد الرحمن بن عوف އާއި ابن عباس ގެ އަރިހުން ބަސްފުޅު ވާރިދުވެގެންވެ އެވެ.
ދެންފަހެ، ނަޟަރުހިންގައި ބަލާލުމުން : ދެ ނަމާދު ޖަމްޢުކޮށް ކުރުމަށް ޢުޛުރުލިބި ހުއްދަވެގެންވާ މީހާއަށް ދެވަނަ ނަމާދުގެ ވަޤުތަކީ ފުރަތަމަ ނަމާދު ކުރުމަށްވެސް އޮތް ވަގުތެކެވެ.
ވުމުން، އެފަދައިން ޢުޛުރުވެރި ޙާލުގައިވާ މީހާއަށް ދެވަނަ ނަމާދުގެ ވަޤުތުން މިންވަރެއް ލިބިއްޖެނަމަ، އޭނާއަށް އެ ލިބުނީ ދެނަމާދުގެ ވަޤުތެވެ. (ދެނަމާދުވެސް ޖަމްޢުކޮށް ކުރުމުގެ ވަޤުތެވެ.)“ المجموع (2/562)
ޝައްކެތްވެސް ނެތެވެ. ޖުމްހޫރުންގެ މި ޤައުލަކީ އެންމެ ޢަދުލުވެރި އަދި ޞައްހަވެގެންވާ ބުނުމެވެ. އަދި އެންމެ ރައްކާތެރި ބުނުމެވެ. އަދި ދަލީލާއި ޙުއްޖަތްތަކުގެ މައްޗަށް ބުނެވިފައިވާ ބުނެމެވެ.
މިތަނުގައި ސަމާލުކަމަށް ގެންނަ ނުކުތާއެއްވެ އެވެ.
އެއީ، ގިނަ އަންހެނުން ޙައިޟު (ޝަރީޢަތުގައި) ބަޔާންވެގެންވާ މިންގަނޑުން ކެނޑި ސާފުވެފައިވާ ޙާލުގައިވެސް، ”އަދިވެސް ލޭ އާދޭތޯ ބަލަން“ ”ރަނގަޅަށް ސާފު ވެއްޖެތޯ ބަލަން“ ބުނެ، ފަރުޟު އެއް ނަމާދުގެ ވަޤުތު ނުވަތަ ހެދުނުވުމުން ހިނައިގަންނާނީބުނެ ލަސްކޮށް އެކަމުގައި ފަރުވާކުޑަކޮށްލަ އެވެ.
ވުމުން، އެ ޢަލާމާތެއް ފާޅުވެއްޖެހިނދު، އަންހެން މީހާ އެވަނީ ޙައިޟުން ޠާހިރުވެފައިވާކަން އަންގައިދޭ ޢަލާމާތަކީ ކޮބައި ހެއްޔެވެ؟
ފުރަތަމަކީ : القصة البيضاء (ޤައްސަތުލް ބައިޟާ) ފާޅުވުމެވެ. މިއީ ޙައިޟުގެ ލޭ ފޭބުން ހުއްޓިއްޖެކަމާއި ނިމި ޠާހިރުވެއްޖެކަން އަންގައިދިނުމަށް ބައެއް އަންހެނުންގެ އެ ދޮރުން ފާޅުވާ އެއްޗެކެވެ.
މިއީ ރަޙިމުން ބޭރުކޮށްލާ ހުދުކުލައަށްދާ އެއްޗެކެވެ. ބައެއް ފަހަރު ލޮދިކޮށް ހުދުކުލައިގައި ބޭރުވެ އެވެ. ބައެއްފަހަރު ވަރަށް ހަރުކޮށް ގަށާފައި ހުންނަ (ފުށް ގަނޑެއް) ފަދައިން އެތިއެތިކޮޅުން ފައިބަ އެވެ.
މިއީ ޙައިޟު ހުއްޓިއްޖެކަން ޔަޤީންކޮށްދޭ ޢަލާމާތެކެވެ. މި ފެނުމާއެކު އަވަހަށް އަންހެން މީހާ އޮތީ ހިނައިގަތުމެވެ. އެއީ ނަމާދު ފަދަ އަޅުކަން އަދާ ކުރަން ޖެހިފައިވާ އަންހެނާ އަޅުކަން އަދާ ކުރުމަށްޓަކަ އެވެ.
ޤައްޞަތުލް ބައިޟާ ފާޅުވުމަށްފަހު، އޭގެ ފަހުން ލޭކޮޅެއް ފޭބުމަކީ ޙައިޟު ވުމެއް ނޫނެވެ. އަދި އިތުރަށް ހިނައިގަތުމެއްވެސް ނުވެ އެވެ.
ދެވަނަ ޢަލާމާތަކީ : ފުރިހަމައަށް ހިކުމެވެ. އެގޮތުން ކަފަކޮޅެއްފަދަ ކޮޓަން އެއްޗެއް އެތަނަށް ލެއްވުމެވެ. އަދި އޭގައި ލޭ ފާޅުވެފައި ނުވާނަމަ އެތެރެ ހިކިފައިވާނަމަ އެހިނދު އެވަނީ ޙައިޟުން ކެނޑިފަ އެވެ. އެހިނދު ހިނަގަތުން އަވަސްކޮށް، އަދާކުރަން ޖެހިފައިވާ އަޅުކަންތައް ކުރުމަށްޓަކައި އަވަސްވެގަތުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
