ނަމާދު ކުރާ މީހާ ސުތުރާގެ ގޮތުގައި ބޭނުންކުރާ އެއްޗެއްގެ މެދަށް ވާ ގޮތަށް ހުރުމުގެ ޙުކުމަކީކޮބާ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ނަމާދު ކުރާ މީހާ ސުތުރާގެ ގޮތުގައި ބޭނުންކުރާ އެއްޗެއްގެ މެދަށް (ކުރިމައްޗަށް) ވާ ގޮތަށް ނުހުރުމާއި، އެ ބެހެއްޓޭ އެއްޗެއްގެ ކޮންމެވެސް އެއް އަރިމައްޗަށްވާ ގޮތަށް ހުރުން ކަނޑައެޅިފައިވެ އެވެ.
މިފަދައިން ޢަމަލު ކުރުމަށް ވާރިދުވެގެންވާ ޙަދީޘްތައް އޭގައިވާ ބަލިކަށި ސަބަބުތަކާއި އެކު ބަލިކަށި ކަމުގައި މުޙައްދިޘުން، އިމާމުން އަދި ޢިލްމުވެރިން ކަނޑައެޅުއްވި އެވެ.
އެހެނަސް އުއްމަތުގެ ވަރަށްގިނަ ބޭކަލުން މިއީ މުސްތަޙައްބުވެގެންވާ ޢަމަލެއް ކަމުގައި ބަޔާންކުރައްވާފާއިވެ އެވެ.
އެފަދަ ޙަދީޘްތަކުގެ ތެރޭގައިވެ އެވެ. ضُباعة بنت المِقداد بن الأسود އެބޭކަލުގެ ބައްޕާފުޅުގެ އަރިހުން ރިވާކޮށްފައިވެ އެވެ. ވިދާޅުވި އެވެ. (مَا رَأَيْتُ رَسُولَ اللَّهِ ﷺ يُصَلِّي إِلَى عُودٍ وَلَا عَمُودٍ وَلَا شَجَرَةٍ إِلَّا جَعَلَهُ عَلَى حَاجِبِهِ الْأَيْمَنِ أَوْ الْأَيْسَرِ وَلَا يَصْمُدُ لَهُ صَمْدًا) ”رَسُول اللَّهِ ﷺ ސުތުރާއެއްގެ ގޮތުގައި، ވަކަރުކޮޅެއް، ތަނބެއް އަދި ގަހެއް ނަންގަވައިފިހިނދު އޭގެ ކަނައަތް ފަރާތަށް ނުވަތަ ވާތްފަރާތަށް ޖެހިވަޑައިގެން ހުންނަވާ ޙާލުގައި މެނުވީ ތިމަން ޞަޙާބީ ދެކެވަޑައި ނުގަންނަވަމެވެ.“
މި ޙަދީޘް އިމާމް أحمد (23821) އާއި ابن السَّكن ލިޔުއްވި ފޮތް بيان الوَهْم والإيهام في كتاب الأحكام (3/ 352) ގައި އަދި ابن عَدِيّ ލިޔުއްވި ފޮތް الكامل في ضعفاء الرجال 7/ 80 ގައި ރިވާ ކުރެއްވި އެވެ.
އެހެނަސް މި ޙަދީޘް އަދި މި ޙަދީޘް ފަދައިން މާނަ ދޭހަވާ އެހެން އެންމެހައި ޙަދީޘްތަކެއް ޢިލްމުވެރިން ބަލިކަށި ކަމުގައި ޙުކުމް ކުރައްވާފައިވެ އެވެ.
މި ޙަދީޘް ވާރިދުވެފައިވާ އެހެން ލަފްޟެއްގައި ވެ އެވެ. (أَنَّ رَسُولَ اللَّهِ ﷺ كَانَ إِذَا صَلَّى إِلَى عَمُودٍ أَوْ خَشَبَةٍ أَوْ شِبْهِ ذَلِكَ لَا يَجْعَلُهُ نُصْبَ عَيْنَيْهِ وَلَكِنَّهُ يَجْعَلُهُ عَلَى حَاجِبِهِ الْأَيْسَرِ) ”ހަމަކަށަވަރުން رَسُول اللَّهِ ﷺ ތަނބެއް ނުވަތަ ވަކަރުކޮޅެއް ނުވަތަ އެފަދަ އެއްޗެއް (ސުތުރާއެއްގެ ގޮތުގައި ނަންގަވައި) ނަމާދު ކުރައްވާހިނދު، މޫނުފުޅާ ދިމާލަށް (ސީދަލަށް އެ އެއްޗެއްގެ ކުރިމައްޗަށް ވާގޮތަށް) ނުހުންނަވަ އެވެ. އެހެނަސް އެ އެއްޗެއްގެ ވައަތް ފަރާތަށް (އެއް ފަރާތަށް) ޖެހިވަޑައިގެން ހުންނަވަ އެވެ.“
މި ޙަދީޘްތައް އޭގެ ސަނަދުގެ ސަބަބުން ބަލިކަށި ހަދީޘް ގޮތުގައި ވަރަށްގިނަ ޢިލްމުވެރިން ޙުކުމް ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި النَّووي، ابن قيِّم الجوزية، الذَّهبي، ابن حجَر العسقلاني، العَيني، الشوكاني، ، العثيمين، عبد المحسن العبَّاد ހިމެނިވަޑައިގަންނަވަ އެވެ.
ޙަދީޘް އޭގެ ސަނަދުން ބަލިކަށި ކަމުގައިވީނަމަވެސް ޙަދީޘްގައިވާ ޢަމަލަކީ ޢިލްމުވެރިން އެއަށް ޢަމަލު ކުރައްވާފައިވާ އަދި އެބޭކަލުން މުސްތަޙައްބުވެގެންވާ ޢަމަލެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ޢަމަލުފުޅެކެވެ.
الإمام ابن تيمية رحمه الله دَرء تعارُض العقل والنقل (1/ 392) ގައި ވިދާޅުވި އެވެ. ”(ދަންނަ އެވެ.) ޚާއްޞަ އެ ދަލީލު ބަލިކަށިވުމަކީ، އެއިން ދަލީލު ކުރެވޭ (ޙުކުމް) ނަފީ ކުރުވާ ކަމެއް ނޫނެވެ.“
އެބަހީ ބައެއްފަހަރު އެ ކަމަކަށް ވާރިދުވެގެންވާ ޚާއްޞަ ދަލީލަށް ބަލައިފިނަމަ، އެ ދަލީލަކީ ބަލިކަށި ދަލީލެކެވެ. އެހެނަސް އެ ދަލީލުން ދަލީލުކޮށްދޭ ކަންތަކަކީ ނަފީ ވެގެންވާ ކަމެއް ނޫން ކަމުގައިވެ އެވެ.
މި މައްސަލައަކީ އެފަދަ މިޘާލެކެވެ.
الإمام مُوفق الدِّين ابن قدامة الحنبلي رحمه الله المُغني (3/ 87) ގައި ވިދާޅުވެފައިވެ އެވެ. ”ނަމާދު ކުރާ މީހާ (ސުތުރާއެއްގެ ގޮތުގައި ބޭނުން ކުރާ) ވަކަރުކޮޅު ނުވަތަ ތަނބު ނުވަތަ އެފަދަ އެހެން އެއްޗެއް ބޭނުން ކުރުމުގެ މާނައަކީ : އެފަދަ އެއްޗަކާ މޫނުމައްޗަށް ވާ ގޮތަށް ކުރިމަތި ލައިގެން ނުހުރުމެވެ. އެހެނަސް މުސްތަޙައްބުވެގެންވަނީ ކުޑަކޮށް އަރިމައްޗަށް ޖެހިލުމެވެ. މާނައީ، އެ އެއްޗެއްގެ މެދަށް ވާގޮތަށް ކުރިމަތިލައިގެން ނުހުރުމެވެ. އެފަދައިން ޤަޞްދު ނުކުރުމެވެ.“
الفقيه شرف الدِّين الطِّيبي رحمه الله الكاشف عن حقائق السُّنن (2/ 332) ގައި ވިދާޅުވެފައިވެ އެވެ. ”އޭގެ މާނައަކީ، (ސުތުރާއެއްގެ ގޮތުގައި) ކުރިމަތީގައި އެއްޗެއް ބަހައްޓައިގެން ނަމާދު ކުރާނަމަ، އެ އެއްޗެއްގެ މެދަށް ވާގޮތަށް ކުރިމަތިލައިގެން ނުހުރުމެވެ. އެއީ ބުދަށް އަޅުކަން ކުރާ މީހުންގެ ޢަމަލާއި އެއްފަދަ ނުވުމަށްޓަކައި ރައްކާތެރިވުމަށެވެ. އަދި ކިޔެއްތަ! އެ އެއްޗެއްގެ އެއް ފަރާތަށް ވާ ގޮތަށް ހުރުމެވެ.“
الفقيه الشافعي أبو المحاسن الروياني رحمه الله بحر المذهب (2/ 134) ގައި ވިދާޅުވެފައިވެ އެވެ. ”(ސުތުރާގެ ގޮތުގައި ބަހައްޓާ އެއްޗަށް الصَّمْد ނުކުރުމަކީ، އެއީ އެ އެއްޗެއް އޭނާގެ މޫނުގެ ކުރިމައްޗަށްވާ ގޮތަށް ނުބެހެއްޓުމެވެ.“
الحافظ ابن عبد البَرِّ المالكي رحمه الله الاستذكار (172/ 173) ގައި ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ސުތުރާއަށް އިސްތިޤްބާލު ކުރުމާއި އަދި އެއަށް الصَّمْد ކުރުން : المِقداد بن الأسود ގެ ޙަދީޘްގައިވެ އެވެ. (مَا رَأَيْتُ رَسُولَ اللَّهِ ﷺ يُصَلِّي إِلَى عُودٍ وَلَا عَمُودٍ وَلَا شَجَرَةٍ إِلَّا جَعَلَهُ عَلَى حَاجِبِهِ الْأَيْمَنِ أَوْ الْأَيْسَرِ وَلَا يَصْمُدُ لَهُ صَمْدًا) ”رَسُول اللَّهِ ﷺ ސުތުރާއެއްގެ ގޮތުގައި، ވަކަރުކޮޅެއް، ތަނބެއް އަދި ގަހެއް ނަންގަވައިފިހިނދު އޭގެ ކަނައަތް ފަރާތަށް ނުވަތަ ވާތްފަރާތަށް ޖެހިވަޑައިގެން ހުންނަވާ ޙާލުގައި މެނުވީ ތިމަން ޞަޙާބީ ދެކެވަޑައި ނުގަންނަވަމެވެ.“
އެންމެހައި ޢިލްމުވެރިން މިފަދައިން ޢަމަލުކުުރުން މުސްތަޙައްބުވެގެންވާކަން ދެކެވަޑައިގަންނަވަ އެވެ.“
މިތަނުގައި ابن عبد البَرِّ މިވަނީ ސުތުރާގެ ގޮތުގައި ބަހައްޓާ އެއްޗަށް (އޭގެ މެދަށް ވާގޮތަށް މޫނު މައްޗަށް ކުރިމަތިލެވޭ ގޮތަށް ހުރުން) ދޫކޮށްލުން މުސްތަޙައްބުވެގެންވާކަމުގެ މައްޗަށް އެންމެހައި ޢިލްމުވެރިން އިޖްމާޢުވަޑައިގެންފައިވާކަން ނަގުލު ކުރައްވާފަ އެވެ.“
القاضي عياض المالكي رحمه الله إكمال المَعلَم بفوائد مسلم (2/ 422) ގައި ވިދާޅުވެފައިވެ އެވެ. ”ޙަދީޘްގައި ވާރިދުވެގެންވާ ގޮތުގެ މައްޗަށް ޢިލްމުގެ އަހުލުވެރިން މުސްތަޙައްބު ގޮތުގައި ދެކެވަޑައިގަންނަވަ އެވެ. އެއީ، (ސުތުރާއަށް ބަހައްޓާ އެއްޗަށް) އޭގެ މެދަށް ވާގޮތަށް ކުރިމަތި ނުލުމެވެ. އަދި ކިޔެއްތަ! އޭގެ ކަނާތް ފަރާތަށް ވާގޮތަށް ނުވަތަ ވާތްފަރާތަށް ވާގޮތަށް ހުރުމެވެ.“
الفقيه الحنفي مظهر الدِّين الزَّيدَانيّ المُظْهِري رحمه الله المفاتيح في شرح المصابيح (2/ 104) ގައި ވިދާޅުވެފައިވެ އެވެ. ”އެ ސުތުރާ އޭނާގެ މޫނު ކުރިމައްޗަށް ވާގޮތަށް ނުބެހެއްޓުންވެ އެވެ. އަދި ކިޔެއްތަ! އޭގެ ކަނާތްފަރާތަށް ނުވަތަ ވާތްފަރާތަށް ވާގޮތަށް އޭނާ ހުރުމެވެ. އެއީ ބުދަށް އަޅުކަން ކުރާ މީހުންނާއި އެއްވަތްތަރުވެ ނުދިއުމަށްޓަކައި ރައްކާތެރިވުމަށްޓަކަ އެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުން އެއަށް ސަޖިދަކުރާހިނދު އޭގެ ކުރިމައްޗަށް ސަޖިދަކުރެ އެވެ.“
الإمام ابن تيمية رحمه الله عُمدة الفقه (451) ގައި ވިދާޅުވެފައިވެ އެވެ. ”ސުތުރާއަކަށް ކުރިމަތިލައްވައި رَسُولَ اللَّهِ r ނަމާދު ކުރައްވާހިނދު އޭގެ މެދަށް ވާ ގޮތަށް ކުރިމަތި ލައްވައިގެން ނުހުންނަވައި އެއްފަރާތަށް ޖެހިވަޑައިގަންނަވަ އެވެ. މި އެންމެހައި ޢަމަލުފުޅުތަކަކީ، ޝިރުކުގެ އެންމެހައި ސޫރަތަކާއި އޭގެ އެންމެހައި މާނަތަކުން އެއްކިބާވެ ދުރުހެލިވަޑައިގެންނެވުމަށްޓަކަ އެވެ.“
الإمام ابن قيِّم الجوزية رحمه الله إغاثة اللهفان (1-405) ގައި ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން رَسُولَ اللَّهِ ﷺ ﷲފިޔަވައި އަޅުކަން ކުރެވުނު އެއްޗަކަށް ކުރިމަތިލައްވައި ނަމާދު ކުރުން ކަރާހަތްތެރި ކުރެއްވި އެވެ. އަދި ވަކަރުކޮޅަކަށް ނުވަތަ ތަނބެއް ނުވަތަ ގަހަކާއި ދިމާލަށް ހުރެ ނަމާދު ކުރާ މީހާ އޭގެ އެއްފަރަތަށް ޖެހިގެން ހުރެ ނަމާދު ކުރުމަށް ލޯބިފުޅު ކުރައްވަ އެވެ. އޭނާ އޭގެ މެދަށް މޫނު ކުރިމައްޗަށްވާ ގޮތަށް ނުހުރުންވެ އެވެ. މިއީ ﷲ ނޫން ފަރާތަކަށް ސަޖިދަ ކުރުން އެއްވަތްތަރު ވުމުގެ ޛަރީޢަތް ބަންދު ކުރުމަށްޓަކަ އެވެ.“
ސަޢުދީ ޢަރަބިއްޔާގެ މުފްތީ العَلامة أ. د. صَالح الفَوزَان -حفظه الله- ވިދާޅުވެފައިވެ އެވެ.
”އާނއެކެވެ. ﷲއަށް ޝަރީކު ކުރާ މީހުން ހިލަ އަށާއި ގަސްތަކަށް އަދި އޭގައި ދިރުމެއް ނެތް ތަކެއްޗަށް ސަޖިދަ ކުރާ ބައެއްގެ ގޮތުގައިވެ އެވެ. އަދި އެބައިމީހުން އެތަކެއްޗަށް އަޅުކަން ކުރުމަށްޓަކައި ކޮޅަށްތިބޭހިނދު އޭގެ ކުރިމައްޗަށް (އޭގެ މެދަށް ވާގޮތަށް) ތިބެ އެވެ. ފަހެ، އެހިނދު ނަމާދުގައި (ސުތުރާއަށް ކުރިމަތިލައިގެން ހުންނަ މީހާ) އެ ސުތުރާގެ ކުރިމައްޗަށް ހުރުމުގެ ބަދަލުގައި ކުޑަކޮށް އޭގެ އެއްފަރާތަށް ހުރުމަށް އަމުރުފުޅު ކުރެއްވި އެވެ. ފަހެ، ތިބާ ތަނބެއްގެ ކުރިމަތީގައި ހުރެ ނަމާދު ކުރާ ކަމުގައިވަނީނަމަ، ތިބާ އޭގެ ކުރިމައްޗަށް (އޭގެ މެދަށް ކުރިމަތިލެވޭ ގޮތަށް) ނުހުންނާށެވެ. އެހެނަސް ކުޑަކޮށް އޭގެ އެއްފަރާތަށް ވާގޮތަށް ހުންނާށެވެ. ތިބާގެ ކުރިމަތީގައި ހުންނަ (ސުތުރާގެ) އެއް އަރިމައްޗަށް ހުންނާށެވެ. އެއީ ﷲ ނޫން ފަރާތްތަކަށް -ހިލަ ތަކާއި ގަސްތަކަށް- އަޅުކަން ކުރާ މީހުންގެ (ޢަމަލާއި) ޚިލާފްވުމަށްޓަކަ އެވެ. އާނއެކެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
