އިޙްރާމުގައި ހުންނަ މީހާ ދަތް އުނގުޅާ ބޭސް ބޭނުން ކުރުމާއި އަދި ވެސްލިން ބޭނުން ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ފުރަތަމައީ : އިޙްރާމުގެ ޙާލަތަށް އައުމަށްފަހު، ހަށިގަނޑުގައި އެއްވެސް ބާވަތެއްގެ ހުވަދު ބޭނުންކުރުމަކީ އިޙްރާމުގައިވާ ފަރާތުގެ މައްޗަށް ޙަރާމްވެގެންވާ ޢަމަލެކެވެ.
ޞަޙާބީ عبدالله بن عمر -رضي الله عنهما- ގެ އަރިހުން ރިވާކުރެވިގެންވާ ޙަދީޘްގައިވެ އެވެ. އިޙްރާމުގައި ހުންނަ މީހާ އޭނާ އިޙްރާމުގައި ބޭނުން ކުރާނެ ފޭރާމާއި މެދުގައި ބޭކަލަކު ނަބިއްޔާ صلى الله عليه وسلم އަރިހުގައި ސުވާލު ދެންނެވި އެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. (ولا يلبس ثوبًا مَسَّهُ وَرْسٌ وَلَا زَعْفَرَانٌ) ”އެ ފޭރާމެއްގައި ޒަޢްފަރާން އަދި ވަރްސު އުނގުޅާފައިވާ ފޭރާމެއް ލައިގެން ނުވާނެ އެވެ.“ އެބަހީ : ހުވަދު، ސެންޓް، އަތަރު ނުވަތަ މީރުވަސް ދުވާ އެއްޗެއް ބޭނުން ކޮށްފައިވާ ފޭރާމެއް ބޭނުން ކޮށްގެން ނުވާނެ އެވެ.
އިޙްރާމުގައި ހުންނަ މީހާ، އެއްވެސް ބާވަތެއްގެ މީރުވަސްދުވާ އެއްޗެއް ބޭނުން ކުރުން ޙަރާމްވެގެންވާ ކަމުގެ މައްޗަށް އުއްމަތުގެ ޢިލްމުވެރިން އިޖްމާޢުވަޑައިގެންފައިވެ އެވެ. އިޖްމާޢު ނަގުލު ކުރެއްވި ޢިލްމުވެރިންގެ ތެރޭގައި ابنُ المُنْذِر އާއި ابنُ حَزْمٍ އާއި ابنُ عَبْدِ البَرِّ އާއި ابنُ قُدامة އަދި النَّوَوِيُّ ހިމެނިވަޑައިގަންނަވަ އެވެ.
އިމާމް النَّوَوِيُّ ވިދާޅުވެފައިވެ އެވެ. ”އިޙްރާމުގައިވާ ފިރިހެނާ އަދި އަންހެނާ ހުވަދު އިސްތިޢުމާލުކުރުން ޙަރާމްވެގެންވެ އެވެ. މިކަމުގެ މައްޗަށް އެންމެހައި އިލްމުވެރިން އިޖްމާޢުވަޑައިގަންނަވަ އެވެ.“ المجموع (7/270)
ވުމުން މީރުވަސް ދުއްވުމަށް ބޭނުންކުރާ އެއްޗެއް، އެއީ އަތަރު، ސެންޓް، ސްޕްރޭ ފަދަ ނޫނީ، މީރުވަސް ދުއްވުމަށް ބޭނުންކުރާ ދިޔާ އެއްޗެއް ނުވަތަ ހަރުއެއްޗެއް، ނުވަތަ މީރުވަސް ދުއްވުމަށް އަރުވާ ދުން، މިފަދަ އެއްޗެއް އިޙްރާމުގައި ހުންނަަ ޙާލަތުގައި ބޭނުން ކުރުން ހުއްދަ ނުވާނެ އެވެ.
ދެވަނައީ :
ދަތްއުނގުޅާ ބޭސް ނުވަތަ ވެސްލިން އަކީ އެއްވެސް ބަޔަކު ހަށިގަނޑުގައި މީރުވަސް ދުއްވުމަށްޓަކައި ބޭނުން ކުރާ ހުވަދެއް ނޫނެވެ. މީރުވަސް ދުއްވުމަށް އިސްތިޢުމާލު ކުރާ އެއްޗެއް ނޫނެވެ.
އެއްވެސް މީހަކު އޭނާގެ ހަށިގަނޑުގައި ނުވަތަ ފޭރާމުގައި ދަތްއުނގުޅާ ބޭސް އުނގުޅައި ނުވަތަ ވެސްލިން އުނގުޅައި ތިމަންނަ ހަށިގަނޑުގައި މީރު ވަސް ދުއްވަނީއޭ ބުނާނެ ހެއްޔެވެ؟ ތިމަންނަ ހަށިގަނޑުގައި ހުވަދުލަނީއޭ ބުނާނެ ހެއްޔެވެ؟
ދަތްއުނގުޅާ ބޭސް ނުވަތަ ވެސްލިން ހަށިގަނޑުގައި އަދި ފޭރާމެއްގައިވެސް އެއްވެސް މީހަކު އޭނާ މީރުވަސް ދުއްވުމަށްޓަކައި ބޭނުން ނުކުރާނެ އެވެ. ވުމުން އޭގެ އަޞްލަކީ އެއީ ހުއްދަވެގެން ވުމެވެ.
ވުމުން އަސްލަކީ އިޙްރާމުގެ ޙާލަތުގައިވެސް އިސްތިޢުމާލު ކުރުމަށް ހުއްދަވެގެންން ވުމެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن باز -رحمه الله- ވިދާޅުވެފައިވެ އެވެ. ”އިޙްރާމުގައި ހުންނަ މީހާ ދަތްއުނގުޅާ ބޭސް އިސްތިޢުމާލު ކުރުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އެއީ ހުވަދެއް ކަމުގައި ނުބުނެވޭނެ އެވެ.“ فتاوى نور على الدرب – ي ب حكم استخدام صابون له رائحة أثناء الإحرام
الإمام ابن العثَيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދެންފަހެ، ދަތްއުނގުޅާބެސް އިސްތިޢުމާލު ކުރުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އޭގައި ދުވާ ވަހަކީ އެއީ ހުވަދުގެ ވަހެއް ނޫނެވެ. އޭގެ ވަސް ފްލޭވާ (ވަހަކީ) މީރު ވަހެއް ކަމުގައި ވީނަމަވެސް އެވެ. ހަމަ އެފަދައިން ސައިބޯނިވެސްމެ އެވެ. އެ އިސްތިޢުމާލު ކުރުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ އެއީ ހުވަދެއް އަދި ހުވަދުގެ ގޮތުގައި މީރުވަސް ދުއްވަން ބޭނުން ކުރާ އެއްޗެއް ކަމުގައި ނުވާތީ އެވެ.“ من موقع الشيخ : حكم استعمال الصابون ومعجون الأسنان والمناديل المبللة بالطيب للمحرم
ވުމާއެކު މިއީ އިޙްރާމުގައި މީހާ، މި ތަކެތި ބޭނުން ކުރުމުގެ އޭގެ އަސްލު ޙުކުމެވެ. މިއީ ހުވަދެއް ނޫނެވެ. އަދި ހުވަދު ގޮތުގައި ބޭނުން ކުރާ އެއްޗެއްވެސް ނޫނެވެ. ވުމާއެކު ހުއްދަވެގެންވެ އެވެ.
ނިންމާލުމުގެ ކުރީގައި ބުނެމެވެ.
އޭގައި މީރުވަސް ދުވާގޮތުގައިވެ އެހިނދުގައި ޝައްކު ތަކުން ދުރުވުމަށްޓަކައި އެމީހަކު އެއިން ދުރުވުން މައްސަލައެއް ނެތެވެ. ރައްކާތެރިވުން ރަނގަޅެވެ. އަދި މީރުވަސް ނުދުވާ އޭގައި އެފަދަ މީރުވަސް ފްރެގްރެންސް ނުވާ ދަތްއުނގުޅާ ބޭސް އަދި ވެސްލިން ނުހަނު ގިނަ ކަމުގައިވެ އެފަދަ އެއްޗެއް ހޯދުން ރައްކާތެރިކަން ބޮޑުވެގެންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
