ޙައްޖުވެރިޔާ ޢަރަފާތު ވިލޭރޭ މިނާގައި ހޭދަކުރުން ސުންނަތްވެގެންވާކަން
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މި ޒަމާނުގައި ހައްޖު ކުރުމުގައި މިސްތަކުންގެ ތެރޭގައި އެންމެ ބޮޑަށް ފަރުވާކުޑަކޮށް އިހުމާލުވެފައި އެއް ސުންނަތަކީ ޙައްޖުމަހުގެ 8 ވަނަ ދުވަހުގެ ރޭގައި (ޢަރަފާތު ވިލޭރޭގައި) ޙައްޖުވެރިން މިނާގައި މަޑު ކުރުމެވެ.
ޙައްޖުވެރިން ޙައްޖުމަހުގެ 8 ވަނަ ދުވަހުގައި (يَومُ التَروِية – ޔަޥްމު ތަރްވިޔާ) ގައި، ޙައްޖަށް އިޙުރާމް ބަދެ މިނާއަށް ނުކުމެ މިނާގައި މަޑު ކުރެ އެވެ.
إِحْرَام ބަންނާނީ އެމީހަކު مَكَّة ގައި ހުންނަ މަންޒިލަކުންނެވެ. އެއަށް ފަހު مِنَى އަށް ގޮސް مِنَى ގައި އެދުވަހުގެ الظُّهُر، العَصْر، المَغْرِب، العِشَاء އަދި الفَجْر ނަމާދު ޖަމްޢުނުކޮށް ޤަޞްރު ކުރާނީ އެވެ. ސަބަބަކީ رَسُول الله އަރިއަހުގައި العُمْرَة ކުރެއްވުމަށް ފަހު ތަޙައްލުލު ވެވަޑައިގެންނެވި ޞަޙާބީން މި ފަދައިން ޢަމަލު ކުރެއްވީމަ އެވެ. އަދި މިފަދައިން އެބޭކަލުންގެ އިތުރުން مَكَّة ގެ أَهلُ ވެރިން ވެސް عَمَل ކުރި އެވެ.
އެންމެހ ހެޔޮވެގެންވާ ގޮތަކީ، يَومُ التَروِية ގެ ދުވަހު ޟުޙާ ވަޤުތުގައި ޙައްޖުގެ އިޙްރާމްބަދެ މިނާއަށް ނުކުތުމެވެ. އަދި އެތަނުގައި އަނެއް ދުވަހު (ޢަރަފާތް ދުވަހު) ހެދުނު އިރު އެރުމަށް ދާންދެން ހައްޖުވެރިޔާ މަޑުކުރުމެވެ.
عَبْدُ الله بِن عُمَر –رضي الله عنهما- ގެ حَدِيْث ގައި މި ފަދައިންވެ އެވެ. ވިދާޅުވިއެވެ. (غَدَوْنَا مَعَ رَسُوْلُ الله –صلى الله عليه وسلم- مِنْ مِنَى إِلَى عَرَفَات، مِنَّا المُلَبِّي، وَمِنَّا المُكَبِّر) ”އަހަރެމެން رَسُوْلُ الله –صلى الله عليه وسلم- އަރިހުގައި مِنَى އިން عَرَفة އަށް އެދުވަހުގެ ހެނދުނުގެ ވަގުތުގައި ދިޔައީމެވެ. އަހަރެމެންގެ ތެރެއިން އެއްބަޔަކު ތަލްބިޔާ ކިޔުމުގައި އަދި އަނެއް ބަޔަކު ތަކްބީރު ކިޔުމުގައިވިއެވެ.“ މި ޙަދީޘް مُسْلِم (3095) ރިވާ ކުރެއްވި އެވެ.
މިއީ މުސްތަޙައްބުވެގެންވާ ޢަމަލެއް ކަމުގެ މައްޗަށް އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެ އެވެ.
މި ޒަމާނުގައި ޢިލްމު މަދުވެ ޝަރީޢަތުގައި ހިފެހެއްޓުން ބީރައްޓެހިވެ، މާތް ނަބިއްޔާގެ ސުންނަތަށް ތަބަޢަވުމާއި ގަދަފަދައަށް އޭގައި ދެމިހުރުން ބަލިކަށިވުމުގެ ސަބަބުން، މި ޢަމަލުތައް އޭގެ ލުއިކަމާއި ފަސޭހަ ކަމާއެކުގައިވެސް ދޫކޮށްލުން ވަނީ ވަރަށްވެސް އާދައިގެ ކަމަކަށް ވެފަ އެވެ.
ޙައްޖުވެރިންގެ ޢަދަދު ގިނަ ޖަމާޢަތްތަކުގައި އެންމެ މީހަކުވެސް ނަބިއްޔާގެ ސުންނަތް ދޫކޮށްލާހިނދު، އެކަމަށް ބަހެއް ބުނުންވެސް ނެތްފަދަ އެވެ.
މިނާގައި ތިބެންޖެހޭ ރޭ ދޫކޮށްލައި އެރޭ އެބައިމީހުން ގޮސް ތިބެނީ ޢަރަފާތުގަ އެވެ. މިއީ ސުންނަތް ދޫކޮށްލުމަށްފަހު، ސުންނަތާއި ގުޅުމެއް ނެތް ޢަމަލެއްގައި ދެމިތިބުމެވެ.
ހިތާމައަކީ، ހަށިގަނޑުގައި ބާރުހުރެ، ގަދަފަދަ، ކެރިކުޅަދާނަވެގެންވާ މީހާވެސް، އޭނާއަށް ސުންނަތަށް ޢަމަލު ކުރުމުގެ ކުޅަދާނަކަން އޮވެ، މި ޢަމަލު ދޫކޮށްލުމެވެ.
މި ސުންނަތް ބަޔާން ކުރައްވާ الإمام ابنُ تيميَّة -رحمه الله- ވިދާޅުވެފައިވެ އެވެ. ”ސުންނަތަކީ ޙައްޖުވެރިޔާ (ޢަރަފާތު ވިލޭރޭ) މިނާގައި ހޭދަ ކުރުމެވެ. ފަހެ، (8ވަނަ ދުވަހު މިނާއަށް ނިކުމެ) އެތަނުގައި މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބް ނަމާދާއި، ޢިޝާ ނަމާދު އަދި ފަތިސް ނަމާދު އެތަނުގައި ކުރުމެވެ. އަދި ނަބިއްޔާ صلى الله عليه وسلم ޢަމަލުފުޅު ކުރެއްވި ފަދައިން، އެ ދުވަހަށް (ޢަރަފާތް ދުވަހަށް) އިރު އެރުމަށް ފަހުގައި މެނުވީ އެތަނުން ނުނިކުތުމެވެ.“ مجموع الفتاوى (26/129)
އެންމެހައި މަޛްޖަބުތަކުގެ އިމާމުން الحَنَفيَّة ، المالِكيَّة ، الشَّافعيَّة ، الحَنابِلة އިއްތިފާޤުވަޑައިގެންފައިވާ ގޮތުގައި ޙައްޖުވެރިޔާ ޢަރަފާތު ވިލޭރޭ މިނާގައި ހޭދަކުރުމަކީ ސުންނަތެކެވެ.
މި ޢަމަލުގެ މައްޗަށް ޢިލްމުވެރިން އިޖްމާޢުވަޑައިގެންފައިވާކަން ބައެއް ބޭކަލުން ޛިކުރު ކުރައްވާފައިވެސްވެ އެވެ.
އޭގެ ތެރޭގައި الحَافِظ النَّوَوِي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ސުންނަތްވެގެންވަނީ 9ވަނަ ވިލޭގެ މިނާގައި ހޭދަކުރުމެވެ. މިފަދައިން އެރޭ މިނާގައި ހޭދަ ކުރުމަކީ ސުންނަތެކެވެ. ވާޖިބެއް އަދި ރުކުމެއް ނޫނެވެ. އެކަން ދޫކޮށްލި މީހެއްގެ މައްޗަށް ކުށެއް ނެތެވެ. އެހެނެއް ކަމަކު އޭނާގެ އެކަމުގެ މާތްކަމާއި މަތިވެރިކަން ފާއިތުވެދިޔައީ އެވެ. މިއީ ސުންނަތެއް ކަމުގެ މައްޗަށް އަހަރެމެން ބުނެފައިވާ ވުނުމުގެ މައްޗަށް އެއްވެސް ޚިލާފެއް ނުވެ އެވެ.“ المجموع (8/84)
الحَافِظ ابنُ عَبْدِ البَرِّ -رحمه الله- ވިދާޅުވެފައިވެ އެވެ. ”ދެންފަހެ يَومُ التَروِية ގެ ދުވަހު މެންދުރު ނަމާދާއި، ޢަޞްރު ނަމާދު، މަޣްރިބުނަމާދާއި ޢިޝާ ނަމާދު އަދި އަނެއް ދުވަހުގެ ފަތިސް ނަމާދު މިނާގައި ކުރުން ހުއްޓެވެ. ފަހެ، މިއީ ރަސޫލާ صلى الله عليه وسلم ޢަމަފުޅު ކުރައްވާފައިވާ ގޮތެވެ. މިއީ އެންމެހައި ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މުސްތަޙައްބުވެގެންވާ ޢަމަލެކެވެ.“ الاستذكار (4/323)
ވުމާއެކު، މި ސުންނަތުގެ ޢަމަލުގެ މައްޗަށް ސަމާލުކަން ގެންނަމެވެ. ކުޅަދާނަވެގެންވާ ފަރާތްތަކުން މިއަދު މި ޒަމާނުގައި ބީރައްޓެހިވެފައިވާ މި ސުންނަތް ދިރިވުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.
