އިސްލާމްދީނުގައި މިއުޒިކު ކުޅުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
الحمد لله رب العالمين. والصلاة والسلام على رسول الله، و على آله و أصحابه ومن تبعهم إلى يوم الدين.
ދަންނާށެވެ! އިސްލާމް ދީނަކީ ޢަދުލާއި އިންސާފަށް ޙުކުމްކޮށްފައިވާ އެންމެ މަތިވެރި މާތްވެގެންވާ ޝަރީޢަތެވެ. މި ޝަރީޢަތުގައި އެންމެހައި ހެވާއި ލާބައެއް އަދި ދެ ދުނިޔޭގެ އެންމެހައި ބާއްޖަވެރިކަމެއް ބަޔާންވެގެންވެ އެވެ. ﷲ ވަޙީ ކުރައްވާފައިވެ އެވެ.
( وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ) ”އަދި ނަބިއްޔާގެ ވެރި އިލާހުގެ ބަސްފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި ފުރިހަމަވެއްޖެ އެވެ.“ ﷲ عز وجل ބާވައިލެއްވި އެންމެހައި ޚަބަރު ތަކަކީ ތެދުބަސްފުޅެވެ. އަދި އެންމެހައި ޙުކުމްތަކަކީ ޢަދުލުވެރި ޙުކުމްތަކެވެ. ﷲ ގެ ޙުކުމްފުޅުތަކުން ބޭރުވެގަތުމަކީ އެއީ ތިމާގެ އަމިއްލަނަފްސަށް ނުވަތަ އަނެކާއަށް އަނިޔާވެރި ވުމެވެ.
ﷲ عز وجل ބާވައިލެއްވި ޝަރީޢަތަކީ އެންމެހައި ޒަމާނަކަށް، އެންމެހައި ވަޤުތުތަކަށް ފުދިގެންވާ، ޝާމިލްވެގެންވާ ޝަރީޢަތެކެވެ. އެއްވެސް ޒަމާނަކަށް އެކަށީގެން ނުވާ ޝަރީޢަތެއްކަމުގައި ޤަބޫލުކޮށްފި މީހާ އެވަނީ ﷲ ގެ ޝަރީޢަތަކީ އުނި އެއްޗެއް ކަމުގައި ބުނެފަ އެވެ. މި ޝަރީޢަތް ބާވައިލެއްވިފައިވަނި އެންމެހައި އިންސާނުންގެ ޙަޔާތް ބާއްޖަވެރި ކުރުމަށާއި، ﷲ ރުއްސަވާ ވޮޑިގެންވާ މަގަށް ވާޞިލްކޮށްދިނުމަށެވެ. އެމަގަށް ވާޞިލް ވުމަށްޓަކައި، ﷲ ލޯބިވެވޮޑިގެންނަވާ، ރުއްސަވާވޮޑިގަންނަވާ އެންމެހައި ކަމެއް ޙަލާލުކުރައްވާ އެކަންތައްތަކަށް އަމުރުފުޅު ކުރެއްވި އެވެ. އަދި ﷲ ނުރުއްސަވާ، ކޯފާވެވޮޑިގަންނަވާ އެންމެހައި ކަންތައްތަކެއް ޙަރާމް ކުރައްވާ އެކަންތަކެއް ނަހީ ކުރެއްވި އެވެ. މިފަދައިން މުއުމިނު އަޅާ ޤަބޫލުކުރުމަކީ އޭނާގެ އީމާންކަން ދަލީލުކޮށްދޭ ބުރުހާނެކެވެ. ﷲ عز وجل ވަޙީ ކުރައްވާފައިވެ އެވެ. ( فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا ) ”ނަބިއްޔާގެ ވެރިއިލާހު ޤަންދެއްވައި ވަޙީ ކުރައްވަމެވެ. އެބައިމީހުންގެ ދެމެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ނަބިއްޔާ ޙުކުމްވެރި ކޮށްފުމަށް ދާންދެން އެބައިމީހުން އީމާނެއް ނުވެތެވެ. އެހިނދު ނަބިއްޔާ ނިޔާކުރެއްވި ގޮތާއި މެދު އެބައިމީހުންގެ ހިތްތަކުގައި ދަތިކަމެއްވާ ކަމުގައި އެބައިމީހުން ނުދެކޭނެތެވެ. އަދި އެބައިމީހުން އެ ނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންގަތުމަކުން ކިޔަމަން ވާނެ އެވެ.“
ޝަރީޢަތުގެ ޙުކުމް ބަޔާންވެގެން ދިއުމުން، އެއީ ތިމާއަށް ބުރަ، ދަތި، އުނދަގޫ އަދި ކުރުމަށް ހިތްނޭނދޭ ކަމުގައިވީނަމަވެސް، އެއީ ﷲ ގެ ޙުކުމް ކަމާއި ރަސޫލާ صلى الله عليه وسلم ކަނޑައަޅުއްވާފައިވާ ޙުކުމް ކަމުގައި ބަޔާންވެ ދިއުމުން، އީމާން ކަމުގެ އަހުލުވެރިން އެޙުކުމް ފުރިހަމައަށް ޤަބޫލުކޮށް، އެކަމަށް ހިތުގައި އެއްވެސް ބުރައެއް ނޯންނާނެ ގޮތުގައި އީމާންވާނެ އެވެ. އީމާންކަމުގެ އަހުލުވެރިންގެ މިޘާލަކީ މިފަދަ އެވެ.
އަދިވެސް ވަޙީ ކުރައްވާފައިވެ އެވެ. ( وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا ) ”އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފި ހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް އެބައިމީހުންނަށް އެކަމުގައި އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އުރެދިއްޖެ މީހާ ދަންނާށެވެ. ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ.“
ފަހެ، އިސްލާމް ދީނުގައި މިފަދައިން ބަޔާންވެގެންވާ އެއް ޙުކުމަކީ، މިއުޒިކާއި މިއުޒިކީ އެންމެހައި އާލާތްތަކެއް އޭގެ އަޞްލުގައި ޙަރާމްވެގެންވާ ތަކެއްޗެއް ގޮތުގައި ކަނޑައަޅާފައިވުމެވެ. މިކަމަށް ޝަރީޢަތުގައި ނުހަނު ސާފު ދަލީލުތައް ބަޔާންވެގެންވެ އެވެ.
އިސްލާމް ދީނުގައި މިއުޒިކްގެ ޙުކުމް :
ޤުރުއާނުގެ ޙުއްޖަތް އަދި އޭގެ ތަފްސީރު : ސާފު ޞަރީޙަ ނައްޞުން އިސްލާމް ދީނުގައި މިއުޒިކް ޙަރާމްވެގެންވާކަން އޭގެ އެއްވެސް ޝައްކެތްނެތް މިންވަރަށް ބަޔާންވެގެންވެ އެވެ. ޤުރުއުން އަދި ސުންނަތުން އަދި މާތް މަތިވެރި ޞަޙާބީންނާއި އެބޭކަލުންނަށް ތަބަޢަވަޑައިގެންނެވި ތާބިޢީ ބޭކަލުންނާއި އުއްމަތުގެ ޤަރުނުތަކުގައި ފާޅުވި ސުންނަތުގެ އިމާމުންގެ ބަސްފުޅުތައް މިކަމުގައި ނުހަނު ގިނަ އެވެ.
ﷲ عز وجل ވަޙީކުރެއްވި އެވެ. ( وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ ) ”ޢިލްމުލިބިގެން ނުވާ ޙާލުގައި، ﷲ ގެ މަގުން މީސްތަކުން އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުން ކުރުމަށްޓަކައި ”ލަހްވަލް-ޙަދީޘް“ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިންވެ އެވެ. އިހާނެތިކަންދެނެވި ޢަޛާބު އެބައިމީހުންނަށް ހުއްޓެވެ.“
الإِمَام ابْن القَيِّم (751 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله މި އާޔަތުގައިވާ ”ލަހްވަލް-ޙަދީޘް“ އަކީ މިއުޒިކްކަން ބަޔާންކުރައްވާ، އުއްމަތުގެ ސަލަފުއްނާއި ޚަލަފުންގެ ގިނަ ގުނަ ތަފްސީރު ގެންނަވާފައިވެ އެވެ. ވިދާޅުވެފައިވެ އެވެ. ”ފަހެ، ޞަޙާބީންނާއި އަދި ތާބިޢީ ބޭކަލުންގެ ތަފްސީރު މިމައްސަލައިގައި ފުދެ އެވެ. (އެ އެންމެހައި ބޭކަލުން) އެއީ މިއުޒިކް ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ހަމަކަށަވަރުން މިފަދައިން ابن عبَّاس އަދި ابن مسعود ގެ އަރިހުން ޞައްޙަވެގެންވެ އެވެ. އަދި ابن عمر ގެ އަރިހުންވެސް އެފަދައިން ޞައްޙަވެގެންވެ އެވެ. (އަދިވެސް ވިދާޅުވެފައިވެ އެވެ.) ”މިފަދައިން مجَاهِد، عِكرمَة، مَكحُول އަދި قَتَادَة (މި އެންމެހައި ތާބިޢީ ބޭކަލުންގެ އަރިހުން) ޞައްޙަވެގެންވެ އެވެ.“ إغَاثَة اللهفان 1-420
ޞަޙާބީންގެ ޖީލަށްފަހުގައި ފާޅުވި ތާބިޢީ ބޭކަލުންގެ ޤަރުނުގައި އުއްމަތަށް ފާޅުވި އެންމެ މާތް މަތިވެރި އެއް ތާބިޢީ ބޭކަލުގެ މަޝްހޫރުވެވަޑައިގެންފައިވާ ޠާބިޢީ الحسن البصري رحمه الله ވިދާޅުވެފައިވެއެވެ.“ މި އާޔަތް ބާވައިލެއްވުނީ ލަވަޔާއި ދުއްމާރީގެ މައްޗަށެވެ.“ تفسير ابن كثير ٣/٤٥١
އަދިވެސް الإِمَام ابْن القَيِّم رحمه الله މި އާޔަތުގެ މައްޗަށް ވިދާޅުވެފައިވެ އެވެ. ”ފައިދާއެއް ނެތް ބޭކާރުވާހަކަތަކަކީ ލަވަޔާއި މިއުޒިކު ކަމަށް ޞަހާބީންނާއި އަދި ތާބިއީންގެ ފަރާތްޕުޅުން އައިސްފައިވާ ތަފްސީރުވަނީ (އެކަމުގައި) ފުދިގެންނެވެ. ފަހެ ހަމަކަށަވަރުން ابن عبَّاس އަދި ابن مسعود ގެ ފަރާތްޕުޅުން މި ތަފްސީރުވަނީ ޘާބިތުވެގެންނެވެ. أبو الصهباء ވިދާޅުވެފައިވެއެވެ. ( وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا ۚ أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ ) މި އާޔަތުގެ ތަފްސީރާމެދު عبد الله بن مسعود رضي الله عنه ގެ އަރިހުގައި ތިމަން ސުވާލު ދެންނެވީމެވެ. އެހިނދު ވިދާޅުވިއެވެ. އެއިލާހު ފިޔަފައި ހައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާ ﷲ ޤަންދީ ހުވާކޮށް ބުނަމެވެ. އެއީ ލަވަޔާއި މިއުޒިކެވެ. ތިންފަހަރު އެފަދައިން ތަކްރާރު ކުރެއްވިއެވެ. އަދި ހަމައެފަދައިން ابن عمر رضي الله عنه ގެ ފަރާތުން މި ތަފްސީރުވަނި ޘާބިތުވެގެންނެވެ. ދެންފަހެ ابن عمر رضي الله عنه ގެ ފަރާތުން އެއީ النظر بن الحارث މައްކާާގެ އަހުލުވެރީންނަށް އެމީހުން الله ގެ މަގުން އެއްކިބާކުރުމަށްޓަކައި ކިޔާދެމުން އައި ވާހަކަތައްކަމާ މެދުގައި އައިސްފައިވާ ތަފްސީރާއި މިތަފްސީރާ އެއްވެސް ފުށޫ އެރުމެއް ނުވެއެވެ. އެދެކަން ވެސް ވަނީ (الله ގެ މަގުން އެއްކިބާ ކުރާ) ބާޠިލް ވާހަކަތައް ކަމުގަ އެވެ.“
އެހެންކަމުން ابن عباس رضي الله عنه ވިދާޅުވެފައިވެ އެވެ. لهو الحديث އަކީ (الله ގެ މަގުން އެއްކިބާ ކުރާ) ބާޠިލް ވާހަކަތަކާއި އަދި ލަވަޔާއި މިއުޒިކެވެ. ފަހެ ޞަޙާބީ ބޭކަލުން މި ތަފްސިރު (ލަވަޔާއި މިއުޒިކު) ކަމުގައި ޛިކުރުކުރެއްވި އެވެ. އަދި އަނެއް މާނަ (އެބަހީ: الله ގެ މަގުން އެއްކިބާ ކުރާ ބާޠިލްވާހަކަތައް ކަމުގައި ވެސް ވިދާޅުވި އެވެ. އަދި އެބޭކަލުން އެ ދެ މާނަ ޖަމްޢު ވެސް ކުރެއްވި އެވެ. ފަހެ (ކީރިތި ޤުރުއާނުން އެއްކިބާ ކުރުމުގެ ބޭނުމުގައި ކިޔާ އުޅުނު) ރަސްރަސްކަލުންގެ ހާދިޘާތަކާއި އަދި އެމީހުންގެ ޚަބަރުތަކަށްވުރެ ލަވަޔާއި މިއުޒިކުގެ ބޭކާރުކަމާއި ބާޠިލްކަން ގަދަވެފައި އޭގެ ގެއްލުން ވެސް ބޮޑުވެގެންވެ އެވެ. އެހެނި އެއި ޒިނޭއަށްވާ ހަރުފަތެކެވެ. އަދި ނިފާގުކަމާއި ޝައިޠާނާގެ ޝިރުކާއި އަދި ބުއްދި ފިލައި ދިޔުމާއި (މި ހުރިހާ ކަމެއް އިންސާނާގެ ކިބައިގައި) އިންދާ ކަމެކެެވެ. ފަހެ އޭގެ ސަބަބުން މީސްތަކުން ކީރިތި ޤުރުއާނުން އެއްކިބާވާ މިންވަރު ބާތިލްވާހަކަ ތަކުން އެއްކިބާވާ މިންވަރަށް ވުރެ ބޮޑުވެގެންވެ އެވެ. އެއީ އެއާ ދިމާލަށް ނަފްސުތައް ލެނބިގެންދާލެއް ބޮޑު ކަމުންނާއި އަދި އެއަށް ގަޔާވާ މިންވަރުގެ ބޮޑު ކަމުންނެވެ…“ إغاثة اللهفان (1/258)
ބުނަމެވެ. ޙައްޤު ހޯދާ މީހަކަށް އާޔަތާއި އަދި އާޔަތުގެ މައްޗަށް ޤުރުއާނުގެ ތަރުޖަމާވެރިންގެ ލަޤަބް ލިބިވަޑައިގެންނެވި އަދި އެބޭކަލުންގެ ތަފްސީރަށް ރުޖޫޢަވުމަށް އަމުރުފުޅު ކުރެވިގެންވާ ބޭކަލުންގެ ބަސްފުޅުތައް ފުދެވެ. އުޑުމަތި ސާފު ދުވަހެއްގައިވާ އިރުފެންނަ ފަދައިން ސާފުކޮށް ބަޔާންވެ އެވެ. މިއީ ޝައްކެތްނުވާ މިންވަރަށް އިސްލާމް ދީނުގައި އޭގެ ޙުކުމް ބަޔާންވެގެންވާ މައްސަލައެކެވެ.
ސުންނަތުގެ ޙުއްޖަތް އަދި އޭގެ ތަފްސީރު : صحيح البخاري 5590 ގައި ޞަޙާބީ أبو مالك الأشعري އަރިހުން ރިވާކުރެވިގެންވާ ޙަދީޘްގައިވެ އެވެ. (لَيَكونَنَّ مِن أُمَّتي أقْوامٌ، يَسْتَحِلُّونَ الحِرَ والحَرِيرَ، والخَمْرَ والمَعازِفَ) ”ހަމަކަށަވަރުން ޒިނޭ ކުރުން، ފަށުވި ފޭރާން (ފިރިހެނުންނަށް ހުއްދަކުރުމާއި)، ބަގުރާ އަދި މިއުޒިކް ޙަލާލު ކުރާނެ ބަޔަކު ތިމަން ނަބިއްޔާގެ އުއްމަތުގައި ފާޅުވާނެ އެވެ.“
ފަހެ، މި ޙަދީޘްގައި އެންމެހައި މިއުޒިކީ އާލަތްތަކަކީ އޭގެ އަޞްލުގައި ޙަރާމްވެގެންވާ ތަކެއްޗެއްކަން މި ޙަދީޘްގެ ނައްޞުން ދޭހަވެގެންދެ އެވެ. އެއީ، ޝަރުޢުގައި ޝަރުޠުތަކާއެކު އިސްތިސްނާވެގެންވާ އެއްޗެއް ފިޔަވަ އެވެ.
މިއުޒިކާއި ބެހޭގޮތުން الإِمام القَاسم بن مُحمد بن أبي بكر الصديق رحمه الله އަރިއަހުގައި މީހަކު ސުވާލު ދެންނެވި އެވެ. އެހިނދު ވިދާޅުވި އެވެ. ތިބާއަށް މައްޗަށް އެކަން ތިމަންނަ މަނާ ކުރަމެވެ. އަދި އެކަމަކީ ތިބާ ކުރުމަށް ތިމަން ނުރުހޭ ކަމެކެވެ. އެހިނދު އެމީހަކު ދެންނެވި އެވެ. އެއީ ޙަރާމްވެގެންވާ ކަމެއް ހެއްޔެވެ؟ ވިދާޅުވި އެވެ. ތިމަންގެ އަޚާގެ ދަރިކަލުންނެވެ. ބާޠިލުގެ ތެރެއިން ޙައްޤަކީ ކޮބައިކަން ﷲ ވަކިކޮށްދެއްވައިފިހިނދު، ތިބާ މިއުޒިކު ވައްދާނީ އެ ދެކަމުންކުރެ ކޮން ކަމެއްގެ ތެރެއަށް ހެއްޔެވެ؟ (ރިވާޔަތުގައި ވެ އެވެ.) އެމީހާ ދެންނެވި އެވެ. މިއުޒިކު ވާހުށީ ބާޠިލްގެ ތެރެއިންނެވެ. އެހިނދު القَاسم بن مُحمد ވިދާޅުވި އެވެ. ”ޙައްޤު ގޮތަށް ފަހުގައި، ވާނީ މަގުފުރެދުން ނޫން ކޯންޗެއް ތޯ އެވެ.“ ذم الملاهي لابن أبي الدنيا 44
الإمام شيخ الإسلام ابن تيمية (728 ގައި ދުނިޔެ ދޫކުރެއްވި) رحمه الله ވިދާޅުވެފައިވެ އެވެ. ”ޞަޙާބީންނާއި، ތާބިޢީން ތެރޭގައި ހިމެނިވަޑައިގަންނަވާ، މިޘާލަކަށް عَبد الله بن مَسعود، عبد الله بن عمر، عَبد الله بن عَبَّاس، جَابر بن عَبد الله އަދި މިނޫންވެސް ޞަލަފުއް ޞާލިޙުންގެ އިމާމުންގެ އަރިހުން ފާޅުވެ ބަޔާންވެގެންވަނީ މިއުޒިކު އިންކާރުކުރައްވާފައި ވުމެވެ. އަދި މިފަދައިން (ޞަޙާބީންގެ ޖީލަށް ފަހު) ފާޅުވި ހެޔޮވެގެންވާ 3 ޤަރުނުގައި އިސްލާމްދީނަށް ފާޅުވި އިމާމުންގެ (ބަސްފުޅުތައްވަނީ އެފަދައިންނެވެ.)“ الإستقامة
الإِمَام ابْن القَيِّم (751 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله ވިދާޅުވެފައިވެ އެވެ. ”ދީނީ ޝަރުޢީ ޢިލްމުގެ ވަސް ދުވި މީހެއްވެސް، މިއުޒިކް ޙަރާމް ކަމުގައި ބުނުމާމެދު ޝައްކެތްވެސް ނުކުރާނެ އެވެ. (މިއުޒިކް އާ މެދު) އެންމެ ދަށް ދަރަޖައިން ބުނެވޭނީ އެއީ ބަގުރާ ބޯމީހުންނާއި ފާސިޤުންގެ ޝިޢާރެކެވެ.“ إغاثة اللهفان 1 -265
ޝައްކެތްވެސް ނެތެވެ! މިއުޒިކަކީ ފާސިޤު ފާޖިރު، ޙަޔާތެއް ނެތިފައިވާ، ޝަޢިޠާނީ ބައިގަނޑުގެ އެއްޗެކެވެ.
އިސްވެ ބަޔާން ކުރެވުނު ދަލީލުތަކަކީ މި މަޢުޟޫގެ ޙަޤީޤަތް ސާފުވެ ބަޔާންވެ، ހައްޤު ހޯދުމުގެ ޤަޞްދު އޮތް މީހަކަށް ފުދޭނެ މިންވަރެއް ކަމުގައި ދެކެމެވެ.
އެކި ޒަމާންތަކުގައި އުއްމަތަށް ފާޅުވި އިމާމުންނާއި ޢިލްމުވެރިންގެ ބަސްފުޅުތައް :
މި މައުޟޫގައިވެސް، އުއްމަތުގެ ސަލަފުއް ޞާލިޙުންގެ އަރިހުން ބަޔާންވެގެންވާ ބަސްފުޅުތަކުގައި އެއްވެސް ޝައްކެތް ނުވާ މިންވަރަށް މި ކަމުގެ ޙުކުމް ވަނީ، ޙުއްޖަތާއި ދަލީލާއި، ބަސްފުޅުތަކުން ބަޔާންްވެގެންނެވެ. އެފަދަ ބައެއް ބަސްފުޅުތައް ބަޔާން ކުރަމެވެ.
ابن عباس رضي الله عنه ވިދާޅުވެފައިވެ އެވެ. ”މިއުޒިކް ކުޅުން ޙަރާމް އެވެ. ބެރުޖެހުން ޙަރާމް އެވެ. ދުންމާރި (ފުމޭ އޮނު) އަކީ ޙަރާމް އެއްޗެކެވެ.“ صحيح/تفسير سعيد بن منصور١٧٢٣
މާތް މަތިވެރި ޞަޙާބީގެ ބަސްފުޅުގައި ބަޔާންވެގެންވަނީ، މިއުޒިކް ކުޅުމާއި، ތާރަ ޖެހުމާއި، ބެރުޖެހުން ޙަރާމްވެގެންވާކަމެވެ. މި ބޭކަލުންނަށްފަހު އިސްލާމް ދީނުގެ ޙުކުމްތައް އެނގިވަޑައިގަންނަވާފައިވާނެ ފަރާތްތަކަކީ ކޮބައިހެއްޔެވެ؟
ޞަޙާބީންގެ ފަރާތުން އެފަދަ ބަސްފުޅުތައް ބަޔާންވެގެން ވުމުން ސުންނަތުގެ އަހުލުވެރިޔާއަށް އެކަން ސާފުވެ، ދެބަސްވުމެއްނެތި ޙައްޤު ފާޅުވީ އެވެ. އޭގެ އިތުރަށް އުއްމަތުގެ އެހެނިހެން ޖީލުތަކުގެ އިމާމުން ސުންނަތުގެ ފަރުބަދަތައްފަދަ، މުޖައްދިދުން މިކަމުގައި ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.
الإمام البَغَوي رحمه الله (516 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) ވިދާޅުވެފައިވެ އެވެ. ފުމޭ އޮނު (ދުންމާރި) އަދި މިއުޒިކް ކުޅުމަށް ބޭނުންކުރާ އެންމެހައި އާލާތެއް އަދި މިއުޒިކަކީ އެއްވެސް ޚިލާފެއްނުވާ ގޮތުގައި ޙަރާމްވެގެންވާ އެއްޗެއް ގޮތުގައި އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެ އެވެ.“ شرح السنة (12/383)
الإمام شيخ الإسلام ابن تيمية رحمه الله (728 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) ވިދާޅުވެފައިވެ އެވެ. ”ހަތަރު އިމާމުން ދެކިވަޑައިގެންފައިވާ ގޮތުގައި، މިއުޒިކް ކުޅުމަށް ގެންގުޅޭ އެންމެހައި އާލާތްތަކަކީ ޙަރާމް ތަކެއްޗެވެ.“ مجموع فتاوى ج 11 ص 576
މި އެންމެހައި ބަސްފުޅުތަކެއްގައިވެސް ބަޔާންވެގެންވަނީ އެންމެހައި މިއުޒިކީ އާލާތްތަކެއް ޝަރީޢަތުގައި ޙަރާމްވެގެންވާކަމެވެ.
الإِمَامُ ابن رَجَب الحَنْبَلِي (795 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله ވިދާޅުވެފައިވެ އެވެ .“މިއުުޒިކަކީ ޙަރާމްވެގެންވާ އެއްޗެއްކަމާއި އަދި މުނިފޫހިފިލުވުމަށް ގެންގުޅޭ (މިއުޒިކީ) އާލާތްތައް ޙަރާމްވެގެންވާ ކަމުގައި އުއްމަތުގެ ސަލަފުންގެ ފަރާތުން ވާރިދުވެގެންވާ އަޘަރުތައް ނުހަނު ގިނަގުނަ އެވެ.“ نزهة الأسماع 66
އަދިވެސް ވިދާޅުވެފައިވެ އެވެ. ”أبوبكر الآجري އަދި އެހެނިހެން ޢިލްމުވެރިން މިކަމުގެ މައްޗަށް އިޖްމާޢު ޛިކުރުކޮށްފައިވެ އެވެ.“ نزهة الأسماع 66
އަދިވެސް ވިދާޅުވެފައިވެ އެވެ. ”މި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ އެއްވެސް ބޭފުޅަކު އެއްވެސް މިއުޒިކީ އާލަތެއް ހުއްދަކުރައްވާފައިވާކަން އެނގިގެން ނުވެ އެވެ. އެހެނަސް އެބޭކަލުންނަށް ފަހުގައި ފާޅުވި އެބައެއްގެ ބަސްތައް ބެލެވިގެންނުވާ ޞޫފީން އަދި ޟާހިރީން ބައެއްމީހުން ހުއްދަކުރި އެވެ.“ نزهة الأسماع 60
الإمام الألباني (1420 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ޢިލްމުވެރިންނާ ފިޤުހުވެރިން އިއްތިފާޤުވެވަޑައިގެންފައިވަނީ މިއުޒިކީ އެންމެހައި އާލާތްތަކަކީ ޙަރާމްވެގެންވާ އެއްޗެހިތަކެއް ކަމުގަ އެވެ. އެއީ ނަބަވީ ޙަދީޘްތަކާއި އަދި ސަލަފީ އަޘަރުތަކަށް ތަބަޢަވުމަށްޓަކަ އެވެ.“ تحريم آلات الطرب ١٠٥
الإمام شيخ الإسلام ابن تيمية (728 ގައި ދުނިޔެ ދޫކުރެއްވި އިމާމެއް) رحمه الله ވިދާޅުވެފައިވެ އެވެ. ”ފަހެ، ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލެއް ތާރަ ޖައްސަވާފަ އެއް ނުވެ އެވެ. އަދި އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލެއް އަތްތިލަ ނުޖައްސަވަ އެވެ.“ مجموع الفتاوى 11-565
އަޚުންނޭވެ! ޙުއްޖަތްތަކާއި ދަލީލުތަކާއި، ޞަޙާބީންނާއި ތާބިޢީންނާއި އުއްމަތުގެ އެކިއެކި ޤަރުނުތަކުގައި ފާޅުވި އިމާމުންގެ ބަސްފުޅުން މިއުޒިކީ އެންމެހައި އާލާތްތަކެއް ޙަރާމްވެގެންވާކަން މިވަނީ ބަޔާންވެގެންނެވެ.
އިސްވެ ބަޔާންވެ ޛިކުރު ކުރެވިފައިވާ ބަސްފުޅުތަކުން ޙަރާމްވެގެންވާ ޝައްކެތްވެސް ނުވާގޮތުގައި ބަޔާންވުމުން، ދީނުގެ ޤަވާޢިދުތައް ދަންނަ ކޮންމެ މީހަކަށް އެނގިގެންދާނީ، މިފަދަ އެއްޗެއް ބޭނުން ކުރުން ހުއްދަވެއްޖެ ހިނދު އެ ހުއްދަ ލިބިގެންދާނީވެސް ދީނުގައި ބަޔާންވެގެންވާ ދަލީލެއްގެ މައްޗަށެވެ. ޙަރާމް ވެގެންވަނީ ދަލީލުތަކުގެ މަތިންނެވެ. ވުމުން ހުއްދަވާނީވެސް ދަލީލުތަކުން ހުއްދަކޮށްފައިވާ މިންވަރުންނެވެ. އަދި އެ ދާއިރާގެ ތެރޭގައި އެވެ. އެއަށްވުރެ ފުޅާ ކުރުމަކީ ޝައްކެތްވެސް ނެތް ގޮތުގައި ދީނުގައިވާ ޙުކުމްތަކުގެ މައްޗަށް ޙައްދުފަހަނައަޅައި ދިއުމެވެ.
ފަހެ، މިކަމުގެ މައްޗަށް ސަމާލުވުން ހުއްޓެވެ. ރައްކާތެރިވުން ހުއްޓެވެ. އެކަމަށް ނަފްސަށް އިންޒާރު ލިބިގަތުން ހުއްޓެވެ. މި ޒަމާނަކީ އެތައް ފާފަތަކާއި މުންކަރާތެއް އަދި ދީނުގައި ނުވާކަންތައްތައް އޮޅުވާލުމާއި، ހަވާނަފްސާއި އަދި ތިމާމެންގެ މަޝްހޫރުކަމާއި، ލަނޑުދަނޑިއަށް ވާޞިލްވުމަށް ކުރަމުންދާ ޒަމާނެކެވެ. އެފަދަ މީސްތަކުންގެ ބަސްތައް ބަޔާންކޮށް ޙުއްޖަތްތަކާއި ހަޤީޤަތް ހާމަކުރުމުން އެއީ ”ޙައްދުފަހަނައެޅުން“ ކަމުގެ ބަސް އެބައެއްގެ ބޮލުގައި އަޅުވާ ޒަމާނެވެ.
الإِمَام العَلاَّمَة الأَلْبَانِي رحمه الله ވިދާޅުވެފައިވެ އެވެ. ”(މިއުޒިކްގެ) ވާހަކަ މިއަށްވުރެ ބޮޑު ޙާލަތަކަށް ގޮސްދާނެ ކަމަށް އަހަރެން ބިރުވެތިވަމެވެ. ފަހެ، މީސްތަކުން މިއުޒިކްގެ ޙުކުމް ހަނދާންނެތި، އެބައިމީހުންނަށް މިއުޒިކްގެ ޙުކުމް ބަޔާންކުރުމުން އެ ބަޔާންކުރި މީހާގެ މައްޗަށް އިންކާރުކޮށް އޭނާއަކީ ޙައްދުފަހަނައަޅައިފައިވާ މީހެއްގެ ގޮތުގައި ނިސްބަތް ކުރާނެ އެވެ.“ تحريم آلات الطرب
ނިންމާލުމުގެ ކުރިން ބުނަމެވެ.
الإمَام ابن القيم رحمه الله ވިދާޅުވެފައިވެ އެވެ. ”ޙައްޤު (އޭގެ އަލިކަމާ، ފާޅު ވުމުގައި) އިރު ފަދައިންވެ އެވެ. އަދި އެ ހައްޤާއި ދިމާލަށް ލޯތައް ބަލަބަލާ ތިބެ އެވެ. އެހެނަސް އެ ލޯތަކާއި ޙައްޤާއި މެދު ފަރުދާއެއް ލެވި، އޭގެ ސަބަބުން ކަނުވެފައިވާ ލޯތަކުގެ މަތިން އެޙައްޤު ވަނީ ވަންހަނާ ވެގެންނެވެ.“ الكافية الشافية في الانتصار للفرقة الناجية
އަޚުންނޭވެ! ދަންނަ އެވެ! ޙައްޤު އަދި ޙައްޤު ގޮތުގައިވާ ދަލީލާއި ޙުއްޖަތް ދޫކޮށް އެމީހެއްގެ ރައުޔާއި، ހަވާނަފްސު އެއްގޮތްވެ އެ ދިފާޢުކުރުމަށްޓަކައި ކޮންމެ އެއްޗެއް ހޯދުމުގެ ފިތުނައިން ރައްކާތެރިވުން ވާޖިބުވެގެންވެ އެވެ. ބާޠިލްގެ އަހުލުވެރިންގެ ތެރެއިން ހިމެނިދާނެ ކަމުގެ ބިރުވެރިކަން އޮންނަންޖެހެ އެވެ. الإمام شيخ الإسلام ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ބިދުޢައިގެ އަހުލުވެރިން (ޢާންމުގޮތެއްގައި) ޞައްޙަ ޙަދީޘް އާއި ޞައްޙަ ނޫން ޙަދީޘްތައް ވަކިކޮށް ފަރަޤެއް ނުކުރެ އެވެ. އެހެނަސް އެބައިމީހުންގެ ރައުޔާއި، ހަވާނަފްސާއި އެއްގޮތްވެއްޖެ އެއްޗަކީ އެމީހުންގާތުގައި ޙައްޤުކަމުގައިވެ އެވެ.“ الفرق بين عبادات (١٥٠)
والله تعالى أعلم.
وصلى الله على نبينا محمد وعلى آله و صحبه وسلم.