ކޭތަ ނަމާދު ކުރާނެ ސިފައަކީ ކޮބައި ހެއްޔެވެ؟ އަދި ކޭތަ ނަމާދު ގޭގައި ޖަމާޢަތް ހަދައިގެން ނުވަތަ ވަކިން ކުރުން ހުއްދަ ވެގެންވޭ ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
ކޭތަ ނަމާދުގެ މައްޗަށް ބުނަވެ.
ދަންނަ އެވެ.
ކޭތަ ހިފަނީ ނުވަތަ ކުރިމަތިވަނީ ﷲ ގެ އިރާދަފުޅާއި މިންވަރު ފުޅުންނެވެ.
އެއީ (ތަބީޢީ ކަމެއް) ގޮތުގައި ދެކިގެން ނުވާނެ އެވެ.
އޭގެ ޙިކްމަތަކީ ކޮބައިކަން އަހަރެމެންނަށް ނަބިއްޔާ ﷺ ވަނީ ބަޔާންކޮށްދެއްވާފަ އެވެ.
އިމާމް صحيح البخاري 1048 އަދި صحيح مسلم 915 ގައި ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (إنَّ الشمسَ و القمرَ لا يَنكَسِفان لموتِ أحدٍ و لا لحياتِه، و لكنهما آيتانِ من آيات اللهِ ، يخوِّفُ اللهُ بهما عبادَه ، فإذا رأيتُم ذلك ، فصلُّوا و ادعُوا حتى ينكشِفَ ما بكم )
”ހަމަކަށަވަރުން އިރު އަދި ހަނދުކޭތަ އަކީ މިހަކު މަރުވުގެ ސަބަބުން ނުވަތަ މީހަކު އުފަންވުމުގެ ސަބަބުން ހިފާއެއްޗެއް ނޫނެވެ. އެހެނަސް އެއީ ﷲގެ ކުޅަދުންވަންތަ ކަމުގެ އާޔަތްތަކުގެ ތެރެއިންވާ 2 އާޔަތެވެ. އެ އިލާހުގެ އަޅުތަކުން އެ 2 އެތީގެ މަތިން ބިރުގަނުވަ އެވެ. ތިޔަބައިމީހުންނަށް ކޭތަ ފެނިއްޖެހިނދު، ތިޔަބައިމީހުންގެ މައްޗަށް އެ ދިމާވެފައިވާ ކަންތަކުން ސަލާމަތްވުމަށްދެން ނަމާދު ކުރާހުއްޓެވެ.“
އަޚުންނޭވެ! ދަންހުއްޓެވެ! ކޭތަ އަކީ އިންޒާރެކެވެ. ފާޅުވެދާނެ ޢުޤޫބާތެއްގެ މައްޗަށް ދެވޭ އިންޒާރެކެވެ.
އެހެންވުމުން ކޭތަ (ހަނދު ކޭތަ ނުވަތަ އިރު ކޭތަ) ހިފައިފިހިނދު، ނަމާދަށް އަވަސްވެގަތުމަށް އަމުރުފުޅި ކުރެއްވި އެވެ.
ދުޢާކުރުމާއި، ޞަދަޤާތް ކުރުމާއި، އަޅުން މިނިވަން ކުރުމާއި، ޛިކުރު ކުރުމަށް ﷲ އަށް ކުއްތަންވެ، ނިކަމެތި އާރެއް ބާރެއްނެތް ބައެއްގެ ގޮތުގައި ދެންނެވުމަށް އަމުރުފުޅު ކުރެއްވި އެވެ.
ﷲ އަށް ތަޥްބާވުމަށް ވަނީ އިރުޝާދު ދެވިގެންނެވެ.
ލޯބިވާ އަޚުންނޭޥެ! މިއަދު ދުނިޔެވީ މައިދާނަށް ބަލައިފިހިނދު، މުސްލިމުންގެ ތެރޭގައިވެސް، ކޭތަ ހިފައިފިއޭ ބުމުނުން، މި ސިފަތައް ފާޅުވޭ ހެއްޔެވެ؟
އޭގެ ކުރީގެ ރެއެކޭ އެއްފަދަ ނޫން ހެއްޔެވެ؟
ތަފާތު ކަމެއް، ބިރުވެރި ކަމެއް، ބޮޑު ކާރިޘާ އެއް ޙާދިޘާއެއް ފާޅުވެގެންވާހެން ޢަމަލުން ފެނޭ ހެއްޔެވެ؟
ފަހެ، މިއީ ހިތްތައް ގާވެ، މަރުވެފައިވާ ކަމުގެ ސިފަތަކެވެ.
ޢަލާމާތްތަކެވެ.
މިހެން ވެގެން ނުވާނެ އެވެ. ވެވިގެންވެސް ނުވާނެ އެވެ.
ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުގައި ނަބިއްޔާގެ ލޮބުވެތި ދަރިކަލުން إبراهيم -رضي الله عنه- އަވަހާރަފުޅުވި ދުވަހުގައި އިރު ކޭތައެއް ހިފި އެވެ. ފަހެ، އެހިނދު ނަމާދަށް މިސްތަކުން ޖަމަޢަވުމަށް އަމުރުފުޅު ކުރައްވާ الصلاة جامعة ގޮވައިލެވުނެވެ.
ފަހެ، މީސްތަކުން މިސްކިތަށް ޖަމަޢަވި އެވެ.
އަދި އޭގެ ކުރިން ދުވަހަކުވެސް ޞަޙާބީންނަށް ނަމާދެއްގެ އެސިފަ ފެނިވަޑައިގެންފައި ނުވާ ނަމާދެއް، ޢަޖައިބު ކުރުވާފަދަ ނަމާދެއް ކުރެއްވި އެވެ.
އަޚުންނޭވެ! މިއީ ޝަރުޢީ އާޔަތެވެ. ﷲ މީސްތަކުންނަށް އެބައިމީހުންގެ ޙަޔާތުގައި ޢިބްރަތް ހޯދުމަށް ދެއްކެވި ބޮޑުވެގެންވާ ޤަރީނާ ހެއްކެކެވެ.
ފަހެ، އެފަދައިން ނުވާންވީ ކީއްވެ ހެއްޔެވެ؟
ކުރެއްވި ނަމާދަކީ ހައިރާންކުރުވަނިވި ނަމާދެކެވެ. ކައުނީ ގޮތުން، ޢާދަވެ ފެންނަފަދައިން ނުވެ އެވެ.
ދުވާލުގެ އަލިކަމުގައި އިރު ނޫރުގޮސް ކަޅުވީ އެވެ.
ނަބިއްޔާ ނަމާދުގައި ހުންނަވަނިކޮށް ﷲ ނަބިއްޔާއަށް ސުވަރުގެ ދެއްކެވި އެވެ. އަދި ސުވަރުގޭގައިވާ މޭވާތައް ފެނިވަޑައިގެންނެވުމުން ނަމާދަށް ހުންނަވާ ކުރިއަށް ޖެހިވަޑައިގެންނެވި އެވެ.
ނަމާދުގައި ވަނިކޮށް ނަރަކަ ދެއްކެވި އެވެ. ނަރަކައިގެ ހޫނު ހަށިކޮޅަށް ވާޞިލްްވުމުން ފަހަތްޕުޅަށް ޖެހިވަޑައިގެންނެވި އެވެ.
އަޚުންނޭޥެ! ތަފާތު ޙާލަތެއް، ތަފާތު ނަމާދެއް، ސުވަރުގެ ނަރަކަ ދައްކަވައި….. މިއީ އެއަށްފަހު ފިލާވަޅުތަކެއް ނޫން ހެއްޔެވެ؟ މިއީ އެއަށްފަހު، ޢިބްރަތްތަކެއް ނޫން ހެއްޔެވެ؟ އެ އިރުގެ އަލިކަން އެ ގެންދެވި ގޮތަށް ނައިސްދާނެ ކަމަށް ނަފްސު ބިރު ނުގަންނަނީ ހެއްޔެވެ؟
ބުނުން އޮތީ ކޮންފަދަ ބިރުވެރި ޙާލަތަކަށް ގޮސްދާނެ ހެއްޔެވެ؟ ކުރެއްވި ނަމާދުގައި ޤިޔާމުގައި ވަރަށްވެސް ވަރަށްވެސް ދިގުކޮށް ޤިޔާމް ކުރެއްވި އެވެ.
ދެ ރަކުޢަތް ކުރެއްވި އެވެ. ކޮންމެ ރަކުޢަތެއްގައި 2 ރުކޫޢު އަދި 2 ސަޖިދަ ކުރެއްވި އެވެ. ނަމާދަށްފަހު، ވަރަށްވެސް އަޘަރު ކުރަނިވި ބަސްފުޅެއް، ޛިކުރެއް ދެއްވި އެވެ. އެ ބަސްފުޅުގައި ވިދާޅުވި އެވެ.
واللهِ لو تَعلمونَ ما أعْلَمُ لضَحِكْتُمْ قليلًا ولبَكَيتُمْ كثيرًا
ﷲ ޤަންދީ ބުނަމެވެ. ތިމަން ނަބިއްޔާ އެނގިވަޑައިގެންފައިވާ މިންވަރަށް ތިޔަބައިމީހުން ދަންނަ ކަމުގައިވާނަމަ، ހަމަކަށަވަރުން ތިޔަބައިމީހުން ގިނައިން ރޮއި އަދި ހީހަދާލެއް މަދުވާނެ އެވެ.
އަޚުންނޭވެ! ނަފްސުގައި މިއަދު ހިނގަމުންދާ ކަންތަކާއި އޭގެ އިތުރަށް މިއަންނަ މިފަދަ އިންޒާރުތަކަށް ނަފްސު ހޭލައްވާށެވެ. ނަފްސަށް އެކަން ފިލާވަޅެއްގެ ގޮތުގައި ހޯދުން ހުއްޓެވެ.
އެއަށްފަހު، ނަމާދާއި މެދުގައި ނުކުތާ ތަކެއް ހަނދާންކޮށްދެމެވެ.
ފުރަތަމައީ : އަމިއްލަ ގޭގައި ނަމާދު ކުރެވޭނެ ހެއްޔެވެ؟
ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު ނަމާދު ގޭގައި ޖަމާޢަތް ހަދައިގެން ނުވަތަ ވަކިން ކުރުން ހުއްދަވެގެންވެ އެވެ. އަޥްލާވެގެންވަނީ ޖަމާޢަތުގައި މިސްކިތުގައި ކުރެވޭ ޙާލުގައި މިސްކިތުގައި ކުރުމެވެ. ޖަމާޢަތުގައި އަދި ފަރުދީގޮތުން އެކަނި ހުރެވެސް ކުރުން ސުންނަތްވެގެންވުމެވެ.
މިކަމުގެ ދަލީލަކީ ނަބިއްޔާ ﷺ ގެ ބަސްފުޅެވެ. (فإذا رأيتموه فصلوا) ”ތިޔަބައިމީހުންނަށް ކޭތަ ފެނުމުން ފަހެ، ނަމާދު ކުރާށެވެ.“
الإمام ابن قُدامة ވިދާޅުވެފައިވެ އެވެ. ”އިމާމްގެ އިޛުނައާ އެކު ނުވަތަ އިޛުނަނެތް ކަމުގައިވީނަމަވެސް އެކަނި ފަރުދީ ގޮތުން ކަމުގައިވީނަމަވެސްމެ މީސްތަކުން ނަމާދު ކުރުމަށް އަވަސްވެގަތުން ހުއްޓެވެ.“ المقنع (72)
މި މައްސަލައިގެ ޞައްޙަ ޤައުލަކީ އިމާމްގެ އިޛުނަ ޝަރުޠު ނުކުރެވޭ ކަމެވެ.
العَلاَّمَة الشَّيخ صَالح الفَوزَان ވިދާޅުވެފައިވެ އެވެ. ”ނަބިއްޔާ ﷺ ގެ ޢަމަލުފުޅުން ބަޔާންވެފައިވުމުން ކޭތަނަމާދު ޖަމާޢަތުގައި ކުރުން ސުންނަތްވެގެންވެ އެވެ. އަދި ސުންނަތް ނަމާދުތައް ވަކިން ކުރާފަދައިން އެކަނި ކުރުންވެސް ހުއްދަވެގެންވެ އެވެ. އެހެނަސް ޖަމާޢަތުގައި ކުރުން ހެޔޮކަންބޮޑުވެގެންވެ އެވެ.“ الملخص (282)
ދެވަނައީ : މި ނަމާދު ކުރާ ސިފަ : ނަމާދު ކުރާނެ ސިފައާއި މެދުގައި ސުވާލު ކުރުމުން ބުނަމެވެ.
- ނިޔަތްގަނެ، الله أكبر ކިޔައި ޙަރަމް ބަނުން ހުއްޓެވެ. އެއަށްފަހު އިސްތިފްތާޙް ކިޔައި، އިސްތިޢާދަ އަދި ބަސްމަލަ ކިޔައި ފާތިޙާ ސޫރަތް ކިޔުމަށްފަހު، ދިގުކޮށް ގުރުއާނުން ފަސޭހަތަނެއް ކިޔަވާށެވެ.
- الله أكبر ކިޔައި ރުކޫޢަށް ދާނި އެވެ. ރުކޫޢުގެ ތަސްބީޙަ ކިޔުމަށްފަހު (ރުކޫޢު ދިގުކޮށް ކުރުންވެސް ސުންނަތްވެގެންވެ އެވެ.)
سَمِعَ اللهُ لِمَن حَمِده ކިޔައި އަނެއްކާވެސް ޤިޔާމަށް ތެދުވާށެވެ. އަދި ޙަރަމްބަންނާނީ އެވެ. އެއަށްފަހު އިސްތިޢާޛަ އަދި ބަސްމަލަ ކިޔައި ފާތިޙާ ސޫރަތް ކިޔަވައި ދިގުކޮށް ފަސޭހަ މިންވަރެއް ކިޔެވުން ހުއްޓެވެ. އެއަށްފަހު الله أكبر ކިޔައި ރުކޫޢަށް ދާށެވެ. (ރުކޫޢު ދިގުކޮށް ކުރުންވެސް ސުންނަތްވެގެންވެ އެވެ.)
(މިއީ ފުރަތަމަ ރަކުޢަތުގައި ކުރެވުނު ދެވަނަ ރުކޫޢަ އެވެ.)
- ރުކޫޢުގެ ތަސްބީޙަ ކިޔުމަށްފަހު، سمع الله لمن حمده ކިޔައި ތެދުވާނީ އެވެ. އަދި އިޢުތިދާލުގެ ޛިކުރުތައް ކިޔައި ފުރިހަމަ ކުރާނީ އެވެ. އެއަށްފަހު الله أكبر ކިޔައި ސަޖިދަ ކުރާނީ އެވެ.
- ސަޖިދައގައި ކިޔާ ތަސްބީޙަ ކިޔުމަށްފަހު الله أكبر ކިޔައި ދެ ސަޖިދަ ދެމެދު އިށީންނަ ހުއްޓެވެ. އަދި ޛިކުރު ކުރުމަށްފަހު 2 ވަނަ ސަޖިދަ ކުރާނީ އެވެ.
- ދެވަނަ ސަޖިދަކޮށް ނިމުމަށްފަހު، 2 ވަނަ ރަކުޢަތަށް ތެދުވާނީ އެވެ. އަދި ފުރަތަމަ ރަކުޢަތް ކުރި ފަދައިން (2 ރުކޫޢުކޮށް) އިޢުތިދާލުކޮށް ސަޖިދަކޮށް ދެސަޖިދަ ދެމެދު އިދެ، 2 ވަނަ ސަޖިދަކޮށް އައްތަހިޔާތު ކިޔައި ސަލާމް ދިނުމުން ނަމާދު ކޮށް ނިމުނީ އެވެ.
ތިންވަނައީ : މި ނަމާދުގައި މުޞްޙަފް ބަލައިގެން ކިޔެވޭނެ ހެއްޔެވެ. އާނއެކެވެ. މި ނަމާދުގައި މުޞްޙަފް ބަލައިގެން ކިޔެވުން ހުއްދަވެގެންވެ އެވެ. އެކަމުގައި މައްސަލައެއްނެތެވެ.
ހަތަރުވަނައީ : ނަމާދުކޮށް ނިންމާފައި ދެވޭ ޚުޠުބާ ދިނުމަކީ ވެރިޔާ ނުވަތަ ވެރިޔާ އައްޔަނު ކުރާ ފާރާތަކުން ދޭ ޚުޠުބާއެއް ގެ ގޮތުގައި ވުމުން، ވަކިން ނުވަތަ ގޭގައި ޖަމާޢަތް ހަދައިގެން ކުރާ ފަރާތްތަކުން ޚުތުބާ ދިނުމެއް ނުވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.