އައްތަހިޔާތުގައި އިނގިލި ޙަރަކާތް ކުރާނީ ކިހިނެއްތޯއެވެ؟ އިމާމް އަލްބާނީ رحمه الله
الشَّيخ الإِمَام المُحدِّث مُحَّمد نَاصِر الدين الأَلْبَانِي رحمه الله
”އެބައިމީހުން ނަމާދުގެ އައްތަހިޔާތުގައި އިނގިލި ޙަރަކާތް ކުރުމާއި މެދު، މިތަނަށް ޙާޟިރުވެތިބި އަހަރެމެންގެ އެންމެހައި އަޚުންނަށް ހަނދުމަކޮށްދިނުމަށް އަހަރެން ބޭނުންވެ އެވެ.
ނަމާދުގައި އިނގިލި ޙަރަކާތް ކުރުމުގައި ޝަރީޢަތުގައި ކަނޑައެޅިފައިނުވާ އިތުރު ޙަރަކާތްތަކެއް ގެނެސްފައިވެ އެވެ. އެއްވެސް ޝައްކެތް ނެތެވެ. އައްތަހިޔާތުގައި އިނގިލި ޙަރަކާތް ކުރުމަކީ ސުންނަތެކެވެ. އެހެނަސް އަހަރެމެންގެ ތެރޭގައިވާ ނަމާދުކުރާ ވަރަށްވެސް ގިނަ ސުންނަތުގެ އަހުލުވެރިން، ސުންނަތުގައި ވާރިދުވެގެންނުވާ ޙަރަކާތްތައް ގެނެސްފައިވެ އެވެ. އެއީ އިނގިލި ތިރި ކުރުމާއި މައްޗަށް އުފުލައި ހެދުމެވެ.
މި މިސްކިތުގައި އަހަރެންނަށް ފެނުނު އެއް މަންޒަރަކީ، މި މިސްކިތުގެ އިމާމް -ﷲ އިމާމްއަށް ހެޔޮ ޖަޒާ ދެއްވާށި އެވެ.- ސުންނަތް ފެތުރުމަށް އިމާމް ނުހަނު ބުރަ މަސައްކަތް ކުރައްވަ އެވެ.
މި މިސްކިތުގައި ނަމާދުކުރާ ބައެއް މީހުން އައްތަހިޔާތުގައި އިނގިލި ޙަރަކާތް ކުރާތަން އަހަރެން ފެނުނެވެ. މިއީ، މިސްކިތުގެ އިމާމް އަދާކުރަންޖެހޭ ވާޖިބު އަދާކޮށްފައިވާކަން ދޭހަކޮށްދޭ ދަލީލެކެވެ. الحَمدُ لله އެވެ. އަހަރެމެންނަށް ވާޖިބުވެގެންވަނީ ސުންނަތަށް ދަޢުވަތު ދިނުމެވެ. އެފަދައިން އިނގިލި ޙަރަކާތްކުރި ބައެއް ފަރާތްތައް އަދި މި ދަތުރުގައި އަހަރެމެންނާ އެކުގައި ބައިވެރިވާ ބައެއް އަޚުން އައްތަހިޔާތުގައި ޙަރަކާތްކުރާހިނދު އެ ޙަރަކާތުގެ ތެރެއަށް، އިނގިލި ތިރިކޮށް އަދި މައްޗަށް އުފުލައި ހެދުން ހިމެނެ އެވެ. ޔަޢުނީ : މިފަދައިން އިނގިލި ތިރިއަށް ގެނައުމާއި މައްޗަށް އުފުލުމަކީ ސުންނަތުގައި އެކަމަށް އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. އިނގިލި ތިރިކޮށް މައްޗަށް އުފުލުމަކީ ސުންނަތުގައި އެކަމަށް އެއްވެސް އަޞްލެއްއޮތް ކަމެއް ނޫނެވެ.
ސުންނަތުގައި އައިސްފައިވަނީ ޙަރަކާތް ކުރުމެވެ. މާނައަކީ، ޙަރަކާތް ކުރުމުގައި އަބަދުވެސް އިނގިލި ޤިބްލައަށް ބެހެއްޓުމަށް ސަމާލުކަން ދިނުމެވެ. ޤިބްލައަށް ބަހައްޓައިގެން ޙަރަކާތް ކުރާހިނދު، އެ ޙަރަކާތުގައި އިނގިލި ތިރިކުރާކަށް ނުޖެހޭނެ އެވެ. އަދި ޙަރަކާތް ކުރުމުގައި އިނގިލި ތިރިކޮށްފިހިނދު، އިނގިލި ހުންނާނީ ބިންމައްޗަށް އިޝާރާތް ކުރެވޭ ގޮތަށެވެ. ބިންމައްޗަކީ ތިބާއަށް ޤިބްލަކަމުގައި ނުވެ އެވެ. އެހެނަސް ޤިބްލަވަނީ ތިބާގެ މޫނާ ދިމާލަށެވެ. ފަހެ، އަތްތިލަ އޮންނާނީ ކަކުލުގެ މަތީގަ އެވެ. އައްތަހިޔާތަށް އިށީނުމާއެކު، އެންމެހައި އިނގިލިތަކެއް އަތްތިލައިގެ ތެރެއަށްލައި، މެދު އިނގިއްޔާއި ބޮޑުވައި (ވައްބުރަކަށްވާ ގޮތަށް ޖައްސައި) އިނގިލި ޖައްސައި، ޝަހާދަތް އިނގިލި ހުޅުވައި، ޝަހާދަތް އިނގިލިން ޙަރަކާތް ކުރާނީ އެވެ. އެ ޙަރަކާތް ކުރުމުގައި އެއްވެސް ގޮތަކަށް އިނގިލި ތިރިކުރުމެއް އަދި މައްޗަށް އުފުލުމަށް އެއްވެސް އަޞްލެއްނުވެ އެވެ. އެހެނަސް ޙަރަކާތް ކުރުންއޮތީ އިނގި ސީދަލަށް ބަހައްޓައިގެންނެވެ. މިއީ، މި މަޖްލިސްގައި އަހަރެން ތިޔަ ފަރާތްތަކަށް ހަނދުމަކޮށްދިނުމަށް ބޭނުންވި އެއްޗެވެ. ފަހެ، ހަނދުމަކޮށްދިނުމަކީ މުއުމިނު އަޅުތަކުންނަށް ފައިދާކުރާނެ ކަމެކެވެ.
ފަތުވާ ނަގާފައިވަނީ : رقم الشـريط( 494 ) الفتوى (4) كيفية تحريك الإصبع في التشهد