އަންހެން އަދި ފިރިހެން މައްޔިތާ އެއްވަޅެއްގައި ވަޅުލެވިދާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ދުނިޔެ ދޫކޮށް ބިމުގައި ވަޅުލާފައިވާ ފަރާތްތަކުގެ އަންހެން ކައްޓާއި އަދި ފިރިހެނުންގެ ކަށި އެއްކޮށްލެވިދާނެ ތޯ އެވެ؟

މި ސުވާލުގެ މުރާދަކީ، ސުވާލު ކުރި ފަރާތުގެ މުރާދަކީ ކޮބައިކަން ނޭނގެ އެވެ.

އެހެނަސް އެންމެ ބޮޑަށް ބުރަވާ ގޮތުގެ މައްޗަށް ޖަވާބު ދެމެވެ. އެއީ، ވަޅުލެވިފައިވާ ޤަބުރުތައް ކޮނުމާއި އަދި ޤަބުރުތައް ނެގުމުގެ ޙުކުމެވެ.

ابن الحاج المالكي -رحمه الله – މި ކަމުގެ އިއްތިފާޤުވެފައިވާކަން ބަޔާންކޮށް ވިދާޅުވެފައިވެ އެވެ. ”މުސްލިމަކު ވަޅުލާފައިވާ ތަނަށް އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެގެންވާގޮތުގައި : ގަބުރުގެ އެއްވެސް މިންވަރެއްވާ ހިނދަކު ( އެބިމަކީ) އޭނައަށް ޙާއްސަ ވެގެންވާ ވަގުފެއް ކަމުގަ އެވެ. އެކުއެކީގައި ޤަބުރު ވީރާނާވެ ނެތި ދިއުމަށްދާންދެން މިފަދައިން ޙުރުމަތްތެރިވެގެންވެ އެވެ. ފަހެ، އެކުއެކީގައި ފަނާވެ ނެތިވެއްޖެހިނދު އެތަނުގައި އެހެން މީހަކު ވަޅުލުން ހުއްދަވެގެންވެ އެވެ. ފަހެ، އެއްވެސް އެއްޗެއް ބާކީ ދެމިހުރެއްޖެހިނދު، އެއީ ކަށި ކަމުގައިވީނަމަވެސް، އެންމެހައި ތަކެއްޗެއްގެ މައްޗަށް ޙުރުމަތްތެރިކަން ދެމި އޮންނާނެ އެވެ. އަދި ޤަބުރު ކޮނުން ހުއްދައެއް ނުވާނެ އެވެ. އަދި އެތަނުގައިވާ މައްޔިތާ އެކުގައި އެހެން މީހަކު ވަޅުލުން ހުއްދައެއް ނުވާނެ އެވެ. އަދި އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެގެންވާ ގޮތުގައި އެ ޤަބުރު ކޮނުމާއި ހުޅުވުންވެސް ހުއްދައެއް ނުވާނެ އެވެ.“

الإمام شيخ الإسلام ابن تيمية -رحمه الله- ވިދާޅުވެފައިވެ އެވެ. ”ސުންނަތުގައި ބަޔާންވެގެންވާ ފަދައިން، ފަހެ ހަމަކަށަވަރުން މުސްލިމް އަޅާގެ ޤަބުރަށް ޙުރުމަތްތެރިކަން ލިބިގެންވެ އެވެ. އެހެނީ، އެއީ މުސްލިމް މައްޔިތާގެ ގެ އެވެ. ޢިލްމުވެރިން އިއްތިފާޤުވެގެންވާ ގޮތުގައި އެއްވެސް ބާވަތެއްގެ ނަޖިހެއް އެތަނަށް ދޫކޮށްލައިގެން ނުވާނެ އެވެ. އަހަރެމެންގެ ގާތުގައި އަދި ޖުމްހޫރު ޢިލްމުވެރިން ދެކިވަޑައިގެންނަވާ ގޮތުގައި ޤަބުރުމައްޗައް އިހާނަތްތެރިވޭ ގޮތަށް އެރުން އަދި ފައިން އެރުން ހުއްދައެއް ނުވާނެ އެވެ. އަދި ޤަބުރު މަތީ އިށީނުން ހުއްދައެއް ނުވާނެ އެވެ. އަދި މައްޔިތުންނަށް އުނދަގުލާއި ގޯނާވާނެ އެއްވެސް ބަހެއް އަދި ޢަމަލެއް އެތަނުގައި ކޮށްގެން ނުވާނެ އެވެ. އަދި ޒިޔާރަތް ކުރާ މީހާއަށް އެތަނުގައިވާ ޞާޙިބާއަށް ސަލާމް ދެންނެވުމާއި ދުޢާކޮށްދިނުން މުސްތަޙައްބުވެގެންވެ އެވެ. އަދި މައްޔިތާގެ ހެޔޮ ޞާލިޙްކަން އިތުރުވާ މިންވަރަކުން އެ މައްޔިތާއަށް ލިބެންޖެހޭ ޙައްޤު އިތުރުވެ ކަށަވަރުވެގެންވެ އެވެ.“ إقتضاء الصراط المستقيم 2-665

ވުމުން ޚުލާޞާއަކީ، ވަޅުލެވިފައިވާ ފަރާތުގެ އެއްވެސް މިންވަރެއް ކައްވަޅުގައި ހުރެއްޖެހިނދު، ވެއްޔަށް ވުމަށް ދާންދެން އެ ވަޅުލެވިފައިވާ ފަރާތަށް ޙުރުމަތް ލިބިގެންވާ ކަމެވެ. ކޮނުމާއި، އެއްވެސް މިންވަރެއް ނެގުމަކީ ޙަރާމްވެގެންވާ ޢަމަލެއް ކަމެވެ.

ވުމުން، ކަށިތައް ނަގާނީ ކިހިނެތް ހެއްޔެވެ؟ ކަށިތައް ފަނާވެ، ވީރާނާވެ، ވެއްޔަށް ވުމުން އެހިނދު އެއަށް ކަށީގެ ޙުކުމެއް ނުވެ އެވެ.

ވުމުން، ޙުރުމަތްތެރިވެގެންވާ ޙާލުގައިވެ، ކޮނުމާއި، އެއްވެސް މިންވަރެއް ނެގުމާއި މި އެންމެހައި ކަމެއް ޙަރާމްވެގެން ވުމުން، އެކަން ހުއްދަކުރާނެ ފަދަ ޟަރޫރީ ޙާލެއްގައި މެނުވީ ކޮނުން ހުއްދަ ނުވާނެ އެވެ. ގިނަ ބަޔަކު މަރުވެ ވަޅުލާނެ ތަނެއް ނެތުމާއި، ބިމުގެ ދަތިކަން ދިމާވެ، ޢިލްމުގެ އަހުލުވެރިންނަށާއި އަދި ވެރިންނަށް ކޮންމެހެން އެފަދައިން ޢަމަލުކުރަންޖެހޭ ބޮޑުވެގެންވާ ޟަރޫރީ ޙާލަތެއް މެދުވެރިވުމެވެ.

އެހެނަސް ވަޞީލަތްތަކާއި، އެކިއެކި ފަންނުވެރި ގޮތްތައް ހުއްޓައި، ދީނުގައި މިފަދައިން މަނާ ކުރެވިގެންވާ ކަންތަކަށް ދޫ ދިނުމެއް ނުވެ އެވެ.

ޙަދީޘްގައިވެ އެވެ. عائشة أم المؤمنين -رضي الله عنها- ރިވާކޮށްފައިވާ ރިވާޔަތުގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (كَسْرُ عَظْمِ الميِّتِ ككَسْرِهِ حيًّا) “ މަރުވެފައިވާ މައްޔިތެއްގެ ކައްޓެއް ބިންދާލުން އެއްފަދަވެގެންވަނީ ދިރިހުއްޓާ އޭނަގެ ކައްޓެއް ބިންދާލުމާއެވެ .“

މި ޙަދީޘް أبو داود، ابن ماجه އަދި أحمد ރިވާކޮށްފައިވެ އެވެ. އިމާމް الألباني ޞައްޙަ ކުރައްވަ އެވެ.

ވުމުން، އިސްވެ ބަޔާންކުރެވުނު ފަދައިން ވަޅުލެވިފައިވާ ފަރާތްތަކަށް އެއްވެސް އަނިޔާއެއް، ގޯނާއެއް އަދި އުނދަގުލެއް ކުރުން ޙަރާމްވުމުން، އެތަނުގައިވާ ކަށި ނެގުންވެސް އަދި ކޮނުންވެސް ވަނީ މަނާ ކުރެވިފަ އެވެ. ހަށިގަނޑު އެކު އެކީގައި ވެއްޔަށް ވުމަށް ދާންދެން މި ޙުކުމް ދެމި އޮންނާނެ އެވެ.

ފަހެ، ޤަވާޢދުގައި ބަޔާންވެގެންވެ އެވެ. ޙަރާމް ކަންތައްތައް ޟަރޫރީ ޙާލަތުގައި ހުއްދަވެގެންވެ އެވެ. އެ ޙާލުގައިވެސް ހުއްދަ ކުރެވެނީ ޟަރޫރަތް ޖެހިފައިވާ މިންވަރަށެވެ.

އަޚާ އެވެ! މިއަދު މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ ބޮޑުވެގެންވާ ޙަރާމް ޢަމަލެއް ކަމުގައިވެ، އެހެނަސް ނުހަނު ކުޑަ ޢަމަލެއްގެ ގޮތުގައި ހަދައިފައިވެ އެވެ.

ރުޤްޔާ ކުރުމުގެ ނަމުގައި، ސިޙުރުން ސަލާމަތް ކުރުމުގެ ނަމުގައި ޤަބުރުތަކަށް އަރައި، ޤަބުރުތައް ކޮނެ، ޤަބުރުގައިވާ އަހުލުވެރިންނަށް އެކި އެކި ގޯނާ ކުރުމަކީ ކަނޑައެޅިގެން ޙަރާމްވެގެންވާ ޢަމަލެއް ކަމުގައިވެ އެވެ. މި ދަޢުވާތަކާއި ޢަމަލުތަކުން ސަލާމަތްވުން ހުއްޓެވެ.

އެއަށްފަހު ސުވާލުގައި ބަޔާންކޮށްފައިވާ ނުކުތާ އެވެ. ޟަރޫރީ ޙާލަތެއް މެދުވެރިވީ އެވެ. ދެޖިންސު ނުވަތަ ކުރިން ވަޅުލާފައިވާ ވަޅެއްގައި ވަޅުލުމުގެ ޟަރޫރަތް ދިމާވީ އެވެ.

އުއްމަތުގެ އިސްވެދިޔަ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الإمام الطَّحَاوِي -رحمه الله- ލިޔުއްވި المراقي ގެ حاشية ގައި ނަޤުލު ކުރައްވާފައިވެ އެވެ. ޢިލްމުވެރިއެއްގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ފިރިހެނަކު ވަޅުލާފައިވާ ކައްވަޅެއްގައި އަންހެނަކު ވަޅުލެވިދާނެތޯ އެވެ؟ ފަހެ، އެހިނދު ވިދާޅުވި އެވެ. ވަޅުލެވިފައިވާ ފިރިހެނާގެ ހަށިގަނޑުގެ އެންމެހައި ބައިތަކެއް ވެއްޔަށް ވެއްޖެހިނދު، އަދި ހަށިގަނޑުގެ މަސްކޮޅެއްވެސް ކަށިކޮޅެއްގެ މިންވަރުވެސް ނެތިއްޖެހިނދު، ހުއްދަވެގެންވެ އެވެ. އަދި މީގެ އިދިކޮޅުވެސް ( އެބަހީ : އަންހެނަކު ވަޅުލާފައިވާ ކައްވަޅެއްގައި ފިރިހެނަކު ވަޅުލުމުގައިވެސް ޙުކުމް މިފަދަ އެވެ.) ފަހެ، ކޮންމެހެންވެސް، (ބޮޑު ޟަރޫރީ ޙާލަތެއް މެދުވެރިވެ އެފަދައިން ވަޅުލަންޖެހިއްޖެހިނދު) ފުރަތަ ވަޅުލެވުނު މީހާގެ ކަށިތައް އެވަޅުގައި ބަހައްޓައި ދެވަނައަށް ވަޅުލެވޭ މީހާއާ ދެމެދުގައި ހުރަސްވާގޮތަށް ވެލިން ވަކިކުރާނީ އެވެ.“

ސުވާލުގެ ޖަވާބު ފުރިހަމައަށް ލިބިއްޖެ ކަމުގައި އުއްމީދު ކުރަމެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts