ވުޟޫ ކުރުމަށްފަހު، ވުޟޫގެ ސުންނަތް ދެ ރަކުޢަތް ކުރުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟ މި ދެ ރައުޢަތް ކުރާނީ ކޮންވަގުތަކު ހެއްޔެވެ؟
ވުޟޫގެ ސުންނަތް ދެ ރަކުޢަތާ މެދު ބުނަމެވެ. ޙަދަޘަވެރިވެ، އެއަށްފަހު ޙަދަޘަ އެރިގަތުމަށްފަހު، ވުޟޫގެ ސުންނަތް ދެ ރަކުޢަތް ކުރުމަކީ، ވުޟޫ ކޮށްފި މީހާގެ ހައްޤުގައި ސުންނަތް ވެގެންވާ އަޅުކަމެކެވެ. އަދި އެއީ އޭގެ އަޖުރާއި ޘަވާބު ބޮޑުވެގެންވާ 2 ރަކުޢަތެއްގެ ގޮތުގައި ޝަރީޢަތުގައި ބަޔާން ވެގެންވާ ޢަމަލެކެވެ. އެފަދަ ޙަދީޘްތަކުގެ ތެރޭގައި:
1. البخاري އަދި مسلم ގައި عثمان بنِ عفان ގެ މަޥްލާ ކަމުގައިވާ حُمْران ގެ އަރިހުން ރިވާވެގެންވާ (ނަބިއްޔާ ﷺ ވުޟޫ ކުރެއްވިގޮތް ސިފަކޮށް ބަޔާންވެގެންވާ ޙަދީޘްގައި ވެއެވެ.) ޙަދީޘްގެ ރާވީ ޞަޙާބީ عُثْمَانَ-رضي الله عنه- ވިދާޅުވެފައިވެއެވެ. رَأَيْتُ النَّبِيَّ ﷺ تَوَضَّأُ نَحْوَ وُضُوئِي هَذَا، وَقَالَ: «مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا، ثُمَّ صَلَّى رَكْعَتَيْنِ، لا يُحَدِّثُ فِيهِمَا نَفْسَهُ غَفَر اللَّه لَهُ مَا تَقَدَّمَ مِنِ ذَنْبِهِ» އެއަށްފަހު ވިދާޅުވިއެވެ. “މިފަދައިން ނަބިއްޔާ ﷺ ވުޟޫ ކުރެއްވުމަށްފަހު، ޙަދީޘްފުޅު ކުރެއްވިތަން ތިމަން ދެކެވަޑައިގަތީމެވެ.
“މިފަދަ ވުޟޫއަކުން ވުޟޫ ކުރެއްވުމަށްފަހު، އެ ނަމާދުގައި އަމިއްލަ ނަފްސުގެ ވާހަކައިން ދުރުހެލިވާ ޙާލުގައިހުރެ (ޚުޝޫޢަތްތެރި ކަމާއެކު) ދެ ރަކުޢަތުގެ ނަމާދެއް ކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވިގެން ދާނެތެވެ”.
މި ޙަދީޘްގައި ޛިކުރު ކުރެވިގެން ވަނީ، ފުރިހަމަ ވުޟޫއެއް ކުރުމަށް ފަހުގައި، ވުޟޫގެ ދެ ރަކުޢަތް ނަމާދު ކުރުމުގައިވާ ޘަވާބާއި ދަރުމައިގެ ބޮޑުކަމެވެ.
2. ސުނަނުގައި الترمذي ރިވާކޮށްފައިވާ އެހެން ޙަދީޘެއްގައި ވެއެވެ. (أصبحَ رسولُ اللَّهِ. ﷺ فدعا بِلالًا فقالَ يا بلالُ بمَ سبقتني إلى الجنَّةِ ما دخلتُ قطُّ إلَّا سمعتُ خَشْخَشتَكَ أمامي إنِّي دخلتُ البارحةَ الجنَّةَ فسمعتُ خَشْخَشتَكَ …… قالَ ما أحدثتُ إلَّا توضَّأتُ وصلَّيتُ ركعتين فقالَ رسولُ اللَّهِ ﷺ بهذا)
އެ ރޭގައި (ފެނިވަޑައިގެންނެވި ހުވަފެންފުޅަކާ) ގުޅިގެން ހެނދުނުގައި ރަސޫލާ ﷺ ބިލާލްއަށް ގޮވައިލައްވައި ވިދާޅުވިއެވެ. ބިލާލްއެވެ! ތިމަން ނަބިއްޔާއަށް ވުރެ ކުރިން ސުވަރުގެއަށް ވަދެވުނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ތިމަން ނަބިއްޔާ ސުވަރުގެ ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކު، ތިމަން ނަބިއްޔާގެ ކުރިފުޅުމަތިން ބިލާލް ހިންގަވާފައި ވަޑައިގަންނަވާ އަޑު އިވެއެވެ.
ރޭގަ ތިމަން ނަބިއްޔާ ސުވަރުގެއަށް ވެދެވަޑައިގެންނެވި ހިނދުވެސް، ބިލާލް ހިންގަވާ ވަޑައިގަންނަވާ އަޑު އިވުނެވެ….. (ބިލާލް ދެންނެވި އެވެ.) ތިމަން ޞަޙާބީ ވުޟޫ ގެއްލޭ ކޮންމެ ފަހަރަކު، ވުޟޫ ކުރުމަށްފަހު ދެ ރަކުޢަތް ނަމާދެއް ކުރައްވަމެވެ. ފަހެ، ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (ސަބަބަކީ) ތިއީއެވެ.
3. އިމާމް مسلم ގެ ރިވާޔަތެއްގައި ވެއެވެ. (مَا مِنْ أَحَدٍ يَتَوَضَّأُ فَيُحْسِنُ الْوُضُوءَ وَيُصَلِّي رَكْعَتَيْنِ يُقْبِل بِقَلْبِهِ وَوَجْهِهِ عَلَيْهِمَا إِلاَّ وَجَبَتْ لَهُ الْجَنَّةُ) “ތިޔަބައިމީހުންގެ ތެރެއިން މީހަކު ވުޟޫކޮށް އަދި އެ ވުޟޫ ފުރިހަމައަށް އަދާކޮށް، (އެއަށްފަހު) އޭނާގެ ހިތުން ޚާލިޞްކަމާ އެކު ﷲ ގެ ހަޟުރަތަށް ކުއްތަންވެ ދެ ރަކުޢަތް ނަމާދެއް ކޮށްފިހިނދު، އޭނާއަށް ސުވާރުގެ ވާޖިބުވެ ނޫނީ ނުދާހުއްޓެވެ”.
މިފަދަ އިތުރު ޙަދީޘްތައް މި ބާބުގައި ވާރިދު ވެގެންވެއެވެ. އެހެނަސް ހިތާމައަކީ މިއީ މިއަދު މީސްތަކުންގެ ތެރޭގައި އަދާކުރުމަށް އޭގެ އެންމެ ބޮޑަށް ފަރުވާ ކުޑަކޮށްފައިވާ ސުންނަތްތަކުގެ ތެރެއިން އެއް ސުންނަތެވެ. ފަހެ، ކޮންމެ ނަފްސެއް އެމީހެއްގެ ނަފްސަށް ބުނެލުން ހުއްޓެވެ. “މި އަޖުރުރާއި ޘަވާބު ބޮޑު ދެ ރަކުޢަތް ތިމަންނަ އަދާކުރީ ކޮން އިރަކު ހެއްޔެވެ؟”
ދެވަނައީ: މި ރަކުޢަތް ކުރުމުގެ ވަޤުތާ މެދު ކޮށްފައިވާ ސުވާލެވެ. ފަހެ، އެ ވަޤުތަކީ ވުޟޫ ކުރުމަށް ފަހުއެވެ. އެމީހެއްގެ ޤަޞްދަކީ ވުޟޫ ކުރުމަށްފަހު ވުޟޫގެ ސުންނަތް ދެ ރަކުޢަތް ކުރުމެވެ.
އެ ގޮތުން ގޭގައި އަދި މިސްކިތުގައި ނުވަތަ އޭނާ މަސައްކަތް ކުރާ ތަނުގައި…. ނަމާދު ކުރުން ހުއްދަ ވެގެންވާ ކޮންމެ ތަނެއްގައި މި ސުންނަތް ނަމާދު ކުރުން ހުއްދަ ވެގެންވެއެވެ. މިކަން ބަޔާންކޮށްފައިވާ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރޭގައި:
- ވުޟޫގެ ސުންނަތުގެ އަޖުރާއި ޘަވާބުގެ ޙަދީޘް ބަޔާންކުރެއްވުމަށްފަހު الحافظ ابن حجر -رحمه الله – ވިދާޅުވެފައި ވެއެވެ. “…. މި ޙަދީޘްތަކުން ވުޟޫ ކޮށް އަވަދިވުމާއެކު، ދެ ރަކުޢަތް ކުރުން މުޞްތަޙައްބު ވެގެންވާކަން ބަޔާން ވެގެންވެއެވެ.”
- الحافظ النووي -رحمه الله – ވިދާޅުވެފައިވެއެވެ. “ޞައްޙަ ޙަދީޘްތައް (އެ ޙަދީޘްތަކުގެ މައްޗަށް ބިނާކޮށް) ވުޟޫކޮށް އަވަދިވުމާ އެކު ދެ ރަކުޢަތުގެ ނަމާދު ކުރުން މުސްތަޙައްބު ވެގެންވެއެވެ.”
- شيخ الإسلام ابن تيمية -رحمه الله – ވިދާޅުވެފައިވެއެވެ. “ވުޟޫކޮށް އަވަދިވުމާ އެކު 2 ރަކުޢަތް ނަމާދު ކުރުން މުޞްތަޙައްބު ވެގެންވެއެވެ. އެއީ (ސުންނަތް ނަމާދު ކުރުން) ނަހީ ކުރެވިގެންވާ ވަޤުތުގައި ކަމުގައި ވީނަމަވެސް މެއެވެ”.
މި އެންމެހައި ޙަދީޘްތަކާއި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ މައްޗަށް އިޝާރަތް ކުރެވި ބަޔާން ވެގެންވަނީ، ވުޟޫގެ ސުންނަތް ކުރުން އޮތީ ވުޟޫ ކުރުމާއި އެކު، ވުޟޫއަށް ފަހުގައި، ވުޟޫގެ ޢަމަލާއި ވިދިގެންނެވެ. ވުޟޫ ކުރުމަށްފަހު ވަޤުތުތަކެއް ފާއިތުވެއްޖެހިނދު، އެމީހާއަށް އެހިނދު އެވަނީ އެ ދެ ރަކުޢަތުގެ މަޙައްލު ފާއިތުވެ ގޮސްފައިއެވެ.