ސުންނަތް ނަމާދުކަުރުމަށް އޮތް މަނާގަޑި ތަކުގައި މަސްޖިދު ސުންނަތް ކުރެވިދާނެ ހެއްޔެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله – صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
މަސްޖިދު ސުންނަތް ނުވަތަ ތަޙިއްޔަތުލް މަސްޖިދްގެ ނަމާދާއި މެދުގައި ބުނަމެވެ.
ޙަދީޘްގައިވެ އެވެ.
ޞަޙާބީ أبو قتادة الحارث بن ربعي -رضي الله عنه- ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާކޮށްފައިވެ އެވެ. (إذا دخلَ أحدُكمُ المسجدَ فلا يجلِس حتَّى يصلِّيَ رَكعتينِ) މި ޙަދީޘް އިމާމް البخاري (1167)، އަދި مسلم (714) ރިވާކުރެއްވި އެވެ.
”ތިޔަބައިމީހުންކުރެ މީހަކު މިސްކިތައް ވަދެއްޖެހިނދު، 2 ރަކުޢަތް ނަމާދެއް ކޮށްފުމަށް ދާންދެން އެމީހަކު މިސްކިތުގައި ނުއިށީނުން ހުއްޓެވެ.“
އަދިވެސް ބުނަމެވެ. މަސްޖިދު ސުންނަތަކީ އޭގެ ޛާތުގައި ޤަޞްތުވެގެންވާ ނަމާދެއް ނޫނެވެ. އެބަހީ : މިސްކިތަށް ވަނުމަށްފަހުގައި ރަވާތިބު ސުންނަތުގެ 2 ރަކުޢަތެއް ނުވަތަ ފަރުޟު ނަމާދެއް ކުރި ކަމުގައިވީނަމަވެސް އެމީހަކަށް އެހިނދު އެވަނީ 2 ރަކުޢަތް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތުން ނަމާދު ކޮށްފަ އެވެ.
ވުމުން، ކޮންމެ ނަމާދަކުންވެސް މަސްޖިދު ސުންނަތް ނުވަތަ ތަޙިއްޔަތުލް-މަސްޖިދު ޙާސިލްވާނެ އެވެ. އެއީ ވިތުރި ނަމާދު ކުރި ކަމުގައިވީނަމަވެސް އެވެ.
އަދިވެސް އިތުރަށް ސާފުކޮށްދިނުމަށް ބުނަމެވެ.
ފަހަރެއްގައި ތިޔަ ސުވާލުކޮށްފައިވަނީ ޢަސްރުފަހުން އިރުއޮއްސުމަށް ދާންދެން ސުންނަތް ނަމާދު ކުރަން މަނާވެގެންވާ ވަޤުތު ކަމުގައި އަޑުއަހާފައި ވުމުގެ މައްޗަށް ކަމުގައިވެ އެވެ.
ފަހެ، އެހިނދު ބަޔާން ކޮށްދެމެވެ.
ނަމާދު ކުރުން ނަހީވެގެންވާ ފަސް ވަޤުތެއްވެ އެވެ. އެތަނުން 3 ވަޤުތަކީ ނަހީ ގަދަވެގެންވާ އަދި ކުރު 3 ވަޤުތެކެވެ.
އެއީ އިރު އަރާ ވަޤުތުން ފަށައިގެން ގޮސް ލޮންސިއެއްގެ މިންވަަރަށް އިރު އަރައިފުމަށް ދާންދެނެވެ. އެއީ ގާތްގަނޑަކަށް 12 ވަރަކަށް މިނިޓު ކަމުގައިބެލެވެ އެވެ. އަދި 15 މިނިޓުކަމުގައި ހެދުން ސަލާމަތްތެރިވެގެންވެ އެވެ.
އިރު މެދުޖެހި ހުއްޓިހުންނަ ވަޤުތެވެ. އެއީ ގާތްގަނޑަކަށް މެންދުރު ނަމާދުގެ ކުރިން 7-10 ވަރަކަށް މިނިޓް ކަމުގައި ޢިލްމުވެރިން ވިދާޅުވެ އެވެ.
އިރު އޮއްސެން ފަށާ ވަޤުތުން ފަށައިގެންގޮސް އިރު އޮއްސި ނިމެންދެނެވެ.
މި ވަޤުތު ތަކުގައި ނަމާދު ކުރުމުގެ އިތުރުން މީހުން ވަޅުލުމާއި ކަށުނަމާދު ކުރުންވެސް ވަނީ ނަހީ ކުރެވިގެންނެވެ.
އަދި ފުޅާވެގެންވާ ދެ ވަޤުތެއްވެ އެވެ.
އެއީ، ފަތިސް ނަމާދު ފަހުން އިރު އަރަން ފަށައިފުމަށް ދާންދެނެވެ.
އަޞްރު ނަމާދަށް ފަހު އިރު އޮއްސުމަށް ފަށައިފުމަށް ދާންދެނެވެ.
-މިވަޤުތު ތަކުގައި ސަބަބެއް މެދުވެރިނުވެ، މުޠްލަޤް ސުންނަތް ކުރުން ހުއްދައެއް ނުވާނެ އެވެ. ފަހެ، މި ވަޤުތު ތަކުގައި މަނާވެގެންވަނީ މުޠްލަޤް ސުންނަތް ކުރުމެވެ.-
މި ވަޤުތުތަކުގެ ތެރޭގައި ސަބަބުތަކާއި ގުޅިގެން ކުރެވޭ ނަމާދުތައް ކަމުގައިވާ، މަސްޖިދު ސުންނަތް، ޠަވާފުގެ ދެރަކުޢަތް އަދި ކަށުނަމާދު ފަދަ ސަބަބުތަކެއް މެދުވެރިވެގެން ކުރަންޖެހިއްޖެ ނަމާދުތައް ކުރުން ހުއްދަވެގެންވެ އެވެ.
ވުމުން، ޢިލްމުވެރިންގެ ބަސްފުޅުތަކުން ބަޔާންވަނީ، ސަބަބެއް ދިމާވެ، އެ ސަބަބާއި ގުޅިގެން މި ވަޤުތުތަކުގައި ނަމާދު ކުރުން ހުއްދަވެގެންވެ އެވެ.
އެގޮތުން މިސްކިތަށް ވަނެ، މިސްތުގައި އިށީނުމަށް ބޭނުންވާ މީހާއަށް އެވަނީ ސުންނަތްނަމާދު (މަސްޖިދު ސުންނަތް) ކުރުމުގެ ސަބަބު ދިމާވެފަ އެވެ.
ވުމުން، އެ ސަބަބާއި ގުޅިގެން ނަމާދު ކުރުން ހުއްދަވެގެންވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.