ޔާސީން ސޫރަތް ކޮންމެ ރެޔަކު ކިޔެވުމަކީ ސުންނަތެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ޔާސީން ސޫރަތާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
ޔާސީން ސޫރަތާއި މެދުގައި ވާރިދުވެފައިވާ އެންމެހައި ޙަދީޘްތަކަކީ ބަލިކަށި ޙަދީޘްތަކެކެވެ.
އެ ގޮތުން ވަކި ވަޤުތެއްގައި ސޫރަތް ކިޔެވުމާއި، ފާފަ ފުއްސެވޭނެ ކަމަށް އޮތް ބުނުމާއި އަދި އެ ސޫރަތް ވަކި ވަރަކަށް ކިޔެވުމަކީ އެއީ ޤުރުއާން ކިޔެވުމާއި އެއްފަދަ ޢަމަލެއް ކަމުގައި ބުނުން ފަދަ އެންމެހައި ރިވާޔަތްތަކަކީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުނުވާ، އަދި ކިޔެއްތަ! އޭގެ އިތުރަށް ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ހަދައިފައިވާ ދޮގު ޙަދީޘްތަކެކެވެ.
އެފަދަ ބައެއް ހަދީޘްތައް މިތަނުގައި ސަމާލުކަމަށް ގެނައުމަށްޓަކައި ބަޔާން ކުރަމެވެ.
( إن لكل شيء قلبا ، وقلب القرآن ( يس ) ، من قرأها فكأنما قرأ القرآن عشر مرات) ”ހަމަކަށަވަރުން ކޮންމެ އެއްޗަކަށްވެސް ހިތެއް -މައިގަނޑެއް- ވެ އެވެ. ޤުރުއާނުގެ ހިތަކީ ޔާސީން އެވެ. އަދި އެ ސޫރަތް (އެއްފަހަރު) ކިޔަވައިފި މީހާ ޤުރުއާން 10 ފަހަރު ކިޔެވި ފަދަ އެވެ.“
މި ޙަދީޘްއާ މެދުގައި އިމާމް الألباني ވިދާޅުވެފައިވެފައިވެ އެވެ. ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގު ބަސްތަކެވެ. ضعيف الترغيب 885
އިމާމް ابن الجوزي މި ޙަދީޘް الموضوعات 1/247 ގައި ޛިކުރުކޮށްފައިވެ އެވެ.
( من قرأ سورة ( يس ) في ليلة أصبح مغفورا له) ”އެ ރެއެއްގައި ޔާސީން ސޫރަތް ކިޔަވައިފި މީހާ ދަންނަހުއްޓެވެ. އެމީހަކު ހެދުނު ކުރާނީ ފާފަ ފޮހެވިގެންވާ ޙާލުގަ އެވެ.“
މި ޙަދީޘްއާ މެދުގައި އިމާމް الألباني ވިދާޅުވެފައިވެފައިވެ އެވެ. ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގު ބަސްތަކެވެ. ضعيف الترغيب 978
( من داوم على قراءتها كل ليلة ثم مات مات شهيدا ) ”ޔާސީން ސޫރަތް ކޮންމެ ރެއެއްގައި ކިޔެވުމުގައި ދެމިހުންނަ މީހާ، ފަހެ، އެމީހަކު މަރުވެދާހުށީ ޝަހީދެއްގެ ޙާލުގަ އެވެ.“
މި ޙަދީޘްއާ މެދުގައި އިމާމް الألباني ވިދާޅުވެފައިވެފައިވެ އެވެ. ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގު ބަސްތަކެވެ. السلسلة الضعيفة6844
( من دخل المقابر فقرأ سورة ( يس ) ، خفف عنهم يومئذ ، وكان له بعدد من فيها حسنات ) ”ޤަބުރުސްތާނަށްވަދެ އެތަނުގައި ޔާސީން ސޫރަތް ކިޔަވައިފިހިނދު، އެމީހުންގެ ޢަޛާބު ލުއިވެގެންދާހުއްޓެވެ. އަދި އެމީހައަށް އެތަނުގައި ވަޅުލެވިފައިވާ މީސްތަކުންގެ ޢަދަދަށް ހެޔޮކަން ލިބިގެންދާނެތެވެ.“
މި ޙަދީޘްއާ މެދުގައި އިމާމް الألباني ވިދާޅުވެފައިވެފައިވެ އެވެ. ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގު ބަސްތަކެވެ. السلسلة الضعيفة 1246
މި އެންމެހައި ޙަދީޘްތަކަކީ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ހަދައިފައިވާ ދޮގު ބަސްތަކެވެ.
މިފަދަ ޘާބިތު ނޫން ޙަދީޘްތަކުގެ ސަބަބުން މި ޞޫރަތުގެ މައްޗަށް މީސްތަކުންގެ ހިތުގައި ދެވިފައިވާ މަޤާމް ބޮޑުވެފައިވާ ކަމީ ޝައްކެތްއޮތް ކަމެއް ނޫނެވެ.
އެހެނަސް ޢިބްރަތަކީ ދަލީލެވެ. އޭގެ ޞައްޙަ ކަމާއި ޞައްޙަ ނޫން ކަމެވެ.
އެހެންކަމުން ޔާސީން ސޫރަތުގެ މާތް ކަމުގެ މައްޗަށް އެއްވެސް ސައްހަ ހަދީޘެއް ބަޔާންވެގެން ނުވާކަން އެނގި ބަޔާން ވެއްޖެ ހިނދު، އެހެން ސޫރަތްތަކުގެ މައްޗަށް އެ ސޫރަތް އެ ކި ސިފައިގައި ނުވަތަ އެކި ދަނޑިވަޅުތަކުގައި ކިޔުމަށް ޙާއްސަ ކުރުން ވެގެންދާނީ ދީނުގައި އަސްލެއްނެތް ކަމެއް ކަމުގައެވެ.
އެހެނީ ވަކި ސިފައަކަށް ނުވަތަ ވަކި ދަނޑިވަޅަކަށް ވަކި މާތްކަމެއް ލިބިގެންވާ ކަމުގެ ނިޔަތުގައި ނައްސުން ސާބިތުނުވާ ކަމެއް ޙާއްސަ ކުރުމަކީ ދީނުގެ ތެރެއިން ނުވާ ކަމެއް ދީނުގެ ތެރެއަށް ވެއްދުން ކަމުގައެވެ. އެހެން ކަމުން މި ފަދަ ޤަބޫލުކުރުން ތަކުން ދުރުވެ އޭގެ މައްޗަށް އަމަލުކުރުމުންވެސް ދުރުވުން ހުއްޓެވެ.
ވުމާއެކު، މަރުވެފައިވާ މީހެއްގެ ގާތުގައިވެސް އަދި އެ ނޫން ދަނޑިވަޅެއްގައިވެސް ޔާސީން ސޫރަތް ކިޔުމަށް އެއްވެސް ދަލީލެއް ނެތެވެ. އަދި ޚާއްޞަކޮށް މައްޔިތާގެ ކައިރީގައި ޔާސީން ސޫރަތް ކިޔުމަކީ ދީނުގެ ތެރެއަށް އަލަށް ގެނެސްފައިވާ ޢަމަލެއް ކަމުގައި ދަންނަ އެވެ.
އަދި އެއީ މައްޔިތާއަށް އެއްވެސް މަންފާއެއް ކޮށްދޭނެ ކަމެއް ކަމުގައިވެސް ނުވެ އެވެ.
ޔާސީން ސޫރަތް ފަތިސް ނަމާދަށްފަހުގައި، އެ ވަޤުތަށް ޚާއްޞަކޮށް ކިޔުމަށްވެސް އެއްވެސް ދަލީލެއް ޙުއްޖަތެއް ވާރިދުވެފައެއް ނުވެ އެވެ.
އެފަދައިން ޚާއްޞަކޮށް، ފަތިސް ނަމާދުގެ ފަހުން ކިޔަން ބުނާ މީހާއަށް ދަލީލެއް އެކަމުގައި އޮންނަން ޖެހޭނެ އެވެ. އެހެން ނޫން ކަމުގައިވާނަމަ، އެއީ ފުރިހަމަވެފައިވާ، ﷲ ފުރިހަމައަށް ބާވައިލެއްވުނު ދީނުގެ ތެރެއަށް ޢަމަލެއް އިތުރު ކޮށްލުމެވެ. މި ޢަމަލަށް ކިޔާނީ ބިދުޢަ އެވެ.
ބިދުޢަވެރި އެންމެހައި ޢަމަލެއް ވަނީ ނަރަކައިގަ އެވެ. އަދި އެއީ އިސްލާމް ދީނުގައި ހުރި ފަރާތެއް ކުރާނެ އެންމެ ނުބައިކަން ބޮޑުވެގެންވާ ޢަމަލެކެވެ.
ވުމުން ނަޞޭހަތުގެ ގޮތުގައި ބުނަމެވެ.
ކޮންމެ ދުވަހަކަށްވެސް ޤުރުއާން ތަރުތީލުކޮށް ކިޔުމަށްޓަކައި ވިރުދެއް ކަނޑައަޅާށެވެ. އަދި އެ ވިރުދާ އެއްގޮތަށް ކިޔަވައި، ކީރިތި ޤުރުއާނުގެ އަހުލުވެރިއެއްގެ ގޮތުގައި ވާށެވެ. އެހެނީ، އިންސާނާ އެންމެ ހެޔޮގޮތުގައި މި ޙަޔާތުގައި ހޭދަކުރާ ވަޤުތުގެ ތެރޭގައި ކީރިތި ޤުރުއާން ކިޔެވުމަށް ހޭދަ ކުރާ ވަޤުތު ކަމުގައި ވެ އެވެ. މިއީ ނުހަނު ބާރުއެޅިގެންވާ ކަމެވެ. ވުމުން، ވަކިން ޔާސީން ސޫރަތް ކިޔުމަށް ޚާއްޞަކުރުމެއްނެތި، ޤުރުއާނުން މިންވަރެއް އަބަދުވެސް ކޮންމެ ދުވަހެއްގައިވެސް ކިޔެވުމަށް ވިރުދެއް ކަނޑައަޅައި ކުރިއަށް ދިއުން ހުއްޓެވެ.
ރެއާއި ދުވާލުގައި އެކި ވަޤުތުތަކުގައި ކިޔުމަށް ޚާއްޞަވެގެންވާ ސޫރަތްތަކާއި އާޔަތްތައް ކިޔުމަށްވެސް ފަރުވާތެރިކަން ދިނުންވެ އެވެ.
އެގޮތުން ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި آية الكرسي -އާޔަތުލް ކުރްސި- އަދި އިޚްލާޞް އަދި ފަލަޤި، ނާސީ ސޫރަތް ކިޔެވުން ހުއްޓެވެ.
އަދި ރޭގަނޑުގައި ކިޔެވުމަށް ވާރިދުވެގެންވާ ސަޖިދަ ސޫރަތް އަދި މުލްކު ސޫރަތް ކިޔުންވެސް ހުއްޓެވެ.
ވުމުން މިފަދައިން ޘާބިތުވެފައިވާ އާޔަތްތަކާއި އަދި ސޫރަތްތައް އެ ދަނޑިވަޅުތަކުގައި ކިޔުން ހުއްޓެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.