ސިނގިރެޓް ބުއިމާއި ސިނގިރެޓް ވިއްކުމުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސިނގިރޭޓްއަކީ ޙަރާމްވެގެންވާ އެއްޗެއް ކަމާއި މެދުގައި އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެ އެވެ.

ވުމުން، ޙަރާމް އެއްޗެއް ވިއްކުމާއި އެ އުފުލުމާއި އަދި އެއްޗެއް ވިއްކައިގެން ލިބޭ ފައިސާވެސް ޙަރާމްވާނެ އެވެ.

ފަހުގެ ދުވަސްތަކުގައި ދުނިޔެ ދުށް އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة ابن العُثيمِين -رحمه الله- ވިދާޅުވެފައިވެ އެވެ. ”އެންމެ ފުރަތަމަ ސިނގެރޭޓްއާމެދުގައި އެއީ ޙަރާމް އެއްޗެއް ގޮތުގައި ބުނުމަށް ތިމަންމެން ޖެހުލުންވި އެވެ. އެހެނަސް އޭގެއިން ލިބޭ ގެއްލުން އެކަމުގެ ޢިލްމުވެރިންގެ ފަރާތުން ބަޔާންވުމަށްފަހު ސިނގިރޭޓް އޭގެ ޙަރާމްކަމާއިމެދުގައި ޝައްކެތްވެސް ނެތެވެ.“

ޑަކްޓަރުންނާއި ސިއްޙީ ގޮތުން އެކަމުގެ އެންމެހައި ފަންނީ އަހުލުވެރިން ސިނގިރޭޓްއަކީ ގެއްލުން ބޮޑު އެއްޗެއް ކަމާއި، އެތައް ބައްޔެއް ޖެހުމަށް މެދުވެރިވާ ސަބަބެއް ކަމާއި، އަދި ސިނގިރޭޓް ބުއިމުގެ ސަބަބުން އެތައް ބަޔަކު މަރުވެދާކަމީ ލޮލަށްފެންނަ ޙަޤީޤަތެކެވެ.

ޝަރުޢީ ދަލީލުތަކުން ބަޔާންވަނީ މީސްތަކުންނަށް ގެއްލުންދޭ މީސްތަކުންނަށް އޭގެ ނުބައިކަން ބޮޑުވެގެންވާ ތަކެއްޗަކީ ހުއްދަވެގެންވާ ތަކެއްޗެއް ނޫން ކަމެވެ.

ﷲ ވަޙީކުރެއްވި އެވެ. (وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ) ”އަދި ރަނގަޅު ތަކެތި އެބައިމީހުންނަށް ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންނަށް ޙަރާމް ކުރައްވަތެވެ. “

ފަހެ، ސިނގިރޭޓަކީ ނުބައިވެގެންވާ އެއްޗެއް ކަމާއިމެދުގައި ދެބަސްވުމެއް ނެތެވެ. އެކަމަށް ޝައްކެތްވެސް ނެތެވެ.

ސިނގިރޭޓްއަކީ އޭގެ ސަބަބުން ބަލި ޖައްސައި އަދި އޭގެ ސަބަބުން އެތައްބަޔަކު ދުނިޔެ ދޫކުރާ ވަޞީލަތަކަށްވެފައިވެ އެވެ. ފަހެ، އެއްވެސް ނަފްސެއް އެނަފްސުގެ ޢަމަލުތަކުން، މަރުވެދިއުން ހުއްދަވެގެން ނުވެ އެވެ. (وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ۛ) ”އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސު ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!“

ސިނިގޭޓް ބުއިމުން ކެންސަރު ޖެހުމާއި، ފުއްޕާމޭގެ ބަލިތައް މެދުވެރި ވުމާއި، ހިތް ހުއްޓުމާއި އެތައް އެތައް ބަލިޔަކުގެ ތެރެއަށް ނަފްސު އެއްލާލުމަށް އޮތް އެއްޗެއް ކަމުގައިވަނީ އޭގެ ގެއްލުން ބޮޑުވެފައި މުޑުދާރު އެއްޗެއް ގޮތުގައި ސިނގިރޭޓް ވުމެވެ.

ﷲ ޙަރާމް ކުރައްވާފައިވާ އެއްޗެއް އުފުލައި އެއިން ވިޔަފާރިކޮށް އާމްދަނީ ލިބުމަށްވުރެ ތިމާ ބަނޑުހައިހޫނު ކަމުގައި ހުރުންވެސް ހެޔޮކަން ބޮޑުވެގެންވެ އެވެ.

ދުނިޔެމަތީގައި ޙަލާލުވެގެންވާ ޢަމަލުކޮށްގެން ހަލާލު ފައިސާ ހޯދުން ދަތި ޒަމާނެއްގައި، ޙަރާމްވެގެންވާ ޢަމަލުތަކުން އެއްކިބާވެ، އެފަދަ ޙަރާމް އެއްޗެއް ގަނެވިއްކުމާއި، އެކަމުގެ މައްޗަށް އެއްވެސް ގޮތަކަށް އެހީތެރިވުމަކީ އަދި އެކަމަށް އެއްވެސް ގޮތަކުން އަތްގާތްކޮށްދީ ވާގިވެރިވުމަކީ ޙަރާމްވެގެންވާ ޢަމަލެކެވެ.

މާތް ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި އެވެ.

إنَّ اللَّهَ إذا حرَّمَ شيئًا حرَّمَ ثمنَهُ .

ހަމަކަށަވަރުން ﷲ އެއްޗެއް ހަރާމް ކުރައްވައިފިހިނދު، އޭގެ އަގުވެސް (ވިއްކައިގެން އޭގެ ފައިސާ ހޯދުންވެސް) ހަރާމް ކުރެއްވި އެވެ.“

ވުމުން، ސިނގިރޭޓް ވިއްކުން ޙުއްދަވާނީ ކިހިނަކުން ހެއްޔެވެ؟ ސިނގިރޭޓް ވިއްކައިގެން ލިބޭ ފައިސާ ޙަލާލުވާނީ ކިހިނަކުން ހެއްޔެވެ؟

ވުމުން، ސިނގިރޭޓް އުފުލުމާއި، ގުދަން ކުރުމާއި، އެ ވިއްކުމާއި، ބުއިމާއި އެއިން ލިބޭ އެންމެހައި ފައިސާތަކަކީ ޙަރާމްތަކެއްޗެވެ. ޙަލާލެއް ނުވާނެ އެވެ.

ސިނގިރޭޓް އެއްވެސް ޙާލެއްގައި ތިމާގެ އަތުން ވިއްކައިގެން ނުވާނެ އެވެ.

نسال الله السلامة و العافية

Similar Posts

Leave a Reply