ފިރިހެނުންނާއި އަންހެނުން ސަލާމް ކުރުމުގެ ޙުކުމަކީކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ހިލޭ އަންހެނުންނާއި ފިރިހެނުން އަތާއި އަތްޖޯޑުކޮށް ސަލާމް ކުރުމުގެ މައްޗަށް ބުނަމެވެ. އިސްލާމް ދީނުގައި ޝަރުޢީ ދަލީލުތަކުން ހިލޭ ފިރިހެނުން ހިލޭ އަންހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެއް ކަމުގައި ބަޔާންވެގެންވެއެވެ.
އެފަދައިން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައިވެއެވެ.
1. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (لأَنْ يُطعَنَ في رأسِ أحدِكم بمخْيَطٍ من حديدٍ؛ خيرٌ له من أن يمسَّ امرأةً لا تحِلُّ له)
“އޭނާއަށް ޙަލާލުވެގެން ނުވާ އަންހެނަކާ ސަލާމްކުރުމަށް ވުރެ، ދަގަނޑުންވާ ތިނޯހެއްފަދަ އެއްޗަކުން އެމީހެއްގެ ބޮލަށް ހެރި ޒަހަމްވެގެން ދިޔުން އޭނާއަށް ހެޔޮވެގެންވެއެވެ” (صحيح الترغيب 1910).
2. ނަބިއްޔާ صَلَّى اللَّهُ عليه وَسَلَّمَ ގެ އަނބިކަނބަލުން أم المؤمنين عَائِشة- رضي الله عنها- ވިދާޅުވެފައިވެއެވެ. (…وَاللَّهِ ما مَسَّتْ يَدُ رَسولِ اللهِ صَلَّى اللَّهُ عليه وَسَلَّمَ يَدَ امْرَأَةٍ قَطُّ..) “ﷲ ޤަންދީ ބުނަމެވެ. ﷲ ގެ ރަސޫލާ صَلَّى اللَّهُ عليه وَسَلَّمَ ގެ އަތްތިލަފުޅު ދުވަހަކު ވެސް އަންހެނެއްގެ އަތުގައި ނުބީހެވެ…” (صحيح مسلم 1866).
3. ﷲ އެ އިލާހުގެ ނަބިއްޔާއަށް މުއުމިނު އަންހެން ކަނބަލުންނަށް ބައިޢަތު ދެއްވުމަށް އަމުރުފުޅު ކުރެއްވިހިނދު، {يَا أَيُّهَا النبيُّ إذَا جَاءَكَ المُؤْمِنَاتُ يُبَايِعْنَكَ علَى أَنْ لا يُشْرِكْنَ باللَّهِ شيئًا وَلَا يَسْرِقْنَ وَلَا يَزْنِينَ….. } ” އޭ ނަބިއްޔާއެވެ! އީމާން ވެގެންވާ އަންހެނުން ނަބިއްޔާ އަރިހަށް ބައިޢަތު ހިފުމަށް އަންނަހިނދު، އެކަނބަލުން اللًّه އާ އެއްވެސް އެއްޗެއް ޝަރީކު ނުކުޅައުމަށާއި، އެކަނބަލުން ވައްކަން ނުކުޅައުމަށާއި، އެކަނބަލުން ޒިނޭ ނުކުޅައުމަށާއި، އެކަނބަލުންގެ ދަރިން ނުމެރުމަށާއި، އަދި އެކަނބަލުންގެ އަތްތަކާއި ފައިތަކާ ދެމެދަށް ބުހުތާނު ދޮގު ވާހަކައެއް ހަދައިގެން ނުގެނައުމަށާއި (އެބަހީ: ނަހަލާލު ކުދިން ޙަލާލު ކުދިން ކަމުގައި ނުހެދުމަށާއި) އަދި އެއްވެސް ހެޔޮކަމެއްގައި ނަބިއްޔާއަށް އެކަނބަލުން އުރެދިނުގަތުމަށް، ފަހެ، ނަބިއްޔާ އެކަނބަލުންނާ ބައިޢަތު ހިއްޕަވާށެވެ!”.
މި އާޔަތުގައި އެކަނބަލުންނަށް ބައިޢަތު ދެއްވުމަށް އަމުރުފުޅު ކުރައްވާފައިވެއެވެ.
އެންމެނަށް އެނގި ބަޔާންވެގެންވާ ކަމަކީ ބަޢިޢަތަކީ ބައިޢަތު ދެއްވާ ފަރާތާއި އަދި ބައިޢަތު ހިއްޕެވޭ ފަރާތް އަތާއި އަތް ޖައްސަވައި އެކަމަށް އިޤްރާރުވެވޭ ގޮތުގައި ހިނގާ ކަމެކެވެ. މިފަދައިން ބަޔާންވެގެންވީ ހިނދުގައި ވެސް، އެކަމަށް ޙާޖަތްޖެހިފައިވެ އެކަން ކުރުމަށް ސަބަބު މެދުވެރިވެގެން ވީހިނދުވެސް، ހިލޭ އަންހެނުންނާ އެފަދައިން ޢަމަލުކޮށްފައިނުވުމުން އެއީ ހިލޭ އަންހެނުންނާ މެދުގައި ހުއްދަ ޢަމަލެއް ނޫންކަން ވަރަށް ސާފުކޮށް ދޭހަވެއެވެ. އެކަނބަލުންނަށް ބަޢިޢަތު ދެއްވަވާ ހަދީޘްފުޅު ކުރައްވައެވެ. (قدْ بَايَعْتُكُنَّ كَلَامًا) “ހަމަކަށަވަރުން ތިޔަ ކަނބަލުންނާ ތިމަން ނަބިއްޔާ ދުލުން ވިދާޅުވާ ބަސްފުޅުން ބައިޢަތު ހިއްޕަވައިފީމެވެ”.
އެއްވެސް ޙާލެއްގައި އެއްވެސް ދަނޑިވަޅެއްގައި މާތް ނަބިއްޔާ ހިލޭ އަންހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމް ކުރައްވާފަ ނުވެއެވެ. ވީމާ، މި ޢަމަލަކީ ހުއްދަވެގެން ނުވާނެ އަދި ޝަރީޢަތުގައި ޙަރާމް ކުރެވިގެންވާ ޢަމަލެއް ކަމުގައިވެއެވެ.
މި ރިވާޔަތުގެ މައްޗަށް الحافظ بن حجر -رحمه الله- ވިދާޅުވެފައިވެއެވެ. -ޙަދީޘްފުޅުގައިވާ- (قد بايعتك كلامًا) “ހަމަކަށަވަރުން ތިޔަ ކަނބުލޭގެއަށް ދުލުގެ ބަސްތަކުން ބައިޢަތު ހިއްޕަވައިފީމެވެ”. އެއީ، ޢާދަވެ ބަޢިޢަތުގެ ހިފޭ ގޮތް ކަމުގައިވާ ފިރިހެނުންނާއި އަތާއި އަތްޖައްސާ ކުރާ ބީދައިން ނުކޮށް ހަމައެކަނި ދުލުގެ ބަސްތަކުން ބަޢިޢަތު ދިނުމެވެ”.
އުއްމަތަށް ފަހުގެ ދުވަސްތަކުގައި ފާޅުވި ތަފްސީރު ޢިލްމުގައި މަޝްހޫރުވަޑައިގެންނެވި ސުންނަތުގެ އަހުލުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة محمد أمين الشنقيطي -رحمه الله- ވިދާޅުވެފައިވެއެވެ . “ދަންނަހުއްޓެވެ. ހިލޭ ފިރިހެނަކު އޭނާއަށް ހިލޭ އަންހެނެއްގެ ގޮތުގައިވާ އަންހެނަކާއި ސަލާމްކުރުން ހުއްދައެއް ނުވާނެއެވެ. އަދި އަންހެންމީހާގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން ހުއްދައެއް ނުވާނެއެވެ” (أضواء 6-603).
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام العلامة ابن باز -رحمه الله- ވިދާޅުވެފައިވެއެވެ . “މުޠްލަޤުކޮށް، އަންހެނުން އެބައިމީހުންގެ މަޙްރަމުން ފިޔަވައި އެހެން މީސްތަކުންނާއި ސަލާމްކުރުން ޙަރާމްވެގެންވެއެވެ. އެއީ ޒުވާން އަންހެނަކާ ނުވަތަ މުސްކުޅި އަންހެނަކާ ކަމުގައިވިޔަސްއެވެ. އަދި ސަލާމް ކުރަނީ ޒުވާން ފިރިހެނުންނާއި ނުވަތަ ދުވަސްވީ ފިރިހެނުންނާއި ކަމުގަވިޔަސްއެވެ”(الفتاوى 1-185).
ޖަވާބު ނިންމާލުމުގެ ކުރިން ބުނަމެވެ.
މިއަދު ބައެއް މީހުން އުފައްދާފައިވާ ޝުބުހަތުގެ ބަސް ކަމުގައިވާ “އަހަރެމެންގެ ހިތް ސާފެވެ. ޝަހުވަތެއް އޮވެގެން ނޫނެވެ. ވުމުން މިކަމުގައި މައްސަލައެއް ނެތެވެ”.
ބުނަމެވެ. މި އެންމެހައި ހަދީޘްފުޅުތަކުގައި އަދި ބަސްފުޅުތަކުން ބަޔާންވަނީ މާތް ނަބިއްޔާ صَلَّى اللَّهُ عليه وَسَلَّمَ ހިލޭ އަންހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމް ކުރެއްވުން ދޫކުރެއްވި ކަމެވެ. އަދި ބަޢިޢަތު ދެއްވާހިނދު ސަލާމް ކުރެއްވުމުން އެއްކިބާވެ ވަޑައިގެންނެވުމުން އެ ނޫން ޙާލަތްތަކުގައި އެއްކިބާވެ ވަޑައިގެންނެވުން އަޥްލާވެގެންވެއެވެ. ދަންނައެވެ! ނަބިއްޔާ صَلَّى اللَّهُ عليه وَسَلَّمَ ގެ މަޢުޞޫމް ކަމާއިއެކުގައިމެ، އަންހެނުންނާއި ސަލާމް ކުރުން ދޫކޮށްލެއްވެވިއެވެ. އެބައިމީހުން އެ ބުނާ ބުނުންތައް ކަމުގައިވާ “ޝަހުވަތެއް ނެތެވެ.” “ހިތް ސާފެވެ.” މި ބަސްފުޅުތައް ލިބިވަޑައިގެންނެވުން އެންމެ އެކަށީގެންވާ ބޭކަލަކީ ފަހެ، ﷲ ގެ ނަބިއްޔާ ނޫންތޯއެވެ؟ އެހެނަސް ސަލާމް ކުރެއްވުން ދޫކޮށްލެއްވިއެވެ. ވީމާ، އެ ބޭކަލަށް އިޤްތިދާވުމާއި ކިޔަމަންގަތުން ވާޖިބު ކުރައްވާފައިވާ ފަރާތް ކަމުގައި ނަބިއްޔާއަށް ތަބަޢަވުން ނުވޭތޯއެވެ؟
ދެންއޮތީ އެ ބުނާ ބަސްތައް ކަމުގައިވާ “ހިތް ސާފެވެ”. “ޝަހުވަތެއް ނެތެވެ”.
މިފަދައިން ދެކިގެން ސަލާމް ކުރާ މީހާ، މި އުއްމަތުގެ ނަބިއްޔާ صَلَّى اللَّهُ عليه وَسَلَّمَ އަށް އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ނިޞްބަތްކޮށް ބުނަނީ އެބޭކަލުން “ހިތްޕުޅު ސާފު ނުވީތޯއެވެ”. “އެ ބޭކަލުން ޝަހުވަތްތެރިން ތޯއެވެ”.
މިއީ ނުވާނެ ކަމެކެވެ. މިއީ އެބޭކަލުންގެ ޙައްޤުގައި ބުނުން އެކަށީގެންނުވާނެ ފަދައިން ހުއްދަވެގެން ވެސް ނުވާނެ ބަސްތަކެކެވެ.
މުއުމިނު އަޅާއަށް އޮތީ ﷲ އަށް ބޯލަނބައި ކިޔަމަންވުމެވެ. ﷲ ގެ ޙުކުމާއި އަދި ޝަރުޢު ކުރައްވާފައިވާ ނިޔާތަކުގެ މައްޗަށް ޤަބޫލުވެ ރުހުމެވެ.
އަދިވެސް އެއްބަޔަކު ބުނެވެ. ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ މީސްތަކުންގެ ހިތަށެވެ.
ފާފަވެރިވާނީ ނިޔަތް ގޯސް ކަމުގައިވާނަމައެވެ.
ނުބައި ނިޔަތެއް ނެތް ކަމުގައިވާނަމަ އެކަމުގައި ކުށެއް ނެތެވެ. ފާފައެއް ނުވާނެއެވެ.
ދަންނަ އެވެ! މި ބަހަކީ ނުރައްކާ ބޮޑުވެގެންވާ ބުނުމެކެވެ. ސަބަބަކީ، އެ ބުނާ ބުނުމުން ދަލީލު ކޮށްދެނީ ޢަމަލަކީ އީމާންކަން އިތުރުވުމާއި އަދި އުނިވުމުގައި ޢަމަލުގެ އެއްވެސް ބޭނުމެއް ނެތް ކަމެވެ. އޭގެ ބަދަލުގައި އަހުލުއް-ސުންނަތް ވަލް-ޖަމާޢަތުގައި އީމާންކަމަކީ ބަހާއި ޢަމަލާއި ހިތާއި އަދި ގުނަވަންތަކުން ކުރެވޭ ޢަމަލުތައް ވެސް އޭގައި ވުމެވެ.
އަދި އޭގެ އިތުރަށް އެމީހެއްގެ ހިތް އަދި ނިޔަތް ތެދުކުރާ ޢަލާމާތަކީ އެމީހެއްގެ ޢަމަލެވެ. ޙަދީޘްގައިވާ ފަދައިންނެވެ. (وإنَّ في الجَسَدِ مُضْغَةً: إذَا صَلَحَتْ صَلَحَ الجَسَدُ كُلُّهُ، وإذَا فَسَدَتْ فَسَدَ الجَسَدُ كُلُّهُ، ألَا وهي القَلْبُ) “ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެ މަސްކޮޅު ޞާލިޙް (ހެޔޮ) ވެއްޖެހިނދު މުޅި ހަށިގަނޑު ހެޔޮވެއްޖެއެވެ. އަދި އެ މަސްކޮޅު ފަސާދަވެއްޖެހިނދު، މުޅި ހަށިގަނޑު ފަސާދަ ވެއްޖެއެވެ. ދެންފަހެ، އެއީ ހިތެވެ”.
ވީމާ، ހިތް ފަސާދަވުމުން މެނުވީ ބޭރުފުށުގެ ޢަމަލު އެފަދައިން ފަސާދަވެގެންނުދެއެވެ. ހިތް އިޞްލާޙްވެގެންވާ ހެޔޮ ކަމުގައިވާނަމަ އޭނާގެ ހަށިގަނޑުގެ ޢަމަލުތައް ވާހުށީ ޞާލިޙް ހެޔޮ ޢަމަލުތަކެއްގެ ގޮތުގައިއެވެ.
ވީމާ، ހަދީޘްތަކަށް އަދި ނަބިއްޔާގެ ޢަމަލުފުޅަށް ކިޔަމަންތެރިކަން އަދާ ނުކުރެވި، އެމީހެއްގެ ޢަމަލުތައް ފުށޫ އެރުމަކީ އެމީހެއްގެ ހިތް ފަސާދަވެގެންވާ ކަމުގެ ސިފަތަކުގެ ތެރެއިން އެއް ސިފައެވެ. އެ ހިތް އަދި ނިޔަތް ރަނގަޅުނަމަ އެމީހެއްގެ ޢަމަލު ޝަރީޢަތުގައިވާ ދަލީލާއި އަދި އެންމެ ރިވެތި ނަމޫނާވެރި ބޭކަލުގެ ގޮތުގައިވާ ނަބިއްޔާ ގެ ޢަމަލުފުޅާއި ފުށޫ އަރާ ގޮތުގައި ނުވާނެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم