ފާއިތުވި ސުންނަތް ނަމާދު ޤަޟާ ކުރުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުންނަތްތައް ޤަޟާ ކުރުމުގެ ބާބުގައި ދަންނަންޖެހޭ ވަރަށްވެސް މުހިންމުވެެގެންވާ 2 ނުކުތާއެއްވެ އެވެ.
ފުރަތަމަ ނުކުތާ އަކީ : އެ ސުންނަތް ނަމާދެއް ދޫކޮށްލާފައިވަނީ ފަރުވާކުޑަ ކުރުމެއްނެތި ދޫކޮށްލުން ކަމުގައި ވާންޖެހުމެވެ. ޢިލްމުވެރިންގެ އެފަދައިން ފަރުވާކުޑަވެ ސުންނަތް ނަމާދު ދޫކޮށްލާމީހާއަށް ޤަޟާއެއް އޮތްކަމަށް ދެކެވަޑައނުގަންނަވަ އެވެ. އެހެނަސް ޤަޟާއޮތީ ފަރުވާކުޑަކުރުމެއްނެތި ނަމާދު ފާއިތުވި މީހާ އަށެވެ.
ދެވަނަ ނުކުތާ އަކީ : އެ ފާއިތުވި ނަމާދަކީ ޤަޟާ ކުރެވޭ ނަމާދެއްތޯ ނުވަތަ ޤަޟާ ނުކުރެވޭ ނަމާދެއްތޯ ބެލުމެވެ.
الحافظ النووي ވިދާޅުވެފައިވެ އެވެ. ”ސުންނަތް ނަމާދުގެ 2 ބާވަތެއްވެ އެވެ.
ފުރަތަމައީ : ވަޤުތެއް ކަނޑައެޅިފައި ނުވާ ނަމާދުތަކެވެ. އެހެނަސް ސަބަބެއް ދިމާވެގެން ކުރާ ނަމާދުތަކެވެ. މިސާލަކަށް ކޭތަ ނަމާދެވެ އިސްތިސްޤާ ނަމާދެވެ. މަސްޖިދު ސުންނަތެވެ. ފަހެ، މިއިން ނަމާދެއް ފާއިތުވެއްޖެހިނދު އެނަމާދެއް ޤަޟާއެއް ނުކުރެވޭނެ އެވެ.
ދެވަނަ (ބާވަތަކީ) ވަޤުތެއް ކަނޑައެޅިފައިވާ ނަމާދުތަކެވެ. ޢީދު ނަމާދު، ފަރުޟު ނަމާދުތަކާއި ގުޅިގެން ކުރާ ރަވާތިބު ފަދަ ނަމާދުތަކެވެ. ފަހެ، ނަމާދުތައް (ޤަޟާ ކުރުމާއި މެދުގައި) ޢިލްމުވެރިންގެ 3 ޤައުލެއްވެ އެވެ. އޭގެތެއިން ޞައްޙަވެގެންވާ ޤައުލަކީ، ޤަޟާކުރުން އިސްތިޙްބާބު ވުމެވެ.
ތިންވަނަ ނުކުތާއަކީ : މެންދުރު ނަމާދުގެ ސުންނަތާއި މެދުގަ އެވެ. އެއްވެސް ޝައްކެތްވެސް ނެތެވެ. މިއީ ނަބިއްޔާ އެ ސުންނަތްތަކެއްގެ މައްޗަށް އެންމެ ބޮޑަށް ފަރުވާތެރިވަޑައިގެންނެވި އެއް ސުންނަތެވެ. އެއީ، މިއީ ރަވާތިބް ސުންނަތްތަކުގެ ތެރޭގައި ހިމެނިގެންވާ ސުންނަތެއް ކަމުގައި ވުމެވެ. ވުމުން އޭނާގެ ފަރުވާ ކުޑަ ވުމެއް، އިހުމާލެއްނެތްހިނދު، ނަމާދު ޤަޟާ ކުރެވޭނެ އެވެ.
ހަތަރުވަނައީ : ސުންނަތް ނަމާދުތައް ޤަޟާ ކުރުމުގެ މައްސަލައަށް ބަލާހިނދު، ނަބިއްޔާ صلى الله عليه وسلم އަރިހުން ސުންނަތް ނަމާދުތައް ޤަޟާކުރައްވާކަން ޞައްޙަ ޙަދީޘްތަކުން ވާރިދުވެފައިވެ އެވެ. އޭގެ ތެރޭގައި : އިމާމް مُسلم ޞަޙީޙުގައި أبو قتادة -رضي الله عنه- އަރިހުން ރިވާކޮށްފައިވާ ޙަދީޘް ހިމެނެ އެވެ. ( أن النبي صلى الله عليه وسلم فاته الصبح في السفر حتى طلعت الشمس فتوضأ ثم صلى سجدتين ثم أقيمت الصلاة فصلى الغداة ) މި ޙަދީޘްގައިވަނީ، ނަބިއްޔާ އަށް ފަތިސްނަމާދު (ކުރެއްވި ދަތުރެއްގައި) ފަތިސް ނަމާދުގެ ވަޤުތުން ފާއިތުވެ ދިޔަހިނދު، އިރުއެރުމަށްފަހު ފަތިސް ނަމާދުގެ ސުންނަތް 2 ރަކުޢަތް ޤަޟާ ކުރައްވާ ފަތިސް ނަމާދު ޤަޟާ ކުރެއްވި ކަމެވެ.
އަދިވެސް البُخَاري އަދި مُسلم ރިވާކޮށްފައިވާ ޙަދީޘެއްގައިވެ އެވެ. ( إنه أتاني ناس من عبد القيس بالإسلام من قومهم فشغلوني عن الركعتين اللتين بعد الظهر فهما هاتان الركعتان بعد العصر ) عبد القيس ގެ ވަފުދު މަދީނާއަށް ވަޑައިގެންނެވިހިނދު، މެންދުރު ނަމާދުގެ ފަހު ސުންނަތް ނުކުރެވި އެބޭފުޅުންނާއިގެން މަޝްޣޫލުވަޑައިގެންނެވި އެވެ. އަދި އަޞްރު ނަމާދުފަހުން އެ ސުންނަތް ޤަޟާ ކުރެއްވި އެވެ. މި އެންމެހައި ދަލީލުތަކުން ބަޔާންވަނީ ސުންނަތް ނަމާދުތައް ޤަޟާކުރުން ހުއްދަވެގެންވާކަމެވެ. ހުއްދަކަމަށް ދަލީލު ބަޔާންވެގެންވާ ކަމެވެ.
ފަސްވަނަ ނުކުތާގައި އަޚާއަށް ނިންމާލުމުގެ ކުރިން ބުނަމެވެ. ވަޒީފާއަކީ ނަމާދަށް ބުރޫ އަރުވާނެ އެއްޗެއް ކަމުގައި ނުވާނެ އެވެ. އަހަރެންނަށް ލިބިފައިވާ މަޢުލޫމާތު ތަކުން، ނަމާދު ކުރުމަށް ވަޒީފާގައި އުޅޭ އެންމެހައި ފަރާތްތަކަށް ފުރުސަތު އޮވެ އެވެ. ފަހެ، އެހިނދު އެވަޤުތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުން ހުއްޓެވެ.
ނަމާދުތައް ފާއިތުވެދާނެ ގޮތަށް ޢަމަލު ނުބަހައްޓައި ސުންނަތް އަދި ފަރުޟު އެންމެ އެކަށީގެންވާ ގޮތުގައި އަދާކުރުމަށް ވަޤުތު ހޯދާށެވެ. މިއީ ﷲ އަށް އަދާކުރާ ޙައްޤެކެވެ. ވަޒީފާގެ ޙައްޤަށްވުރެން ބޮޑު ޙައްޤެކެވެ. މަސްއޫލުވެރި ފަރާތްތަކުން މިކަމަށް ޙައްލެއް ނެރެވެން ޖެހޭނެ އެވެ. މިފަދައިން ބަޔާން މި ކުރީ، ސަބަބަކީ އޭނާގެ އިހުމާލާއި ފަރުވާކުޑަވުން އޮވެއްޖެހިނދު ސުންނަތް ނަމާދު ފާއިތުވުމުން އެމީހަކަށް ޤަޟާކުރުމުގެ ޙައްޤެއް ނޯންނާނެތީ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.