ފަތިސް ނަމާދުގައި އަބަދުވެސް އެއް ޞޫރަތެއް ކިޔުމުގައި ދެމިހުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ފަތިސް ނަމާދުގައި އަބަދާއި އަބަދު އެއް ސޫރަތެއް (އެ ގޮތުން ފުރަތަމަ ރަކުޢަތުގައި ފާޠިޙާއަށް ފަހުގައި އަލް-އަޢުލާ ސޫރަތް އަދި ދެވަނަ ރަކުޢަތުގައި ފާޠިޙާއަށްފަހުގައި ޤަދްރި ސޫރަތް) ކިޔުމާއި މެދުގައި ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނެމެވެ.

ޖަވާބު ނުކުތާ ތަކެއްގެ މައްޗަށް ބިނާ ކުރަމެވެ.

ފުރަތަމައީ : އެފަދައިން ނަމާދު ކުރާ މީހާގެ ނަމާދު ޞައްޙަ ވާނެ ކަމެވެ. ސަބަބަކީ، އޭނާގެ ނަމާދުގައި، ނަމާދުގެ ޝަރުޠެއް ނުވަތަ ޞައްޙަކަން ގެއްލުވާނެ ކަމެއް ކަމުގައި އެ ޢަމަލު ނުހިމެނެ އެވެ.

ދެވަނައީ : އެފަދައިން ނަމާދު ކުރާ މީހާގެ ޢަމަލުވަނީ ސުންނަތާއި ޚިލާފްވެގެންނެވެ. ސަބަބަކީ، ފަތިސް ނަމާދުގައި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސުންނަތް ގޮތް ކަމުގައިވަނީ ދިގުކޮށް ކިޔެވުމެވެ. އިމާމް البخاري އަދި އިމާމް مسلم ޞަޙާބީ أ َبِي بَرْزَةَ رضي الله عنه ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. (أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَقْرَأُ فِي صَلَاةِ الْغَدَاةِ مِنْ السِّتِّينَ إِلَى الْمِائَةِ) ”ހަމަކަށަވަރުން ﷲގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ފަތިސް ނަމާދުގައި 60 އާޔަތާއި 100 އާޔަތާއި ދެމެދުގެ މިންވަރަށް ޤުރުއާން ކިޔަވައި ވިދާޅުވެ އެވެ.“
ވުމުން، އަބަދާއި އަބަދުގައި ކުރު ސޫރަތެއް ކިޔުމަކީ ސުންނަތާއި ޚިލާފްވެގެންވާ ޢަމަލެއް ކަމުގައިވެ އެވެ.

އަދިވެސް ބުނަމެވެ. މިފަދައިން އަބަދާއި އަބަދު މެދުކެނޑުމެއްނެތި ،ކުރު ސޫރަތެއް ނުވަތަ އެއް ޞޫރަތެއް ކިޔެވުމުގެ ސަބަބުން އެއީ ދީނުގައި ކަނޑައެޅިފައިވާ ގޮތް ކަމުގައި މީސްތަކުންނަށް ވިސްނުމެވެ.
މިފަދައިން ޢަމަލު ކުރުމަށް (އެބަހީ : ވަކި ޞޫރަތްތަކެއް ކިޔެވުން) ކަނޑައެޅިފައިވާ ނަމާދު ތަކުގައި އެފަދައިން ޢަމަލުކުރުންވެ އެވެ. އެ ގޮތުން ޢީދު ނަމާދުގައި ވަކި ޞޫރަތްތަކެއް ކިޔެވުން ވާރިދުވެގެންވެ އެވެ. ހުކުރު ނަމާދުގައި ވަކި ޞޫރަތެއް ކިޔުން ވާރިދުވެގެންވެ އެވެ.
އެހެނަސް އެފަދައިން ވަކި ޞޫރަތެއް އިޚްތިޔާރުކޮށް އެ ޞޫރަތެއްގެ މަތީގައި ދެމިހުރުމަށް ކަނޑައެޅިފައި ނުވާ ނަމާދެއްގައި އެފަދައިން ޢަމަލު ކުރުން ވެގެންދާނީ ސުންނަތާއި ޚިލާފް ޢަމަލެއްގެ ގޮތުގަ އެވެ.

ތިންވަނައީ : އަބަދާއި އަބަދުގައި މިފަދައިން ވަކި ޞޫރަތެއް ފަތިސް ނަމާދުގެ ރަކުޢަތްތަކުގައި ކިޔެވުމުގައި ޢަމަލުކުރާ މީހާގެ މައްޗަށް އޮތީ ކިހިނެތް ކަމާއި މެދުގައި މިއަދު ދުނިޔެމަތީގައިވާ ޢިލްމުވެރި ބައެއް ބޭފުޅުންނަށް ސުވާލު ހުށަހެޅުމުން ދެއްވި ޖަވާބުތަކެވެ.
ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. الشيخ عبد الله الظفيري – حفظه الله- އަރިހުގައި މި ސުވާލު ދެންނެވީމެވެ.
އަހަރުމެންގެ ޝެއިޚް އެވެ. ފަތިސް ނަމާދުގައި އަބަދުވެސް އެއް ޞޫރަތެއް ކިޔުމުގައި ދެމިހުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ މިޘާލަކަށް ފުރަތަމަ ރަކުޢަތުގައި الأعلى އެވެ. ދެވަނަ ރަކުޢަތުގައި الكافرون ޞޫރަތެވެ.

ޖަވާބު : ތިޔައީ ކުށެކެވެ. އަދި ތިޔަ ޢަމަލަކީ ސުންނަތަކާއި ޚިލާފްވެގެންވާ ޢަމަލެކެވެ.
މި ސުވާލު މިއަދު މަދީނާގައި ދިރިއުޅުއްވަމުން ގެންދަވާ ޑރ. الشيخ عَرَفات بن حسن المحمدي – حفظه الله- ގެ އަރިހުގައި ދެންނެވުމުން ޖަވާބުގައި ވިދާޅުވި އެވެ.
ޖަވާބު : ތިޔައީ ކުށެކެވެ. އަދި ސުންނަތުގައި ވާރިދުވެގެންވާ ގޮތެއް ނޫނެވެ.“

ވުމުން ނިންމާލުމުގެ ކުރީގައި ބަޔާން ކުރަމެވެ.
ކީރިތި ޤުރުއާނުން އެމީހަކަށް ދަސްވެފައިވާ މިންވަރުން ކިޔެވުމަށް ބާރުއަޅާށެވެ. އެއް ޞޫރަތެއް ތަކުރާކު ކުރުމުން ދުރުހެލިވުން ހުއްޓެވެ. ފަހެ، ސުންނަތުގައި ބަޔާންވެގެންވާ ފަދައިން ޢަމަލު ކުރުން ހުއްޓެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts