ރޯދައަށް ހުންނަ މީހާ އަނގަަޔަށާއި ނޭފަތަށް ފެން ލުމަކީ ރޯދައަށް އަޘަރު ކުރުވާ ކަމެއްތޯ؟

 

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.   

أما بعد:  

ރޯދައަށް ހުންނަ މީހާ އަނގައަށާއި ނޭފަތަށް ފެން ލުމަކީ ރޯދައަށް އަޘަރު ކުރުވާ ކަމެއް ނޫނެވެ.   

ޞަޙާބީ لَقِيط بن صَبرة -رضي الله عنه-  ވިދާޅުވެފައިވެ އެވެ. ރަސޫލާ صلى الله عليه وسلم  ޙަދީޘް ކުރެއްވި އެވެ.  (وَبَالغ في المَضمَضَةِ و الإِستنشَاق إلاَّ أَن تَكُونَ صَائِمًا) ”(ވުޟޫކުރާހިނދުގައި) އަނގައަށާއި އަދި ނޭފަތަށް ބޮޑަށް ފެންލައި ދޮންނާށެވެ.  އެއީ، ތިބާ ރޯދައަށް ނުހުންނަ ކަމުގައި ވާނަމަ އެވެ.   رواه أبوداود 142 

ފަހެ، ޙަދީޘްގައި ބަޔާންވެގެންވަނީ ރޯދައަށް ހުންނަ މީހާ އަނގައަށާއި އަދި ނޭފަތަށް ފެންލުމުގައި ކަރުތެރެއަށް ގޮސްދާނެ ކަމުގެ މައްޗަށް ފަރުވާތެރިވުމަށްޓަކައި އޭނާގެ ޙައްޤުގައި ބޮޑަށް އެކަން ކުރުން ވެއްޓިގެންވާ ކަމެވެ. ބޮޑަށް އަދި ގަދައަށް ކުރުމެއް އޭނާއަށް ނުވެ އެވެ.   

އެހެނަސް ޤަޞްދަކާ ނުލައި ހަށިގަނޑުގެ ތެރެއަށް ގޮސްފިހިނދު، ގިނަ ޢިލްމުވެރިންގެ ޤައުލަކީ އޭނާގެ މައްޗަށް އެއްވެސް ކުށެއް ނެތްކަމެވެ.  

ދަންނަ ހުއްޓެވެ! ވުޟޫ ކުރުމަކީ ރޯދަވެރިޔާ ކުރަން ޖެހޭކަމެކެވެ. ޙާޖަތްޖެހިފައިވީހިނދުގައިވެސް އަމުރުފުޅު ކުރެވިގެންވަނީ ފަރުވާތެރިކަމާއި އަދި ކަރުތެރެއަށް ފެން ނުދާގޮތަށް ސަމާލުވެހުރެ އެފަދައިން ކުރުމަށެވެ.   

ވުމުން ޙާޖަތެއް މެދުވެރި ނުވެ އެކަން ކުރުމުގެ މައްޗަށް ފަރުވާތެރިވުން މާބޮޑަށް އަޥްލާވެގެންވެ އެވެ.  

ފަހުގެ ދުވަސްތަކުގައި ފާޅުވި ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ  الإِمَام العَلاَّمَة العُثَيْمِيْن -رحمه الله – ވިދާޅުވެފައިވެ އެވެ.   

”ކަރުތެރެ ދޮވުމަށް ބޭނުންކުރާ ބޭސް ބޭނުންކޮށް އެއިން ކަރުތެރެއިން ހަށިގަނޑުތެރެއަށް އެއްޗެއް ނުދާހިނދެއްގައި ރޯދަ ނުގެއްލޭނެ އެވެ. އެހެނަސް ޙާޖަތެއް މެދުވެރިވެ އެކަން ކުރަންޖެހިގެން ނޫނީ މި ޢަމަލު ކޮށްގެން ނުވާނެ އެވެ. އަދި ހަށިގަނޑުތެރެއަށް އެއްޗެއް ނުދާ ހިނދެއްގައި ރޯދައެއް ނުގެއްލޭނެ އެވެ.“فتاوى مهمة لنساء الأمة 105  

ވުމުން، ޙާޖަތެއްނެތި އަދި ބޭނުމެއް ނެތި މިފަދަ ކަމެއް ނުކުރުން ހުއްޓެވެ. އަދި ވުޟޫ ކުރުންފަދަ ޙާޖަތްމެދުވެރިވެ، ކުރަންޖެހޭ ކަމެއް ފަރުވާތެރިވެ ކުރަނިކޮށް ކަރުތެރެއިން ޤަޞްދެއްނެތި ފެން ދިއުމަކުން ރޯދަވެރިޔާގެ ރޯދައަށް އަޘަރެއް ނުކުރާނެ އެވެ  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم. 

Similar Posts