ބަލީގެ ސަބަބުން އަބަދު ވައި ބޭރުވާ މީހާ ނަމާދު ކުރާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

އަޚާ އެވެ! ބަލިމީހާއަށް ދިމާވެފައިވާ ކަންތަކުން ﷲ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އެވެ. އަދި އެ ދިމާވެފައިވާ ކަންތައްތަކަކީ އެ ބަލިމީހާގެ ފާފަތައް ފުހެވި އެކަމުގައި އަޖުރާއި ޘަވާބު އިތުރުވެދިއުމުގައިވާ ސަބަބެއް ކަމުގައި ލައްވާނދޭވެ.

އަޚާ އެވެ! ސުވާލަށް އަންނަނިވި ނުކުތާތަކުގެ މައްޗަށް ޖަވާބު ދެމެވެ.

ވައިބޭރުވުން މާނައަކީ، އަންހެނަކު ކުރިމަތި ފާރަތުން ވައި ބޭރުވުން ކަމުގައި ވާނަމަ، ކުރިމަތި ފަރާތުން އެފަދައިން ބޭރުވާ ވަޔަކީ އޭގެ ސަބަބުން އަންހެން މީހާގެ ވުޟޫއަށް އަޘަރު ކުރާނެ ކަމެއް ނޫނެވެ. އެ ވައި ބޭރުވުމަކުން (ކުރިމަތި ފަރާތުން) އަންހެން މީހާގެ ވުޟޫއެއް ނުގެއްލޭނެ އެވެ. މިއީ މި މައްސަލައިގައި ޢިލްމުވެރިންގެ މެދުގައި އޮތް ދެ ޤައުލުގެ ތެރެއިން ޞައްޙަ ޤައުލެވެ.

1. ﷲ އަށް ހަމްދު ހުއްޓެވެ. ﷲވަނީ އެއިލާހުގެ ދީން އެންމެހައި ޙާލަތްތަކުގައިވެސް ލުއިފަސޭހަ ދީނެއްގެ ގޮތުގައި ކަނޑައަޅުއްވާފަ އެވެ.

ﷲ ވަޙީކުރެއްވި އެވެ. (وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ) މާނައީ ”އަދި ދީނުގައި ދަތި އުނދަގޫވެގެންވާކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ނުލައްވަތެވެ.“

މިކަން ދަންނާށެވެ. އެ ދިމާވާ ދަނޑިވަޅެއްގެ ގޮތުން އަދި ޙާލަތެއްގެ ގޮތުން އަޅުކަން ކުރުން އެމީހަކަށް ލުއި ޙުކުމަށް ދެވެ އެވެ. އަޅުކަން ކުރަން ޖެހެ އެވެ. އެހެނަސް ލުއިވެގެންދެ އެވެ.

ނަމާދަށް ކޮޅަށް ނުހުރެވޭ މީހާ އިށީނދެ އިނުންވެސް މިއީ އެފަދަ ލުއި ގޮތް ބަޔާންވެގެންވާ ކަމެކެވެ. ޙަދީޘްގައިވެ އެވެ. عمران بن حصين ގެފަރާތްޕުޅުން އިމާމް البخاري (1117) ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްވެއެވެ. ހަމަކަށަވަރުން ރަސުލާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ. ”صل قائماً فإن لم تستطع فقاعداً، فإن لم تستطع فعلى جنب“ ”ނަމާދު ކޮޅަށްހުރެ ކުރާށެވެ. ކުޅަދާނަވެގެން ނުވާނަމަ އިށީނދެގެން އިނދެ ކުރާށެވެ. އިށީނދެގެން އިނދެ ކުޅަދާނަވެގެން ނުވާނަމަ އޮށޯވެ އޮވެގެންނެވެ.“

ދެވަނައީ : އަޚު ޛިކުރުކޮށްފައިވާ ޙާލަތަކީ ގިނަ ބަޔަކަށް ދިމާވާ ޙާލަތެކެވެ. އެގޮތުން އަންހެނަކު ޙައިޟުގެ މުއްދަތަށްވުރެ ގިނަ ދުވަސްތަކަށް ލޭފައިބާހިނދު ޙުކުމަކީ ތިފަދަ އެވެ. މާނައީ : އިސްތިޙާޟާގައިވާ އަންހެނާގެ ޙުކުމެވެ. ކުރިމަތި ފަރާތުން ޙައިޟުގެ ލޭ، ނިފާސް ނޫން ގޮތުގައިވާ ލޭ ފައިބަ އެވެ. އެހެނަސް ވުޟޫ ކޮށް ޙަދަޘަ އެރިގަތުމަށްފަހު، އެއަށްފަހު އެ ލޭ ފޭބި ކަމުގައިވީނަމަވެސް އެ އަންހެނާ ވާނީ ޠާހިރު ޙާލަތުގަ އެވެ.

މިފަދައިން ދެމިގެންދާ ގޮތުގައި ވައިބޭރުވާ މީހާވެސް ވެ އެވެ.

ފުރަގަސް ފަރާތުން (ބަލި ޙާލަތެއް މެދުވެރިވެ) އަބަދު ވައި ބޭރުވާ މީހާވެސް ހަމަ ތިފަދަ އެވެ. ކުޑަ ކަމުދާ ތަކެތި އަބަދު ބޭރުވާ މީހާވެސް ހަމަ އެފަދަ އެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި މިފަދައިން ކަންތައް މެދުވެރިވުމުން އޭގެ ޝަރުޢީ ޙުކުމް ބަޔާން ކުރެއްވި އެވެ. މި އެންމެންނަކީ އަބަދު ހަދަޘަވެރިކަން ދިމާވެފައިވާ (ދެމިގެންދާ ގޮތުގައި ޙަދަޘަވެރިކަން މެދުވެރިވެފައިވާ) މިހުންނެވެ. ފަހެ، އެބައިމީހުންނަށް އޮތް ޙުކުމަކީ ކޮބައި ހެއްޔެވެ؟

ތިންވަނައީ :

އެފަދަ މީހާ މިފަދައިން ޢަމަލުކުރާށެވެ.

1. ނަމާދު ވަޤުތު ވަނުމުން، ނަޖިސް ނުކުންނަ ތަން ދޮވެ ސާފު ކުރާށެވެ. (އެއީ ކުޑަ ކަމުދާ ތަކެތި ބޭރުވާ ގޮތަށް ނަޖިސްތަކެތި ނުކުންނަ މީހާ އެވެ.)

2. ނަޖިސް ނުކުންނަ ތަނުގައި އެ ނިކުންނަ ނަޖިސް ހަށިގަނޑުގައި ނުޖެހޭނެ ގޮތަށް އެއްޗެއް ޖަހާށެވެ. މި ޒަމާނުގައި މިފަދަ ވަޞީލަތްތައް ނުހަނު ފަސޭހަ އެވެ. ޕެޑް ބޭނުން ކުރުމާއި އަދި އެފަދަ އެއްޗެއް ބޭނުން ކޮށް އެ ނަޖިސް ހަށިގަނޑުގައި ނުޖެހޭ ގޮތަށް ޢަމަލުކުރުން ހުއްޓެވެ.

3. ނަމާދަށް ވުޟޫ ކުރާށެވެ.

4. އެއަށްފަހު އެ މީހަކު އެވަނީ ޙަދަޘައިން ޠާހިރު ވެފަ އެވެ. އެމީހަކު އެހިނދު އެވަނީ، ޝަރުޢީ ގޮތުން ޙަދަޘައެރިގަނެ ޠާހިރުވެފަ އެވެ. ބަލީގެ ސަބަބުން ކޮންޓްރޯލް ނުވާ މިންވަރަށް ވައިބޭރުވާނަމަ އެ ބޭރުވާ ވަޔަކީ އޭނާގެ ޙައްޤުގައި ވުޟޫ ގެއްލުވާނެ ކަމެއް ނޫނެވެ. ސުވާލުގައި ބުނެފައިވާ ފަދައިން ދެމިގެންދާ ގޮތުގައި ވައި ބޭރުވާ މީހާ މިފަދައިން ވުޟޫކޮށް ޠާހިރު ވުމަށްފަހު، ނަމާދު ކުރުމުގައި ދެމިހުންނަންވީ އެވެ. އެމީހާގެ ވުޟޫ މި ބަލީގެ ޙާލަތުގެ ގޮތުން ބޭރުވާ އެ ވައިގެ ސަބަބުން ވުޟޫއަށް އެހިނދު އަޘަރެއް ނުކުރާނެ އެވެ.

އެ ވުޟޫގެ މަތީގައި، މެންދުރު ނަމާދު ކަމުގައިވާނަމަ، މެންދުރު ނަމާދުގެ ކުރީ ސުންނަތް، މެންދުރު ނަމާދު، މެންދުރު ނަމާދުގެ ފަހު ސުންނަތް، މި އެންމެހައި އަޅުކަންތަކެއް ކުރެވޭނެ އެވެ.

އެ ވުޟޫ ކުރީ ޢިޝާ ނަމާދަށެވެ. އަދި އިޝާ ނަމާދުކޮށް ތަރާވީޙްވެސް ކުރުމުގެ ނިޔަތުގަ އެވެ. ވުމުން، އެ ވުޟޫއިން ޢިޝާނަމާދު އަދި ތަރާވީޙް ނަމާދު ކޮށް އަވަދިވުމަށް ދާންދެން އެ މީހާ ވާހުށީ ޠާހިރު މީހެއްގެ ގޮތުގަ އެވެ.

މައްސަލަ ސާފުވެއްޖެ ކަމަށް އުއްމީދު ކުރަމެވެ.

ﷲ ތަޢާލާ ބަލި މީހާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާނދޭވެ! އަދިބަލިމީހާގެ ފާފަ ފުއްސަވައި ކެތްތެރިކަން ދެއްވާށި އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts