އިޢުތިދާލުގައި ހުރުންއޮތީ ޙަރަމް ބަދެގެންތޯ ނުވަތަ އަތް ވައްޓާލާފައިތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އިޢުތިދާލުގައި ޙަރަމް ބަދެގެން ހުރުމާއި އަދި އަތް ވައްޓާލާފައި ބޭއްވުމުގެ މައްޗަށް ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ. 

އަޅުކަމަކީ ތަޥްޤީފީ (އެބަހީ : އަޅުކަން ޘާބިތުވުން ބިނާވގެންވަނީ ހަމައެކަނި، ޤުރުއާނާއި ސުންނަތުގެ މައްޗަށް ކަމެވެ.) މިއީ އަހަރެމެން އެންމެން ދަންނަ ޙަޤީޤަތެކެވެ.  މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީންވަނީ އެ ސުންނަތް ފޯރުކޮށްދީ، ދީން އަހަރެމެންނަށް ނަޤުލުކޮށް، ނަޤުލުކޮށްދިނުމަށް ނުހަނު ގަދައަޅާ މަސައްކަތް ކުރައްވާފަ އެވެ. 

އެ ގޮތުން ނަމާދުގައިވެސް ވަނީ އޭގެ އެންމެ ފުރިހަމައަށް ތަފްޞީލާއެކުގައި ވަކި ކަމެއް ދޫކޮށް ނުލައްވާ، ނަމާދު ވަނީ ބަޔާންކުރައްވާ ސިފަކޮށްދެއްވާ އަހަރެމެންނާ ހަމައަށް ނަޤުލުކޮށްދެއްވާފަ އެވެ. އެންމެ ފުރިހަމައަށް، ޞަޙާބީން މި ނަމާދު ނަޤުލުކޮށްދެއްވިހިނދު، ރުކޫޢުއިން ތެދުވެ، ދެވަނަ ފަހަރަށް ޙަރަމް ބަނުމަކީ ރަސޫލާ صلَّى اللهُ عليه وسلَّم ކުރެއްވި ކަމެއްނަމަ އެކަން ނަޤުލު ނުކުރައްވައި ޞަޙާބީންނަށް އެކަން ފާއިތުވެފައި ވުމަކީ، ނުހަނު ދުރު ކަމެކެވެ. 

މާނައަކީ : ނަމާދު އެފަދަ ފުރިހަމައަށް އެ ބޭކަލުންނަށް އުނގަންނަވައި ދެއްވައި، ތަފްޞީލުކޮށް ބަޔާން ކޮށްދެއްވިހިނދު، އެއްވެސް ޞަޙާބީއެއް ނަބިއްޔާ صلَّى اللهُ عليه وسلَّم އިޢުތިދާލުގައި ޙަރަމް ބަން ކަމުގައިވާނަމަ، އެކަން ރިވާޔަތްތަކުގައި ބަޔާން ނުކޮށްދީ އޮތުމަކީ ވާނެ ކަމެއް ނޫނެވެ. 

އެއަށްފަހު ބުނަމެވެ. މި ކަމުގެ މައްޗަށް މައިގަނޑު ދަލީލެއްގެ ގޮތުގައި މި ގެންނަނީ ޞަޙާބީ سهل بن سعد އަދި وائل بن حجر  -رضي الله عنهما- މި ދެ ޞަޙާބީން ރަސޫލާ صلَّى اللهُ عليه وسلَّم ނަމާދުގައި ކޮޅަށް ހުންނަވާހިނދު، ވައަތްޕުޅުމަތީގައި ކަނާތްޕުޅު ބާއްވާކަމަށް ވާރިދުވެގެންވާ ޞައްޙަ ބަސްފުޅުތަކެވެ.  

ޞަޙާބީ وائل بن حجر  ،ނަމާދުގައި ޤިޔާމުގައި (ކޮޅަށް) ހުންނަވާހިނދު، މޭފުޅުމަތީގައި އަތްޕުޅު ބާއްވާ ކަމުގައި ޞައްޙަ ބަސްފުޅުތަކެއް ރިވާކުރައްވާފައިވެ އެވެ.  ވަރަށް ގިނަ ސުންނަތުގެ ފޮތްތަކުގައި މިފަދައިން ޤިޔާމުގައި ޢަމަލުފުޅު ކުރައްވާކަމުގައި ވާރިދުވެގެންވެ އެވެ. އެފަދަ ބައެއް ރިވާޔަތްތަކުގައިވެ އެވެ. 

ދަންނަ އެވެ! ޤިޔާމްއޭ ބުނުމުން ދެ ޤިޔާމެއް ނަމާދުގައިވެ އެވެ.  އެއީ ނަމާދުގައި ރުކޫޢު ކުރިން ކޮޅަށް ހުންނަ ޤިޔާމް އަދި ރުކުޢަށް ފަހުގައި ހުންނަ ޤިޔާމެވެ. މިކަން ފާހަގަ ކުރުމުގެ ބޭނުމަކީ، ސަބަބަކީ ނަބިއްޔާގެ ނަމާދު ތަފްޞީލުކޮށް، ފަށައިގެން ކުރެއްވި ސިފަ ބަޔާންކުރައްވާ ވާރިދުވެގެންވާ ރިވާޔަތްތަކުގައި ދެ ޤިޔާމުވެސް ސިފަކޮށްފައިވެ އެވެ.  

އެހެނަސް ދެވަނަ ޤިޔާމް ކަމުގައިވާ (އިޢުތިދާލް) ސިފަކޮށްފައިވާ ހިނދުގައި، ރުކޫޢުގެ ކުރިން ހުންނެވި ގޮތް ބަޔާންކޮށްދެއްވި އިރު އަތް މޭމަތީގައި ބޭއްވިފަދައިން ބާއްވާ ކަމުގައި ބަޔާން ނުކުރެ އެވެ. ވުމުން މި ރިވާޔަތްތަކުން ބަޔާންވެގެންވަނީ، ޤިޔާމް އޭ ބުނެވުނު ކަމުގައިވީނަމަވެސް ޢަމަލު ކުރުމުގައި ތަފާތުވެގެންވާ ކަމެވެ.  

وائل بن حجر   ރިވާކޮށްފައިވެ އެވެ. لَأنظُرَنَّ إلى رسولِ اللهِ صلَّى اللهُ عليه وسلَّم كيفَ يُصلِّي فنظَرْتُ إليه حينَ قام فكبَّر ورفَع يدَيْهِ حتَّى حاذَتَا أُذُنَيْهِ ثمَّ وضَع يدَه اليُمنى على ظَهرِ كفِّه اليُسرى والرُّسغِ والسَّاعدِ ثمَّ لَمَّا أراد أنْ يركَعَ رفَع يدَيْهِ مِثْلَها ثمَّ ركَع فوضَع يدَيْهِ على رُكبتَيْهِ ثمَّ رفَع رأسَه فرفَع يدَيْهِ مِثْلَها ثمَّ سجَد …..  

”ހަމަކަށަވަރުން ތިމަން ޞަޙާބީ رسولِ اللهِ صلَّى اللهُ عليه وسلَّم ނަމާދު ކުރައްވާގޮތް ބަލާހުށީމެވެ.  ނަމާދަށްޓަކައި ކޮޅަށް ޤާއިމްވިހިނދު، ދެއަތްޕުޅު ދެކަންފަތްޕުޅާ ހަމައަށް ފޯރާވަރަށް އުފުއްލަވާ ތަކްބީރު ވިދާޅުވިތަން ތިމަން ދެކެވަޑައިގަތީމެވެ. އަދި އެއަށްފަހު ކަނާތް ވައަތްތިލަ އާއި ވައަތްދަޑި މަތީގައި ވާގޮތަށް ބޭއްވެވި އެވެ. (ޤިޔާމް ސިފަކޮށްދެއްވުމަށްފަހު ވިދާޅުވި އެވެ.) އެއަށްފަހު ރުކޫޢަށް ވަޑައިގަންނަވަން ބޭނުންފުޅުވީހިނދު، ދެއަތްޕުޅު ކުރިން އުފުއްލެވިފަދައިން އުފުއްލަވާ ރުކޫޢު ކުރެއްވި އެވެ. އަދި ދެއަތްޕުޅު ދެ ކަކޫފުޅު މަތީގައި އެޅުއްވެވި އެވެ. (އެއަށްފަހު ދެވަނަ ފަހަރަށް ކޮޅަށް ތެދުވުން އިޢުތިދާލު ސިފަކޮށްދެއްވި އެވެ.) އެއަށްފަހު އިސްތަށިފުޅު އުފުއްލެވި އެވެ. އަދި ދެއަތްޕުޅު ކުރިންވެސް އުފުއްލެވި ފަދައިން އުފުއްލެވި އެވެ….“   

މިތަނުގައި ޞަޙާބީ ވަނީ، ވަރަށް ޞަރީޙަކޮށް އެއީ ނަމާދުގައި ޤިޔާމުގައި ކަމުގައި ވިދާޅުވެފަ އެވެ. (އެހެނަސް ދެއަތްޕުޅު ޤިޔާމުގައި މޭފުޅު މަތީގައި ބޭއްވެވި ފަދައިން ބޭއްވި ވާހަކައެއް ސިފަ ނުކުރައްވަ އެވެ.) އެއަށްފަހު ސަޖިދަ ކުރެއްވި އެވެ….“ 

މިފަދަ ޙަދީޘްތަކުގައި ބަޔާންވެގެންވަނީ ޤިޔާމުގައި (ރުކޫޢުގެ ކުރިން) ހުންނަވާހިނދު މޭފުޅު މަތީގައި ނަބިއްޔާ صلَّى اللهُ عليه وسلَّم ދެއަތްޕުޅު ބާއްވަވާ ކަމެވެ.  سهل بن سعد ގެ ރިވާތެއްގައިވެ އެވެ.  كان الناس يؤمرون أن يضع الرجل يده اليمنى على ذراعه اليسرى في الصلاة ”ނަމާދުގައި (ޤިޔާމުގައި) މީސްތަކުން އެބައިމީހުންގެ ކަނައަތް ވައަތްމަތީގައި (ވައަތްދަޑިމަތީގައި) ބޭއްވުމަށް އަމުރުފުޅު ކުރެވިގެންވެ އެވެ.“ 

ދަންނަ އެވެ! ޤިޔާމުގައި ހުންނަ ޙާލަތާއި އޭގެ އިތުރުން ރުކޫޢަށް ފަހުގައި ކޮޅަށް (އިޢުތިދާލުގައި) ހުންނަ ޙާލަތެވެ.  ފަހެ، މި ދެ ޙާލަތުގައިވެސް އެއްވެސް ތަފާތު ކުރުމެއްނެތި މޭމަތީގައި އަތް ބޭއްވުން ކަމުގައި ބައެއް ޢިލްމުވެރިން މިފަދަ ޙަދީޘްތަކުގެ މައްޗަށް ބުރަވެ ވަޑައިގެން ވިދާޅުވެ އެވެ.  

މިފަދަ ދަލީލުތަކަށް އިޢުތިދާލުގައި ދެއަތް ވައްޓާލުމަށް ދެކިލައްވާ ޢިލްމުވެރިން، ދެކިލައްވާ ގޮތުގައި އެއީ ނަމާދުގައި ކޮޅަށް ހުންނަވާ ކޮންމެ ޙާލަތަކަށްވާ ޢާންމު ދަލީލެއް ނޫނެވެ.  އެހެނަސް އެއީ މުޠްލަޤް ދަލީލެކެވެ. ސުވާލަކީ އެއީ ކީއްވެ ހެއްޔެވެ؟  ޖަވާބުގައި ބުނެވެ އެވެ. ޢަރަބި ބަހުގެ ޤަވާޢިދުތައް އެކަމަށް ބާރު ދެ އެވެ. މުޠްލަޤް ދަލީލޭ ބުނެވިއްޖެނަމަ، ކޮޅަށް ހުންނަ ހުރިހައި ޙާލަތެއް ޝާމިލް ވުމުގެ ބަދަލުގައި ރުކޫޢުގެ ކުރިން ޤިޔާމުގައި ހުންނަ ޙާލަތަށް ޚާއްޞަ ވާނެ އެވެ. 

މި މޭރުމުން الشيخ محمد عُمر بَازمُول -حفظه الله- ޖަވާބު ދެއްވާފައިވެ އެވެ.  ދެން އަތް ބޭއްވުމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވާ ބަސްފުޅަކީ، އެ ގޮތަކީ ޚުޝޫއަތްތެރި ކަމަށް އެންމެ ގާތްވެގެންވާ ގޮތް ކަމެވެ.  عُمدة ގެ ޝަރަޙައިގައި شيخ الإسلام ابن تيمية -رحمه الله- އިޝާރާތް ކުރައްވާފައިވާ ގޮތުގައި، މި ގޮތަށް ޤުރުއާން ކިޔަވާ ޤިޔާމުގައި ބުނެވުނަސް، އިޢުތިދާލުގައި ހުންނަ ކުޑަ ވަޤުތު ކޮޅެއްގައި، ބުނުމަކީ އެކަށީގެންވާ ބަހެއް ނޫނެވެ. ސަބަބަކީ އެފަދައިން ސުންނަތުން ވާރިދުވެފައި ނުވުމުގެ އިތުރުން، އެއީ ސަޖިދައަށް ދާން ތައްޔާރުވާ ކުޑަ ވަޤުތު ކޮޅެއް ކަމުގައިވާތީ އެވެ.  

ދެން ރުކޫޢުއިން ތެދުވެއްޖެނަމަ، ކޮންމެ ބަދައެއް އޭގެ މަޤާމަށް އަތުވެއްޖައުމަށް ދާން ނަބިއްޔާ صلى الله عليه وسلم އިޢުތިދާލުގައި ޤާއިމްވެ ހުންނަވާކަމަށް އައިސްފައިވާ ޙަދީޘްގެ މުރާދަކީ ސަޖިދައަށް ތިރިވުމުގެ ކުރިން ބުރަކަށިފުޅު ސީދާ ކުރައްވާ ވާހަކަ އެވެ. އެއީ މޭމަތީގައި އަތް ބާއްވާކަން ބުނުން ވަރަށް ދުރުވެގެންވެ އެވެ. 

އެއީ ނަމާދު ނުބައިކޮށް ކުރި މީހާއަށް ވިދާޅުވިގޮތެވެ. ”..ދެން ރުކޫޢުއިން އުފުލާށެވެ. އެއީ ޢިޢުތިދާލުގައި ކޮޅަށް ޤާއިމްވެއްޖެއުމަށް ދާންދެނެވެ.“ އެހެނަސް މިތަނުގައި އޭގެ މުރާދަކީ، ރުކޫޢަށް ދިއުމުގެ ކުރިން ޤިޔާމުގައި ހުރި ގޮތަށް ވައަތް މަތީގައި ކަނާތް ބާއްވައިގެން ކޮޅަށް ހުރުންކަންކަން ބުނުން ދުރުވެގެންވެ އެވެ. 

އަދިވެސް މި ނޫނަސް އިޢުތިދާލުގައި އަތް މޭމަތީގައި ބޭއްވުމެއް ނުވާކަމަށް ބަޔާންވެގެންވާ ކަމަށް ޖަވާބުދެވޭ ދަލީލުތައްވެ އެވެ. ކޮންމެ ގޮތަކަށްވިޔަސް، މި ކަމަކީ ދެކޮޅަށް ދަލީލުތަކުން ބުރަވެވޭ އިޖުތިހާދީ މައްސަލައެކެވެ. الإمام أحمد -رحمه الله- ވިދާޅުވެފައިވާ ފަދައިން މި ކަމަކީ، ދެބަސްވެ (ޖަދަލުކޮށް) އެފަދައިން ޢަމަލުކުރުމަށް އެކަށީގެން ނުވާ ތަނަވަސް މައްސަލައެކެވެ. ރުކޫޢުއިން ތެދުވެ އަތް ވައްޓާލުން އެއީ އެންމެ ބޮޑަށް ބުރަވެވޭ ގޮތް ކަމުގައިވިނަމަވެސް، ޙަރަމް ބަންނަ މީހުންގެ މައްޗަށް އިންކާރު ކުރުމެއް ނުވެ އެވެ.  

އެހެނީ މިކަމުގައި އެމީހުން ތަބަޢަވަނީ ބޮޑެތި ޢިލްމުވެރިންނަށެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

 

Similar Posts