ތިޔަ އަޚުންނާއި އުޚްތުން ނެރޭ ފިޠުރު ޒަކާތާއި މެދުގައި ވިސްނުން ހުއްޓެވެ!

الحمد لله رب العالمين والصلاة والسلام على من بعثه الله رحمة للعالمين وعلى آله وصحبه وسلم:

ރަމަޟާން މައްސަރާއި ގުޅިފައިވާ ޙުކުމްތަކުގެ ތެރޭގައި ހިމެނިގެންވާ އެއް ޙުކުމަކީ، ރޯދައިގެ އަޅުކަމާއި ވިދިގެންނެރޭ ޒަކާތެވެ. އާދެ! ފިޠުރު ޒަކާތެވެ.

ދަންނަ އެވެ! އިސްލާމް ދީނުގެ އެންމެހައި ޙުކުމްތަކެއް އެންމެ ފުރިހަމައަށް އަދި ޢަދުލުވެރި ކަމާއި އެކުގައި ކަނޑައެޅިފައިވާކަމީ މުއުމިނު އަޅަކު އެކަމަށް ޝައްކު އުފައްދާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މުއުމިނު އަޅާ ޤާއިމްވެ ދެމިހުންނަކަން ކަށަވަރީ ޝަރީޢަތުގެ އެންމެހައި ޙުކުމްތަކަކީ ޢަދުވެރި ގޮތުގައި އެންމެހައި ޒަމާންތަކަށް ﷲ ކަނޑައަޅުއްވާފައިވާ ޙުކުމް ގޮތުގައި ޤަބޫލުކުރުމެވެ.

އިސްލާމް ދީނަކީ ﷲ ފުރިހަމަ ކުރައްވާފައިވާ ދީނެއް ކަމާއި މުއުމިނު އަޅުތަކުންނަށް ﷲ ދަރުމަވަންތަވެވޮޑިގަންނަވައި އެބައިމީހުންނަށް ދެއްވި މާތް މަތިވެރި ނިޢުމަތެއްކަން :

ﷲ ވަޙީކުރެއްވިއެވެ. {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا} [المائدة:3] ”މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް ތިމަންއިލާހު ތިޔަބައިމީހުންނަށް ފުރިހަމަކޮށްދެއްވީމެވެ. އަދި އިސްލާމް ދީން އެއީ ތިބައިމީހުންނަށް ދީންކަމުގައި ތިމަންއިލާހު ރުއްސަވައިވޮޑިގެންފީމެވެ.“

އަދިވެސް ވަޙީ ކުރައްވާފައިވެ އެވެ. { وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا } [الأحزاب:36] ”އަދި ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާ ކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް އަދި މުއުމިނު އަންހެނަކަށްވެސް، އެބައިމީހުންގެ އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރެއް އޮތުމަކީ ނެތް ކަމެކެވެ. އަދި ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެމީހާ ދަންނާށެވެ. ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެކަން ކަށަވަރެވެ.“

الإمام ابن كَثِير رحمه الله  މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެ އެވެ. ”މި އާޔަތަކީ އެންމެހައި ކަންތައްތަކުގެ މައްޗަށް ޢާންމުވެގެންވާ އާޔަތެކެވެ. އެގޮތުން ﷲ އާއި އެއިލާހުގެ ރަސޫލާ އެކަމެއްގައި ޙުކުމް ނިޔާކުރައްވައިފިހިނދު، އެއްވެސް އެހެން ފަރާތަކަށް އެކަމާއި ޚިލާފުވުން ހުއްދައެއް ނުވާނެ އެވެ. އަދި އެކަމުގައި އެއްވެސް އިޚްތިޔާރެއް ނޯންނާނެ އެވެ. އަދި އެއްވެސް އެހެން ރައުޔެއް އަދި ބަހެއް ބުނުމެއްވެސް ނޯންނާނެ އެވެ. އެއީ އެ އިލާހު ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. { فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا} [النساء:65] ”އެބައިމީހުންގެ މެދުގައި އުފެދިފައިވާ ދެބަސްވުމުގައި، ނަބިއްޔާ ޙުކުމްވެރި ކޮށްފުމަށް ދާންދެން ހަމަހިލާ އެބައިމީހުން އީމާންނުވެތެވެ. އަދި އެއަށްފަހު ނަބިއްޔާ ނިޔާކުރެއްވި ގޮތާއިމެދު އެބައިމީހުންގެ ހިތްތަކުގައި ދަތިކަމެއްވާކަމުގައި އެބައިމީހުން ނުދެކޭނެ އެވެ. އަދި އެބައިމީހުން (އެ ނިޔާކުރެއްވި ގޮތަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެ އެވެ.“

ﷲ ވަޙީކުރެއްވިއެވެ. { فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً} [النساء :59] ”ފަހެ، ހަމަކަށަވަރުން ކަމަކާއިމެދު ތިޔަބައިމީހުން ދެބަސްވެއްޖެހިނދު އެކަމެއް ﷲ އާއި އެކަލާނގެ ރަސޫލާއަށް ރައްދުކުރާހުއްޓެވެ. އެއީ ތިޔަބައިމީހުން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާކަމުގައިވާނަމަ އެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެވެ.“

الإمام ابن القيم رحمه الله  މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެ އެވެ. ”ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެ ނަމަ، ﷲ އަށާއި ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ. އެއީ ތިޔަބައިމީހުން، ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑެވެ ”މި ދަލީލަކީ، މީސްތަކުން ދީނުގައި ދެބަސްވެފައިވާ އެންމެހައި ކަންތަކުގައި، އެ ދެބަސްވެފައިވުން ﷲ އަށާއި އެކަލާނގެ ރަސޫލާ އަށް ރައްދުކުރަން ވާޖިބުވެގެންވާ ކަމުގައި، އަދި އެނޫންގޮތެއް ނުއޮންނާނެ ކަމުގައި ބަޔާންވެގެންވާ ދަލީލެކެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާ ނޫން އެހެން އެއްވެސް ފަރާތަކަށް ރައްދުކޮށްގެން ނުވާނެ އެވެ.

އެއަށްފަހު ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ސަލަފުންނާއި ޚަލަފުން އިއްތިފާޤު ވެވަޑައިގެންވާ ގޮތުގައި ﷲ އަށް ރައްދު ކުރުމަކީ : އެއީ އެކަލާނގެ ފޮތަށް ރައްދުކުރުމެވެ. އަދި ރަސޫލާ އަށް ރައްދުކުރުމަކީ : އެއީ ރަސޫލާ ޙަޔާތްޕުޅުގައި އެ ނަބިއްޔާގެ އަރިއަހަށް ރައްދުކުޅައުމެވެ. އަދި ދުނިޔެ ދޫކުރެއްވުމަށް ފަހުގައި ނަބިއްޔާގެ ސުންނަތަށް ރައްދުކުޅައުމެވެ.

ފިޠުރު ޒަކާތް މާތް ނަބިއްޔާ  ނެރުއްވި ގޮތާއި އަދި އުއްމަތަށް ފިޠުރު ޒަކާތް ނެރުމަށް އަމުުރުފުޅު ކުރެއްވި ގޮތް ބަޔާން ކުރުން :

ފުރަތަމައީ : އިމާމް البُخَاري (1503) އަދި އިމާމް مُسلم (984) ، عَبْد الله بِن عُمر رضي الله عنهما ގެ އަރިއަހުން ރިވާކުރައްވާފައިވާ ޙަދީޘްގައިވެ އެވެ. ابن  عمر رضي الله عنه ވިދާޅުވި އެވެ. (فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى العَبْدِ وَالحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالكَبِيرِ مِنَ المُسْلِمِينَ) ”މުސްލިމުންގެ ތެރޭގައިވި އެންމެހައި އަޅުންނާއި މިނިވަނުންގެ މައްޗަށް، ފިރިހެނުންނާއި އަންހެނުންގެ މައްޗަށް އަދި ކުދި ބޮޑު އެންމެންގެ މައްޗަށް  ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ކަދުރުން  ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރު ފިތުރު ޒަކާތުގެ ގޮތުގައި ފަރުޟު ކުރެއްވިއެވެ.“

ދަންނަ ހުއްޓެވެ! އުއްމަތުގައި ފަޤީރުވެ އަދި ޙާޖަތްޖެހިވަޑައިގެންފައި ދިރިއުޅުމާއި އަދި އެހެނިހެން ކަންތައްތަކުގައިވެސް ފައިސާއަށް ޙަޤީޤަތުގައި އަދި ހައްޤު ގޮތުގައި ޙާޖަތް ޖެހިވަޑައިގެންފައިވާ ބޭކަލުންނަކީ މާތް ނަބިއްޔާ ﷺ ގެ ޙަޔާތްފުޅުގައިވި އެނަބިއްޔާގެ އަޞްޙާބު ބޭކަލުންނެވެ. އެބޭކަލުންގެ ސީރަތް ބަލައިފި މީހަކަށް އެކަން ބަޔާންވެގެން ދާނެ އެވެ. އަދި ރަމަޟާން މަހަށްފަހުގައި ބައްދަލު ކުރާ ޢީދުގެ މުނާސަބަތުގައި އެކިއެކި ކަންތައްތައް ކުރެއްވުމަށްޓަކައި އެބޭކަލުން ދިރުހަމާއި ދީނާރަށް ބޭނުން ނުހަނު ބޮޑަށް ޖެހިވަޑައިގެންފައިވާނެކަމީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ.

އޭގެ އިތުރަށް ރަޙްމަތެއްގެ ގޮތުގައި ފޮނުއްވުނު ނަބިއްޔާ އެވެ. މީސްތަކުންނަށް ނުހަނު އޯގާތެރިވަޑައިގެންވީ ނަބިއްޔާ އެވެ.

މި ހުރިހައި ސަބަބުތަކާއި އެކުގައިވެސް ޙަޔާތްޕުޅުގައި 9 ރަމަޟާން މައްސަރާއި ބައްދަލު ކުރެއްވިހިނދު އެންމެ ފަހަރެއްގައިވެސް ފިޠުރު ޒަކާތް ނަގުދު ފައިސާއިން ދެއްވާފައި ނުވެ އެވެ. އޭގެ ބަދަލުގައި ރިވާޔަތްތަކުން ފެންނަނީ މިފަދައިންނެވެ.

ވުމުން، ތިޔަ އަޚުންނާއި އުޚްތުންނަށް ނަމޫނާގެ ގޮތުގައި ވަނީ މިއަދު ޤައުމުތައް ތޯ އެވެ؟ މުޥައްސަސާތައް ތޯ އެވެ؟ ﷲ އާއި އެއިލާހުގެ ނަބިއްޔާ ކަނޑައެޅުއްވި ގޮތް އަދި ޢަމަލުފުޅުން ދެއްކެވި ޢަމަލުފުޅު ނޫންތޯ އެވެ؟

 

ދެވަނައީ : ހަމައެފަދައިން  ފައިސާއިން އަދާކުރުމަކީ ނަބިއްޔާ  އަމުރުފުޅު ކުރެއްވި ގޮތާއި ޙިލާފަށް ކުރެވޭ އަމަލެއް ކަމުގައި ގަބޫލު ކުރެވެ އެވެ. البُخَاري (1507) އަދި مُسلم (984) ރިވާކުރައްވާފައިވާ އެހެން ލަފްޟެއްގައިވެ އެވެ. (أَمَرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِزَكَاةِ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ) ”ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ފިޠުރު ޒަކާތް ކަދުރުން ޞާޢު އެއްގެ މިންވަރުން ނުވަތަ ގޮދަނުން ޞާޢު އެއްގެ މިންވަރުން ނެރުމަށް އަމުރުފުޅު ކުރެއްވި އެވެ.“

ތިންވަނައީ :  ފައިސާއިން އަދާކުރުމަކީ މާތް ނަބިއްޔާ ފިތުރު ޒަކާތް ފަރުޟު ކުރެއްވި މަގުސަދާ ޚިލާފަށް ކުރެވޭ އަމަލެއް ކަމުގައި ގަބޫލު ކުރެވެ އެވެ. އިމާމް أبو داود (1609) އަދި އިމާމް ابن ماجه (1827) އަދި އެނޫންވެސް ޢިލްމުވެރިންގެ އަރިއަހުގައި ސާބިތުވެފައިވާ عبدُ اللَّهِ بن عبَّاس  رضي الله عنهما ގެ އަރިއަހުން ވާރިދުވެފައިވާ ރިވާޔަތެވެ. އެ ރިވާޔަތުގައި   عبدُ اللَّهِ بن عبَّاس  رضي الله عنهما ވިދާޅުވި އެވެ. (فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِينِ) ”ރޯދައަށް ހުރި ހިނދުގައި ރޯދަވެރިޔާއަށް ބުނެވިފައިވާ ބޭކާރު ބަސްތަކާއި ފާޙިޝް ވާހަކަތަކުން ޠާހިރު ކޮށްދޭ އެއްޗެއްގެ ގޮތުގައި އަދި މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ފިޠުރު ޒަކާތް ފަރުޟު ކުރެއްވި އެވެ.“

ޙަދީޘަށް ބަލައިފިނަމަ، ރޯދަވެރިޔާ ނެރޭ ފިތުރު ޒަކާތް ކަމުގައިވަނީ ފަޤީރުންނާއި މިސްކީނުންނަށް ދެވޭ ކެއުމެެއްގެ ގޮތުގަ އެވެ. އެއީ ކެއުމެކެވެ. ފަހެ، ކާބޯތަކެތިން ޒަކާތް ނެރުމަކީ މި މަޤްސަދު ޙާލިޞްވާނެ ލަނޑުދަނޑި ކަމުގައިވެ އެވެ. އެއީ ކާބޯތަކެތިން ނޫން ގޮތުގައި ދީފިނަމަ އެއަށްވުރެ ތަނަވަސްވެގެންވާ އެއްޗެއްގެ ގޮތުގައި އެހިނދު ބަދަލުވެ އެވެ.

ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑު ހަދީޘް ޢިލްމުވެރިޔާ ގެ ގޮތުގައި ދެމީހަކު ދެބަސްނުވާނެ އިމާމް الأَلْبَانِي رحمه الله  ވިދާޅުވެފައިވާ ބަސްފުޅެއް މިތަނުގައި ބަޔާން ކުރަމެވެ.

”ފަހެ މީހަކު އައިސް ބުނެ އެވެ. ”ނޫނެކެވެ. ފިޠުރު ޒަކާތް ނަޤުދު ފައިސާއިން ނެރުމުން ފަޤީރުންނަށް ފައިދާ ބޮޑެވެ.“

މިފަދައިން ބުނާ މީހާވަނީ، 2 ގޮތަކަށް ކުށް ކޮށްފަ އެވެ.

ފުރަތަމައީ : ހަމަކަށަވަރުން އޭނާވަނީ ދަލީލާ ޚިލާފްވެގެންނެވެ. (ފިޠުރު ޒަކާތް) ނެރުމަކީ ﷲ އަށް ކުއްތަން ކުރެވޭ އަޅުކަމެކެވެ. މިއީ އެންމެ ދަށް ދަރަޖައިން ބުނެވޭނެ ގޮތެވެ.

އެހެން ނަމަވެސް ދެވަނައީ އިންތިހާއަށް ނުރައްކާތެރި ވެގެންވާ ކަމެކެވެ. ސަބަބަކީ، ޝަރުޢު ކުރައްވާ ޙިކުމަތްވަންތަ، ޢާލަމްތަކުގެ ވެރި އިލާހު، އެ އިލާހުގެ މާތް ނަބިއްޔާއަށް ވަޙީ ބާވައިލައްވައި އުއްމަތުގެ މައްޗަށް ފަރުޟު ކުރެއްވުމަށް އެންގެވީ (ފިޠުރު ޒަކާތުގެ ގޮތުގައި) ކާބޯތަކެތިން ޞާޢު އެއްގެ މިންވަރުން ނެރުމަށެވެ.

އެއަށްފަހު، މި މީސްތަކުން ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތާއި އެބައިމީހުންނަށް ފައިދާބޮޑު ގޮތް ދަންނަ ކަމުގައި ދަޢުވާކޮށް ފައިސާއިން ޒަކާތް ނެރެން ގޮވާލުމުން، އެއިން ދޭހަކޮށްދެނީ ﷲ އަށް ފަޤީރުންނާއި މިސްކީނުންގެ މަޞްލަޙަތާއި ފައިދާބޮޑު ގޮތަކީ ފައިސާއިން އެ ޒަކާތް ނެރުނުކަން އެނގިވޮޑިގެންފައި ނުވާއިރު، އެކަން މިބައިމީހުންނަށް އެނގިފައިވާކަމަށް އެބައިމީހުން ޤަބޫލުކުރުމެވެ.“ سلسلة الهدى و النور شريط 274

ހަތަރުވަނައީ : ހަމަކަށަވަރުން، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޒަމާނުގައި ޢަމަލު ކުރެވުނު ގޮތަކީ ފިޠުރު ޒަކާތް ކާބޯތަކެތިން ނެރުމެވެ. އަދި ހިދާޔަތް ލިބިގެންވީ خُلَفَاءُ الرَّاشِدُون ގެ ހަތަރު ޚަލީފާއިން ކަމުގައިވާ أَبُو بَكر، عُمَر، عُثْمَان އަދި علي رضي الله عنهم ގެ ޒަމާންތަކުގައިވެސް، އަދި އެ ޒަމާންތަކުގައި އުޅުއްވި އެހެން ޞަޙާބީންނާއި އަދި އޭގެ ފަހުން އުޅުއްވި ޞަޙާބީންވެސް ޢަމަލު ކުރެއްވީ އެގޮތަށެވެ. އިމާމް البخاري (1506) އަދި އިމާމް مسلم (985) ރިވާކުރައްވާފައިވާ أَبُو سَعِيد الْخُدْرِي رضي الله عنه ގެ ހަދީޘުން އެކަން ބަޔާންވެގެންދެ އެވެ. އެއީ އެޒަމާނުގައިވެސް  ނަގުދު ފައިސާއަށް ބޭނުން ޖެހިފައި ވުމާއެކުގަ އެވެ.

ފަސްވަނައީ : އަގުތައް ތަފާތުވެގެންވާއިރުގައިވެސް ކާބޯތަކެތީގެ ތަފާތު ޖިންސުތަކުން އެއްމިންވަރެއް (ސާއެއްގެ މިންވަރު) ނެރެން އަމުރުކުރެއްވުމުން އަގަށް ޝަރުއުގައި ބަލާފައިނުވާކަން ގަބޫލުކުރެވެ އެވެ. އެހަނަސް ޝަރުޢުގައި އިއުތިބާރުވެގެންވަނީ ސީދާ އެތަކެތި ކަމުގައި ގަބޫލުކުރެވޭތީ އެވެ.

ހަވަނައީ : އެކަމަކީ ވަކިގޮތަކަށް ދީނުގައި އައްޔަންވެގެންވާ ކަމެއް ކަމުގައި ވުމުން އެކަން ބަދަލުކުރުމުގެ ޖާގަ ދީނުގައި ތަނަވަސްވެގެން ނުވާކަން ގަބޫލުކުރެވޭތީ އެވެ. އެއީ  ވަކި ކަމަކަށް ދީނުގައި ކަނޑައެޅިފައިވާ ކައްފާރާތައް  ބަދަލު ކުރުމަށް އަހަރަމެން އެއްބަސް ނުވާ ބީދައިންނެވެ. ހަމައެފަދައިން އެތައް މިލިއަން ބަޔަކު ޙައްޖުކޮށް ކިތަންމެ ގުރުބާނީއެއް ކަތިލެވެމުކަމުގައި ވިޔަސް، ފަގީރުންނަށް  މަހުގެ ބޭމުނެއް ނެތް ކަމުގައި ބުނެ ހަދުޔު ކަތިލުމުގެ ބަދަލުގައި އޭގެ އަގުން ސަދަގާތްކުރުން  އަހަރަމެން ހުއްދަ ނުކުރާ ފަދައިންނެވެ.  ހަމަ އެފަދައިން އުޟުޙިއްޔާގެ އަގުން ޞަދަގާތްކުރި ކަމުގައި ވިޔަސް އުޟުހިޔާގެ މަތީން އެކަން ނުފުދޭނެކަމަށް ބުނާ ގޮތަށެވެ.

އުޟްޙިއްޔާ ޤުރުބާން ކުރުމަށް 5 ހާސް ދިވެރި ރުފިޔާ ނުވަތަ 6 ހާސް ރުފިޔާ ޚަދަރުކުރުމުގެ ބަދަލުގައި، އުޟްޙިއްޔާ ކަތިލުމުގެ ބަދަލުގައި ފަޤީރުންނަށް އެ ފައިސާ ބަހާލުމުން، ފަޤީރުންނަށް މާ ހެޔޮކަން ބޮޑުކަމަށް ދަޢުވާކޮށް ﷲ އަމުރުފުޅު ކުރެއްވި މާތް މަތިވެރި އަޅުކަން ކަމުގައިވާ އުޟްޙިއްޔާ ޤުރުބާން ކުރެވުނު ކަމުގައި ޢިލްމުގެ ވަސްދުވި މީހަކުވެސް ނުބުނާނެ އެވެ.

ފަހެ، އެހިނދު ޝަރީޢަތުގައި ބެލުން އޮތީ ފަޤީރުންނަށް މިސްކީނުންނަށް މަޞްލަޙަތު ބޮޑުވެގެންވާ ގޮތް އިޚްތިޔާރު ކުރުން ކަމުގައި ބުނެވޭނެ ހެއްޔެވެ؟ އަދި ކިޔެއްތަ އޭގެ ބަދަލުގައި އަޅުކަން އަދާ ކުރިކަމުގައިވެސް ނުވާނެ އެވެ.

ވިސްނާލުން ހުއްޓެވެ! ބައެއް ކައްފާރާ ތަކުގައި އަޅަކު މިނިވަން ކުރުންވެ އެވެ. މިޘާލަކަށް، އަޅެއް މިނިވަން ކުރުމަށް 20 ހާސް ރުފިޔާ ހޭދަކުރަންޖެހޭހިނދު، ފަޤީރުންނަށް ހެޔޮކަން ބޮޑީ ފައިސާ ބަހާލުން ކަމުގައިބުނެ، 30 ހާސް ރުފިޔާ ބަހާލީ އެވެ. އެހިނދު އަޅަކު މިނިވަންކުރި ކަމުގައި ވާނެ ހެއްޔެވެ؟ ނުވާނެ އެވެ. އަދި ކައްފާރާވެސް އޭނާގެ ޛިންމާއިން ބަރީއަ ނުވާނެ އެވެ.

ހަތްވަނައީ : ނަފްސަށާއި ފަޤީރުންނަށްވެސް އެންމެ ފައިދާ ބޮޑު ގޮތަކީ ﷲ سبحانه وتعالى އެއިލާހުގެ ރަސޫލާ صلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ބާވައިލެއްވި ޝަރީޢަތާ އެއްގޮތަށް ޢަމަލު ކުރުން ކަމުގައި ޤަބޫލު ކުރެވެ އެވެ.

އަށްވަނައީ : ކާބޯތަކެތިން ނެރުމަށް އަންގަވާފައިވާ ފިތުރު ޒަކާތް، ފައިސާއިން ނެރުމަށް އެކަން ހުއްދަ ކުރުމަށް ބުރަވެވޭ ވަރުގެ  އެއްވެސް ދަލީލެއް މިއަދާ ޖެހެންދެންވެސް ފެނިފައެއް ނުވުމެވެ.

ނުވަވަނައީ : މުސްލިމުންގެ މެދުގައި ފިތުރު ޒަކާތުގެ ޝިޢާރު އެންމެ އެދެވޭ ގޮތުގައި ފާޅުކުރެވޭނީ ކާބޯތަކެތި ބަހާ ކަންތައްކުރުމުންކަން ގަބޫލުކުރެވެ އެވެ. ފައިސާއިން ދެއްކުމުގެ ސަބަބުން މި ޝިޢާރު ފާޅުކުރުމުގެ ރޫޙު ގެއްލިގެންދާނެ ކަމާއި މެދުގައި ޝައްކެތްވެސް ނެތެވެ.

ދިހަވަނައީ: ކާބޯތަކެތީން އަދާކުރުމުން އެއްވެސް ޝައްކެތް ނެތް މިންވަރަށް ޒިންމަތް ބަރީޢަވާނެ ކަމުގެ ޔަގީންކަން ލިބިގެންދާތީ އެވެ.

މާނައަކީ : އެންމެހައި ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ކާބޯތަކެތިން ފިޠުރު ޒަކާތް ނެރުމުން އެމީހަކު އަދާކުރަންޖެހޭ ޛިންމާއިން ފުރިހަމައަށް ބަރީއަވާނެ ކަމުގައި އެންމެހައި ޢިލްމުވެރިން ދެކެވަޑައިގަންވާތީ އެވެ. އަދި ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން ގެ އަރިހުގައި ފައިސާއިން ފިތުރު ޒަކާތް ނެރުމަކީ އޭނާ ޒަކާތް ދިނުން ކަމުގައި ނުބެލެވޭނެ ކަމުގައި ދެކެވަޑައިގެންނެވުމާއި އަދި އެއީ ޞައްޙަ ޒަކާތެއް ކަމުގައި ނުވާނެ ކަމުގައި ވިދާޅުވެފައިވާތީ އެވެ.

ވުމާއެކު، އެމީހެއްގެ އަދާކުރުމަށް ކަނޑައެޅިފައިވާ މި ޢަމަލު ގިނަ ޢިލްމުވެރިން އެއީ ޞައްޙަވެގެންވާ ގޮތް ކަމުގައި ނުވާނެ ކަމުގައި ދެކިވަޑައިގަންނަވާ ގޮތް ކަމުގައިވާ ފައިސާއިން ދީފި ނަމަ، ޞައްޙަ ނުވެދާނެ ކަމުގެ ބިރު އެންމެ ކުޑަމިނުން އެބައޮތެވެ. ފަހެ، އެހެން ވުމުން، އެންމެހައި އަހުލުވެރިން އެއީ ޞައްޙަ ގޮތް ކަމުގައި ވިދާޅުވެފައިވާ ގޮތުގެ މައްޗަށް ޒަކާތް ނެރުން އެއީ އެންމެ ހެޔޮގޮތް ކަމުގައި ބުނުން އެއީ އެންމެ ރައްކާތެރި ގޮތް ކަމުގައިވެސް ވެ އެވެ.

އެހެންކަމުން ޢިލްމީ ހުއްޖަތްތަކުން ބުރަދަން ލިބިގެންވާ މިފަދަ ރަޢުޔެއްގެ މައްޗަށް ބުރަ ވުމަކީ އެމީހަކަށް ބަދުބަސް ބުނުން ހުއްދަވެގެންވާ ކަމެއް ހެއްޔެވެ؟ ޙަޤީޤަތުގައި ބަދުބަސް އެބަޔަކަށް ނިޞްބަތް ކުރުން އަޥްލާވެގެންވަނީ ފައިސާއިން ނެރުމަށް ބުނާ މީހުންގެ މައްޗަށެވެ.

ފިޠުރު ޒަކާތް ފައިސާއިން ނެރުމާއި މެދުގައި ފިޤުހީ މަޛްހަބު ތަކުގެ ބަސްފުޅުތައް ބަޔާން ކުރުން :

ފިތުރު ޒަކާތް ފައިސާއިން ދެއްކުމަކީ ނައްސުތަކުގައި ކަނަޑައެޅިފައިވާ އަސްލާ ޚިލާފަށް ކުރެވޭ ކަމެކެވެ. މި ލިޔުމުގެ މަތީގައި އެފަދަ ގިނަ ނައްޞުތައް ޛިކުރު ކުރެވިއްޖެ އެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އެކަން ހުއްދަވާނެ ކަމާމެދުވެސް  އިލްމުވެރީންގެ މެދުގައި ވަނީ ޙިލާފުއުފެދިފަ އެވެ. އަދި  ކީއްހެއްޔެވެ. ޖުމްހޫރު ޢިލްމުވެރިންގެ ގައުލަކީ އެކަން  ހުއްދަވެގެން ނުވުމެވެ. المَالكية މާލިކީން، الشَّافعية  ޝާފިއީންގެ އިތުރުން الحَنَابَلة ހަންބަލީ މަޛުހަބުގައި މަޝްހޫރު ގޮތަކީ މިއެވެ.

މިކަން ކަށަވަރުކޮށް ދިނުމުގެ  ގޮތުން ކޮންމެ މަޛުހަބެއްގައި ވެސް މުޢުތަބަރު އަސްލުތައް ކަމުގައި  ބެލެވޭ  މަސްދަރުތަކަށް ހަވާލާދެމެވެ.

الشَّافعية  ޝާފީ މަޛުހަބުގެ އަސްލުތަކުގެ  ތެރޭގައި :

    الحافظ النووي  ލިޔުއްވާފައިވާ المجموع (6/144).

    الحافظ الشربيني ލިޔުއްވާފައިވާ مغني المحتاج (1/407)

المَالكية މާލިކީ މަޛުހަބުގެ އަސްލުތަކުގެ ތެރޭގައި :

   الحافظ ابن عبد البر ލިޔުއްވާފައިވާ  الكافي في فقه أهل المدينة  (1/323)

     الحافظ  محمد بن يوسف  العبدري  ލިޔުއްވާފައިވާ  التاج والإكليل لمختصر خليل (2/366).

 

الحَنَابَلة ހަންބަލީ މަޛުހަބުގެ އަސްލުތަކުގެ  ތެރޭގައި :

 الحافظ  ابن قدامة ލިޔުއްވާފައިވާ  المغنى (3/87)

الحافظ  البهوتي ލިޔުއްވާފައިވާ  كشف القناع (2/254).

عون الدين ابن هبيرة الشيبانيّ الحنبلي رحمه الله ލިޔުއްވާފައިވާ ފޮތް الإفصاح (1-214) ގައި ވިދާޅުވެފައިވެ އެވެ ”أَبُو حَنِيْفَة ފިޔަވައި އެހެން އެންމެހައި ޢިލްމުވެރިން ފިޠުރު ޒަކާތް އޭގެ އަގުން ދިނުން ހުއްދަވެގެން ނުވާކަމުގައި އިއްތިފާޤުވެގެންވެ އެވެ. ފަހެ، أَبُو حَنِيْفَة ވިދާޅުވެފައިވެ އެވެ. އެކަން ހުއްދަ އެވެ.“

އަޚާ އެވެ! އުޚްތާ އެވެ! ކޮންމެ މަޛުހަބެއްގެ މުޢުތަބަރު މަސްދަރުތަކުން މި ޤައުލަކީ ޖުމުހޫރު އިލްމުވެރިންގެ ޤަޢުލުކަން ހާމަވާން އޮތް ހިނދު  ޖުމްހޫރުންގެ ޤައުލާއި އެއްގޮތައް ބުނެވޭ  ބަހެއް ކުށެއް ކަމުގައި  ނުވަތަ ފިތުނަ އުފެއްދުން ކަމުގައި ވާނީ ކިހިނެތް ހެއްޔެވެ؟

އަދި ވަކީންޙާއްސަކޮށް ފާހަގަކޮށްލަމެވެ. މިއީ ޒަމާނުއްސުރެ ދިވެހި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ الشَّافِعِي (ޝާފީ) މަޛުހަބުގެ ރަޢުޔާއި އެއްގޮތްވެގެންވާ ގޮތެވެ. އެހެންކަމުން އިސްލާމީ އުންމަތުގެ ބޮޑެތި އިލްމުވެރީންނާއި، އިމާމުންގެ ބަސްފުޅުތަކުން ބާރު ލިބޭ ރައުޔަކަށް އަދި އެންމެ ކުރީ ޒަމާނުން ފެށިގެން އެތަކެއް އިސްލާމީ މުޖުތަމައުތަކުގައި ޢަމަލު ކުރަމުން ދާ ގޮތަކަށް ނިސްބަތްކޮށް އެއީ ހައްދުފަހަނާ އަޅައި ދިއުން ކަމުގައި އަދި ހަރުކަށިވުން ކަމުގައި ބުނުމަކީ އަދުލުވެރިގޮތެއް ނޫނެވެ.

އެ ޚިލާފެއްގައި އިސްލާމީ އުންމަތް ޝާމިލުވާ ކަމެއްގައި އެތައް ގިނަގުނަ ބޭކަލުން އަދި އުއްމަތުގެ ނަބިއްޔާ އަދި އަޞްޙާބު ބޭކަލުން ފަށައިގެން މަޛްހަބުތަކުގެ އިމާމުން އެ ގޮތެއްގެ މަތީގައި ދެކިވަޑައި ޤާއިމްވެގެންވާ ޤައުލު އެއީ އެދެވިގެންވާ ގޮތް ނޫން ކަމުގައި ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެވެ.

އަދި އިސްލާމީ ބޮޑެތި ގައުމުތަކުގެ ތެރެއިން ހިމެނޭ ސައުދީ ޢަރަބިއާ ފަދަ ގައުމުތަކުގެ ފަތުވާ ކޮމެޓީންނާއި، އަދި  އެބައްގެ ޢިލްމާ މެދު ހެކިވެވިގެންވާ އެގައުމުގެ ބޮޑެތި ޢިލްމުވެރީން މިނޫން ގޮތަކަށް ފަތުވާ  ނުދޭކަމީ  ވަންހަނާ ވެގެން ނުވާ ޙަޤީގަތެކެވެ.

އިސްވެ ދިޔަ ނުކުތާތަކުގެ އަލީގައި ބަޔާންވެގެންދަނީ މިއީ މިއަދު ފާޅުކޮށްފައިވާ އަމިއްލަ ރަޢުޔެއް ނޫން ކަމެވެ.  އެހެނަސް މިއީ އިސްލާމީ އުންމަތުގެ އެތަކެއް އިލްމުވެރިންގެ މި ޤައުލަކީ ޙައްޤުކަމުގައި ގަބޫލުކުރެވޭތީ މީސްތަކުންނާ ހަމައަށް ފޯރުކޮށްދިނުމުގައިވާ އަމާނާތްތެރިކަމުގެ ދީނީ ވާޖިބު އަދާކުރާ ފަރާތެއް ކަމުގައި ވުމެވެ.

މި މައްސަލަ، ދަލީލުތަކުން ފާޅުވެގެންވާ ގޮތް އަދި ހެޔޮ ޤަރުނު ތަކުގެ އިމާމުންނާއި ޢިލްމުވެރިންގެ ފަރާތުން ބަޔާންވެ ވިދާޅުވެފައިވާ ގޮތް ވަންހަނާކޮށް، އެފަދައިން ޒަކާތް ނެރުމަށް ގޮވާލުމުގެ ބަދަލުގައި ކާބޯތަކެތިން ނެރުމަށް ގޮވާލުން ދޫކޮށް، އަދި އެންމެ އަޥްލާވެގެންވާ ގޮތަށާއި ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތް ވަންހަނާ ކޮށް، އެއީ ނެތް ކަމެއްގެ ގޮތުގައި އަދި ބަލިކަށި ގޮތްކަމުގެ މީސްތަކުންނަށް ދެއްކުމަކީ ޙަޤީޤަތަކުގައި ޢިލްމީ އަމާާނާތްތެރިކަން އެބައެއްގެ ކިބައިގައި ނެތުމެވެ. އެ ބައެއްގެ ނަފްސުގައި ދީނުގައި މައްސަލަތަކުގައި އަޥްލާވެގެންވާ އެންމެ ހެޔޮ ގޮތުގައި ހިފުމުގެ ޝަޢުޤުވެރިކަން ނެތްކަން ފަޅުކޮށްދޭ ކަމެކެވެ.

އިސްލާމް ދީނުގެ  ފާޅުވި ބައެއް  ބޮޑެތި ޢިލްމުވެރިންނާއި އަދި އިމާމުންގެ ބަސްފުޅުތަކެވެ. :

ފުރަތަމައީ : الإِمَام أَحمَدُ بن حَنْبَل رحمه الله އަރިހުގައި ފިޠުރުޒަކާތާއި މެދު ސުވާލު ކުރެވުނެވެ. ވިދާޅުވި އެވެ. ”ފިޠުރުޒަކާތް އޭގެ އަގުން ދީގެން ނުވާނެ އެވެ.“ އެ ހިނދުގައި ބުނެވުނެވެ. ބައެއްމީހުން ބުނެ އެވެ. عمر بن عبد العزيز ފިޠުރު ޒަކާތް އޭގެ އަގުން ނަންގަވަ އެވެ. الإِمَام أَحمَدُ رحمه الله ވިދާޅުވި އެވެ. އެބައިމީހުން ރަސޫލާ ގެ ބަސްފުޅު ދޫކޮށްލުމަށްފަހުގައި އެވަނި މީހަކު ބުންޏޭ ބުނަނީ ތޯ އެވެ؟ ހަމަކަށަވަރުން ابن عمر رضي الله عنه ވިދާޅުވެފައިވެ އެވެ. ހަމަކަށަވަރުން ރަސޫލާ ފިޠުރުޒަކާތް ކާބޯތަކެތީން ޞާޢު އެއްގެ މިންވަރުން ފަރުޟު ކުރެއްވި އެވެ.“

ބުނަމެވެ. މިއީ ސުންނަތުގެ މަންހަޖެވެ. ދެބަސްވެއްޖެހިނދު ރުޖޫޢަވުން އޮތީ ﷲ އާއި އެއިލާހުގެ ރަސޫލާގެ ބަސްފުޅަށެވެ. { فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلً} [النساء :59] ”ފަހެ، ހަމަކަށަވަރުން ކަމަކާއިމެދު ތިޔަބައިމީހުން ދެބަސްވެއްޖެހިނދު އެކަމެއް ﷲ އާއި އެކަލާނގެ ރަސޫލާއަށް ރައްދުކުރާހުއްޓެވެ. އެއީ ތިޔަބައިމީހުން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާކަމުގައިވާނަމަ އެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެވެ.“

ދެވަނައީ : އިމާމް شَيخ الإِسلام ابن تَيمِيَّة رحمه الله (ހިޖުރައިން 728 ގައި ދުނިޔެ ދޫކުރެއްވި) ވިދާޅުވެފައިވެ އެވެ. ”ފިޠުރުޒަކާތް ނެރެންޖެހެނީ އެތަނެއްގެ އަހުލުވެރިންގެ ކާބޯތަކެތީންނެވެ. މިޘާލަކަށް ހަނޑުލުން ނުވަތަ އެފަދަ ތަކެތިންނެވެ. …. މިއީ إِمَامُ أَحْمَد އަދި ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. އަދި މިއީ އެންމެ ޞައްޙަވެގެންވާ ބަސްފުޅެވެ.“ فتاوى 10-410

ބުނަމެވެ. އެންމެ ޞައްޙަވެގެންވާ ބަސްފުޅު އެތައް ބަޔަކަށް ވަންހަނާކޮށް އެއީ އެދެވިގެންވާ ގޮތް ނޫން ކަމުގައި ބުނުމާއި އެފަދައިން ބަސްތައް ބުނުން ވެގެންދާނީ ޢިލްމަށް އަމާނާތްތެރި ވުމުގެ ބަދަލުގައި ޢިލްމަށް އަމާނާތްތެރި ނުވުމުގެ ތެރެއިންނެވެ.

ތިންވަނައީ : މިއަދު ދުނިޔެމަތީގައިވާ އެންމެ ބޮޑު އަދި އެންމެ އިތުބާރު ކުރެވޭ ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ ފަތުވާތަކެވެ.

”ފިތުރުޒަކާތް ނަޤުދު ފައިސާއިން ނެރުން ހުއްދައެއް ނުވާނެ އެވެ. ސަބަބަކީ ޝަރުޢީ ދަލީލުތަކުން ދަލީލު ކުރެވެނީ ފިތުރުޒަކާތް ނެރުން ވާޖިބުވެގެންވަނީ ކާބޯތަކެތީންނެވެ. މީސްތަކުންގެ ތެރެއިންވާ އެއްވެސް މީހެއްގެ ބަސް ނަގައި ޝަރުޢީ ދަލީލުތައް ދޫކޮށްލުން ހުއްދައެއްނުވާނެ އެވެ.“ فتاوى اللجنة   379/9

 

އަދި އެހެން ފަތުވާއެއްގައިވެ އެވެ. ”ތިގޮތަށް ޢަމަލުކުރުން (ފިތުރު ޒަކާތް ފައިސާ އިން ނެރުން) ހުއްދައެއް ނުވާނެ އެވެ. އޭގެ ޙައްޤުގޮތަކީ ނަބިއްޔާ ﷺ ޢަމަލުފުޅު ކުރެއްވިފަދައިން ކާބޯތަކެތީން ނެރުމެވެ. މިއީ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތެވެ. ކާބޯތަކެތީގެ ބަދަލުގައި ފައިސާއިން ޒަކާތްނެރެވިދާނެ ކަމަށް ބުނާބުނުމަކީ  ޟަޢީފް (ބަލިކަށި) ޤައުލެކެވެ. ޙައްޤުގޮތަކީ، ހަމަކަށަވަރުން މުސްލިމުންނަށް ވާޖިބުވެގެންވަނީ ފިތުރު ޒަކާތް ކާބޯތަކެތީން ނެރުމެވެ. އެއީ އެ ޤައުމެއްގެ އަހުލުވެރިން ކާބޯތަކެތިން ޞާޢު އެއްގެެ މިންވަރެވެ. (މުސްލިމުންނަށް) ވާޖިބުވެގެންވަނީ މިފަދައިން ޢަމަލުކުރުމެވެ. އެއްވެސް މީހަކަށް (ފިތުރު ޒަކާތް) ނެރުމުގައި ފައިސާއިން ދެވިދާނެ ކަމަށްބުނެ އިޖްތިހާދުކުރުން ހުއްދަވެގެންނުވެ އެވެ.“ مجموع الفتاوى 14/201.

 

ހަތަރުވަނައީ : މި ޒަމާނުގައި ދުނިޔެ މައްޗަށް ފާޅުވި އެންމެ ބޮޑު ސުންނަތުގެ އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمَام ابن بَاز رحمه الله (ހިޖުރައިން 1419 ގައި ދުނިޔެ ދޫކުރެއްވި) ވިދާޅުވެފައިވެ އެވެ. ”ޖުމްހޫރު ޢިލްމުވެރިން އެ ޤައުލެއްގައި ޤާއިމްވެގެންވާ ޤައުލަކީ: (ފިތުރު ޒަކާތް) ފައިސާއިން ނުދެވޭނެކަމުގައި އެވެ. އެހެނަސް ފިތުރު ޒަކާތް ދޭން ޖެހެނީ ކާބޯތަކެތީންނެވެ.“ مجموع الفتاوى 14/212.

 

ފަސްވަނައީ : މިއަދު އިސްލާމީ އުއްމަތުގައިވާ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި ފަތުވާ ކޮމެޓީގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العَلاَّمَة د. صَالح الفَوزَان حفظه الله ވިދާޅުވެފައިވެ އެވެ.

”އެހެން ނަމަވެސް ފިޠުރު ޒަކާތް ކާބޯތަކެތީން ނެރުމުގެ ބަދަލުގައި އޭގެ އަގު ފައިސާއިން (މިސާލަކަށް ދިރުހަމުން) ނެރުމަކީ ރަސޫލު ﷲ ﷺ ގެ ސުންނަތާއި ޚިލާފްވެގެންވާ ޢަމަލެކެވެ. އަދި ފިޠުރު ޒަކާތެއްގެ ގޮތުގައި މި ޒަކާތް ނުފުދޭނެ އެވެ. އެހެނީ މި ކަމަކީ ރަސޫލާ ﷺ ގެ އަރިހުން އަދި ޞަޙާބީންގެ ތެރެއިން އެއްވެސް ބޭކަލެއްގެ ފަރާތުން ނަޤުލުކުރެވިގެންވާ ކަމެއް ނޫނެވެ.“ الملخص الفقهي  352

އަދިވެސް އެހެން ބަސްފުޅެއްގައި ވިދާޅުވެފައިވެ އެވެ.

ސުވާލު : އަހަރެމެންގެ ޤައުމުގައި ފިޠުރު ޒަކާތްދެނީ ފައިސާއިންނެވެ. އެކަމުގެ ޙުއްޖަތަކީ މިސްކީނުން ކާބޯތަކެތީން ޒަކާތް ބޭނުން ނުވާތީ އެވެ. ފަހެ، އަހަރެމެން ޢަމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟

ޖަވާބު : މަޤްސަދު ކަމުގައިވާންޖެހެނީ މިސްކީނުން ނޫނެވެ. ތިޔައީ އަޅުކަމެކެވެ. އަޅުކަން ތަންފީޛުކުރަންޖެހޭނީ ނަބިއްޔާ ﷺ އަރިހުން ބަޔާންވެގެންވާ ގޮތަށެވެ. ފަހެ، ކާބޯތަކެތީ ބޭނުންނުވާ މީހަކީ، އެއީ މިސްކީނެއްގެ ގޮތުގައިވާ ޙާޖަތްޖެހިފައިވާ (މުޙްތާޖެއް) ނޫނެވެ. ކާބޯތަކެއްޗަށް ޙާޖަތްޖެހިފައިވާ،(މުޙްތާޖަކަށް) ޒަކާތް ދޭށެވެ.“

 ބުނަމެވެ. މިއީ އަހަރެމެން ހިފާ ރޯދައާ ގުޅިގެން އެ ނަފްސެއް ނެރޭ ޒަކާތެއްކަމުގައިވެ އެވެ. ވުމުން އެންމެ ފުރިހަމަ އަދި އެންމެ ހެޔޮ އަދި އެންމެ އެދެވިގެންވާ ގޮތުގައި ނެރުން ނުވޭ ހެއްޔެވެ؟ ޙަޤީޤަތަކީ ކޮންމެ ނަފްސެއްވެސް އެ ނަފްސެއް އަދާކުރާ އަޅުކަން އެންމެ ފުރިހަމަ އަދި އެންމެ އެދެވިގެންވާ ގޮތުގައި އަދާކުރުމަށް ނުހަނު ބޭނުންވާ ކަމެވެ. ފަހެ، ވުމުން ފިޠުރު ޒަކާތް އެންމެ އެދެވިގެންވާ ގޮތުގައި އަދި އުއްމަތުގެ އެންމެހައި ޢިލްމުވެރިން އެ ނެރުމަށް އިއްތިފާޤުވަޑައިގަންނަވާ ސިފައިގައި ނެރުން އެއީ އަޥްލާވެގެންވާ ގޮތް ނޫންތޯ އެވެ؟

ހަވަނައީ : މިއަދު އުއްމަތުގައިވާ އެންމެ ބޮޑެތި ޢިލްމުވެރިން އަދި އިމާމުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ العَلاَّمَة رَبِيْع بن هَادي حفظه الله ވިދާޅުވެފައިވެ އެވެ.

ސުވާލު :  ފިތުރުޒަކާތް ނަޤުދު ފައިސާއިން ދިނުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު : ”އޭގެ ޙުކުމަކީ (އެ ފަދައިން ދެވޭ) ޒަކާތަކީ ބާޠިލް ޒަކާތެކެވެ. އެއީ ރަސޫލާ ﷺ ސުންނަތާ ޚިލާފަށް ކުރެވޭ ކަމެކެވެ. ފަހެ، ދިރުހަމާއި ދީނާރަކީ ނަބިއްޔާ ﷺ ގެ ޒަމާނުގައި އަދި ހިދާޔަތުގައިވި ހަތަރު ޚަލީފާއިންގެ ޒަމާނުގައި ހުރި އެއްޗެކެވެ. (އެހެނަސް އެއާ އެކު) ނަބިއްޔާ ﷺ ދީނުގައި މިކަން ޝަރުޢު ކުރެއްވީ މީސްތަކުން ކައިބޮއެހަދާ ތަކެތިން ނެރުމަށެވެ. ފަހެ މިކަމުގައި އިސްލާމްދީނުގައި ފާޅުކުރެވޭ ޝިޢާރެއްވެ އެވެ. ފައިސާއިން ނެރެވޭ ޒަކާތަކީ ފާޅުކަންބޮޑުގޮތުގައި މިފަދައިން ފާޅުކުރެވޭ ޝިޢާރެއް ނޫނެވެ. ފަހެ، (އެހެންވުމުން) އަހަރެމެން  މި ޒަކާތްނެރުން އޮތީ ނަބިއްޔާ ﷺ އަމުރުފުޅު ކުރެއްވި ގޮތަށެވެ.“ مرحبا يا طالب العلم ص 464

މިއީ ޢިލްމުވެރިންގެ ތެރެއިން ނުހަނު މަދު މިންވަރެކެވެ.

އަޚުންނޭވޭ. މި ބަސްތަކުން މީސްތަކުންނަށް ހާމަވާނެ ޙަޤީޤަތަކީ، މި ބަސްފުޅަކީ ޢިލްމުވެރިންގެ ބަސްފުޅުތައްކަމެވެ. ހެކި ދައްކާ ކަމާއި އަދި މި މައްސަލައިގައި މިއީ މިއަދުވެސް ދުނިޔެމަތީގައިވާ އަދި މި ޒަމާނުގައި ދުނިޔެ ދޫކުރެއްވި އެންމެ ބޮޑެތި އިމާމުންނާއި ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ރައުޔުކަމެވެ.

ފަހެ، އެހިނދު، މީސްތަކުންނަށް އެންމެ އަޥްލާވެގެންވާގޮތް އުނގަންނައިދީ އެ ގޮތުގައި ޢަމަލު ކުރުމަށް ބަޔާން ކޮށްދިނުމުން އަދި ޙައްޤު ބަޔާން ކޮށްދިނުމުން އެއީ ”ފިތުނަ އުފައްދާ ފަރާތެއް“ ކަމުގައި ބުނެ، މީސްތަކުންނަށް ޢިލްމީ ގޮތުން މި ޙަޤީޤަތް ބަޔާން ކުރުމުގެ ބަދަލުގައި މި ބަސްފުޅުތަކާއި، ފިޤުހީ މަޛްހަބުތަކުގެ ރައުޔުތައް ދެއްކުމުގެ ބަދަލުގައި ނުޙައްޤުން އަނިޔާވެރި ކަމާއެކު، މިބަސްތައް ބަޔާން ކުރާ ފަރާތްތަކުގެ ބޮލުގައި ބަދުނާމުވާ މިފަދަ އިލްޒާމް އަޅުވަ އެވެ.

ފަހެ، މިއީ ޙައިރާންވާންޖެހޭ ކަމެކެވެ!

وصلى الله وسلم على نبينا محمد و على آله وصحبه وسلم.

Similar Posts