އެކުގައި މަސައްކަތް ކުރާ ކާފަރެއްގެ އާއިލާ މީހަކު މަރުވުމުން އޭނާއަށް ތަޢުޒިޔާ ކިޔޭނެ ތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކާފަރުންނަށް ތަޢުޒިޔާ ކިޔުމާއި މެދު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ބުނަމެވެ.
ފުރަތަމައީ: މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައިވާ މައްސަލައެކެވެ.
ދެވަނައީ: މައްޔިތާއަކީ ކާފަރެއް ކަމުގައިވާނަމަ އެއްވެސް ޙާލެއްގައި ތަޢުޒިޔާ ކިޔުމުގައި އެ މައްޔިތާއަށް ފާފަ ފުއްސެވުމަށް އެދި ދުޢާ ކޮށްގެން ނުވާނެއެވެ. ސަބަބަކީ ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުން ކާފަރުންނަށް ފާފަ ފުއްސެވުމަށް ދުޢާ ކުރުން ޙަރާމްވެގެންވާކަން ބަޔާންވެގެންވެއެވެ.
ތިންވަނައީ: ގާތް ނުވަތަ އާއިލާ ނުވަތަ ރަޙްމަތްތެރި ކާފަރެއް ކަމުގައިވީ ނަމަވެސް، އެ ކާފަރަކު (މައްޔިތާ އަކީ ކާފަރެއް ކަމުގައިވެ) އެ ޢާއިލާގައިވާ މުސްލިމަކަށް ތަޢުޒިޔާ ކިޔުން ޖުމްހޫރު ޢިލްމުވެރިން ހުއްދަ ކުރައްވައެވެ.
އެހެނަސް މައްޔިތާއަކީ ކާފަރެއް ކަމުގައިވެ، އެ އާޢިލާގެ ކާފަރަކަށް ތަޢުޒިޔާކިޔުން ޢިލްމުވެރިންގެ ތެރެއިން ވަރަށްގިނަ ބޭކަލުން އެކަން ހުއްދަ ނުކުރައްވައެވެ. މި ޒަމާނުގެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ صَالح الفَوزَان -حفظه الله- މިފަދައިން ދެކެވަޑައިގަންނަވައެވެ. އަދި މިފަދައިން ކާފަރަކަށް ތަޢުޒިޔާ ކިޔުމަކީ އެއީ ކާފަރުންނަށް މުޥާލާތް ކުރުމުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއް ކަމުގައި ވިދާޅުވެއެވެ.
ފަހެ، އިސްވެ ބަޔާން ކުރެވުނު ފަދައިން، ކާފަރަކު މަރުވެ އަދި ޢާއިލާގެ ކާފަރަކަށް ތަޢުޒިޔާ ކިޔުން ހުއްދަވެގެންވަނީ އޭގައި މަޞްލަޙަތެއް އަދި ކާފަރުންގެ ފަރާތުން ލިބޭނެ ގެއްލުމަކުން ސަލާމަތްވެ، އެމީހުންގެ ބާޠިލް ޢަމަލުތަކުގެ މައްޗަށް އިޤްރާރުނުވާ ޙާލުގައިނަމަ ބައެއް ޢިލްމުވެރިން ހުއްދަ ކުރައްވައެވެ. އޭގެ ތެރޭގައި މި ޒަމާނުގައި ފާޅުވި ސުންނަތުގެ ބޮޑެތި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الشيخ الإمام ابن بَاز -رحمه الله- މިފަދައިން ވިދާޅުވެފައިވެއެވެ.
ވީމާ އެކަމުގައި، މުސްލިމުންނަށް މަޞްލަޙަތެއް އަދި ފައިދާއެއް، އަދި ގެއްލުމަކުން ސަލާމަތްވުން ނެތް ކަމުގައިވާނަމަ ދޫކޮށްލުން ހުއްޓެވެ. މި ބަޔާންކުރި (ސިފަތަކުގެ މަތީގައި) ތަޢުޒިޔާކިޔުން ހުއްދަވެގެންވާކަން ދަލީލު ކުރެވެނީ؛ އިމާމް البخاري 1356 ގައި ރިވާކޮށްފައިވެއެވެ. أنسٍ رَضِيَ اللَّهُ عنه، قال: ((كان غلامٌ يهوديٌّ يخدُمُ النبيَّ صلَّى الله عليه وسلَّم، فمَرِضَ فأتاه النبيُّ صلَّى الله عليه وسلَّم يعودُه، فقَعَدَ عند رأَسْه، فقال له: أَسْلِمْ، فنظَرَ إلى أبيه وهو عِندَه، فقال له: أَطِعْ أبا القاسِمِ، فأسْلَمَ، فخَرَجَ النبيُّ صلَّى الله عليه وسلَّم، وهو يقول: الحمْدُ لله الذي أنقَذَه مِنَ النَّارِ) ޞަޙާބީ أنسٍ رَضِيَ اللَّهُ عنه ވިދާޅުވެފައިވެ އެވެ. “ނަބިއްޔާ صلَّى الله عليه وسلَّم އަށް ޚިދުމަތް ކުރުމުގައިވީ ޔަހޫދީ -ޚާދިމެއް- ބަލި ހާލުގައި ވަނިކޮށް ނަބިއްޔާ صلَّى الله عليه وسلَّم ޒިޔާރަތް ކުރެއްވިއެވެ. އަދި އޭނާގެ ބޯ ކައިރީގައި އިށީނދެވަޑައިގެންނެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. “ތިބާ އިސްލާމް ދީން ޤަބޫލު ކުރުން ހުއްޓެވެ”. ފަހެ، އެހިނދު އޭނާ، އޭނާގެ ކައިރީގައިވި ބައްޕައާ ދިމާލަށް ބެލިއެވެ. އަދި އެ ބައްޕަ ބުންޏެވެ. ނަބިއްޔާއަށް ކިޔަމަންގަންނަ ހުއްޓެވެ. ފަހެ، އެހިނދު އިސްލާމްދީން ޤަބޫލު ކުރިއެވެ. ފަހެ، ނަބިއްޔާ صلَّى الله عليه وسلَّم އެތަނުން ނިކުމެވަޑައިގަންނަވާ ޙަދީޘްފުޅު ކުރެއްވިއެވެ. “އެ ދަރި، ނަރަކައިން މިންޖުކުރެއްވި އިލާހު، ﷲ އަށް އެންމެހައި ޙަމްދެއްވެއެވެ”.
މި ޙަދީޘްއިން ދަލީލު ކުރެވެނީ، ކާފަރެއްގެ ގޮތުގައިވި ޔަހޫދީއަށް ނަބިއްޔާ صلَّى الله عليه وسلَّم ޒިޔާރަތް ކުރެއްވިކަމެވެ. ފަހެ، އެހިނދު ކާފަރުންނަށް ތަޢުޒިޔާ ކިޔުން ހުއްދަވެގެންވާކަން ދަލީލު ކުރެވެއެވެ.
ތަޢުޒިޔާ ކިޔުމުގައި ވަކި ޚާއްޞަ ލަފްޒެއް ސުންނަތުގައި ޘާބިތުވެފައިވާކަން ނުދަންނަމެވެ. އެހެނަސް އުއްމަތުގެ ބައެއް ސަލަފުއް ޞާލިޙުންގެ އަރިހުން ތަޢުޒިޔާގެ އެކިއެކި ލަފްޟުތައް ނަޤުލުވެގެންވެއެވެ. އޭގެ ތެރޭގައި عَلَيْكَ بِتَقْوَى اللهِ وَالصَّبْر -ތިބާ ﷲ އަށް ބިރުވެތިވެ ކެތްތެރިވުން ހުއްޓެވެ. އަދި މަޝްހޫރު ތާބިއީ الحَسن البصرِي -رحمه الله- ގެ އަރިހުން ކާފަރުންނަށް ތަޢުޒިޔާ ކިޔުމުގައި لاَ يُصِيْبُكَ إِلَّا خَيْرٌ -ހެޔޮ ކަމެއް މެނުވީ ތިބާއަށް ކުރިމަތި ނުވާހުއްޓެވެ. މިފަދައިން ވިދާޅުވާކަމަށް ވާރިދުވެގެންވެއެވެ. އަދި ބައެއް ސަލަފުއް ޞާލިޙުންގެ އަރިހުން أَكْثِر اللهُ مَالَكَ وَوَلَدَكَ -ﷲ ތިބާގެ މުދަލާއި ދަރިން ގިނަ ކުރައްވާށި- މިފަދައިން ވިދާޅުވާކަމަށް ވާރިދުވެގެންވެއެވެ.
ވީމާ، މި މައްސަލައިގައި، ކާފަރަކު މަރުވެގެން ކާފަރަކަށް ތަޢުޒިޔާ ކިޔުމެއް ނުވެއެވެ. އޭގައި މަޞްލަޙަތެއް އޮވެއްޖެހިނދު ފިޔަވައެވެ. އެހެން ނޫންނަމަ، އެކަމުން ދުރުވުން އެދެވިގެންވެއެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.