ރަޖަބު މައްސަރާއި އެމައްސަރާއި ގުޅިގެން ކުރެވޭ އެކިއެކި ކަންތައްތައް
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
”އަހަރެމެން މިހޭދަކުރާ ދުވަސްތަކަކީ الله ޙުރަމަތްކުރައްވާފައިވާ މަހެއްގެ ދުވަސްތަކެވެ.
އެކަލާނގެ ޙުރުމަތް ކުރައްވާފައިވާ މަސްތަކަކީ ޛުލްޤައިދާ، ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބު މަހެވެ.
މިހުރިހައި މަސްތަކެއްގައި ވެސް ބަޔާންވެގެންވާ ޚާއްޞަ ކަންތައްތަކެއް ވެއެވެ. މިމަސްތަކަށް ޙުރުމަތްވެގެންވާ މަސްތަކޭ ބުނެވެނީ މި މަސްތަކުގައި އެހެން މަސްތަކަށްވުރެ ބޮޑަށް ޙުރުމަތްތެރިކަން ލެވިގެންވާތީއެވެ. الله ވަޙީ ކުރައްވާފައިވެ އެވެ. ﴿إِنَّ عِدَّةَ الشُّهُورِ عِندَ اللّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللّهِ يَوْمَ خَلَقَ السَّمَاوَات وَالأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ﴾ [التوبة: 36] ”ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެން ﷲ ކަނޑައަޅުއްވާފައިވާ ގޮތުގައި އަހަރެއްގެ މައްސަރު ތަކުގެ ޢަދަދަކީ اللهގެ ހަޟުރަތުގައި ބާރަ މަހެވެ.“
މިހުރިހައި މަސްތަކުގެ މައްޗަށް ކޮންމެ މުސްލިމަކަށް ވާޖިބުވެގެންވަނީ ޝަރީޢަތުގައި ސާބިތުވެގެންވާ އަދި ސުންނަތުގައި ދެވިގެންވާ ކަންތައްތަކުގެ މަތީގައި ޤާއިމްވެ އިންތައް ފަހަނަޅައި ނުދިއުމެވެ. އެގޮތުން އެއްވެސް އިންސާނަކަށް މި މަސްތަކަށް ނިސްބަތްކޮށް ޤުރުއާނާއި ސުންނަތުގައި ވާރިދުވެގެން ނުވާ އެއްވެސް އަޅުކަމެއް އަދި އެކަލާނގެ އަށް ކުއްތަންވުމެއް އެކަމެއްގައި ރިވާޔަތެއް ނެތް ޙާލުގައި ކޮށްގެން ނުވާނެ އެވެ.
ހަމަކަށަވަރުން ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުންނަކީ ރަޖަބު މަހަށް މަތިވެރިކަންދީ އަދި ޚާއްޞަ ގޮތެއްގައި ރޯދަ ހިފާ މަހެއްގެ ގޮތުގައި އެބައިމީހުން އެމަހާމެދު ޤަބޫލުކުރިއެވެ.
އަދި އިސްލާމް ދީން ފާޅުވުމަސްފަހު މި މައްސަރުގައި ޖާހިލިއްޔަތުގެ އަހުލުވެރިން ކުރަމުން ގެންދިޔަ އެންމެހައި ކަންތައްތަކެއް ނައްތައި އެކަން މަނާކުރެއްވި އެވެ.
މި މައްސަރު ޙުރުމަތްތެރިވެގެންވާ މައްސަރެއް ކަމުގައި ކަނޑައެޅިފައިވާ ވުމުގެ އިތުރަށް އެހެން މާތް ކަމެއް މި މައްސަރަށް ލިބިގެން ނުވެ އެވެ.
އަދި މި މައްސަރަކީ އެހެން މައްސަރުތަކަށްވުރެ މާތް މަތިވެރި އަދި އެހެން މައްސަރުތަކުގެ މައްޗަށް އިސްވެގެންވާ މައްސަރެއް ކަމުގައި ބުނެވިފައިވާ އެންމެހައި ބުނުންތަކެއް ވަނީ ޘާބިތު ނޫން ބުނުންތަކެއްގެ ގޮތުގަ އެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި ކަމުގައި ރިވާވެގެންވެ އެވެ.
(فضلُ شهرِ رجبٍ على الشهورِ كفضلِ القرآنِ على سائرِ الكلامِ)
”ރަޖަބު މައްސަރު އެހެން އެންމެހައި މަސްތަކުގެ މައްޗަށް މަތިވެރިވެގެންވުމުގެ މިޘާލަކީ ޤުރުއާން އެހެން އެންމެހައި ބަސްތަކެއްގެ މައްޗަށް މަތިވެރިވެގެންވާ ފަދައިންނެވެ.“
މި ޙަދީޘްގެ މައްޗަށް އިޝާރާތް ކުރައްވައި އަލް-ޙާފިޟް ابن حجر رحمه الله ވިދާޅުވެފައިވެ އެވެ. ”މިއީ ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގު ޙަދީޘެކެވެ.“ تبيين العجب 24
އަދިވެސް މި މައްސަރުގެ މާތްކަމާއި މަތިވެރިވެގެންވާ ކަމުގައި ބަޔާންވެގެންވާ ޘާބިތު ނޫން ރިވާޔަތްތަކުގެ ތެރޭގައި ހިމެނެ އެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި ކަމުގައި ރިވާވެގެންވެ އެވެ. (رجبُ شهرُ اللهِ، وشعبانُ شهري،
ورمضانُ شهرُ أمَّتي) ”ރަޖަބު މައްސަރަކީ ﷲގެ މައްސަރެވެ. ޝަޢުބާން މައްސަރަކީ ތިމަންނަބިއްޔާގެ މައްސަރެވެ. އަދި ރަމަޟާން މައްސަރަކީ ތިމަންނަބިއްޔާގެ އުއްމަތުގެ މައްސަރެވެ.“
މި ޙަދީޘްގެ މައްޗަށް އިމާމް ابن الجَوزِي رحمه الله ވިދާޅުވެފައިވެ އެވެ.
މިއީ ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގު ޙަދީޘެކެވެ. موضوعات 2-124
ފަހުގެ ދުވަސްތަކުގައި ފާޅުވި ޙަދީޘް ޢިލްމުވެރިޔާ އަދި ސުންނަތުގެ އިމާމް الألباني رحمه الله ވިދާޅުވެފައިވެ އެވެ. ބަލިކަށި ޙަދީޘެކެވެ. ضعيف الجامع 3094
ދަންނަ އެވެ. ރަޖަބު މައްސަރަށް ޚާއްޞަކޮށް ކުރެވޭ އެއްވެސް ޢަމަލެއް އިސްލާމް ދީނުގައި ނުވެ އެވެ.
އެއީ ނަމާދެއް ކަމުގައިވީނަމަވެސް، ރޯދައެއް ނުވަތަ ޛިކުރެއް، ދުޢާއެއް ކަމުގައިވީނަމަވެސް، ރަޖަބުމަހަށް ނުވަތަ ރަޖަބު މަހުގެ ވަކި ދުވަހަކަށް ޚާއްޞަކޮށްގެން ކުރުމެއް ޘާބިތުވެގެންނުވެ އެވެ. އެފަދަ ޢަމަލެއް ޛިކުރުކޮށް ބަޔާންކޮށްފައިވާނަމަ އެއީ ކަނޑައެޅިގެން އެއްވެސް އަސާސެއްނެތް ބިދުޢަވެރި މުންކަރާތެއްކަމުގައި ދަންނަހުއްޓެވެ.
މިކަމަށް އަލިއަޅުވާލާ ޝައިޚުލް އިސްލާމް ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ހަމަކަށަވަރުން ޖާހިލިއްޔަ ޒަމާނުގެ އަހުލުވެރިން ރަޖަބުމަހަކީ މޮޅު އިތުރުވެގެންވާ މަހެއް ކަމުގައި ދެކުނެވެ. އެހެނަސް އިސްލާމްދީން އައުމާ އެކުގައި އެކަން ދޫކުރެވުނެވެ.“
އިސްލާމް ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ އެންމެހައި ބިދުޢަވެރި ޢަމަލުތަކުގެ މައްޗަށް އިންޒާރުލިބި އެ އެންމެހައި ބިދުޢަތަކުގެ މައްޗަށް ސަމާލުވެ ދުރުވުމަކީ ކޮންމެ މުސްލިމެއްގެ ނަފްސަށް އެންމެ ބާރުއަޅަންޖެހޭ އަދި އެންމެ ބޮޑަށް ރައްކާތެރިވެހުރުމަށް ދީނުގައި އަމުރުވެގެންވާ އެއް އަމުރެކެވެ.
ރަސޫލުالله صلّى الله عليه وسلّم ގެ އަރިއަހުން ޞައްޙަ ވެގެންވެ އެވެ. (مَنْ أحدَثَ في ديننا ما ليس منه فهو ردّ) ”މިދީނުގައި ތިމަން ނަބިއްޔާގެ އަމުރެއް ނުވާ ކަމެއް ކޮށްފިނަމަ ނަމަ،ފަހެ އެކަމެއް ވާނީ އެމީހެއްގެ މައްޗަށް ރައްދުވެވިގެންނެވެ.] އަދިވެސް ޞަޙީހުގައި ރަސޫލުالله صلّى الله عليه وسلّم ގެ ޙަދީޘްފުޅެއްގައި ވެއެވެ. (من عمل عملاً ليس عليه أمرنا فهو ردّ) [ތިމަން ނަބިއްޔާގެ ފަރާތުން އަމުރުވެގެން ނުވާ ޢަމަލެއް ކޮށްފި ކަމުގައިވާނަމަ އެޢަމަލެއް ވާނީ އެމީހެއްގެ މައްޗަށް ރައްދުވެވިގެންނެވެ.] އަދި ޞަޙީޙް މުސްލިމްގައި އަދި އެހެނިހެން ފޮތްތަކުގައިވެސް ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެ އެވެ. «كلُّ بدعةٍ ضلالةٌ» [ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.] الله އަމުރު ކުރަށްވާފައިވަނީ މީސްތަކުން ދެބަސްވެއްޖެ ކަމުގައިވާނަމަ އެކަލާނގެ ފޮތަށާއި އެކަލާގެ ރަސޫލާ صلّى الله عليه وسلّم ގެ ސުންނަތަށް ރުޖޫޢަވުމަށެވެ. ﴿فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللّهِ وَالْيَوْمِ الآخِرِ﴾ [النساء: 59] ”ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ ﷲ އަށާއި ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ. ތިޔަބައި މީހުން ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ.“
ޖާހިލު މީސްތަކުންނަށް ތަބަޢަވުމަށް އަމުރެއް ނުކުރައްވައެވެ. ކުށް ކޮށްފައިވާ ތަންދޮރު ފިލާފައިނުވާ މީސްތަކުންގެ ޢަމަލުތަކަށް ބެލުމަށް އަންގަވާފައި ނުވެއެވެ.
މި މައްސަރުގައި ކުރެވޭ އެކިއެކި ބިދުޢަވެރި ޢަމަލުތަކަށް ބަލާލަމެވެ.
1. މި މައްސަރަށް ކަނޑައެޅިފައިވާ ނަމާދު :
ނަމާދު ކުރާ ބައެއް މީސްތަކުން ރަޖަބު މަހަށް ޚާއްޞަކޮށް ޢަޖައިބުވަނިވި ސިފަތަކެއް ލިބިގެންވާ ނަމާދެއް ކުރެ އެވެ. މިނަމާދަށް އެބައިމީހުން ދީފައިވާ ނަމަކީ ރަޣާއިބު ނަމާދެވެ. މިނަމާދު ކުރާ ވަގުތަކީ ރަޖަބުމަހުގެ ފުރަތަމަ ހުކުރުވިލޭރޭ މަޣުރިބު ނަމާދާ ޢިޝާ ނަމާދާ ދެމެދުގައެވެ.
މިއީ ޢިލްމުވެރިން އިއްތިފާޤު ވެވަޑައިގެންފައިވާ ގޮތުގައި ބިދުޢަވެރި މުންކަރާތެކެވެ.
މިކަންތައް ހިޖުރައިން 4 ވަނަ ޤަރުނަށް ފަހުގައި މެނުވީ މުސްލިމުންގެ ތެރެއަށް ފާޅުވެފައި ނުވެއެވެ. އެއަށްވުރެ ކުރީ ޒަމާންތަކުގައި މިކަމާ ބެހޭ ގޮތުން އެއްވެސް ޛިކުރެއް އައިސްފައެއް ނުވެއެވެ.
އަލްޙާފިޟް النووي رحمه الله އަރިއަހުގައި ރަޣާއިބު ނަމާދާ ބެހޭގޮތުން ސުވާލު ދެންނެވުނެވެ. އެއީ މަތިވެރިކަން ލިބިގެންވާ ސުންނަތެއް ނުވަތަ ބިދުޢައެއް ތޯއެވެ؟
ވިދާޅުވިއެވެ. ”އެއީ ހަޑިހުތުރުކަން ލިބިގެންވާ މުންކަރާތެކެވެ. އެންމެ ގަދަ (ހަރުކަށި) ބަހުން އިންކާރުކުރަން ޖެހޭ އެތަކެއް މުންކަރާތްތަކެއް އެކުލެވިގެންވާ ނަމާދެކެވެ. ކޮންމެ އަޅެއްގެ މައްޗަށް ވާޖިބު ވެގެންވަނީ މިނަމާދު ދޫކޮށްލުމާއި އަދި އެ ނަމާދުކުރާ ކޮންމެ މީހަކަށް އެކަމަށް އިންކާރު ކުރުމެވެ. ކިތަންމެ ގިނަ ބަޔަކު މިނަމާދު ކިތަންމެ ގިނަ ރަށްތަކެއްގައި ކުރި ކަމުގައިވީ ނަމަވެސް މިއީ ދީނުގައި ޛިކުރު ކުރެވިގެންވާ ނަމާދެއް ނޫނެވެ. ފޮތްތަކުގެ ތެރެއިން ”قوت القلوب“ އަދި ”إحياء علوم الدّين“ މިފަދަ ފޮތްތަކުގައި ލިޔެވިގެންވީ ނަމަވެސް މިއީ ހަމަކަށަވަރުން ބާޠިލް ބިދުޢަކެވެ.“
އިމާމް الحافظ ابن رجب رحمه الله ވިދާޅުވެފައި ވެއެވެ. ”ރަޖަބު މަހަށް ޚާއްޞަވެގެންވާ އަދި އެމަހުގައި ކުރެވޭ އެއްވެސް ޚާއްޞަ ނަމާދެއް ނުވެއެވެ. މިއިން އެއްވެސް ޢަމަލެއް ޞައްޙަވެގެންވެސް ނުވެއެވެ. މިމަހުގެ އެންމެ ފުރަތަމަ ހުކުރުވިލޭރޭ ރަޣާއިބު ނަމާދުކުރުމަށް އައިސްފައިވާ އެންމެހައި ރިވާޔަތްތަކަކީ ދޮގު އަދި ބާޠިލު އަދި ޞައްޙަކަމެއް ނެތް ރިވާޔަތްތަކެކެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ މިނަމާދަކީ ބިދުޢައެއް ކަމުގަ އެވެ. މިއީ މިގޮތުގައިވާ ނަމާދެއް ކަމުގައި ފަހުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ ޙުއްފާޘުން ވިދާޅުވެފައިވެ އެވެ. އެ ޢިލްމުވެރިންގެ ތެރޭގައި أبو إسماعِيل الأنصاري، أبو بكر بن سمعاني، أبو فضل بن نَاصر، أبو فرج بن الجَوزِي، އަދިވެސް އެތަކެއް ޢިލްމުވެރިންނެއް ހިމެނެއެވެ. މިއީ ކުރީގެ ޢިލްމުވެރިން ޛިކުރުކޮށްދެއްވާފައިވާ އަޅުކަމެއް ނޫނެވެ. ސަބަބަކީ މިއަޅުކަން ދީނަށް ވަދެފައިވަނީ އެޢިލްމުވެރިންގެ ޒަމާންތަކަށް ފަހުގައެވެ. އެންމެ ފުރަތަމަ ފާޅުވެފައިވަނީ ހިޖުރައިން 400 އަހަރު ފަހުންނެވެ. އެހެންވުމުން ކުރީގެ ޢިލްމުވެރިން މިއަޅުކަމާ ބެހޭގޮތުން އެއްޗެއް ވިދާޅުވެފައެއްނުވެ އެވެ. އަދި މިއަޅުކަމާމެދުގައި އެއްޗެއް އެގޭކަށް ނެތެވެ.“
މި މާނާގައި ޢިލްމުގެ އަހުލުވެރިންގެ ފަރާތްޕުޅުން އެތަކެއް ބަސްފުޅުތަކެއް ނަޤުލުވެވިގެންވެ އެވެ.
ވުމާއެކު މި ބިދުޢަވެރި، އިސްލާމް ދީނުގެ ތެރެއަށް ވައްދާފައިވާ މަގުފުރެދުމުގެ ތެރޭގައި ހިމެނިފައިވާ މި ބިދުޢައިގެ މައްޗަށް ރައްކާރެތިވުން ހުއްޓެވެ.
މި މައްސަރާއި ގުޅިގެން ކުރެވޭ ޚާއްޞަ ނަމާދުތަކުގެ ތެރޭގައި ރަޣާއިބު ނަމާދޭ ކިޔައި ނަން ދެވިގެންވާ ނަމާދެއްވެ އެވެ.
ފަހެ، މި ނަމާދަކީ މާތް ނަބިއްޔާގެ މައްޗަށް ހަދާފައިވާ ބުހުތާނު ގޮދު ބަސްތަކެއްގެ މައްޗަށް ކުރެވޭ ޢަމަލެކެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި ކަމުގައި ރިވާވެގެންވެ އެވެ.
(لا تغفلوا عن أوَّلِ ليلةِ جمعةٍ في رجبَ فإنَّها ليلةٌ تسمِّيها الملائكةُ الرَّغائبَ)
”ރަޖަބު މައްސަރުގެ ފުރަތަމަ ހުކުރުވިލޭރޭގެ މަތިން ތިޔަބައިމީހުން ޣާފިލުނުވާ ހުއްޓެވެ. ފަހެ، ހަމަކަށަވަރުން އެ ރެއަކީ މަލާއިކަތްބޭކަލުން ރަޣާއިބުގެ ނަމުން ޛިކުރުކުރައްވާ ރެ އެވެ.“
މި ޙަދީޘްގެ މައްޗަށް އުއްމަތުގެ މުޙައްޤިޤުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭކަލުންގެ ބަސްފުޅުތަކަށް ބަލާއިރު އެބޭކަލުން ވިދާޅުވެފައިވެ އެވެ.
އިމާމް ابن الجَوزِي، އަލްޙާފިޟް ابن حجر އަދި އިމާމް ابن القيم رحمه الله ވިދާޅުވެފައިވެ އެވެ.
މިއީ ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގު ޙަދީޘެކެވެ.
موضوعات 2-124 تبيين العجب 35 المنار المنيف 76
އަދިވެސް الإِمَام ابن القَيِّم ވިދާޅުވެފައިވެ އެވެ.
”އަދި ހަމައެފަދައިން ރަޖަބު މަހުގެ އެންމެ ފުރަތަމަ ހުކުރުވިލޭރޭ ކުރާ ރަޣާއިބު ނަމާދުގެ މައްޗަށް ވާރިދުވެފައިވާ އެންމެހައި ޙަދީޘްތަކަކީ ރަސޫލާ ގެ މައްޗަށް ހަދައިފައިވާ (އެއްވެސް އަޞްލެއް އަސާސެއްނެތް) ބުހުތާން ދޮގެވެ.“
ވުމާއެކު މި ޘާބިތުކަމެއް ނުވާ، ބިދުޢައިގެ ޢަމަލުތަކުން ރައްކާތެރިވާންޖެހެ އެވެ.
އަދިވެސް މި މައްސަރާއި ގުޅިގެން ކުރުމަށް ބުނެފައިވާ ނަމާދުތަކުގެ ތެރޭގައި ހިމެނެ އެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި ކަމުގައި ރިވާވެގެންވެ އެވެ.
(من صلَّى بعدَ المغربِ أوَّلَ ليلةٍ مِن رجبٍ عِشرينَ رَكعةً جازَ على الصِّراطِ بلا حسابٍ) ”ރަޖަބު މައްސަރުގެ ފުރަތަމަ ވިލޭރޭމަޣްރިބް ނަމާދަށްފަހު 20 ރަކުޢަތް ކޮށްފިމީހާ، އެއްވެސް ޙިސާބެއް (ޙިސާބު ބެއްލެވުމެއްނެތި) ޞިރާތުމަގު ހުރަސް ކުރެވިދާ ހުއްޓެވެ.“
އިމާމް ابن الجوزي، އިމާމް ابن القيم އަދި އިމާމް الذهبي s ވިދާޅުވެފައިވެ އެވެ. މިއީ ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގު ޙަދީޘެކެވެ.
الموضوعات 2-434 المنار المنيف 77 ترتيب الموضوعات 161
ވުމުން، މި ނަމާދުވެސް އަދި ރަޖަބު މައްސަރަށް ނިޞްބަތްކޮށް ޚާއްޞަ ކުރެވިފައިވާ އެހެނިހެން ނަމާދެއްވެސް ނެތްކަން ދަންނަން ޖެހެ އެވެ. އެފަދަ އެންމެހައި ޢަމަލުތަކުން ދުރުވުމަށް ނަޞޭޙަތްތެރިވަމެވެ.
2. ރަޖަބު މައްސަރަށް ޚާއްޞަކޮށް ރޯދަ ހިފުން :
މި މައްސަރަށް ޚާއްޞަކޮށް، އެއީ ރަޖަބު މަހުގެ ވަކި ދުވަހަކަށް ވުމުން، ރަޖަބު މައްސަރުގެ ވަކި ހަފްތާއެއް ވުމުން ރޯދަ ހިފުމަށް ބުނެފައިވާ އެންމެހައި ބަސްތަކަކީ އެއްވެސް ޙުއްޖަތެއްނެތް އަދި އެއްވެސް އަސާސެއްނެތް ބިދުޢަވެރި ޢަމަލުތަކެވެ. ﷲ ތަޢާލާ ބާވައިލެއްވި ދީނުގައި ޝަރުޢު ކޮށްފައިވާ ޢަމަލެއް ނޫނެވެ.
ފަހެ، ރަޖަބު މައްސަރުގެ ކުރިންވެސް، ޢާދަވެ ރޯދަހިފާ މީހަކު ރޯދަ ހިފުމުގައި މަނާކަމެއް ނެތެވެ. ސަބަބަކީ އެއީ ރަޖަބްމަހުގެ ދުވަހަކަށް ނިޞްބަތްކޮށް ނުވަތަ ރަޖަބް މައްސަރަށް ޚާއްޞަ ކުރެވިފައވާ ޢަމަލެއް ކަމުގައި ނުވެ އެވެ.
މި މައްސަރަށް ޚާއްޞަކޮށް ރޯދަ ހިފުމާއި އަދި ރޯދަހިފުމުން ޘަވާބާއި ދަރުމަ ބޮޑުކަމަށް ވާރިދުވެފައިވާ އެންމެހައި ޙަދީޘްފުޅުތަކަކީ އޭގައި ޘާބިތުކަމެއް ނުވާ ބަސްފުޅުތަކެއްކަން ދަންނަ އެވެ. ޢިލްމުވެރިންވަނީ އެފަދަ ބަސްފުޅުތަކުގެ ޙަޤީޤަތް ބަޔާންކުރައްވާ އެކަމަށް ބަސްވިދާޅުވެފަ އެވެ.
ނަބިއްޔާ ﷺ ޙަދީޘް ކުރެއްވި ކަމުގައި ރިވާވެގެންވެ އެވެ.
(رجبٌ شهرٌ عظيمٌ يضاعفُ اللَّهُ فيهِ الحسناتِ فمن صامَ يومًا من رجبٍ فكأنَّما صامَ سنةً) ”ރަޖަބު މައްސަރަކީ މަތިވެރިވެގެންވާ މައްސަރެކެވެ. އެމައްސަރުގައި ކުރެވޭ ހެޔޮކަންތައްތައް އެތައް ގުނަތަކަށް އިތުރުވެގެންދެ އެވެ. ފަހެ، ރަޖަބު މައްސަރުގެ އެއްދުވަހު ރޯދަ ހިފައިފި މީހާ އެއް އަހަރު ރޯދަ ހިފި ފަދަ އެވެ.“
މި ރިވާޔަތުގެ މައްޗަށް އުއްމަތުގެ ބޮޑެތި ޢިލްމުވެރިންނާ އިމާމުންގެ ގޮތުގައި ފާޅުވި ބައެއް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމްابن العربي، އަލްޙާފިޟް ابن حجر އަދި އިމާމް الألباني s ވިދާޅުވެފައިވެ އެވެ. ”މިއީ ނަބިއްޔާގެ މައްޗަށް ހަދައިފައިވާ ދޮގު ޙަދީޘެކެވެ.“ عارضة الأحوذي 2-204 تبيين العجب 41 السلسلة الضعيفة 5413
މި މައްސަރުގައި ރޯދަހިފުމުގެ މައްޗަށް ޝައިޚުލް އިސްލާމް ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”ރަޖަބު މަހުގެ ރޯދަ ހިފުމަށް ޚާއްޞަކުރެވިފައިވާ އެންމެހައި ޙަދީޘްތަކަކީ ބަލިކަށި ރިވާޔަތްތަކެކެވެ. އަދި އެ އެންމެހައި ރިވާޔަތްތަކަކީ މީސްތަކުން ހަދާފައިވާ އެ ރިވާޔަތްތަކުގެ މައްޗަށް އަހުލުލް ޢިލްމުގެ އެއްވެސް ޢިލްމުވެރިޔަކު ޤަބޫލުކުރައްވާ ރިވާޔަތްތަކެއް ނޫނެވެ. އަދި މިރިވާޔަތްތައް ބަލިކަށިކަމުން ފަޟާއިލުލް އަޢުމާލުގައި ރިވާކުރުމެއްވެސް ނުވެ އެވެ. އެ އެންމެހައި ރިވާޔަތްތަކަކީ ބަޔަކު މީހުން ހަދާފައިވާ ދޮގު ރިވާޔަތްތަކެކެވެ.“
އަދިވެސް އިތުރަށް ވިދާޅުވެފައިވެ އެވެ. ”عُمَر بن الخَطَّاب رضي الله عنه ގެ އަރިއަހުން ރިވާވެގެންވެ އެވެ. ރަޖަބު މަހުގައި މީސްތަކުން ކެއުމާއި ބުއިމުގައި ދެމިތިބުމަށް މީސްތަކުންނަށް އަންގަވައެވެ. އަދި ވިދާޅުވި އެވެ. ”ތިޔަބައިމީހުން ރަޖަބުމަހާއި ރަމަޟާންމަހާ އެއްގޮތް ނުކުރާށެވެ.“
3. ރަޖަބު މައްސަރާ ދިމާކޮށް މަދީނާއަށް ޚާއްޞަކޮށް ޒިޔާރަތް ކުރުން :
ރަޖަބު މަހާ ދިމާކޮށް ގިނަ މީސްތަކުން މަދީނާއަށް ޒިޔާރަތްކުރެއެވެ. އަދި އެބައިމީހުން ދެކޭ ގޮތުގައި މިއީ ސުންނަތެކެވެ. އަދި މިޒިޔާރަތަށް އެބައިމީހުން ދީފައިވާ ނަމަކީ އައްރަޖަބިއްޔާއެވެ. މިއީ ޢިލްމުވެރިންގެ ފަރާތްޕުޅުން އެއްވެސް ގޮތަކަށް ޛިކުރުވެވިގެންވާ އަދި މިކަމުގެ މައްޗަށް އެއްވެސް އަޞްލެއް އޮތް ކަމެއް ނޫނެވެ. އެއްވެސް ޝައްކެއް ނުވާގޮތުގައި މަސްޖިދުއްނަބަވީ އަށް ޒިޔާރަތް ކުރުމަކީ އެންމެހައި ވަގުތު ތަކުގައި ކުރެވޭނެ ކަމެކެވެ. އެހެނަސް ވަކި މަހަކަށް ޚާއްޞަކޮށް ނޫނީ ވަކި ދުވަހަކަށް ޚާއްޞަކޮށް މިޢަމަލު ކުރާކަމުގައިވާ ނަމަ އެކަމަށް ޚާއްޞަވެގެންވާ ދަލީލެއް އޮންނަންޖެހޭނެއެވެ. ރަޖަބު މަހުގައި މިކަން ކުރުމަށް އެއްވެސް ދަލީލެއް އައިސްފައި ނުވެއެވެ. އެހެންވުމުން ރަޖަބު މަހުގައި الله އަށް ކުއްތަންވުމުގެ ގޮތުން ޚާއްޞަކަމެއްގެ ގޮތުގައި މިކަން ކުރުމަކީ ޝަރީޢަތުގައި އެކަމަށް ދަލީލެއް އައިސްފައިނުވާ އަދި ދީނަށް އަލަށް ވައްދާފައިވާ ބިދުޢައެއްކަން އެނގިދެ އެވެ.
4. ރަޖަބް މައްސަރަކީ އެމައްސަރުގައި އިސްރާއު ވަލް-މިޢުރާޖްގެ ޙާދިޘާ ހިނގައިދިޔަ މައްސަރު ކަމުގައި ބުނުމާއި، އިސްރާއި ވަލް-މިޢުރާޖްއާ ގުޅިގެން އެކިއެކި ޢަމަލުތައް ކުރުން :
ބައެއް ފޮތްތަކުގައި އަދި މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އިސްރާޢު ވަލް-މިޢުރާޖްގެ ޙާދިޘާ ހިނގަފައިވަނީ ރަޖަބު މައްސަރުގަ އެވެ.
އެހެނަސް ތާރީޚީ ގޮތުންނާއި އަދި އެހެނިހެން ގޮތްތަކުންވެސް މިއީ އެ މަައްސަރުގައި ހިނގި ޙާދިޘާއެއް ނޫންކަން އުއްމަތުގެ މުޙައްޤިޤުން ބަޔާންކުރައްވާފައިވެ އެވެެ.
ފަހުގެ ދުވަސްތަކުގައި އުއްމަތަށް ފާޅުވި އެންމެ ބޮޑެތި ސުންނަތުގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި الإِمَام العلامة العثيمين رحمه الله ވިދާޅުވެފައިވެ އެވެ.
ސުވާލު : އިސްރާ އާއި މިޢުރާޖްގެ ޙާދިޘާ އަކީ ރަޖަބް މަހުގެ 27 ގައި ހިނގާދިޔަ ޙާދިޘާއެއް ކަމުގައި ޘާބިތުވޭ ތޯ އެވެ؟
ޖަވާބު : ”ތާރީޚީ ގޮތުން މިކަން (ރަޖަބު މަހުގެ 27ގައި ހިނގިކަން) ޘާބިތެއް ނުވެ އެވެ. ފަހެ، އެކަމެއް ޘާބިތުނުވާ ކޮންމެ ކަމަކީ ބާޠިލް ކަމެއްގެ ގޮތުގައި ވާނެ އެވެ. އަދި ބާޠިލްގެ މައްޗަށް ބިނާވެގެންވާ ކޮންމެ ކަމަކީވެސް ބާޠިލް ކަމެކެވެ.“
مجموع الفتاوى 2-297
އަދިވެސް ވިދާޅުވެފައިވެ އެވެ. ”ވަރަށްވެސް ގިނަ މީހުންގެ ތެރޭގައި ނުވަތަ ގިނަމީހުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ الإِسْرَاء وَالمِعرَاج ހިނގައިދިޔައީ رَجَب މައްސަރުގަ އެވެ. އަދި އެ މައްސަރުގެ 27 ވިލޭރޭގަ އެެވެ. ފަހެ، މިއީ އެއްވެސް ގޮތަކަށް (އެއްވެސް ޙާލެއްގައި) ޞައްޙަވެގެންވާ ގޮތެއް ނޫނެވެ. މިކަމުގައި އެންމެ ފާޅުކަންބޮޑުވެގެންވާ ބަސްފުޅަކީ، الإِسْرَاء وَالمِعرَاج ހިނގައިދިޔައީ رَبِيْع الأَول މަހުގަ އެވެ. އެއަށްފަހު، ރަޖަބު މަހުގެ 27 ވަނަ ވިލޭރޭ ފާހަގަ ކުރުމަކީ އެއްވެސް އަޞްލެއް ނުވާ ބިދުޢަ އެކެވެ.“ لقاء باب المفتوح 217
5. ރަޖަބު މަހުގެ 27 ވަނަ ރޭގައި ބައެއް މީސްތަކުން ޚާއްޞަ ޙަފްލާއެއް ބާއްވަ އެވެ. އެބައިމީހުން ދެކޭ ގޮތުގައި އެއީ އިސްރާއާއި މިޢުރާޖުގެ ރެއެވެ. މިޙަފްލާތަކަށް ޚާއްޞަވެގެންވާ މަޥްޟޫޢުތަކުގައި ވާހަކަދެކެވެއެވެ. އަދި ޅެންބައިތުތައް ކިޔުމާއި އަދި މަދަޙަތައް ކިޔުމާއި މިކުރެވޭ އެންމެހައި ކަންތައްތަކަކީ ދީނުގައި ހެޔޮވެގެންވާ ޤަރުނުގެ އަހުލުވެރިން އެއްވެސް ގޮތަކަށް ކުރައްވާފައިވާ ކަންތައްތަކެއް ނޫނެވެ.
ޝައިޚުލް އިސްލާމް ابن تيمية رحمه الله ވިދާޅުވެފައިވެ އެވެ. ”އެއްވެސް މުސްލިމެއްގެ ފަރާތުން އިސްރާއާއި މިޢުރާޖުގެ ރެއަކީ އެހެން ރޭތަކުގެ މައްޗަށް މާތްކަން ލިބިގެންވާ ރެއެއްކަމުގައި ނުވެއެވެ. އަދި އެރެއަށް ޚާއްޞަވެގެންވާ އެއްވެސް ކަމެއް ލިބިގެންވާ ކަމުގައި ޞަޙާބީންނާ ތާބިޢީންނާއި އަދި އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބަޢަވީ އެކަކުވެސް ބުނެފައެއް ނުވެއެވެ. އަދި އެބައިމީހުން މިރެޔާ ބެހޭގޮތުން ޛިކުރެއްވެސް ނުކުރެއެވެ.“
އަދިވެސް ވިދާޅުވެފައިވެއެވެ. ”މިއީ އިސްރާއާއި މިޢުރާޖުގެ ރެއަކީ ކޮން ރެއެއްކަން އެނގުނު ކަމުގައި ވީނަމަވެސް އެވެ. އެއާއެކު މިރެޔާ މެދުގައި ވަނީ ޚިލާފް އުފެދިފައެވެ. މިރެޔަކީ ކަނޑައެޅިގެން ވަކި ރެއެއް ކަމުގައި ބުނެވޭނެ ދަލީލެއް ވާރިދުވެފައިނުވެއެވެ. އަދި އިސްލާމީ ޝަރީޢަތުގައި މުސްލިމުންނަށް އެއީ އިސްރާއާއި މިޢުރާޖުގެ ރޭކަމުގައި ނުވަތަ އެހެންވެސް ރެއެއްކަމުގައިވީ ނަމަވެސް އެރެއެއްގައި ކުރުމަށް ޝަރުޢުވެގެންވާ އެއްވެސް ކަމެއް ނުވެ އެވެ.“
الإِمَام العلامة العثيمين ވިދާޅުވެފައިވެ އެވެ.
ސުވާލު : އިސްރާ އާއި މިޢުރާޖްގެ ޙާދިޘާ ހިނގައިދިޔަ ރޭ ކަމުގައި ބުނެފައިވާ ރޭގައި އެއްވެސްގޮތަކަށް ފާހަގަ ކުރުމެއް ނުވަތަ އަޅުކަމެއް ކުރުންވޭ ތޯ އެވެ؟
ޖަވާބު : ”އެ ރޭ ފާހަގަ ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ އެވެ. އަދި އެއްވެސް އަޅުކަމެއް ކޮށްގެން ނުވާނެ އެވެ. ސަބަބަކީ އެއީ ނަބިއްޔާ ﷺ އަދި ނަބިއްޔާ ގެ ޞަޙާބީން އަރިހުން ޘާބިތުވެގެންވާ ކަމެއް ނޫނެވެ… އެ ރޭ މަތިވެރި ކުރުމަށް އަދި އެ ރޭ އިޙްޔާ ކުރުމަށް އެއްވެސް ކަމެއް ކުރުމެއް ނުވެ އެވެ.“ مجموع الفتاوى 2-297
ވުމާއެކު، މި މައްސަރަށް ޚާއްޞަކޮށް އެއްވެސް އަޅުކަމެއް އަދި އެއްވެސް ސިފައެއްގައި ޚާއްޞަ ޢަމަލެއް ކުރުމަކީ ދީނުގެ ތެރެއަށް ގެނެސްފައިވާ ބިދުޢަވެރި ޢަމަލެއްކަން ދަންނަ އެވެ. އެއީ، ﷲ އާއި އެކަލާނގެ ރަސޫލާ ބާވައިލެއްވި ދީނުގައިވާ ކަމެއް ނޫންކަމުގައި ދަންނަ އެވެ. މިފަދަ ބަސްތަކާއި ޢަމަލުތައް މީސްތަކުންނަށް ޒީނަތްތެރި ކުރާ އެންމެހައި ފަރާތްތަކުން އެކުއެކީގައި ދުރުވެ ވަކިވުން އެއީ އެންމެ ބޮޑު ވާޖިބުތަކުގެ ތެރެއިން ހިމެނިގެންވާ ޢަމަލެއް ކަމުގައި ދަންނަ އެވެ.
އަޅުތަކުން ދަންނާށެވެ! ރަސޫލުالله صلّى الله عليه وسلّم އަށް ޙަޤީޤަތުގައި ތަބަޢަވުމަކީ ރަސޫލުالله صلّى الله عليه وسلّم ޢަމަލުފުޅުން ކުރެއްވި ކަމެއް އެގޮތުގައި އަހަރެމެން ކުރުމުގައި ދެމިތިބުމެވެ. އަދި ރަސޫލުالله صلّى الله عليه وسلّم ދޫކުރެއްވި އެންމެހައި ކަންތައްތަކެއް އެގޮތުގައި އަހަރެމެން ދޫކުރުމެވެ. މިއިން އެއްވެސް ކަމަކަށް އިތުރުކޮށްފި ނަމަ، ނުވަތަ އެއްވެސް ކަމެއް އުނިކޮށްފި ނަމަ، ރަސޫލުالله صلّى الله عليه وسلّم އަށް ތަބަޢަވުމުގައި އޭނައަށް ލިބިގެންވާ ނަޞީބުން އޭނާއަށް އެމިންވަރަށް އެކަހެރިވެގެން ދެވުނީއެވެ. އަދިވެސް ދަންނާށެވެ! ދީނުގައިވާ ކަމެއް ދޫކޮށްލުމަށްވުރެ ދީނަށް އެއްޗެއް އިތުރަށް ގެނެސްގަތުން ނުބައިކަން ބޮޑުވެގެންވެއެވެ. ސަބަބަކީ އެއީ الله އާއި އެކަލާނގެ ރަސޫލާ صلّى الله عليه وسلّم ގެ މައްޗަށް ކުރިއަރައި ދިއުމެވެ. الله ވަޙީ ކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّهِ وَرَسُولِهِ وَاتَّقُوا اللَّهَ إِنَّ اللَّهَ سَمِيعٌ عَلِيمٌ﴾ [الحجرات: 1] ”އޭ އީމާންވެއްޖެ މީސްތަކުންނެވެ. الله އަށާއި އެކަލާނގެ ރަސޫލާގެ ހަޟުުރަތުގައި ތިޔަބައިމީހުން އެއްވެސް ކަމެއްގައި އިސްވެ ނުގަންނާށެވެ. އަދި ތިޔަބައިމީހުން الله އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން الله އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.“
ރަސޫލުالله صلّى الله عليه وسلّم އަރިއަހުން އެތައް ޙަދީޘްފުޅެއްގައި ސުންނަތަށް ތަބަޢަވުމަށް އަމުރުކުރައްވައި އަދި އެންމެހައި ބިދުޢައިގެ ވައްތަރުތަކުން ދުރުވެ ތިބުމަށް އިންޒާރު ދެއްވާފައިވެ އެވެ. އެގޮތުން الإمام أحمد މުސްނަދުގައި، އަދި الإمام ابن حبَّان ޞަޙީޙުގައި، އަދިވެސް އެހެނިހެން ޢިލްމުވެރިން العِربَاض بن سَارية رضي الله عنه ގެ އަރިއަހުން ރިވާކުރައްވާފައިވެ އެވެ.
صلى لنا رسول الله ﷺ الفجر ثم أقبل علينا فوَعَظَنا موعظةً بليغةً ذَرَفَت لها الأعين، ووجِلت منها القلوب، قلنا: يا رسول الله! كأنّ هذه موعظة مودِّع فأوصِنا، قال: (أُوصِيكم بتقوى الله والسمع والطاعة وإن كان عبدًا حبشيًّا، فإنّه من يعش منكم يرى بعدي اختلافًا كثيرًا، فعليكم بسنتي وسنة الخلفاء الراشدين المهديين فتمسّكوا بها وعضُّوا عليها بالنّواجذ، وإيَّاكم ومحدثاتِ الأمور فانَّ كلَّ محدثة بدعة، وإنَّ كل بدعة ضلالة) ”ރަސޫލާ ﷺ އަހަރެމެންނާއެކު ފަތިސްނަމާދު ކުރެއްވިއެވެ. އަދި އަހަރުމެންނާ ދިމާލަށް އެނބިވަޑައިގެންނެވުމަށްފަހު، އަޘަރުން ފުރިގެންވާ ވަޢުޟެއް ދެއްވި އެވެ. އެވަޢުޟުގެ ސަބަބުން ހިތްތަށް މަޑުމޮޅިވެ އަދި ލޯތަކުން ކަރުނަ އޮހޮރިގެން ދިއައެވެ. އެއީ އަހަރެމެން ދޫކުރައްވާ ވަޑައިގަތުމުގެ ކުރިން ދެއްވާ ވަޢުޟެއްކަމުގައި ހީކުރެވުނެވެ. އަހަރުމެން ދެންނެވީމެވެ. އަހަރެމެންނަށް ވަޞިއްޔަތް ކުރައްވާށެވެ. އެހިނދު ޙަދީޘްފުޅު ކުރެއްވި އެވެ. ”ތިޔަބައިމީހުން ﷲ އަށް ބިރުވެތިވުމަށް ވަޞިއްޔަތް ކުރަމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހަބުސްކަރައިގެ އަޅަކު ވެރިއަކަށް އައިކަމުގައި ވީނަމަވެސް އެވެރިޔާއަށް ކިޔަމަންވެ އަޑުއަހާށެވެ. ހަމަކަށަވަރުން ތިމަން ނަބިއްޔާއަށް ފަހުގައި ދިރިއުޅޭ ކޮންމެ މީހަކަށް އެތަކެއް ޚިލާފްތަކެއް ފެންނާނެއެވެ. ފަހެ ތިޔަބައިމީހުން ތިމަން ނަބިއްޔާގެ ސުންނަތުގައި އަދި ޚުލަފާއުއް ރާޝިދުންގެ ސުންނަތުގައި ހިފަހައްޓާށެވެ. އަދި އެސުންނަތުގައި ކޮލު ދަތްތަކުން ދަތް އަޅައިގެން ދެމިހުންނާށެވެ. އަދި ދީނަށް އަލަށް ގެނެވޭ އެއްމެހައި ކަންތައްތަކުން ދުރުހެލިވާށެވެ. ފަހެ އަލަށް ގެނެވޭ އެންމެހައި ކަންކަމަކީ ބިދުޢަތަކެވެ. އަދި ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.“
މިޙަދީޘްފުޅުގައި ޛިކުރު ކުރެވިގެންވާ (فإنّه من يعِش منكم يرى بعدي اختلافًا كثيرًا) ބަސްފުޅާ މެދު ވިސްނާލުން ހުއްޓެވެ. މިތަނުގައި އިޝާރާތް ކުރައްވާފައިވަނީ މިއުއްމަތުގެ ތެރެއަށް ޚިލާފްތައް މުސްތަޤްބަލުގައި ވަންނާނެ ކަމެވެ. އަދި މުސްތަޤްބަލުގައި އުއްމަތް ބައިބައިވެދާނެކަމެވެ. އަދި މިހުރިހައި ބައިބައިވުމަކުން އަދި ޚިލާފްތަކަކުން ސަލާމަތްކަން ލިބިދެނީ މަތިވެރިގެންވާ 2 އަމުރެއްގައި އަހަރެމެން ޤާއިމްވެތިބުންކަން ބަޔާންވެފައިވެއެވެ.
ފުރަތަމައީ؛ ރަސޫލުالله صلّى الله عليه وسلّم ގެ ސުންނަތުގައި ވަރުގަދަޔަކަށް އަހަރެމެން ހިފެހެއްޓުމެވެ. އެގޮތުން ޙަދީޘްފުޅު ކުރެއްވިއެވެ. (فعليكم بسنتي وسنة الخلفاء الراشدين المهديين)
ދެވަނައީ؛ ބިދުޢަތަކުން އެއްކިބާވެ އެއަށް އިންޒާރުދީގެން ހުރުމެވެ. އެގޮތުން ޙަދީޘްފުޅު ކުރެއްވިއެވެ. (وإيَّاكم ومُحدَثاتِ الأمور؛ فانَّ كلَّ محدثة بدعة، وإنَّ كل بدعة ضلالة) މިކަމުގެ ބޮޑުކަމާއެކު އަދި މީގެ އަހަންމިއްޔަތްކަމާއެކު އަދި މިކަން މީސްތަކުންނަށް ޟަރޫރީ ކަމެއް ކަމުގައި އެނގިދަނީ ރަސޫލުالله صلّى الله عليه وسلّم ކޮންމެ ހުކުރު ދުވަހެއްގެ ޚުޠުބާގައި މިގޮތަށް ތަކުރާރު ކުރައްވާފައިވި އެވެ. އެގޮތުން ޙަދީޘްފުޅު ކުރައްވައެވެ. (فإنَّ خير الحديث كتاب الله، وخير الهدي هدي محمّد صلّى الله عليه وسلّم، وشرّ الأمور مُحدَثاتها، وكلّ بدعة ضلالة)
ފަހެ، އަހަރެމެންގެ މައްޗަށް ވާޖިބުވެގެންވަނީ ރަސޫލުالله صلّى الله عليه وسلّم ގެ ސުންނަތުގައި ގަދައަޅައި އަހަރެމެން ދެމިތިބުމެވެ. އަދި އެ އަޘަރު ތަކުގެ މަތީގައި ތިބެ އެންމެހައި ބިދުޢަތަކާއި އެންމެހައި މަގުފުރެދުންތަކުން ހުރިހައި ގޮތްތަކުން އެކަހެރިވެ ތިބުމެވެ.
الله ގެ އަސްމާއުލް ޙުސްނާއިންނާއި އަދި މަތިވެރިވެގެންވާ ސިފަފުޅުތަކުން އަހަރެމެން ދަންނަވަނީ އަހަރެމެން ސުންނަތުގެ މަތީގައި ލެހެއްޓެވުމަށެވެ. އަދި އެސުންނަތުގެ މަތީގައި އަހަރެމެން މަރުގެންދެވުމަށެވެ. އަދި ހަވާނަފްސާއި ބިދުޢަތަކުން އަހަރެމެން އެކަހެރި ކުރައްވައި އެކަލާނގެ އަހަރެމެންނަށް ސަލާމަތްކަން ދެއްވުމަށެވެ.
وصلَّى الله وسلَّم على نبينا محمد.