ތުއްތުދަރިފުޅު ބޮޑުކަމު/ކުޑަކަމު ދިޔުމުން ސާފުކުރުމަކީ ވުޟޫ ގެއްލޭނެކަމެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ކުޑަ ދަރިފުޅު ޠާހިރު ކުރުމުން ވުޟޫ ގެއްލުމާއި މެދުގައި ބުނަމެވެ.
ފުރަތަމައީ :
ވުޟޫ ކޮށްގެން ހުރި މީހެއްގެ ހަށިގަނޑުގައި ނަޖިސް އުނގުޅުމުން ، އެގޮތުން ދަރި އުރައިގެން ހުއްޓާ އެ ދަރި ކުޑަކަމު ދިޔައީ އެވެ. އެހިނދު އެ ކުޑަކަމު ދިއުމުން ހަށިގަނޑުގައި އެ ޖެހުނު ނަޖިސް ޖެހޭނީ ފިލުވުމަށެވެ. އެ ގޮތުން އެތަން ދޮންނަން ޖެހޭނެ އެވެ. އެހެނަސް އެ ކުޑަކަމުދާ ތަކެތި ޖެހުމަކުން އެމީހެއްގެ ވުޟޫ ނުގެއްލޭނެ އެވެ.
މިތަނުގައި އެނގިގަތުން މުހިންމުވެގެންވާ މައްސަލައެއް ބަޔާން ކުރަމެވެ.
އެއީ، ހަމައެކަނި ގާތުން ކިރުބުއިމުގައިވާ ފިރިހެން ކުޑަ ކުއްޖާ އެވެ. އެ ކުއްޖާގެ ކުޑަކަމުދާ އެއްޗަކީ އޭގެ ނަޖިސްކަން ލުއިވެގެންވާ އެއްޗެކެވެ.
އެގޮތުން އެ ކުޑަކަމުދާ އެތި ޖެހުމުން އެތަނަކަށް ފެން ބުރުވާލުމުން ޠާހިރުވުމަށް ފުދޭނެ އެވެ.
އެހެނަސް ކިތަންމެ ކުޑަ ކަމުގައިވީނަމަވެސް އަދި ގާތުން ކިރުބޮއެ އުޅޭ އަންހެން ކުއްޖެއްނަމަ، އެ ކުދިންގެ ކުޑަ ކަމުދާ އެއްޗަކީ ނަޖިސް ލުއިވެގެންވާ އެއްޗެއް ނޫނެވެ. އެހެނަސް ބޮޑު މީހުންގެ ނަޖިސްތަކެއްޗާ ހަމަހަމަ އެއްފަދަވެގެންވެ އެވެ.
އެބަހީ، އޭގެ ނަޖިސްކަން ބޮޑުވެގެންވާ އެއްޗެކެވެ.
އިމާމް البخاري (223) އަދި مسلم (287) ނަބިއްޔާ . އަރިހުން ރިވާ ކުރެއްވިގެންވާ ޙަދީޘްގައިވެ އެވެ.
أُمِّ قَيْسٍ بِنْتِ مِحْصَنٍ الأَسَدِيَّةِ رَضِيَ اللَّهُ عَنْهَا: «أَنَّهَا أَتَتْ بِابْنٍ لَهَا صَغِيرٍ لَمْ يَأْكُلِ الطَّعَامَ إِلَى رَسُولِ اللَّهِ ﷺ فَأَجْلَسَهُ رَسُولُ اللَّهِ ﷺ فِي حَجْرِهِ، فَبَالَ عَلَى ثَوْبِهِ، فَدَعَا بِمَاءٍ فَنَضَحَهُ وَلَمْ يَغْسِلْهُ»
أُمِّ قَيْسٍ بِنْتِ مِحْصَنٍ الأَسَدِيَّةِ رَضِيَ اللَّهُ عَنْهَا ގެ އަރިހުން ރިވާވެގެންވެއެވެ: ހަމަކަށަވަރުން ކާން ނުފަށާ، އެ ކަމަނާގެ ތުއްތު ފިރިހެން ކުއްޖަކު ގޮވައިގެން، ރަސޫލު ﷲ ﷺ ގެ އަރިހަށް އެ ކަމަނާ ދިޔައެވެ. ފަހެ ރަސޫލު ﷲ ﷺ، އެކަލޭގެފާނުގެ އުނގުފުޅު މަތީގައި އެ ކުއްޖާ ބޭންދެވިއެވެ. ދެން އެކަލޭގެފާނުގެ ހެދުންކޮޅަށް އެ ކުއްޖާ ކުޑަކަމުދިޔައެވެ. ދެން ފެން ގެނައުމަށް އެކަލޭގެފާނު ގޮވާލައްވާ، އެ (ހަޑިވި ތަނަށް) ފެން ބުރުއްސަވާލެއްވިއެވެ. އަދި އެ ނުދޮންނަވައެވެ.
ވުމުން، ހަމައެކަނި ގާތުން ކިރު ބުއިމުގައިވާ ފިރިހެން ކުއްޖާގެ ކުޑަ ކަމުދާ ތަކެތި ލުއިވެގެންވެ އެވެ. އެހެނަސް އެ ޢުމުރުގެ އަންހެން ކުއްޖާގެ ކުޑަ ކަމުދާ ތަކެތި ލުއިވެގެން ނުވެ އެވެ.
ދެވަނައީ :
ކިތަންމެ ކުޑަ ޢުމުގައިވާ ދަރިއެއް ކަމުގައިވީނަމަވެސް، އެ ދަރިފުޅު ކުޑަކަމު ދިއުމުން ނުވަތަ ބޮޑުކަމު ދިއުމުން ޠާހިރު ކުރުމުގައި އެ ކުއްޖާގެ ޖިންސީ ގުނަވަނުގައި އަތް ބީހުނީ އެވެ.
މިޙާލަތުގައި ބީހުނު މީހާގެ ވުޟޫ ގެއްލޭނެ ކަމުގައި ބުނެފައިވާ ބުނުމަކީ، ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން އެންމެ ރައްކާތެރިކަން ބޮޑުވެގެންވާ ބަސްފުޅެވެ.
ވުމުން، ކުރިމަތި ފަރާތުގައި ނުވަތަ ފުރަގަސް ފަރާތުގައި އަތް ލައިފިހިނދު، އެމީހެއްގެ ވުޟޫ ގެއްލުނީ އެވެ.
މަދީނާގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة عبد المحسن العباد -حفظه الله – ވިދާޅުވެފައިވެ އެވެ.
”ކުރިމަތިފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި އަތުން ބީހުމުން ވުޟޫ ގެއްލޭނެ ކަމުގައި ބުނުމަކީ، މިއީ ޖުމްހޫރުންގެ ޤައުލެވެ.
އެއްވެސް ހުރަހެއްނުވާ ޙާލުގައި ބީހިއްޖެނަމަ މިކަމުގައި އޮތް ޞައްޙަ ޤައުލަކީ މިއެވެ.
އެއީ އަމިއްލަ ފަރުޖުގައި ނުވަތަ އެހެންމީހެއްގެ ފަރުޖުގައި ބީހުނަސްމެ އެވެ.
ދިރިހުރި ނުވަތަ މަރުވެފައިވާ ކުޑަކުއްޖެއް ނޫނީ ބޮޑުމީހެއް ވިޔަސްމެ އެވެ
. އެއީ بسرة بنت صفوان رضي الله عنها ނަބިއްޔާ ﷺ ގެފަރާތްޕުޅުން ރިވާކުރައްވާފައިވާ ޙަދީޘްގައިވާ ފަދައިންނެވެ. ”من مس ذكره فليتوضأ“ ”އެމީހެއްގެ ޒަކަރުގައި ބީހިއްޖެމީހާ ވުޟޫކުރާށެވެ.“ އިމާމް الترمذي (82) އަދި އެނޫންވެސް ޢިލްމުވެރިން މިޙަދީޘް ރިވާކުރައްވާފައިވެ އެވެ. الترمذي ވިދާޅުވެފައިއެވެ. މިއީ حديث حسن صحيح، އަދި إرواء الغليل (116) އަށް ބަލާށެވެ.
އަދި ސަޢުދީ އަރަބިއްޔާގެ ފަތުވާ ކޮމެޓީ اللجنة الدائمة للإفتاء (5/263-266) ގެ ފަތުވާ ނަންމަރގައި މިފަދައިން ބަޔާންކޮށް ޛިކުރު ކުރައްވާފައިވެ އެވެ..
ފަތުވާ ނަގާފައިވަނީ : شرح كتاب شروط الصلاة.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.