| |

الله ގެ ޙުކުމުން ޙުކުމް ނުކުރާ ކޮންމެ މީހަކު ކާފަރެއްގެ ގޮތުގައި ޙުކުމް ކުރުން

 بسم الله الرحمن الرحيم

الحمد لله و الصلاة و السلام على ر سول الله و على آله وصحبه ومن والاه :

أما بعد :

އެންމެ ފުރަތަމަ ނުކުތާއަކީ އަހުލުއް ސުންނަތުގެ އަހުލުވެރިން ކުފުރުގެ ޢަމަލާއި އަދި އެކަން ކުރާ މީހާއާ ތަފާތު ކުރާކަމެވެ. އެބަހީ ކުފުރުގެ ޢަމަލެއް ކުރާ ކޮންމެ މީހަކީ ކާފަރެއް ކަމުގައި ނުވާނެ ކަމެވެ.

(ދަންނަ ހުއްޓެވެ. މިއީ ޙައްޤު ސުންނަތުގެ އަހުލުވެރިންނަށް ﷲ ދެއްވާފައިވާ މާތް މަތިވެރި ތަޥްފީޤެކެވެ. އެހެނީ ޚަވާރިޖުންނާއި އެފަދަ ބާޠިލް ފިކުރުތަކުގެ އަހުލުވެރިން މިފަދައިން ފަރަޤު ނުކޮށް، ކުފުރުގެ ޢަމަލަށް އަރައިގަތް ކޮންމެ މީހަކު އެއްވެސް ތަފްޞީލެއް ބެލުމެއްނެތި ކާފަރު ކުރެ އެވެ. އަދި ޚަވާރިޖުންގެ ބަސްތަކުގައި ސުންނަތާއި، ސަލަފީންގެ މައްޗަށް ބުނާނެ އެވެ. ”އެއީ މުރުޖީންނެވެ.“ ”ކާފަރު ނުކުރާ“ ބައެކެވެ.) ޝައްކެތްވެސް ނެތެވެ. ސުންނީ ސަލަފީންނަކީ ކާފަރުވުމުގެ މައްސަލައަށްވެސް ތަފްޞީލުން، އެންމެހައި މިންގަޑުތަކުގެ މައްޗަށް ބަލައި އެކަން ކުރާ ޢަދުލާއި އިންސާފުގައިވާ ޞައްޙަ މަންހަޖުގެ އަހުލުވެރިންނެވެ.

މިކަމުގެ މައްޗަށް ކީރިތި ޤުރުއާނުގެ ދަލީލު ޛިކުރު ކުރަމެވެ. ﷲ ވަޙީ ކުރެއްވި އެވެ. (وَلَمَّا رَجَعَ مُوسَىٰ إِلَىٰ قَوْمِهِ غَضْبَانَ أَسِفًا قَالَ بِئْسَمَا خَلَفْتُمُونِي مِن بَعْدِي ۖ أَعَجِلْتُمْ أَمْرَ رَبِّكُمْ ۖ وَأَلْقَى الْأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُ إِلَيْهِ ۚ قَالَ ابْنَ أُمَّ إِنَّ الْقَوْمَ اسْتَضْعَفُونِي وَكَادُوا يَقْتُلُونَنِي فَلَا تُشْمِتْ بِيَ الْأَعْدَاءَ وَلَا تَجْعَلْنِي مَعَ الْقَوْمِ الظَّالِمِينَ) މާނައަކީ “ موسى ގެފާނު ކޯފާވެ، ހިތާމަކުރައްވާ حال، އެނަބިއްޔާގެ قوم ގެމީހުންގެ ގާތަށް ވަޑައިގަތްހިނދު، ވިދާޅުވިއެވެ. ތިމަންނަބިއްޔާ ތިޔަބައިމީހުންނާ ވަކިވެގެން ދިއުމަށްފަހު، ތިމަންނަބިއްޔާގެ ފަހަތުން ތިޔަބައިމީހުން ކުޅަކަންތަކުގެ ނުބައިކަމާއެވެ! ތިޔަބައިމީހުންގެ ވެރިއިލާހުގެ އަމުރުފުޅު އައުމަށް ތިޔަބައިމީހުން އަވަސްވެގަތީހެއްޔެވެ؟ އަދި އެނަބިއްޔާ (توراة ގެ) ފިލާތައް އުއްކަވައިލެއްވި އެވެ. އަދި އެނަބިއްޔާގެ أخ ގެ އިސްތަށިފުޅުގައި ހިއްޕަވައި އެނަބިއްޔާގެ އަރިހަށް ދަންމަވައިގެންނެވިއެވެ. އަދި (އެބަހީ: هارون ގެފާނު) ވިދާޅުވިއެވެ. މަންމަގެ ދަރިކަލުންނޭވެ! ހަމަކަށަވަރުން، قوم ގެމީހުން ތިމަން ނިކަމެތިކޮށްފޫއެވެ. އަދި އެއުރެން ތިމަން قتل ކުރުމާ ގާތްކޮށްފި އެވެ. ފަހެ، ތިމަންނަބިއްޔާއަށް ލިބިވަޑައިގެންނެވި ދެރަޔަށް عداوة ތެރިން އުފާކުރިޔަ ނުދެއްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާއެކުގައި، ތިމަން ނުލައްވާށެވެ!

އަޚާ އެވެ! މިތަނުގައި މިވަނީ ﷲ ގެ ކަލާމްފުޅު (އަހަރެމެންގެ އަތުގައި މިއަދު ޤުރުއާން އޮތް ފަދައިން، އެ ޒަމާނުގައި އޮތް ﷲ ގެ ކަލާމްފުޅު) ނަގައި އެއްލާލި ވާހަކަ އެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި ﷲގެ ކަލާމްފުޅު ލިޔެފައިވާ މުޞްޙަފެއް ފުރިހަމަ އިޚްތިޔާރާއި ބާރާއެކު އަހަރެމެންގެ ތެރެއިން މީހަކު އެއްލާލައިފިނަމަ، އެވާނީ ކުފުރުގެ ޢަމަލަކަށެވެ. އެހެނަސް މިޙާލަތުގައި މޫސާ عليه السلامއަށް ނިޞްބަތްކޮށް އެފަދައިން ނުބުނެވޭނެ އެވެ. އެހެނީ إغاثة اللهفان މި ފޮތުގައި ابن القيم ވިދާޅުވެފައިވާ ފަދައިން އެފަދައިން މޫސާ عليه السلام ކުރުމަށް މެދުވެރިވި ސަބަބަކީ އަމިއްލަ އިޚްތިޔާރާއި ބާރުން ބޭރުގައިވާ ރުޅީގެ ސަބަބުންނެވެ. އަދި މިފަދަ މިޘާލުތައް އަހަރެމެންގެ ޝަރީޢަތުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ފެނިފައިވެ އެވެ.

ދެވަނަ ނުކުތާ : އެއީ، އަހުލުއް ސުންނަތުގެ އަހުލުވެރިން ﷲ އާއި އެއިލާހުގެ ރަސޫލާ އެއީ ކުފުރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮންމެ ކަމަކީ ކާފަރުވާނެ ކަމެއް ކަމުގައި ޤަބޫލު ކުރެ އެވެ. އެގޮތުން އިސްލާމް ދީން ނަފީ ކުރާ ކަންތައްތައް ވަރަށްގިނަވެގެންވެ އެވެ.

އެހެނަސް އޭގެ ތެރެއިން އެންމެ ނުރައްކާތެރި ކަންތަކީ ނަވާޤިޟުލް-އިސްލާމް މިފޮތުގައި شيخ الإسلام محمد بن عبد الوهاب -رحمه الله- ޛިކުރު ކުރައްވާފައިވާ ދިހަ ކަމެވެ. އޭގެ ކޮންމެ ކަމެއްގެ މައްޗަށް ދަލީލުތައް ގެނެސްފައިވެ އެވެ. އެފޮތުގެ ދިވެހި ތަރުޖަމާ މި ސުވާލުގެ ޖަވާބާއި އެކު ހިމަނާލާނަމެވެ.

ތިންވަނައީ : މި ފަދައިން ވަކި ޢަމަލަކީ ކުފުރު ކަމުގައި ކަނޑައަޅައިފައިވާ، ޢިލްމުވެރިން ވިދާޅުވެފައި ހުންނަ ބަސްފުޅުތައް، އެ ބަސްފުޅުތަކުގެ މައްޗަށް އެއްވެސް ޤަވާޢިދުތަކެއް ނެތި، ނެގުން ހުއްދަ ނުވާނެ އެވެ. (އަޚާ އެވެ! މިއީވެސް ޚަވާރިޖު ފިކުރުތަކާއި ސުންނަތުގެ އަހުލުވެރިން ވަކިވެގެންވާ ސިފަ އެކެވެ. އާޔަތް، އޭގެ ދެލިގަނޑު ކިޔުމަށްފަހު ވަޤުތުން ކާފަރެއްކަމުގައި ޚަވާރިޖުން ބުނާނެ އެވެ. ތަފްޞީލެއް، އޭގެ ޙައްޤު ފަހުކަމަށް ނުދާނެ އެވެ.)

އެހެނީ، އެފަދައިން އެކަން ކުރަންވާނީ ފުރިހަމަ ވާންޖެހޭ ޝަރުތުޠައް ފުރިހަމަ ވުމުގެ އިތުރުން ނަފީވާންޖެހޭ ކަންތައް ނަފީވެގެންނެވެ.

އެގޮތުން ފުރިހަމަ ވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި އެކަމަކީ ޝައްކެތްނެތް މިންވަރަށް ކުފުރުވާނެ ޢަމަލެއްކަމަށް ޔަޤީންވާން ޖެހެ އެވެ.

މާނައަކީ އެކަމަކީ އޭގައި 2 ގޮތެއް، 2 ފަހުމެއް، 2 ގޮތަކަށް ނުކުރެވޭނެ ޢަމަލެއް ކަމުގައި ވުމެވެ. މިކަމުގެ މީޘާލެއްގެ ގޮތުގައި އަޚާއަށް އޮޅުން ފިލުވައިދިނުމަށް ބުނަމެވެ.

ﷲ ގެ ޙުކުމަށް ޙުކުމް ނުކުރާ މީހާއަކީ ކާފަރެއްކަމުގައި ޤުރުއާނުގައިވެ އެވެ. (وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ ) ”ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާ މީހާ ދަންނާށެވެ! ފަހެ، އެބައިމީހުންނީ ހަމަ ކާފަރުންނެވެ.“

ފަހެ، މުޖައްރަދު މިވަޙީބަސްފުޅު ނަގައި އެ ޢަމަލު ކުރާ ވެރިން ކާފަރުކުރުމުގައި ”ޚާރިޖީ-ޚަވާރިޖް“ ފިކުރު އުފުލުމުގައިވާ ފަރާތްތައްވެ އެވެ. އެހެނަސް ޞަޙާބީން، ތާބިޢީން، ސުންނަތުގެ އަހުލުވެރިން ޤާއިމްވެފައިވަނީ އެއީ ތަފްޞީލުއޮތް މައްސަލައެއް ކަމުގަ އެވެ. ފަހެ، ތަފްޞީލުއޮތް މައްސަލައެއް ކަމުގައިވެއްޖެހިނދު، މުޖައްރަދު ޢަމަލު ކުރާ ކޮންމެ މީހަކު ކާފަރު ނުވާނެ އެވެ. އަދި ކާފަރުކޮށްގެންވެސް ނުވާނެ އެވެ.

ޚަވާރިޖުން މި އާޔަތްތަކުގެ ޙަޤީޤީ މާނަ އޮޅުވާފައިވާކަން ބަޔާންކޮށްފައިވަނީ އުއްމަތުގެ އެންމެ ކުރީގައި ވަޑައިގެންނެވި ރައްބާނިއްޔަ އިމާމުންނާއި ޢިލްމުވެރިންނެވެ. ބޭރުފުށަށް ފެންނަ ފެނުމުގައި ﷲ ގެ ޙުކުމަށް ޙުކުމް ކުރާކަން ފެނުނަސް އަދި އެފަދައިން ދޭހަވި ކަމުގައިވީނަމަވެސް އެމީހާގެ ހިތުގައި، އިޢުތިޤާދުގައި ޤަބޫލުކުރާ ގޮތް އެނގުމަށް ފަހުގައި މެނުވީ އެމީހެއްގެ މައްޗަށް ކުފުރުގެ ޙުކުމް ޖެހުމަކީ ”ޚަވާރިޖު، ޙައްދުފަހަނައަޅައިފައިވާ“ ފިކުރެކެވެ.

الإِمَام أبو بكر الآجري -رحمه الله- ވިދާޅުވެފައިވެ އެވެ. ”އަލް-ޙަރޫރިއްޔާއިން (ޚަވާރިޖުން) ތަބަޢަވާ މުތަޝާބިހުގެ ތެރެއިން ﷲ ތަޢާލާގެ ވަޙީ ބަސްފުޅު (ومن لم يحكم بما أنزل الله فأولئك هم الكافرون) ”ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ނުކުރާ މީހާ (ދަންނައެވެ!) ފަހެ، އެބައިމީހުންނީ ކާފަރުން ނެވެ.“  އަދި އެއާ އެކު މިއާޔަތް ( ثم الذين كفروا بربهم يعدلون ) ”އެބައިމީހުންގެ ވެރިއިލާހުއާ، އެހެންތަކެއްޗާ ހަމަހަމަކޮށް ޝަރީކު ކުރެތެވެ.“ ކިޔަތެއެވެ. ހައްޤާއި ޚިލާފަށް ޙުކުމް ކުރި ވެރިއެއް (އިމާމެއް) އެބައިމީހުންނަށް ފެނިއްޖެ ހިނދު، އެމީހަކު ކާފަރުވެއްޖެ ކަމުގައި ބުނެތެވެ.“ الشريعة 1/ 31

މިއީ ހިޖުރައިން 360 ގައި ދުނިޔެ ދޫކުރެއްވި އިމާމެއްގެ ބަސްފުޅެވެ. ފަހެ، ޙައްޤާއި ޚިލާފަށް ޙުކުމް ކުރި ކޮންމެ މީހަކަށް، އޭގެ ތަފްޞީލަށް ބެލުމެއްނެތި ކާފަރު ކުރާ މީހުންނަކީ ޚަވާރިޖުންގެ މަޛްހަބު ހޯދާފައިވާ ތަކްފީރީ ޢަޤީދާ އެވެ.

ވުމުން، ތަފްޞީލުން ބަލައި، ހޯދައި، އެމީހާގެ ޤަޞްދާއި އަދި ޢަމަލަށް ބަލަން ޖެހޭނެ އެވެ.

الإمام ابن القيم ވިދާޅުވެފައިވެ އެވެ ”ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ނުކުރުމުގެ ތެރެއަށް 2 ކުފުރު، ކުޑަ ކުފުރާއި ބޮޑު ކުފުރު ވަންނާނެ ކަމުގައި (ބުނުމަކީ) ޞައްޙަ ބުނުމެވެ. އެއީ ކޮން ކުފުރެއްކަން ކަނޑައެޅޭނީ ޙާކިމާގެ ޙާލަތަށް ބެލުމަށްފަހުގަ އެވެ. އެ ކަމެއްގައި ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ކުރަން ވާޖިބުވެގެންވާކަން ޤަބޫލުކުރުމާއި އެކު އެހެނަސް އުރެދުމުގެ ގޮތުން އެ ޙުކުމް ދޫކޮށްލީ އޭނާއަށް ޢުޤޫބާތް ޙައްޤުވެގެންވާކަމަށް އިޢުތިރާފްވާ ޙާލުގަ އެވެ. ފަހެ، މިއީ ކުޑަ ކުފުރެވެ.

އޭނާ ޤަބޫލުކުރަނީ (ﷲ ގެ ޙުކުމަށް ޙުކުމްކުރުން) ވާޖިބެއް ނުވާކަމާއި އެކަމުގައި އޭނާއަށް އިޚްތިޔާރު ލިބިގެންވާކަމެވެ. އެއީ ﷲގެ ޙުކުމް އޭނާއަށް ޔަޤީންވުމާއެކުގަ އެވެ. ފަހެ، މިއީ ބޮޑު ކުފުރެވެ.

އެހެނަސް އޭނާ އޭގެ މައްޗަށް ޖާހިލުވެ، ނޭނގި ކުށް ކުރީ އެވެ. ފަހެ، މިއީ ކުށްކޮށްފައިވާ މީހެއްކަމުގައިވެ، ކުށަކަށް އަރައިގަނެފައިވާ މީހުންގެ ޙުކުމްގެ ތެރެއަށް އޭނާ ވަންނާނެ އެވެ.“مدارج السالكين 1-337

އަޚާ އެވެ! މިފަދައިން އާޔަތް ތަފްޞީލީ މާނައިގައި ތަފްޞީރު ކުރައްވާފައިވަނީ އުއްމަތުގެ އެންމެ ބޮޑެތި އިމާމުންނެވެ. އެ ގޮތުން ޙުއްޖަތާއި ޤާރީނާއަކަށް ޤުރުއާނުގެ ”ތަރުޖަމާ ވެރިޔާގެ“ ލަޤަބް ލިބިވަޑައިގެންނެވި ޞަޙާބީ عَبد الله بن عَبَّاس -رضي الله عنهما- އެފަދައިން ތަފްސީރުކޮށްފައިވުން ޙުއްޖަތަކަށް ފުދެ އެވެ. އަދި އެއަށްފަހުގައި ޖީލަކަށްފަހު ޖީލެއް މިއަދާ ހަމައަށްވެސް އެފަދައިން އެ އާޔަތް ތަފްޞީލުކޮށް ޙުކުމް ޛިކުރު ކުރައްވަ އެވެ.

العَلاَّمَة ناَصِر السَّعْدِي -رحمه الله- ވިދާޅުވެފައިވެ އެވެ. ”ﷲބާވައިލެއްވި ޙުކުމް ނޫން ޙުކުމަށް ޙުކުމް ކުރުމަކީ ކުފުރުގެ އަހުލުވެރިންގެ ޢަމަލުތަކުގެ ތެރެއިން ހިމެނިގެންވާ ޢަމަލެކެވެ. ބައެއްފަހަރު (ޙުކުމް ކުރާ ޙާލަތުގެ ގޮތުން) މިއްލަތުން ބޭރުވާނެ ކުފުރެއް ކަމުގައިވެ އެވެ. އެއީ، އެކަން ޙަލާލުކޮށްފި އަދި ހުއްދަކޮށްފި ހިނދުގަ އެވެ. އަދި ބައެއްފަހަރު އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެއްގެ ގޮތުގައިވެ އެވެ. އަދި (މިއްލަތުން ބޭރުނުވާ) ކުފުރުގެ ޢަމަލުތަކުގެ ތެރެއިންވެ، އެފަދައިން ޢަމަލުކޮށްފި މީހަކަށް ގަދަފަދަ ޢަޛާބު ޙައްޤުވެގެންވާ ފަރާތެއްގެ ގޮތުގައިވެ އެވެ. (وَمَنْ لَمْ يَحْكُم بِمَا أَنْزَلَ اللهُ فَأُوْلَئِكَ هُمُ الكَافِرُوْنَ) ”ﷲ ބާވައިލެއްވި ޙުކުމަށް ޙުކުމް ނުކުރާ މީހާ (ދަންނައެވެ!) ފަހެ، އެބައިމީހުންނީ ކާފަރުން ނެވެ.“

ابن عَبَّاس رضي الله عنه ވިދާޅުވެފައިވެ އެވެ. كُفر دون كُفر (އެބަހީ : ބޮޑު ކުފުރާ ހަމައަށް ނުފޯރާ ކުޑަކުފުރެކެވެ.) އަނިޔާވެރި އެހެނަސް މިއްލަތުން ބޭރުވާނެ އަނިޔާއެއް ނޫނެވެ. ފާސިޤް އެހެނަސް މިއްލަތުން ބޭރުވާނެ ފިސްޤް އެއް ނޫނެވެ. އެކަން ޙަލާލުކޮށްފިހިނދު އެއީ މިއްލަތުން ބޭރުވާނެ ظُلم އެއް ކަމުގައިވެ އެވެ. އަދި ޙަލާލު ނުކޮށް އެ ޢަމަލުކޮށްފިހިނދު އެއީ ބޮޑުވެގެންވާ ފާފައެކެވެ.“ تيسير الكريم الرحمن 2-296، 297

މިދަނޑިވަޅުގައި ބުނަމެވެ. ހަމައެފަދައިން މި ބާބަކީ މެދުމިނުގައި ހިފަހައްޓަން ޖެހޭ ބާބެކެވެ. ޙައްދުފަހަނައަޅައި ގޮސްގެންވެސް ނުވާނެ އެވެ. ހަމައެފަދައިން ﷲ އާއި ރަސޫލާ އެކަމަކީ ޝައްކެތްވެސް ނެތް މިންވަރަށް ކުފުރުވާނެ ކަމެއް ކަމުގައި ކަނޑައަޅާފައިވާ ކަންތައްތައް ކަމުގައިވާ ކަމެއް، މިޘާލަކަށް ﷲ އާއި ރަސޫލާއަށް ބަދުބަސް ބުނުން، މިފަދަ މީހާ ކާފަރެއް ކަމާމެދުގައި ޝައްކެތްވެސް ނެތެވެ. އަދި މިފަދައިން ޢަމަލުކުރި މީހާ ކާފަރު ނުކުރާ މީހާވެސް ވަނީ ބޮޑުވެގެންވާ ނުރައްކަލެއްގަ އެވެ.

އަޚާ އެވެ! ތަފްޞީލުތައް އޮތް ކަމެއް ތަފްޞިލަށް ދާން ޖެހެ އެވެ. އެއީ، ﷲ އާއި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ދޮގުހަދާ ބައެއްގެ ގޮތުގައި ނުވުމަށެވެ. އެހެނީ ކާފަރު ވާނެ ކަންތައްތަކާއި ނުވާނެ ކަންތައްތަކަކީ ދަލީލެއްގެ މައްޗަށް ނޫނީ ނުނިންމޭނެ ކަންތައްތަކެވެ. ވުމާއެކު ޢިލްމީ ގޮތުން ޤާބިލުކަން ނެތް މީހުން، މިބާބުގައި ވާހަކަ ދެއްކުމެއްނުވެ އެވެ.

ހަމައެފަދައިން އެމީހަކު އެކަމެއް ކުރީ ޤަޞްދުގައި ކަމުގައިވާންޖެހެ އެވެ. ހަމައެފަދައިން ފުރިހަމަ އިޚްތިޔާރާއި އެކީގައި އެއްވެސް މަޖްބޫރުކަމެއްނެތިތޯވެސް ބަލަން ޖެހެ އެވެ. ހަމައެފަދައިން ނަފީވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ޖާހިލުކަން ހިމެނެ އެވެ.

ތެދެކެވެ! އެއްވެސް މުސްލިމަކު ޢުޛުރު ނުދެވޭނެ ކޮންމެ މުސްލިމަކަށް އިނގެންޖެހޭ ކަންތައްތައް ހުންނާނެ އެވެ. މިޘާލަކަށް ދުޢާ ކުރަންޖެހޭނީ ﷲ އަށް އެކަނި ކަމެވެ. އެހެންކަމުން މިކަމުގައި ބުނެވޭނެ އެންމެ ޞައްޙަ ބަހަކީ ޖާހިލުކަމަށްބުނެ، ޢުޛުރު ދައްކާ ކޮންމެ މީހެއްގެ ދަޢުވާ ފަހަރެއްގައި ޤަބޫލުކުރަން ދަތިވިޔަސް ޖާހިލުކަން ޘާބިތުވެއްޖެނަމަ، އެމީހަކު ވާނީ ޢުޛުރުވެރިވެގެންނެވެ.

އެއީ ކިތަންމެ އާދައިގެ ކަމެއް ކަމުގައިވީީނަމަވެސް އެވެ. އެހެނީ ބައެއް މުޖުތަމަޢުތަކުގައިވުން އެކަށީގެންވެ އެވެ. ފަހެ، ބައެއް ވަލީވެރިން ކަމުގައި ދަޢުވާކުރާ މީސްތަކުން ތަޥްޙީދަކީ އެއީ ޝިރުކު ކަމުގައި ހަދައި އަދި ޝިރުކު އެއީ ތަޥްޙީދުކަމުގައި ހަދައި އޮޅުވާލަ އެވެ.

ހަމައެފަދައިން ކުފުރުގެ ޢަމަލެއް ކަމުގައި އެނގުނު ކަމުގައިވީނަމަވެސް އެމީހެއްގެ ނަފްސަށް ދިމާވެފައިވާ ޙާލަތަކާއި ގުޅިގެން ހަނދާންނެތި ނުވަތަ ޣާފިލްވާ ޙާލުގައި މީހަކަށް ކުރެވުނުކަން ޘާބިތުވެއްޖެނަމަވެސް އެމީހަކު ކާފަރު ކުރުމެެއް ނުވެ އެވެ. ހަމައެފަދައިން އޮޅިގެން ކުށެއްގެ ގޮތުގައި ކުރެވޭ މީހާވެސް މެ އެވެ.

އެހެނީ ދޫއޮޅިގެންވެސް މީހަކަށް ކުފުރުގެ ބަހެއް ބުނެވިދާނެ އެވެ. އެފަދަ މިޘާލަކީ އަންނަނިވި ޙަދީޘެވެ. ދުލުންވަނީ ކުފުރުގެ ބަސް ބުނެފަ އެވެ. އެހެނަސް އެއީ ވީ އުފަލެއްގެ ބޮޑުކަމާއިއެކު ދޫއޮޅިގެންނެވެ.

أنس بن مالك رضي الله عنه ވިދާޅުވި އެވެ. رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. ”ތިޔަބައިމީހުންގެ ތެރެއިން މީހަކު، ހަނަފަސް ބިމެއްގައި ސަވާރީއެއްގެ މަތީގައިވެ، އެ ސަވާރީގެ މަތީގައި އޭނާގެ ކާތަކެއްޗާއި ބުއިން ވަނިކޮށް، އެ ސަވާރީ ގެއްލި، އެ ސަވާރީ ފެނުމުގެ ހުރިހައި އުއްމީދެއްކެނޑި އޭނާ ގަހެއްގެ ހިޔަލުގެ ދަށުގައި އޮށޯވެ އޮންނަނިކޮށް، (ކުއްލިހަކަށް) އޭނާގެ ގާތުގައި އެ ސަވާރީވަނިކޮށް އޭނާއަށް ފެނުނެވެ. އަދި އޭގެ ލަގަނުގައި ހިފަހައްޓައިގެން ހުރެ، ވީ އުފަލެއްގެ ބޮޑުކަމުން ދޫ އޮޅިގެން ”ﷲ އެވެ. ތިޔަފަރާތަކީ އަހަރެންގެ އަޅާ އެވެ. އަދި އަހަރެންނަކީ ތިޔަފަރާތުގެ އިލާހެވެ.“ މިފަދައިން ބުނެވުމެވެ. ހަމަކަށަވަރުން ﷲ ގެ ޙަޟުރަތަށް އަަޅަކު ތަޥްބާވުމުން، މިއަށްވުރެ ބޮޑަށް ﷲ އެކަމާ އުފާވެވޮޑިގަންނަވަ އެވެ.“

ހަމަ އެފަދައިން ޝުބުހައެއް ނުވަތަ ފާސިދު ތައުވީލެއްގެ މައްޗަށް ނުވަޔަ ދަލީލަކަށް ނުވާ ދަލީލެއް ދަލީލަކަށް ހެދުމުގެ ސަބަބުންވެސް ކުފުރަށް މަގުފަހިވާފަދަ މަގުފުރެދުންތަކަށް ވެއްޓިގެންދިއުން އެކަށީގެންވެ އެވެ.

މިފަދަ މީސްތަކުންނަށް އޮތީ ބަޔާން ކޮށްދިނުމެވެ. ހަމަ އެފަދައިން ގިނަ ފަހަރަށް މީހަކަށް ނިސްބަތް ކުރެވޭ ބަހެއް އޭނާގެ މައްޗަށް ޘާބިތުނުވުންވެސް އެކަށީގެންވެ އެވެ.

ހަތަރުވަނަ ނުކުތާ އަކީ : ކާފަރު ކުރުމުގެ ނުރައްކާތެރިކަން ބަޔާންކޮށްދިނުމެވެ. ޙަދީޘްގައިވެ އެވެ. مَن قال لأخيه يا كافرُ فقد باء بها أحدُهما ”މީހަކު އޭނާގެ އަޚާއާ ދިމާލަށް އޭކާފަރު އޭ ބުނެފިހިނދު ދެމީހުންކުރެ އެކަކު އެ ފާފަ އުފުލާނެ އެވެ. (އެބަހީ : އެ ޙުކުމް އެފަދައިން ބުނެވުނު މީހާއަށް ޙައްޤު ނުވެއްޖެހިނދު އަނެކާ އެ ފާފަ އުފުލަން ޖެހޭނެ އެވެ.)“

الإمام مُحمد بن عَلي الشَّوكَانِي -رحمه الله- ވިދާޅުވެފައިވެ އެވެ. ”މުސްލިމަކު އިސްލާމް ދީނުން ބޭރުވެ، ކުފުރުގެ ތެރެއަށް ވަދެއްޖެ ކަމުގައި ޙުކުމްކުރުމަކީ ﷲ އާއި ޤިޔާމަތް ދުވަހަށް އީމާންވެގެންވާ މީހަކަށް، ދުވާލުގެ އިރަށްވުރެ ބޮޑަށް ފާޅުވެ ޞަރީޙަވެގެންވާ ބުރުހާނަކުން މެނުވީ އެކަން ކުރުމަށް ކުރިމަތިލުން އެދެވިގެންވާ ކަމެއް ނޫނެވެ.

ފަހެ، ހަމަކަށަވަރުން ޞަޙާބީންގެ ތެރެއިން ގިނަ ޢަދަދެއްގެ ޞަޙާބީން ރިވާކޮށްފައިވާ ޞައްޙަ ޙަދީޘްތަކުގައިވެ އެވެ. އޭނާގެ އަޚާއާ ދިމާލަށް ’އޭ ކާފަރެވެ! ‘މިފަދައިން ބުނެފިހިނދު އެ ދެމީހުންގެ ތެރެއިން އެކަކުގެ މައްޗަށް އެކަން ރުޖޫޢަވާނެ އެވެ. މިފަދައިން ޞަޙީޙު އަލް-ބުޚާރީގެ ލަފްޒުގައިވެ އެވެ.

އަދި ޞަޙީޙައިންގައި (ބުޚާރީ އާއި މުސްލިމްގެ) އެހެން ލަފްޒެއްގައިވެ އެވެ. ”މީހަކަށް ކާފަރަށް ގޮވައިމީހާ ނުވަތަ ﷲގެ ޢަދުއްވޭ ގޮވިހިނދު އެއީ އެފަދަ މީހެއްކަމުގައި ނުވެއްޖެހިނދު، އެބަސް ބުނި މީހާއަށް ރައްދުވާނެ އެވެ.“

މާނައީ : އަނބުރައި އޭނާއަށް އެބަސް ރައްދުވާނެ ކަމެވެ. މިފަދައިން ވާރިދުވެފައިވާ ދަލީލުތަކުން ކާފަރުކުރުމަށް އަވަސްއަރައިގަތުމުގެ މައްޗަށް ބޮޑުވެގެންވާ ނަޞޭޙަތެއް އަދި އެފަދައިން ކޮށްގެން ނުވާނެކަމެއްގެ ގޮތުގައި މަނާކުރެއްވިގެންވެ އެވެ.“ السبيل الجرار 4-578

އަޚާ އެވެ! ވުމުން ޙައްޤު ނުވާ ފަރާތަކަށް ކުފުރުގެ ޙުކުމް ކުރެވިދާނެ ކަމުގެ މައްޗަށް ބިރުވެތިވުން ނުވޭ ހެއްޔެވެ؟ ﷲ ގެ ދީނުގައި ﷲ ކަނޑައަޅުއްވާފައިވާ ޙުކުމެއް ނޫން ގޮތުގައި ޙުކުމް ކުރުން އެއީ މިފަދަ ނުބައި ޢަމަލެއް ކަމުގައިވާހިނދު، ތިމާއަށް އެފަދަ ޢަމަލަކަށް އަރައިގަނެވިދާނެ ކަމުގެ މައްޗަށް ނަފްސަށް އިންޒާރު ލިބިގަތުން ނުވޭ ހެއްޔެވެ؟

”ﷲ ގެ ޙުކުމަށް ޙުކުމް ނުކުރާ މީހަކީ ކާފަރެއް“ މިފަދައިން ބުނާހިނދު، ޙަޤީޤަތުގައި ތަފްޞީލަށް ބެލުމެއްނެތި، މުޖައްރަދު ﷲ ގެ ޙުކުމަށް ނޫން ޙުކުމަށް ޙުކުމް ކޮށްފި މީހާ ކާފަރު ކުރުމަކީވެސް، ﷲ ގެ ޙުކުމަށް ޙުކުމް ކުރުމެވެ.

ސަބަބަކީ، ތަފްޞީލަށް ބަލައި، ޙުކުމް ކުރުމަށް ޝަރީޢަތުގައި ކަނޑައެޅިފައިވާހިނދު އެމީހަކު އެވަނީ ތަފްޞީލަށް ބެލުމެއްނެތި، ﷲ ގެ ޝަރީޢަތުގެ މުރާދާއި ޚިލާފްއަށް ޙުކުމްކޮށް އޭނާގެ ދަޢުވާގެ ތެރެއަށް އޭނާ އެވަނީ ވެއްޓިފައި ނޫން ހެއްޔެވެ؟

މި ފިތުނައާއި ފަސާދަ މިއަދު އުއްމަތުގެ ތެރެއަށް ވައްދާފައިވާ ޚަވާރިޖުންގެ ޢަމަލުތަކުގެ ޙަޤީޤަތް ބާޠިލު ޢަމަލެއްކަން ބަޔާން ކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عَبد العَزِيز بن عَبد الله بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.

”ﷲ ގެ ޙުކުމަށް، ޙުކުމް ނުކުރާ މީހާ، 4 ބައިގެ ތެރެއިން ކޮންމެވެސް އެއްބައެއްގެ ތެރެއަށް ވަންނާނެ އެވެ.

ފުރަތަމައީ : އެމީހަކު ބުނެ އެވެ. އަހަރެން މިއަށް (މީސްތަކުން އަމިއްލައަށް ހަދައިފައިވާ ވަޟުޢީ ޤާނޫނަށް) އަހަރެން ޙުކުމް ކުރާނަމެވެ. ސަބަބަކީ، މިއީ ﷲ ގެ ޝަރީޢަތަށް ވުރެ ހެޔޮވެގެންވާ ޤާނޫނެކެވެ. ފަހެ މި މީހާވަނީ، ބޮޑު ވެގެންވާ ކުފުރަކުން ކާފަރުވެފަ އެވެ.

ދެވަނައީ : އެމީހަކު ބުނެ އެވެ. އަހަރެން މިއަށް ޙުކުމް ކުރަމެވެ. ސަބަބަކީ، މިއީ އިސްލާމީ ޝަރީޢަތް އެއްފަދަ (އެއްހަމަ) އެއްޗެކެވެ. މިއަށް ޙުކުމް ކުރުން ހުއްދަވެގެންވެ އެވެ. އަދި ﷲ ގެ ޝަރީޢަތަށްވެސް ޙުކުމް ކުރުން ޙުއްދަވެގެންވެ އެވެ. ފަހެ، މި މީހާވަނީ، ބޮޑުވެގެންވާ ކުފުރަކުން ކާފަރުވެފަ އެވެ.

ތިންވަނައީ : އެމީހަކު ބުނެ އެވެ. އަހަރެން މިއަށް ޙުކުމް ކުރަމެވެ. އަދި އިސްލާމީ ޝަރީޢަތަށް ޙުކުމް ކުރުން އައުލާ، ހެޔޮކަން ބޮޑުވެގެންވެ އެވެ. އެހެނަސް ﷲ ގެ ޙުކުމް ނޫން ޙުކުމަކަށް ޙުކުމް ކުރުން ހުއްދަވެގެންވެ އެވެ. ފަހެ މި މީހާވަނީ، ބޮޑުވެގެންވާ ކުފުރަކުން ކާފަރުވެފަ އެވެ.

ހަތަރުވަނައީ : އެމީހަކު ބުނެ އެވެ. އަދި އޭނާ ޢަޤީދާގައި ޤަބޫލުކުރާ ގޮތުގައި، ﷲ ގެ ޝަރީޢަށް ނޫން އެއްޗަކަށް ޙުކުމް ކުރުން ހުއްދައެއް ނޫނެވެ. އަދި އޭނާ ބުނެ އެވެ. ﷲ ގެ ޝަރީޢަތަށް ޙުކުމް ކުރުމަކީ އެންމެ ހެޔޮވެގެންވާ ގޮތެވެ. އަދި އެނޫން (ޤާނޫނުތަކަށް) ޙުކުމް ކުރުން ޙުއްދައެއް ނުވާނެ އެވެ. އެހެނަސް އޭނާ އަކީ ފަރުވާކުޑަ މީހެއްގެ ގޮތުގައިވެ، ﷲ ގެ ޙުކުމަށް ޙުކުމް ނުކުރެ އެވެ. މިފަދަ މީހާއަކީ ކުޑަ ކުފުރަށް އަރައިގެންފައިވާ މީހެކެވެ. މިއްލަތުން ބޭރު ނުވާނެ އެވެ. އަދި އޭނާ އަކީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ މަތީގައިވާ މީހެއްގެ ގޮތުގަ އެވެ.“

ފަތުވާ ނަގާފައިވަނީ : قضية التكفير بين أهل السنة وفرق الضلال ص72 – 73

ވުމާއެކު މައްސަލައިގެ ޙައްޤު ފާޅުވެ، ބާޠިލް ބަޔާންވެއްޖެ އެވެ. ފެންނަ ފެނުމަށް ޙުކުމް ކޮށްގެން ނުވާނެކަމެވެ. ﷲގެ ޙުކުމަށް ނޫން ޙުކުމަށް ޙުކުމް ކޮށްފައިވާތަން ފެނުމަކީ އެމީހަކު އެކަން ޙަލާލު ކޮށްފައި ވުމެއް ނޫނެވެ. އަދި ﷲގެ ޝަރީޢަތަށްވުރެ މަތިވެރިކޮށްފައި ވުމެއްވެސް ނޫނެވެ. އެއްވަރު ކޮށްފައި ވުމެއްވެސް ނޫނެވެ. މިކަން ބަޔާންވަނީ އެމީހެއްގެ ހިތުގައިވާ، ޤަބޫލުކޮށްފައިވާ ގޮތް ބަޔާން ކުރުމުންނެވެ.

ފަސްވަނަ ނުކުތާގެ ގޮތުގައި ބުނަމެވެ. އިސްލާމް ވުމަށްފަހު ކާފަރުވެއްޖެ މިހާ އެވެ. ހަތަރު މަޛްހަބުގެ އިމާމުން ހިމެނޭ ގޮތަށް ޖުމްހޫރު ޢިލްމުވެރިން އިއްތިފާޤު ވަޑައިގެންފައިވަނީ އެފަދައިން މުރުތައްދުވާ މީހާގެ ޙުކުމަކީ މެރުމެވެ. ދަންނަ އެވެ! އެއީ އޭނާގެ މައްޗަށް ޝަރުޢީ ގޮތުން ޙުކުމް ކުރުމަށް ފަހުގަ އެވެ. އަޚާ އެވެ! ސުންނީ ސަލަފީ މަންހަޖުގައި ބަޔާންވެގެންވަނީ، އެއީ ޙައްދެއް ކަމުގައި ވުމުން ޙައްދު ޤާއިމްކުރާނީ ވެރިންނެވެ. އަދި ވެރިން އެކަމަށް އައްޔަނުކޮށްފައިވާ ފަރާތްތަކެވެ. ރައްޔިތުން، މީސްތަކުން އަމިއްލައަށް ނުކުމެ އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ތަކްފީރީ ޚާރިޖީންގެ ޢަމަލުން ދުރުވެ، ސުންނަތުގެ އަހުލުވެރިންގެ މަގު ޚިޔާރުކުރަންޖެހޭނެ އެވެ. މިއީ އުއްމަތުގެ ފުޤަހާއިން އިއްތިފާޤުވެވަޑައިގަންވަނަވާއިވާ ކަމެކެވެ.

الإمام أحمد بن حنبل رحمه الله ދީނުގެ އުޞޫލްތައް ބަޔާންކޮށް ވިދާޅުވެފައިވެ އެވެ. ”ޙައްދު ޤާއިމްކުރުން ތާއަބަދަށް އޮތީ އިމާމުންނަށެވެ. (މުސްލިމް ވެރިންނަށެވެ.)“

الإقناع (އިޖުމާޢު ޛިކުރުކޮށްފައިވާ ފޮތްތަކުގެ ތެރެއިން އެއްް ފޮތް) ގައިވެ އެވެ. ”އިމާމް ނުވަތަ ވެރިން މެނުވީ ޙައްދު ޤާއިމް ކުރުން ހުއްދައެއް ނުވާނެ އެވެ.“

ހަވަނައީ : މުރުތައްދުވާ މީހާއަށް ތަޥްބާ ލައިދިނުންވޭތޯ ނުވަތަ ނޫންތޯ އެވެ. އޭނާގެ މައްޗަށް މަރުގެ ޙުކުމް ޤާއިމް ކުރުމުގެ ކުރިން ތަޥްބާގެ ފުރުސަތު ދިނުންވޭ ހެއްޔެވެ؟ މި މައްސލައިގައި ޞައްޙަ ބާރު ގަދަ ބަސްފުޅަކީ ތަވްބާ ލައިދިނުން އޮތުމެވެ. ابن قدامة رحمه الله ވިދާޅުވެފައިވެ އެވެ. ”މުރުތައްދު ވެފައިވާ މީހާއަށް 3 ފަހަރު ތަޥްބާ ލައިދިނުމަށްފަހު މެނުވީ ޤަތުލު ކުރުމެއް ނުވެ އެވެ. މިއީ ޤިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. އެ ބޭކަލުންގެ ތެރޭގައީ (ޞަހާބީ) عُمَرُ , وَعَلِيٌّ ވެވަޑައިގަންނަވަ އެވެ. އަދި އެފަދައިން وَعَطَاءٌ , وَالنَّخَعِيُّ , وَمَالِكٌ , وَالثَّوْرِيُّ , وَالأَوْزَاعِيُّ , وَإِسْحَاقُ ވިދާޅުވެފައިވެ އެވެ….“

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts