ހެޔޮކަމެއްކޮށްދީފި މީހަކަށް ޝުކުރުވެރިވާނީ ކިހިނެއްތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މީސްތަކުން އެއްބަޔަކު އަނެއް ބަޔަކަށް ޝުކުރުވެރި ވުމާއި މެދުގައި ކުރެވިފައިވާ ސުވާލުގެ މައްޗަށް ބުނަމެވެ.

މީސްތަކުންގެ ފަރާތުން ލިބޭ ހެޔޮ ކަންތައްތަކާއި، އެހީތައް އަދި އިޙްސާންތެރި ޢަމަލުތަކަށް އެމީސްތަކުންނަށް ޝުކުރުވެރި ވުމަކީ އިސްލާމް ދީނުގައި ލައްވާފައިވާ މަކާރިމުލް އަޚްލާޤްގެ ތެރެއިން ހިމެނިގެންވާ ޢަމަލެކެވެ. އެއީ ރިވެތި އަޚްލާޤެކެވެ. އަދި ކިޔެއްތަ، އެއީ އެއްބަޔަކު އަނެއް ބަޔަކަށް އިޙްސާންތެރިކަން ފޯރުވުމުގެ ތެރޭގައި ހިމެނިގެންވާ ރިވެތި ޚުލުޤެކެވެ.

މާތް ނަބިއްޔާ ﷺ އަރިހުން ވާރިދުވެފައިވާ ޞައްޙަ ޙަދީޘްގައިވެ އެވެ. ޞަޙާބީ أبو هريرة -رضي الله عنه- ރިވާ ކުރެއްވި އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (مَن لا يشكرُ النَّاسَ لا يشكرُ اللهَ) ”މީސްތަކުންނަށް ޝުކުރުވެރި ނުވާ މީހާއަކީ ﷲ އަށް ޝުކުރު ކުރާ މީހެއް ނޫނެވެ.“ صحيح أبي داود 4811

މާނައަކީ : އެމީހެއްގެ ޠަބީޢަތުގައި އަދި އަޚްލާޤަކީ މީސްތަކުން ކޮށްދޭ ހެޔޮ ރަނގަޅު ކަންތައްތަކަށް އަދި މިސްތަކުންކޮށްދޭ އިޙްސާންތެރި ޢަމަލުތަކަށް ޝުކުރު ނުކުރާ މީހެއްނަމަ، އެމީހަކީ ﷲ އަށް ޝުކުރުވެރިވާ މީހެއް ނޫން ކަމެވެ. އެއީ، އޭނާގެ ޚުލުޤުގެ ނުބައިކަމާއެކު އަދި ތަޞައްރަފް ކުރުމުގެ ބޭ އަދަބީ ކަމުން މިފަދަ މީހާގެ ޙާލަކީ ގިނަ ފަހަރު ﷲ އަށް ޝުކުރު ކުރާ މީހެއް ކަމުގައި ނުވުމެވެ.

ފަހެ، މުއުމިނު ޞާލިޙް އަޅާގެ ސިފަ ކަމުގައިވާހުށީ އޭނާއަށް ހެޔޮކަމެއް، ހެޔޮ ޢަމަލެއް ފޯރުކޮށްދީފި މީހަކަށް އިޙްސާންތެރިވެ އެ ޢަމަލަށް ޝުކުރުވެރިވާ މީހެއްގެ ގޮތުގައި ވުމެވެ. އެއީ ގާތްތިމާގެ މީހެއް ނުވަތަ ރަޙްމަތްތެރިއެއް ނުވަތަ އެނޫން މީހެއް ކަމުގައިވީނަމަވެސް އެވެ.

އަދި ހަމައެފަދައިން، މީސްތަކުންގެ ތެރެއިން ހެޔޮކަމެއް އަނެކާއަށް ފޯރުކޮށްދިން މީހާއަށް، އިޙްސާންތެރިކަމެއް ފޯރުކޮށްދިން މީހާއަށް ޝުކުރުވެރި ވުމަކީ ﷲ ލޯބިވެވޮޑިގަންނަވާނެ ކަމެކެވެ.

އެ ހެޔޮ ކަމުގެ ބަދަލުގައި ހެޔޮކަމެއް ފޯރު ކޮށްދިނުމަށް ﷲ ލޯބިވެވޮޑިގަންނަވަ އެވެ. ޞައްޙަ ޙަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ. (ومن صنعَ إليكُم معروفًا فَكافئوهُ فإن لم تجِدوا ما تُكافئونَه فادعوا لَه حتَّى تَروا أنَّكُم قد كافأتُموهُ) ”ތިޔަބައިމީހުންނަށް ހެޔޮކަމެއް ކޮށްދީފި މީހާއަށް، އެއާ އެއްފަދަ (ހެޔޮކަމެއް ކޮށްދޭށެވެ.) ފަހެ، ހަމަކަށަވަރުން އެއްފަދަ ކަމެއް (ހެޔޮ ޢަމަލެއް ކޮށްދިނުމަށް، ޚިދުމަތެއް ދިނުމަށް) ތިޔަބައިމީހުންނަށް ނުކުޅެދުންތެރިވެއްޖެހިނދު، އެމީހަކަށް ތިޔަބައިމީހުންގެ ފަރާތުން އެފަދަ ހެޔޮކަމެއް ކޮށްދެވިއްޖެކަން ފާޅުވާ މިންވަރަށް އޭނާއަށް ހެޔޮ ދުޢާކޮށްދިނުން ހުއްޓެވެ.) صحيح أبي داود 1672

ސަބަބަކީ، އެމީހަކަށް ހެޔޮ ދުޢާކޮށް ދިނުމަކީ، އެމީހެއްގެ ހިތަށް އުފާވެރިކަންވަދެގެންދާނެ ކަމެކެވެ. ފަހެ، މިއީ ޝުކުރުވެރި ވުމުގެ ތެރެއަށް ވަނާންނެ ކަކމެވެ. އަދި މިއީ ފަހަރެއްގައި ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވެދާނެ ކަމެއް ކަމުގައިވެސް ވެދާނެ ކަމެކެވެ.

އަދި އެހެން ލަފްޟެއްގައި ވާރިދުވެފައިވެ އެވެ. (من صُنِع إليه معروفٌ فقال لفاعلِه جزاك اللهُ خيرًا فقد أبلغ في الثَّناءِ) ”އެމީހަކަށް ޓަކައި ހެޔޮކަމެއް ކޮށްދިނުމުން ، އެހެޔޮކަން ކޮށްދިން މީހާއަށް، ހެޔޮ ދުޢާ ކުރުމުގެ ގޮތުން جزاك اللهُ خيرًا އޭ ބުނެފި މީހާ، ފަހެ އެމީހަކަށް އެންމެ ފުރިހަމަ ގޮތުގައި ޘަނާ ކިޔައިފިކަން ކަށަވަރެވެ..“

މި މިންވަރަށް ދީނުގައި އިޙްސާންތެރިވާ، ހެޔޮ ކަމެއް ކޮށްދީފި ފަރާތަށް ޝުކުރުވެރިވާން ބާރު އަޅުވާފައިވެ އެވެ.

ވުމުން މީސްތަކުންނަށް ޝުކުރުވެރި ވުމަކީ ނުހަނު ރިވެތި ހެޔޮވެގެންވާ ސިފައެއް ކަމުގައި މެނުވީ ނުވެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts