ނަމާދުގައި سورة الفاتحة ދުލުން ނުވަތަ ހިތުން ވެސް ކިޔެވިދާނެ ތޯ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.

أما بعد:

ނަމާދުގައި سورة الفاتحة ދުލުން ނުވަތަ ހިތުން ވެސް ކިޔެވިދާނެ ތޯ؟

އަޚާ އެވެ! މިއީ ވަރަށް ބޮޑަށް ސަމާލުކަން ގެންނަނަން ޖެހޭ މައްސަލަ އެކެވެ. ހިތަށް ތަކެތި އެރުވުމާއި، އެރުވުމާއި ދުލުން ކިޔުން މިއީ އެތައް ގުނައެއްް ތަފާތު ވެގެންވާ ކަމެކެވެ. ފަހެ، މާތް ނަބިއްޔާގެ ޢަމަލުފުޅަކީ ދޫފުޅުން ޙަރަކާތް ކުރައްވައި ކިޔަވާ ވިދާޅުވުމެވެ. އަދި އެފަދައިން އަޞްޙާބު ބޭކަލުން ބަޔާން ކޮށްދެއްވާފައިވެއެވެ. އެފަދަ ދަލީލު ތަކުގެ ތެރޭގައި، އިމާމް البُخَارِي رحمه الله ޞަޙީޙުގައި ރިވާކުރައްވާފައިވެއެވެ.

مَعْمَرُ ވިދާޅުވި އެވެ. އަހަރެމެން خَبابُ އަރިއަހުގައި ސުވާލު ދެންނެވީމެވެ. ނަބިއްޔާ ﷺ މެންދުރު ނަމާދުގައި އަދި އަޞްރު ނަމާދުގައި ކިޔަވާ ވިދާޅުވޭ ހެއްޔެވެ؟ ޖަވާބުގައި ދެންނެވިއެވެ. އާދޭހެވެ. ތިމަންނަ ދެންނެވީމެވެ. ތިޔަބޭކަލުންނަށް އެކަން ދެނެވަޑައިގެންނެވެނީ ކިހިނަކުން ހެއްޔެވެ؟

ވިދާޅުވިއެވެ. (باضْطِرَابِ لِحْيَتِهِ) ނަބިއްޔާގެ ތުބުނޅިފުޅުގެ އިސްތަށިފުޅުތަކުގެ ޙަރަކާތުންނެވެެ. البخاري ٧٦٠

މާނައީ : ފަހަތްފުޅުގައި ތިއްބަވާ އަޞްޙާބު ބޭކަލުންނަށް ނަބިއްޔާގެ ތުބުނޅިފުޅުގެ އިސްތަށިތައް ޙަރަކާތް ކުރާކަން ފެނިވަޑައިގަންނަވައެވެ. ފަހެ، ސަބަބަކީ ނަބިއްޔާ ދޫފުޅުން ކިޔަވާ ވިދާޅުވުމެވެ.

އަޚާ އެވެ! މިފަދަ ދަލީލތުތަކުގެ މައްޗަށް ބިނާކުރައްވާ ޢިލްމުވެރިން މިކަމުގައި ވިދާޅުވެފައިވާ ބައެއް ބަސްފުޅުތައް ޛިކުރު ކުރަމެވެ.

الإمام ابن أبي دَاود رحمه الله ވިދާޅުވެފައިވެއެވެ. ”ވާރިދުވެެގެންވާ ޛިކުރުތަކުން ޛިކުރު ކުރާ މީހާއަށް ޛިކުރުތައް ދުލުން ކިޔައިފުމަށް ދާންދެން އެމީހަކަށް އެއްވެސް އަޖުރެއް ލިބިގެން ނުވާކަމަށް އެންމެހައި ޢިލްމުވެރިން އިއްތިފާޤު ވަޑައިގެންފައިވެއެވެ. އޭނާއަކީ އަޑުއިވޭ ޙާލުގައިވާ މީހެއްނަމަ އޭނާގެ ނަފްސަށް އަޑުއިވޭ ވަރަށް ކިޔުން ހުއްޓެވެ“.كشف اللثام شرح عمدة الأحكام ( ٥٨٢/٦)

މިއީ ނަބިއްޔާގެ ސުންނަތް ފޮތްތަކުގައި ޖަމަޢަ ކުރެއްވި އެއް އިމާމު ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެންމެހައި ޢިލްމުވެެރިން މި މައްސލައިގައި އިއްތިފާޤުވަޑައިގެންފައިވުމުން، އެއަށްފަހު ޚިލާފަށް ބަސްބުނުން އޮތީ ކިހިނަކުން އަދި ކާކަށް ތޯއެވެ؟

އަދިވެސް ޛިކުރު ކުރަމެވެ. މި ޒަމާނުގައި ފާޅުވި އެންމެ ބޮޑު އެއް ޢިލްމުވެރިޔާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإِمَام ابن باز ވިދާޅުވެފައިވެއެވެ. ”ދޫ ހަރަކާތް ކުރުމެއްނެތި، ޤުރުއާން ކިޔެވުން އެއީ ޤުރުއާން ކިޔެވުން ކަމުގައި ނުބެލެވޭނެ އެވެ. ދުލުން ޤުރުއާން ކިޔައި ދޫ ހަރަކާތް ކުރުމުން މެނުވީ ޤުރުއާން ކިޔެވުމުގެ ޘަވާބާއި ދަރުމައެއް ނުލިބޭނެ އެވެ“.الفتاوى 8-363

ފަހެ، ދޫ ޙަރަކާތް ކުރުމެެއް ނެތި ކިޔެވުމުން، އެއްވެސް އެއްޗެއް ކިޔައި ހެދި މީހެއް ކަމުގައި ނުވާނެއެވެ. ފަހުގެ ޒަމާނެއްގައި ފާޅުވި އެންމެ ބޮޑު އެއް ފިޤުހު ޢިލްމުވެރިޔާ العَلاَّمَة ابن العُثَيمِين ވިދާޅުވެފައިވެއެވެ. “ކިޔަވާހިނދު ކޮންމެހެންވެސް ދޫ ޙަރަކާތްކޮށް ދުލުން ކިޔަވަން ޖެހޭނެ އެވެ. އިންސާނަކު ނަމާދުކުރާ ހިނދުގައި އޭނާގެ ހިތުން ކިޔެވުމުން އެހިނދު އޭނާ ކިޔެވި ކަމުގައި ނުވާނެއެވެ”. فتاوى 13 /156

އަޚާ އެވެ. ވިސްނާލުން ހުއްޓެވެ. ވަސްވާސްގެ މަޙައްލަކީ ކޮބައި ހެއްޔެވެ؟ ނަމާދުގައި ވަސްވާސް ނާދޭ ހެއްޔެވެ؟ އެހެން ވުމުން އޭނާ ނަމާދުގައި ދުލުން ނަމާދު ޛިކުރުތަކުގެ އިތުރަށް އެއްޗެހި ކިޔައި ހެދި ކަމުގައި ބުނެވޭނެ ހެއްޔެވެ؟ އެކަކުވެސް އެފަދައިން ނުބުނާނެއެވެ. އެހެންކަމުން މިކަން ދަންނަހުއްޓެވެ.

ތިޔަ އަޚާއަށް އަދި އަޙަރެމެންނަށް ދީނުގެ ފިޤުހު ދެއްވައި ހެޔޮމަގަށް މަގު ލިބިގެންވާ ފަރާތްތައް ކަމުގައި ﷲ އަހަރެމެން ލައްވާށިއެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply