ރަން ކިޔުމަށްޓަކައި ހިލޭ ފިރިހެނަކު ފޮނުވުމުގެ ހުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަންހެނަކު ކައިވެނި ކުރުމަށްޓަކައި ރަން ކިޔުމަކީ އެ ރަނުގެ ސަބަބުން އަންހެންމީހާގެ ކިބައިން އެއްވެސް ކަމެއް ޙަލާލު ކުރުވާ ކަމެއް ނޫނެވެ. ރަން ކިޔުމަށްފަހުގައިވެސް އިންނަން އުޅޭ ފިރިހެނާ އަކީ ހިލޭ ފިރިހެނެއް ކަމުގައި ވާނެ އެވެ.

އަދި އަންހެނަކު ރަން ކިޔުމަކީ، ކައިވެނި ޢަޤްދު ކުރުމެއްވެސް ނޫނެވެ. އަދި ރަން ރަނުގެ ގޮތުގައި ކަނޑައެޅޭނީ ކައިވެނި ޢަޤްދު ކުރުމަށްފަހުގަ އެވެ.

އެބަހީ، އަންހެން މީހާ ކިޔާފައިވާ ރަން އަނެހެން މީހާއަށް ކައިވެނި ޢަޤްދު ކުރުމުގެ ކުރިން ބަދަލު ކުރުމުގެ އިޚްތިޔާރުވެސް ލިބިގެންވެ އެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. (وآتوا النساء صدقاتهن نحلة) އަންހެނުނަށް އެކަނބަލުންގެ ރަން ތިޔަބައިމީހުން ހިތުން ރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ.“

މިތަނުގައި ”ރަން ދިނުން“ ކަނޑައެޅޭނީ ކައިވެނި ޢަޤްދު ކުރާއިރު ކައިވެނީގެ މަޖްލީހުގައި، ޤާޟީ ނުވަތަ ޙާކިމް ކައިވެނި ޢަޤްދު ކުރާއިރު ހެކިވެރިން ހެކިކޮށް އެހިނދު ކަނޑައަޅާ ރަނެވެ.

ވުމުން، އެއަށްވުރެ ކުރިން އަންހެން މީހާއަށް އޭނާ ކިޔާފައިވާ ރަން ބަދަލު ކުރުމާއި އުނި އިތުރު ގެނައުމުގެ ޚިޔާރުވެސް އޮންނާނެ އެވެ. އެއަށްފަހު ރާއްޖޭގައި މިކަން ކުރެވޭ ގޮތް ބަޔާން ކުރަމެވެ. ކައިވެންޏަށް ތައްޔާރުވާ ފަރާތް، ފިރިހެން މީހާ، އަންހެން މީހާ، ވަލީވެރިޔާ، ހެކިވެރިން – އެންމެންގެ މަޢުލޫމާތުތައް ފޯމްތަކުގައި ފުރެ އެވެ. އަދި އެ މަޢުލޫމާތުތައް ކޯޓްތަކަށް ހުށަހެޅެވެ.

އަދި ކައިވެނި ކުރުން އޮންނަނީ ޝަރުޢީގޮތުން ޙައިސިއްޔަތު ލިބިގެންވާ ޙާކިމްގެ ކައިރީގަ އެވެ. ނުވަތަ އެފަދައިން ކަނޑައެޅިފައިވާ ފަރާތެއްގެ ކައިރީގަ އެވެ. ދީނުގައި އަދި ޝަރީޢަތުގައި ކައިވެނި ކުރުމަށް ދާންދެން އަންހެން މީހާއަކީ ކައިވެނި ކުރުމަށް ބޭނުންވާ ފިރިހެން މީހާއަށް ހިލޭ އަންހެނެކެވެ.

އެހިނދު، އެ ނޫން ފިރިހެނުން ހިލޭ ފިރިހެނުންގެ ގޮތުގައި ކަނޑައެޅިފައިވުން މާ އަޥްލާވާނެ ނޫން ހެއްޔެވެ؟ ފޯމުގައި އަންހެން މީހާއާ ބެހޭ މައުލޫމާތު އަދި ކައިރވެނީގެ ރަނާއިމެދުގައި އަންހެން މީހާ ޤަސްތުކުރާ އަދި ބޭނުންވާ އެއްޗެއް ޖަހަ އެވެ. އަދި ކައިވެނީގެ ހެކިވެރިންގެ މައުލޫމާތުވެސް އެ ފޯމުގައި ދެވެ އެވެ.

ދަންނަންޖެހެނީ މި ހެކިވެރިން އެ ރަނެއްގެ މައްޗަށް ހެކިވާނީ، ކައިވެނި ޢަޤްދު ކުރާއިރު އެ ބަޔާން ކުރާ ރަނަށެވެ. ކައިވެނި ކޮށްދޭ ފަރާތް ބުނެ އެވެ. ”މިވެނި މީހެއްގެ މިވެނި އަންހެން ދަރިއެއް މިވެނި މީހެއްގެ މިވެނި ފިރިހެން ދަރިއަކާ، މިވެނި މިންވަރެއްގެ ރަނަށް މިވެނި ފިރިހެނަކާއި މިވެނި ފިރިހެނެއް ހެކިކޮށް މިވެނި ވަލީވެރިއެއްގެ އިޛުނައާއި ރުހުމާއެކު …. ކައިވެނި ޢަޤްދުކޮށްފީމެވެ.“

އެ މަޖްލީހުގައި އެ ބަޔާންކުރެވުނު ރަނަކީ އެއީ ހެކިވެރިން ހެކިވާން ޖެހޭ ރަނެވެ.

އޭގެ ކުރިން އަންހެން މީހާއަށް ރަން ބަދަލުކޮށް ރަނަށް އުނިއިތުރުވެސް ގެނެވޭނެ އެވެ. އެއީ ކައިވެނި އަދި ނުކުރެވެ އެވެ. ވުމުން، މިހާރު މައްސަލަ ފަހުމްވެއްޖެ އެވެ.

ރަން ކިޔުމަށްޓަކައޭ ބުނެ، އަންހެނެއްގެ ކައިރިއަށް ހިލޭ ފިރިހެނުންތަކެއް ފޮނުވުމުގެ އެއްވެސް ޙާޖަތެއް އެބަ އޮތް ހެއްޔެވެ؟ އެ ހިލޭ ފިރިހެނުންކައިރީގައި އަންހެން މީހާ ބުނާ ރަން އެއީ އެންމެ ފަހުގެ ބަސްކަމުގައި ވެ އެއަށްފަހު ކަންތަކެއް ޙަލާލު ވާނެ ހެއްޔެވެ؟ ޖަވާބަކީ ނުވާނެ އެވެ.

ވުމުން، ފޯމުތައް ފުރުން އެއީ ކަނޑައެޅިފައިވާ ގޮތެވެ. ކޮންމެ ފަރާތެއް ފޯމު ފުރުން އެއީ އޭނާގެ ޙައްޤުޤައި އަދާކުރަންޖެހޭ ކަންތަކެވެ. އަންހެން ކުއްޖާ ކައިރިއަށް ދާކަށް ނުޖެހެ އެވެ. ހެކިވެރިން އެ ހެކިވެރިންނާ ބެހޭ މައުލޫމާތު ފޯމުގައި ފުރާނީ އެވެ. އަދި ޤާޟީ ކައިވެނިކޮށްދޭހިނދު އަންހެން މީހާގެ ރަން ބަޔާން ކުރާނެ އެވެ. އެހިނދު އެ ހެކިވެރިން އެފަދައިން ހެކިވާނީ އެވެ،

ނިންމާލުމުގެ ކުރިން ބުނަމެވެ. ކައިވެނީގެ ރަން ކިޔުމަށް މިފަދައިން މީހުން ފޮނުވުން އެއީ އޮންނަ ގޮތް ކަމުގައިވާނަމަ، ކައިވެނި ކޮށްދޭ ޤާޟީ އަންހެން މީހާގެ ކައިރިއަށް ފޮނުވުން މާ އަޥްލާވެގެންވެ އެވެ. ނޫންތޯ އެވެ؟ ސަބަބކީ އެއީ ކައިވެނި ކޮށްދޭ ފަރާތްކަމުގައި ވުމެވެ. އެހެނަސް އެއީވެސް އެކަން ކުރުމަށް އޮތް ސިފައެއް ނޫނެވެ. އެއްމަޖްލީހެއްގައި އެންމެން ޙާޟިރުވެ މެނުވީ ކައިވެންޏެއް ޢަޤްދެއް ނުކުރެވޭނެ އެވެ.

އަދިވެސް ބުނަމެވެ. މިއަދު މުސްލިމުންގެ ތެރެއަށް ވަދެފައިވާ ކައިވެނީގެ ރަނުގެ ޙަފްލާއޭ ބުނެ، އަންހެނުން ފިރިހެނުން އަދި ކައިވެނި ކުރާ ފިރިހެން މީހާއާ އަންހެން މީހާ ބައްދަލުވެ ގައިގޯލިވެ އެއްކޮށް ފޮޓޯނަގައި ވީޑިޔޯކޮށް ގާތްވެ އެފަދައިން ކުރެވޭ އެންމެހައި ޢަމަލުތަކަކީ ޝަރީޢަތުގައި އެއްވެސް ގޮތަކަށް ހުއްދަވެގެން ކަންކަމެއް ނޫނެވެ.

އެއީ ހިލޭ އަންހެނަކާއި ހިލޭ ފިރިހެނެކެވެ. އަދި ކައިވެންޏެއް ނުކުރެވެ އެވެ. އަންހެން މީހާގެ ފަރާތުން އުފާ ހޯދުމާއި އަދި ފިރިހެން މީހާގެ ކިބައިން ކައިވެނި ކުރުމަށް ބޭނުންވާ އަންހެން މީހާއަށް އުފާ ހޯދުމަށް އޮތް މަޙައްލަށް އަދި ނާދެވެ އެވެ. މި މުންކަރާތްތަކުން ދުރުވެ އެއްކިބާވާން ޖެހެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply