އަންހެނަކު ޙައިޟުގައި ހުއްޓާ ޖިމާޢު ވެއްޖެ މީހާގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.
أما بعد:
ސުވާލުގައި 2 ބަޔަކަށް ޖަވާބު ދެމެވެ.
ފުރަތަމައީ : ޙައިޟުގެ ޙާލުގައިވާ އަންހެނާއާ ޖިމާޢުވުމުގެ ޙުކުމެވެ.
އަންހެނަކު ޙައިޟުގައިވާ ހިނދުގައި، އަންހެނާއާ ޖިމާޢު ވުމަކީ ޙަރާމްވެގެންވާ ފާފަތަކުގެ ތެރެއިން ކަނޑައެޅިފައިވާ ޢަމަލެކެވެ.
މިކަމުގެ ނުރައްކާ އަދި މުޑުދާރުކަމާއި ޚުޠޫރަތްތެރިކަން ބަޔާންވެގެންދަނީ ކީރިތި ޤުރުއާނުގައި މިކަމުގެ ޙުކުމް ﷲ ތަޢާލާ ކަނޑައަޅުއްވައި، އެކަމުން ދުރުހެލިވުމަށް އަންގަވާފައި ވުމެވެ.
ﷲ ގެ ވަޙީބަސްފުޅުގައި ވެ އެވެ. (وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ) ”އަދި ޙައިޟުއާ މެދު ނަބިއްޔާއާ އެބައިމީހުން ސުވާލު ކުރެތެވެ. ނަބިއްޔާ ވިދާޅުވާށެވެ. އެއީ އުނދަގޫ ލިބެނިވި ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރު ތިޔަބައިމީހުން އެ އަންހެނުންނާ ޖިމާޢުވުމުން ދުރުވުން ހުއްޓެވެ. އަދި އެކަނބަލުން ޠާހިރުވުމަށް ދާންދެން އެކަނބަލުންނާ ކައިރިނުވާ ހުއްޓެވެ.“
އާޔަތުގައި ވަރަށް ސާފުކޮށް އަންހެން މީހާ ޙައިޟުގައިވާހިނދު އަންހެން މީހާއާ ޖިމާޢުވުން ޙަރާމްވެގެންވާކަންވެ އެވެ. ފަހެ، ކުރިމަތި ފަރާތުން އަރާމާއި އުފާ ހޯދުން އެ ދުވަސްތަކުގައި ހަރާމް ކުރައްވާފައިވެ އެވެ.
ދެވަނައީ : ޙައިޟުގައިވާ އަންހެނާ ޖިމާޢުވެއްޖެހިނދު އެމީހެއްގެ މައްޗަށް ދީނުގައި ކަނޑައެޅިފައިވާ ކައްފާރާ އެވެ.
މި ޙުކުގެ މައްޗަށް މިތަނުގައި ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީގެ فتاوى مهمة لنِساء الأمة ص 158-159 ގެ ފަތުވާ ބަޔާން ކުރަމެވެ.
ސުވާލު : މީހަކު އޭނާގެ އަނބިމީހާ ޙައިޟުގެ ދުވަސްވަރު ޖިމާޢުވީ އެވެ. ނުވަތަ އޭނާގެ ޖާހިލުކަމުން ޙައިޟު އަދި ނިފާސްކަން ކެނޑި އެހެނަސް ހިނައިގަތުމުގެ ކުރިން ޖިމާޢުވީ އެވެ. ފަހެ، އެހިނދު ކައްފާރާ ދޭން ޖެހޭނެ ހެއްޔެވެ؟ އަދި އެއީ ކިހާވަރެއްތޯ އެވެ؟ އެފަދައިން ޖިމާޢުވެ މާބަނޑުވެއްޖެހިނދު އެއީ ޙަރާމް ދަރިއެކޭ ބުނެވޭނެ ހެއްޔެވެ؟
ޖަވާބު : ޙައިޟުވެރި އަންހެނާއާ ޖިމާޢުވުން ޙަރާމްވެގެންވެ އެވެ. ﷲ ގެ ވަޙީބަސްފުޅުގައި ބަޔާންވެގެންވާ ފަދައިންނެވެ. ( وَيَسْأَلُونَكَ عَنِ الْمَحِيضِ ۖ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ ۖ وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ )“އަދި ޙައިޟުއާ މެދު ނަބިއްޔާއާ އެބައިމީހުން ސުވާލު ކުރެތެވެ. ނަބިއްޔާ ވިދާޅުވާށެވެ. އެއީ އުނދަގޫ ލިބެނިވި ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރު ތިޔަބައިމީހުން އެ އަންހެނުންނާ ޖިމާޢުވުމުން ދުރުވުން ހުއްޓެވެ. އަދި އެކަނބަލުން ޠާހިރުވުމަށް ދާންދެން އެކަނބަލުންނާ ކައިރިނުވާ ހުއްޓެވެ.“
އެފަދަ އަންހެނަކާ ޖިމާޢުވެއްޖެ މީހާއަށް އޮތީ ﷲ އަށް އިސްތިޣްފާރުކޮށް ތަޥްބާވުމެވެ. އަދި އެ ޢަމަލުގެ ކައްފާރާއެއްގެ ގޮތުގައި ދީނާރެއް ނުވަތަ ދީނާރެއްގެ ދެބައިކުޅަ އެއްބައި ޞަދަޤާތްކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެ އެވެ. އެއީ الإمام أحمد އަދި ސުނަނުގެ އަހުލުވެރިން ރަނގަޅު ސަނަދެއްގައި ރިވާކޮށްފައިވާ ޙަދީޘްގައި ބަޔާންވެެންވާ ފަދައިންނެވެ. ابن عبَّاس رضي الله عنه ގެ އަރިހުން ރިވާކޮށްފައިވެ އެވެ. އަންހެނަކު ޙައިޟުވެރި ޙާލުގައި ޖިމާޢުވެއްޖެ މީހާއަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (يتَصدَّق بِدينَار أو نِصف دِينَار) ”ދީނާރެއް ނުވަތަ ދީނާރެއްގެ ދެބައިކުޅަ އެއްބައި ޞަދަޤާތް ކުރާށެވެ.“ ކޮންމެ މިންވަރެއް ނެރުނު ކަމުގައިވީނަމަވެސް ފުދޭނެ އެވެ.
ދީނާރެއްގެ މިންވަރަކީ : އެއީ ސަޢުދީ ޖުނައިހް (ރަން ފައިސާ ފޮތި) ގެ ހަތް ބައިކޮށްފަ އޭގެ ހަތަރު ބައެވެ. ފަހެ، މިޘާލަކަށް ސަޢުދީ ޖުނައިހް ގެ އަގަކީ 70 ރިޔާލު ކަމުގައި ވެއްޖެހިނދު، ފަހެ، ތިބާ އެހިނދު ނެރެން ޖެހޭނީ 20 ރިޔާލް އެވެ. ނުވަތަ 40 ރިޔާލް ފަޤީރުންނަށް ޞަދަޤާތް ކުރާށެވެ.
އަންހެން މީހާގެ ޙައިޟު ލޭ ހުއްޓި އަދި ހިނައި ޠާހިރުވުމަށް ދާންދެން އަންހެން މީހާއާ ޖިމާޢުވެގެން ނުވާނެ އެވެ. އެއީ ﷲގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. ( وَلَا تَقْرَبُوهُنَّ حَتَّىٰ يَطْهُرْنَ ۖ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ ) ”އެކަނބަލުން ޙައިޟުން ޠާހިރުވެ އަދި ހިނައި ޠާހިރުވުމަށް ދާންދެން އެކަނބަލުންނާ ޖިމާޢުނުވާށެވެ. ފަހެ، އެކަނބަލުން ހިނައި ޠާހިރުވުމުން، ﷲ ތިޔަބައިމީހުންނަށް އަމުރުފުޅު ކުރައްވާފައިވާ ފަދައިން އެކަނބަލުންނާ ގާތްވުން ހުއްޓެވެ.“
ޙައިޟުވެރި އަންހެނާގެ، ޙައިޟުގެ ލޭ ހުއްޓި އަދި ޠާހިރުވުމަށް ދާންދެން (އެބަހީ : ހިނގައިގަތުމަށް ދާންދެން) ޖިމާޢުވުމަށް ﷲ އިޛުނަދެއްވާފައެއް ނުވެ އެވެ. އަދި ހިނައިގަތުމުގެ ކުރިން ޖިމާޢުވެއްޖެ މީހާގެ އެކަމުގެ މައްޗަށް ފާފަވެރިވެ އަދި ކައްފާރާ ދޭން ޖެހޭނެ އެވެ.
ޙައިޟުގައިވާ އަންހެނަކާ ޖިމާޢުވެ، އަނބިމީހާ ބަލިވެއިނދެއްޖެހިނދު، ނުވަތަ ޙައިޟު ލޭ ހުއްޓުމަށްފަހު، ހިނައިގަތުމުގެ ކުރިން ޖިމާޢުވެ ބަލިވެއިނދެއްޖެހިނދު، އެ ދަރިއަށް އެއީ ޙަރާމް ދަރިއެކޭ ނުބުނެވޭނެ އެވެ. އެހެނަސް އެއީ ޝަރުޢީގޮތުން ލިބުނު ދަރިއެއްގެ ގޮތުގައިވެ އެވެ.“ (ފަތުވާ ނިމުނީ އެވެ.)
ދަންނަހުއްޓެވެ. ޙަދީޘްގައިވާ (يتَصدَّق بِدينَار أو نِصف دِينَار) ”ދީނާރެއް ނުވަތަ ދީނާރެއްގެ ދެބައިކުޅަ އެއްބައި ޞަދަޤާތް ކުރާށެވެ.“ މިއީ ބޭނުން ގޮތެއް އިޚްތިޔާރު ކުރުމުގެ މާނައިގައި ނޫނެވެ. އެހެނަސް ޢިލްމުވެރިން ކަނޑައަޅާފައިވަނީ ޙައިޟުވެރިޔާއާ ޖިމާޢުވި ވަޤުތެއްގެ ގޮތުން ބަޔާންވެގެންދާ ޙުކުމެވެ. ރަތް ކުލައިގެ ލޭ ފައިބާހިނދު ޖިމާޢުވެއްޖެހިނދު ކައްފާރާއަކީ ދީނާރެކެވެ. ރީދޫ ކުލައިގެ ލޭ (ޙައިޟު ނިމޭހިނދު) ޖިމާޢުވެއްޖެހިނދު، ދީނާރުގެ ދެބައިކުޅަ އެއްބައެވެ.
ދީނާރު : އަކީ 4.25 ޤުރާމް ރަނެވެ. އެޤައުމެއްގައި ރަން ޤުރާމެއް ލިބޭ އަގުން ގުނަކުރުމުން އޭގެ ފައިސާގެ ޢަދަދު ބަޔާންވާނެ އެވެ. މިއަދު ސަޢުދީގެ އަގުން ބަލާނަމަ ދީނާރަކީ (24 ކެރެޓް ރަނުން) 658.75 ސަޢުދީ ރިޔާލް އެވެ. މާނައަކީ އަނބިމީހާއާ އެދުވަސްތަކުގައި ޖިމާޢު ވެއްޖެމީހާ ﷲ އަށް ތަޥްބާވެ، އިސްތިޣްފާރުކޮށް ކައްފާރާއެއްގެ ގޮތުން މި ޢަދަދަށް ފައިސާ ނެރެންޖެހޭނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.