ޢުމުރާއަކާ ވިދިގެން ވަދާޢީ ޠަވާފް ކުރުން ވޭތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޠަވާފުލް ވަދާޢުއާ މެދުގައި ބުނަމެވެ.  

ފުރަތަމައީ : ޠަވާފުލް ވަދާޢުއަކީ ޙައްޖުވެރިންގެ މައްޗަށް ވާޖިބުވެގެންވާ ޙައްޖުގެ އަޅުކަމުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެކެވެ.  

މާނައަކީ : ޙައްޖުވެރިޔާ ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމަށްފަހު މައްކާއިން ނުކުތުމުގެ ކުރީގައި، މައްކާގައި އެންމެފަހުގެ ޢަމަލެއްގެ ގޮތުގައި ކަޢުބާއަށް ވަދާޢު ކުރުން ޙައްޖުވެރިޔާގެ ޙައްޤުގައި ކަނޑައެޅިފައިވެ އެވެ.  

އަދި މި ވާޖިބު ދޫކޮށްފިހިނދު ޙައްޖުވެރިޔާގެ މައްޗަށް ކަތިލުން ވާޖިބުވެގެންވެ އެވެ.  

މިކަމަށް ދަލީލު ކުރެވޭ ޙުއްޖަތް ތަކުގެ ތެރޭގައިވެ އެވެ.  

ابن عباس -رضي الله عنهما- ގެ އަރިހުން އިމާމް مسلم (3219) ރިވާކުރެއްވި އެވެ. حديث ގައި ވެއެވެ. ވިދާޅުވި އެވެ. (كَانَ النَّاسُ يَنْصَرِفُوْنَ فِيْ كُلِّ وَجْهٍ، فَقَالَ رَسُوْلُ الله  : لاَ يَنْفِرَّنَ أَحَدٌ حَتَّى يَكُوَن آخِر عَهْدِهِ بِالبَيْتِ) ”މީސްތަކުން އެކި ދިމާލުން މައްކާ ދޫކުރަމުން ދެއެވެ. ފަހެ އެހިނދު ﷲ ގެ ރަސޫލާ حديث ކުރެއްވި އެވެ. އެމީހެއްގެ އެންމެ ފަހުގެ ޢަހުދަކީ ގެކޮޅުގައި ޠަވާފް ކުރުން ކަމުގައި ހެދުމަށްފަހު މެނުވީ ނުކުމެގެން ނުވާނެ އެވެ.“  

މީގެ އިތުރަށް މި ޢަމަލަކީ ވާޖިބެއްކަން ބަޔާންވެގެންވާ ދަލީލުތަކުގެ ތެރޭގައިވެ އެވެ. ابن عباس رضي الله عنهما ގެ އަރިހުން  البخاري (1755)  އަދި مسلم (3220) ރިވާކުރެއްވި އެވެ. حديث ގައިވެ އެވެ. ވިދާޅުވި އެވެ. (أُمِرَ النَّاسَ أَنْ يَكُوْنَ آخِر عَهْدِهِمْ بِالبَيْتِ إِلاَّ أَنَّهُ خُفِّفَ عَنْ الحَائِض) ”މީސްތަކުންނަށް އެބައިމީހުންގެ އެންމެ ފަހު ޢަހުދަކީ (އަދާކުރާ އެންމެ ފަހު ޢަމަލަކީ) ގެކޮޅުގައި ޠަވާފް ކުރުން ކަމުގައި އަމުރު ކުރެއްވި އެވެ. އެހެނަސް ހައިޟުވެރިންނަށް އެކަން ލުއިކުރެވިގެންވެ އެވެ.“  

ޙަދީޘްއިން ބަޔާންވެގެންވާ ދަލީލަކީ ހައިޟުވެރިންނަށް طواف الوداع ކުރުން ދޫކޮށްލެއްވުމަށް ހުއްދަ ދެއްވައިފައިވުމުން އެއިން ދަލީލު ކުރެވެނީ އެއީ ވާޖިބު ވެގެންވާ ކަމެއްގެ ގޮތުގަ އެވެ. އެބަހީ ވަކި ޙާލަތެއްގައި ލުއިކަން ލިބިގެން ވުމުން، އޭގެ އަޞްލުގައި އެކަމަކީ ވާޖިބު ކަމެއް ކަމުގައި ބަޔާންވެގެންވެ އެވެ. އެހެނީ ވާޖިބެއް ނޫންނަމަ، ލުއިކަން ލިބުމުގެ ބޭނުމެއް ނެތެވެ.  

ހައިޟުވެރިން ފަދައިން ނިފާޞްވެރިން އެކަމުގައި ހިމެނިގެން ވެ އެވެ.   

ދެވަނައީ :  

ނަބިއްޔާ صلى الله عليه وسلم ކުރެއްވި އެއްވެސް ޢުމުރާއެއްގެ އަޅުކަމުގައި ޢުމުރާކުރާ އަހުލުވެރިންނަށް، ޙައްޖުކުރާ އަހުލުވެރިންނަށް ޙައްޖުގެ އެންމެފަހުގެ ޢަމަލު ގޮތުގައި ވަދާޢީ ޠަވާފް ކުރުމަށް އަމުރުފުޅު ކުރެއްވި ފަދައިން އަމުރުފުޅު ކުރައްވާފައި ނުވެ އެވެ.  

އެގޮތުން ނަބިއްޔާ ޙައްޖުވެރިންނަށް އަމުރުފުޅު ކުރެއްވި ފަދައިން (لاَ يَنْفِرَّنَ أَحَدٌ حَتَّى يَكُوَن آخِر عَهْدِهِ بِالبَيْتِ) “ އެމީހެއްގެ އެންމެ ފަހުގެ ޢަހުދަކީ ގެކޮޅުގައި ޠަވާފް ކުރުން ކަމުގައި ހެދުމަށްފަހު މެނުވީ ނުކުމެގެން ނުވާނެ އެވެ.“  މިފަދައިން ޢުމުރާގައި ޙަދީޘްފުޅު ނުކުރައްވަ އެވެ.  

ނަބިއްޔާގެ ސީރަތްޕުޅަށް ބަލާއިރު، ޙަޔާތްޕުޅުގައި ކުރެއްވި  الجعرانة   ޢުމުރާ އަދި ޢުމްރަތުލް-ޤަޟާގައިވެސް ޠަވާފުލް-ވަދާޢު ކުރެއްވިކަމެއް ސުންނަތުން އެނގޭކަށެއް ނެތެވެ.  

އަދި މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުންގެ ފަރާތުންވެސް އެބޭކަލުން ޢުމުރާ ކުރެއްވުމަށްފަހު ތަވާފުލް-ވަދާޢު ކުރައްވާކަން ބަޔާންވެގެން ނުވުންވެސް މި ޤައުލަށް ބާރުދެ އެވެ.  

ވުމުން، ބައެއް ޢިލްމުވެރިން މިކަމުގެ މައްޗަށް ބުރަވެވަޑައިގެން ވިދާޅުވެފައިވަނީ، ދަލީލެއް ނެތުމުން އެކަން ވާޖިބު ޢަމަލެއްގެ ގޮތުގައި ޢުމުރާ ކުރާމީހާއަށް ނުވެ އެވެ.  

މިޤައުލަކީ މި މައްސަލައިގައި أبي حنيفة އަދި مالك އިޚްތިޔާރު ކުރެއްވި ބަސްފުޅެވެ.  

އެހެނަސް ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ދެކެވަޑައިގަންނަވަނީ ޙައްޖުވެރިޔާއަށްވެސް ތަވާފް އަލް-ވަދާޢު ކަނޑައެޅިފައިވާ ފަދައިން ޢުމުރާ ކުރާ ފަރާތަށްވެސް އޭނާގެ ޙައްޤުގައި އެއީ ކަނޑައެޅިފައިވާ ވާޖިބު ޢަމަލެއްގެ ގޮތުގަ އެވެ. މިފަދައިން އެބޭކަލުން ވިދާޅުވަނީ ޙައްޖުގައި ކުރުމަށް އޮތް ޢަމަލުތައް ކުރުމަށް ނަބިއްޔާ ޢުމުރާގައިވެސް ވިދާޅުވެފައިވާ ޢާންމު ޙަދީޘްތަކުގެ މައްޗަށް ބުރަވެ ވަޑައިގެންނެވެ.  

ޞަޙާބީ يعلى بن أمية ގެ އަރިހުން مسلم (1180) ރިވާކުރެއްވި އެވެ. حديث ގައިވެ އެވެ. ވިދާޅުވި އެވެ. (وَاصْنَعْ في عُمْرَتِكَ ما أَنْتَ صَانِعٌ في حَجِّكَ) ”ތިބާ ހައްޖުގައި ޢަމަލު ކުރާ ފަދައިން ތިބާގެ ޢުމުރާގައިވެސް ޢަމަލު ކުރުން ހުއްޓެވެ.“ މި ބަސްފުޅަކީ އިމާމް أحمد އަދި الشافعي ދެކެވަޑައިގަންނަވާ ގޮތެވެ.  

ވުމުން، ޙައްޖުގައި ވަދާޢީ ޠަވާފްކުރާ ފަދައިން ޢުމުރާގައިވެސް ވަދާޢީ ތަވާފްކުރުން ކަނޑައެޅިގެންވާކަން އެބޭކަލުން ދެކެވަޑައިގަންނަވަ އެވެ. މި ޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން ابن العُثَيمِين -رحمه الله- މި ޤައުލުވިދާޅުވެފައިވެ އެވެ. 

އެހެނަސް ޙަޤީޤަތަކީ މިއީ ވަރަށް ދުރު ބުނުމެކެވެ. ސަބަބަކީ، ޙައްޖާއި ޢުމުރާގައި ޢަމަލުތަށް ނުހަނު ތަފާތު އަދި ފަރަޤު ބޮޑުވެގެންވާ ޢަމަލުތައްވެ އެވެ. ފަހެ، މި ޢާންމު ޙަދީޘްއިން ވަދާޢު ތަވާފް ކުރުމަށް ބުނުމަކީ ވަރަށް ދުރުގޮތެކެވެ. ސަބަބަކީ، ނަބިއްޔާ ޢުމުރާ ކުރައްވައި ޠަވާފް އަލް-ވަދާޢު ކުރައްވާފައި ނުވުމުން މި ޚާއްޞަ ޢަމަލުން އިސްވެދިޔަ ޙަދީޘްގައިވާ ޢާންމު މާނައިން ބޭރުވެ އެވެ.  

މައްސަލައިގެ ޚުލާޞާގެ ގޮތުގައި ބުނަމެވެ.  

ޝައްކެތްވެސް ނެތެވެ. ޢުމުރާ ކުރާ މީހާއަށް ތަވާފުލް ވަދާޢު ކުރުމަށް ވާޖިބު ކުރާނެ ދަލީލެއް ނުވެ އެވެ. ނަބިއްޔާ ޙަޔާތްޕުޅުގައި 4 ޢުމުރާ ކުރެއްވިހިނދުގައިވެސް އެއްވެސް ޢުމުރާއަކާ ވިދިގެން ވަދާޢީ ޠަވާފް ކުރުމަށް އަމުރުފުޅު ކުރައްވާފައި ނުވުން އެއީ މިކަމުގެ މައްޗަށް ނެރެވޭ ވަރަށްބޮޑު ހުއްޖަތެކެވެ.  

ވުމުން އެއީ ޢުމުރާ ކުރާ މީހާގެ ޙައްޤުގައި ވާޖިބެއް ނޫނެވެ. 

އެހެނަސް ޢުމުރާ ކުރާ މީހާ އެކަމުގައި އެންމެ ރައްކާތެރި ގޮތުގައި އަދި ޚިލާފްއިން ބޭރުވުމަށްޓަކައި ވަދާޢީ ޠަވާފް ކުރުމުގައި މަނާކަމެއް ނެތެވެ. ނުވަތަ އެދެވިގެންވެ އެވެ. 

އެހެނަސް އެއީ ވާޖިބެއް ކަމުގައި ބުނެވޭނެ ދަލީލެއް ނެތެވެ.  

ފަހު ނުކުތާއެއްގެ ގޮތުގައި ބުނެމެވެ.  

މިއަދު މީސްތަކުންގެ ތެރޭގައި ޢާންމުވެފައިވާ ސިފައަކީ، ވަކި ވަޤުތެއް ޢަދި ވަކި ސިފައެއް ބެލުމެއްނެތި ވަދާޢީ ތަވާފްގެ ގޮތުގައި މި ތަވާފް ކޮށްލުމެވެ.  

ފަހެ، އެހިނދު އެ ޠަވާފްއަކީ ވަދާޢީ ޠަވާފްކަމުގައި ނުވެ އެވެ. އަދި އެ ޒިންމާ ޢަދާކުރި ކަމުގައިވެސް ނުވާނެ އެވެ.  

މި ޒަމާނުގައި ދުނިޔެމަތީގައި ތިއްބެވި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة رَبِيع بن هادِي المدخَلِي -حفظه الله- ވިދާޅުވެފައިވެ އެވެ.  

ސުވާލު : ފަތިސް ވަޤުތުގައި މީހަކު ވަދާޢީ ޠަވާފް ކުރި އެވެ. އޭނާ ފުރުން އޮތީ މެންދުރު 12 ޖަހާއިރު އެވެ. އަދި އޭނާ ޠަވާފް ކުރުމަށްފަހު ބާޒާރުން އެއްޗެއް ގަތެވެ. މިފަދަ މީހާގެ މައްޗަށް ކުށެއްވޭ ހެއްޔެވެ؟ 

ޖަވާބު : ”ޠަވާފުލް ވަދާޢު ކިޔަނީ، ތިބާ އެ ޠަވާފްކޮށް އަވަދި ވުމަށްފަހު މައްކާއިން ނުކުންނަ ހިނދުގަ އެވެ. އެހެނަސް ކުއްލިހަކަށް ޙާޖަތެއް ދިމާވެގެން ބާޒާރުން އެއްޗެއް ގަންނަން ޖެހިގެން އެ އެއްޗެއް ގަތުމަށްފަހު މައްކާއިން ނުކުތުމުގައި ކުށެއް ނެތެވެ.  

ދެންފަހެ، ތިބާ ފަތިސް ވަޤުތުގައި ޠަވާފްކުރުމަށްފަހު މެންދުރުފަހުން ފުރުމަކީ (ޠަވާފް ކުރުމަށްއޮތް ސިފައެއް ނޫނެވެ.) މިއީ ކޮށްގެންވާނެ ގޮތެއް ނޫނެވެ.“   

ފަތުވާ ނަގާފައިވަނީ : الذريعة إلى بيان مقاصد الشريعة ص 291 

ވުމުން، މި ޠަފާވް ކުރުން އޮތީ އެންމެހައި ޢަމަލުތަކެއް ނިމި ދަތުރަށް ތައްޔާރުވެ އެންމެ ފަހުން މައްކާގައި ހުރެގެން ކުރާ ޢަމަލުގެ ގޮތުގަ އެވެ.  

ޠަވާފްކޮށް ގެއަށް އަނބުރައިގޮސް ނިދައި ހޭލުމަށް ޤަޞްދު އޮތް މީހާއަށް އޮތީ ނިދައި ހޭލުމަށްފަހު އެންމެ ފަހު ޢަމަލުގެ ގޮތުގައި ޠަވާފް ހެދުމެވެ.  

އަދިވެސް ބައެއް މީހުން، ޢަޞްރު ފަހުން މައްކާއިން ފުރުމަށްއޮތްހިނދު، ވަދާޢީ ޠަވާފް ފަތިސްފަހުން ކޮށް އެއަށްފަހު އަނބުރާ ޙަރަމްފުޅަށް (މަސްޖިދުލް-ޙަރަމްއަށް) ނުގޮސް ގޭގައި ނުވަތަ ހޮޓަލުގައި ތިބެ އެވެ. މިއީ ވަދާޢީ ތަވާފް ކަމުގައި ދެކި އެކަމުގެ ޙުކުމް އޮންނަނީ އެފަދައިން ކަމުގައި ޤަބޫލުކޮށްގެންނެވެ.  

ޝައްކެތްވެސްނެތެވެ. މިއީ ޠަވާފް ކުރުމަށް އޮތް ސިފައެއް ނޫނެވެ.  

މިފަދައިން ޢަމަލު ކުރުމުން އެއީ ޠަވާފް ކުރުން ކަމުގައި ނުވާނެ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts