މީރުވަސްދުވާ ދޮންނަކުނޑި ބޭނުންކޮށްގެން އިޙްރާމް ދޮވުމުގެ ޙުކުމަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.أما بعد:

އެ ދޮންނަކުނޑީގައި މީރުވަސްވެ އެވެ. އެފަދަ ދޮންނަކުނޑި އެއް ބޭނުންކޮށްގެން އިޙްރާމް ދޮވުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

އިޙްރާމުގައި ހުންނަ މީހާ، އޭނާ ތަޙައްލުލުވެ އިޙްރާމް ކެނޑުމަށް ދާންދެން، ޙަރާމްވެގެންވާ ކަންތައްތަކުގެ ތެރޭގައި މީރުވަސްދުވާ ތަކެތި ބޭނުންކުރުން ޙަރާމްވެގެންވެ އެވެ.

ގިނަ ޙަދީޘްތަކެއް މި ގޮތުގައި ވާރިދުވެގެންވެ އެވެ.

އިމާމް البخاري (1542) އަދި مسلم (2791) ޞަޙާބީ ابن عمر رضي الله عنه ގެ އަރިހުން ރިވާކޮށްފައިވާ ޙަދީޘްގައި މިކަން ބަޔާން ކުރެވިފައިވެ އެވެ. އެ ޙަދީޘްގައިވެ އެވެ. (وَلاَ تَلْبَسُوْا مِنَ الثِّيَابِ شَيْئاً مَسَّهُ زَعْفَرَان أَوْ وَرْس) ”އެ ފޭރާމެއްގައި ކުކުން (މީރުވަސްދުއްވާ އެއްޗެއް) އަދި ވަރްސް ބޭނުންކޮށްފައިވާ ފޭރާމެއް ލައިގެން ނުވާނެއެވެ.“

މިއީ އެޒަމާނުގައި މީރުވަސް ދުއްވުމަށްޓަކައި ބޭނުންކުރާ އެއްޗެކެވެ.

އަދިވެސް އިމާމް البخاري (4329) އަދި مسلم (2798) ޞަޙާބީ يَعْلَى بِن أُمية ގެ ގެ އަރިހުން ރިވާކޮށްފައިވާ އެހެން ހަދީޘެއްގައިވެ އެވެ. ނަބިއްޔާ ﷺ  الجعرانة (ޖިޢިއްރާނަ އަކީ އިޙްރާމްބަންނަ މީޤާތުތަކުގެ ތެރެއިން އެއް މީޤާތެވެ.) ގައި ހުންނަވަނިކޮށް ހުވަނދު ލައިފައިވާ ޖުއްބާއެއް ލައިގެންހުރި أعرابي އެއް ނަބިއްޔާ ﷺ  ގެ އަރިއަހަށް އައެވެ.

އަދި ވިދާޅުވި އެވެ. (يَا رَسُوْلَ الله! كَيْفَ تَرىَ فِيْ رَجُلٍ أَحْرَمَ بِعُمْرَة فِي جُبَّة بَعْدَمَا تَضْمَخ بِالطِّيب؟ فَقَالَ: أَمَّا الطِّيْب الذِّيْ بِكَ فَاغْسِلْهُ ثلَاَث مَرَّاتٍ، وَأَمَّا الجُبَّةَ فانْزِعْهَا، ثُمَّ اصْنَع فِيْ عُمْرَتِكَ كَمَا تَصْنَع فِي حَجِّكَ) ”الله ގެ ރަސޫލާ އެވެ. މީހަކު عمرة އަށް އިޙްރާމް ބަން ހިނދުގައި އޭނާވަނީ ހުވަނދުލާފައިވާ ޖުއްބާއެއްގަ އެވެ. މިފަދަ މީހަކާމެދު ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ؟ حديثކުރެއްވި އެވެ. ”ދެންފަހެ، ތިބާގެ ހަށިގަނޑުގައިވާ ހުވަނދު ތިންފަހަރަށް ދޮންނަ ހުއްޓެވެ. އަދި ޖުއްބާ ބޭލުން ހުއްޓެވެ. އަދި އެއަށްފަހު ތިބާ حج ގައި ޢަމަލުކުރާފަދައިން عمرة ގައި ޢަމަލުކުރުން ހުއްޓެވެ.“

މި ޙަދީޘްގައިވެސް މިވަނީ، ހުވަދު ހަށިގަނޑުގައި ބޭނުންކުރާފަދައިން މީރުވަސްދުއްވުމަށް ބޭނުންކުރާ ހުވަދެއްފަދައިން ބޭނުންކުރާ އެއްޗެއް އިސްތިޢުމާލު ކުރުމުން ޙަދީޘްކުރެއްވި ގޮތެވެ.

އަދި ابن عباس رضي الله عنه ގެ އަރިހުން އިމާމް البخاري (1751) އަދި مسلم (2792) ރިވާކޮށްފައިވާ އެހެން ޙަދީޘެއްގައިވެ އެވެ. (أن رجلاً كان مع النبي فوقصته ناقته وهو محرم فمات، فقال رسول الله : اغسلوه بماء وسدر، وكفنوه في ثوبيه، ولا تُمسوه بطيب، ولا تخمروا رأسه؛ فإنه يبعث يوم القيامة ملبياً) ”ހަމަކަށަވަރުން ނަބިއްޔާ ﷺ  އަރިހުގައި إحرام ގައި ހުންނެވި ބޭކަލަކު ޖަމަލުން ވެއްޓިވަޑައިގެން ކަނދުރާފުޅު ބިންދައިގެން ދިއުމުން އަވަހާރަވި އެވެ. ފަހެ، رسول الله ﷺ  حديث ކުރެއްވި އެވެ. ”އެބޭކަލަކު ފެނުންނާއި ކުންނާރު ފަތުގެ ފެނުން ހިނަވާށެވެ. އަދި ދެ ކަފުނުން ކަފުން ކުރާށެވެ. ހަށިކޮޅުގައި އެއްވެސް މީރުވަސް ދުވާ އެއްޗެއް ނުލާށެވެ. އަދި ބޯ ނިވާ ނުކުރާށެވެ. ފަހެ ހަމަކަށަވަރުން އެބޭކަލަކު قيامة ދުވަހު މަޙްޝަރު ކުރެވޭނީ ތަލްބިޔާ ވިދާޅުވާ ޙާލުކޮޅުގަ އެވެ.“

ވުމުން، އިސްވެދިޔަ އެންމެހައި ޙަދީޘްތަކުން ބަޔާންވަނީ، މީރުވަސް ދުއްވުމަށް ބޭނުންކުރާ އެއްޗެއް، އެއީ އަތަރު، ސެންޓް، ސްޕްރޭ ފަދަ ނޫނީ، މީރުވަސް ދުއްވުމަށް ބޭނުންކުރާ ދިޔާ އެއްޗެއް ނުވަތަ ހަރުއެއްޗެއް، ނުވަތަ މީރުވަސް ދުއްވުމަށް އަރުވާ ދުން، މިފަދަ އެއްޗެއް އިޙްރާމުގައި ހުންނަަ ޙާލަތުގައި ބޭނުން ކުރުން ހުއްދަ ނުވާނެ އެވެ.

އަދިވެސް ބުނަމެވެ. އެންމެހައި ޙަދީޘްތަކުން ބަޔާންވަނީ، މީރުވަސް ދުއްވުމަށް ބޭނުންކުރާ އެއްޗެއް، އެފަދައިން އިސްތިޢުމާލު ކުރާ އެއްޗެއް އެމީހަކު އިޙްރާމުގެ ޙާލަތުގައި ބޭނުން ކުރުން މަނާވެގެން ވުމެވެ.

އެހެނަސް އެ އެއްޗަކީ އޭގެ ޛާތުގައި މީރުވަސް ދުއްވުމަށް ބޭނުން ކުރާ އެއްޗެއް ނޫން ކަމުގައިވެ އެބަހީ ހުވަދެއް ކަމުގައި ނުވެ އެވެ. އަދި އޭގައި މީރުވަސް ދުވިކަމުގައިވީނަމަވެސް އެއީ ބޭނުން ކުރުން ހުއްދައެއްޗެކެވެ.

ފަހެ، އެމީހަކު ބޮޑަށް ރައްކާތެރިވުމަށްޓަކައި އެއެއްޗެއް ދޫކޮށްލުމަކުން މައްސަލައެއް ނެތެވެ.

މިޘާލަކަށް ދޮންނަކުނޑި އެވެ. ދޮންނަކުނޑިއަކީ އޭގެ ޛާތުގައި މީރުވަސް ދުއްވުމަށް ބޭނުން ކުރާ އެއްޗެއް ނޫނެވެ. ހުވަދު ލުމުގެ ޤަސްދުގައި އެއްވެސް މީހަކު އެ ކޮންނަކުނޑިއެއް ބޭނުން ނުކުރާނެ އެވެ. އަދި ހުވަދުލުން ކަމުގައި ނުބުނާނެ އެވެ. އެބަހީ، އެއްވެސް މީހަކު އެމީހަކު ހަށިގަނޑުގައި އަދި ފޭރާމެއްގައިވެސް ދޮންނަކުނޑިއެއް މީރުވަސް ދުއްވުމަށްޓަކައި ނުއުނގުޅާނެ އެވެ.

އަދި ހަމަ އެފަދައިން ސައިބޯޏެއްވެސް، އެއްވެސް މީހަކު އެއީ މީރުވަސް ދުއްވުމުގެ ނިޔަތާއި، ހުވަދު ލުމުގެ ޤަޞްދުގައި ހަށިގަނޑުގައި ނުއުނގުޅާނެ އެވެ.

އެހެންވުމުން، ބަޔާންވަނީ މިއީ މީރުވަސް ދުއްވުމުގެ ގޮތުން ބޭނުން ކުރާ އެއްޗެއް ނޫންކަމެވެ. ވުމާއެކު، އެ ޙުކުމުގެ ތެރެއަށް ނުވަންނާނެ އެވެ.

އެގޮތުން، އިޙްރާމްގެ ޙާލަތުގައި ބޭނުންކުރާ ފޮށާ ދޮންނަކުނޑި އަޅައިގެން ދޮވުމަކީ މައްސަލައެއް ނޫނެވެ. އެކަމުގައި ކުށެއް ނެތެވެ. އެއީ، އިސްވެ ބަޔާންކުރި ގޮތަށް މީރުވަސް ދުއްވުމުގެ ގޮތުން ބޭނުންކުރާ އެއްޗެއް ކަމުގައި ނުވާތީ އެވެ.

މިތަނުގައި މި މައްސަލައިގައި މަދީނާގެ އެންމެ ބޮޑެތި ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޕްރޮފެސަރ ޑރ. الشيخ عَبد الله البخَارِي -حفظه الله- ވިދާޅުވެފައިވާ ފަތުވާއެއް ބަޔާން ކުރަމެވެ.

ސުވާލު : އިޙްރާމް ފޮށާ މީރުވަސްދުވާ ދޮންނަކުނޑިން ދޮވެފިހިނދު، ކަނޑައެޅޭނީ އިޙްރާމުގައި މީރުވަސްދުވާ ތަކެތި ބޭނުންކޮށްފައިވުމުގެ ތެރެއިން ތޯ އެވެ؟

ޝެއިޚް ޖަވާބުގައި ވިދާޅުވި އެވެ.

”ﷲ ތިބާއަށް ބަރަކާތް ލައްވާށި އެވެ! ދޮންނަކުނޑިއަކީ ނުވަތަ ފޭރާން ދޮވުމަށްޓަކައި ބޭނުން ކުރާ ބައެއް ތަކެތި އަދި ސައިބޯނި (ދޮންނަކުނޑި) ގައި ވަސްހުރެ އެވެ. އެހެން ނޫންތޯ އެވެ؟ އެހެނަސް އެއްވެސް ބައެއްގެ ތެރޭގައި އެއީ (ސެންޓް، އަތަރު، ހުވަދު) ހަށިގަނޑުގައި މީރުވަސް ދުއްވަން ބޭނުންކުރާ އެއްޗެއް ގޮތުގައި ކަނޑައެޅިފައި ނުވެ އެވެ.

މިސްކިތަށް ވަނުމުގެ ކުރިން މިސްކިތް ދޮރުކައިރީގައި ހުރެގެން އެއްވެސް މީހަކު ސާބޯނި (ދޮންނަކުނޑި) އޭނާގެ އަތަށް އަޅައިގެން ހަށިގަނޑުގައި އުނގުޅައި، ތިމަންނަ (ސެންޓް، އަތަރުލައި، ހުވަދު) ހަށިގަނޑުގައި ބޭނުންކުރަނީއޭ ބުނިއަޑު އެހިން ހެއްޔެވެ؟ މިއީ، ހިނގާކަމެއް ހެއްޔެވެ؟

ފަހެ، އެހެންވުމުން މިފަދަ ތަކެތި ބޭނުންކުރުމަކީ، (ހަށިގަނޑުގައި އަދި ފޭރާމުގައި) ހުވަދުލުން (ސެންޓްލުން، އަތަރުލުން) ކަމުގައި ނުބުނެވޭނެ އެވެ. އަދި (ސެންޓް، އަތަރު ފަދަ މީރުވަސްދުވާތަކެތި) ބޭނުން ކުރުން ކަމުގައި ކަނޑައެއް ނޭޅޭނެ އެވެ.

އެހެނަސް އަޥްލާވެގެންވަނީ، އެމީހަކު ޝައްކުތަކުން ދުރުވުމަށްޓަކައި، އެއިން ދުރުވެގަތުމެވެ.

ފަހެ، ސުވާލުގައި ބުނެފައިވާ ގޮތުން ދޭހަވަނީ، އިޙްރާމް ލުމުގެ ކުރިން (ބޭނުން ކުރާ) ވާހަކަ އެވެ. އެހިނދު އޮތީ މި ޙާލަތެވެ.

ދެންއޮތީ އިޙްރާމް ލުމަށްފަހު، އިޙްރާމްލައިގެން ހުއްޓާ އެ އިޙްރާމުގައި އެއްޗެއް އުނގުޅި (ހަޑިވީ) އެވެ. އޭނާ ޢުމުރާ ކުރުމަށް ނުވަތަ ޙައްޖު ކުރުމަށް އިޙްރާމަ ލައިގެން ހުއްޓާ އޭގައި އެއްޗެއް ހޭކުނީ އެވެ. އަދި އެ ފިލުވުމަށްޓަކައި ދޮންނަކުނޑި ބޭނުން ކުރީ އެވެ.

ބުނަމަވެ. އެންމެ އަޥްލާވެގެންވާ ގޮތަކީ އެތަކެތިން ދުރުވުމެވެ. އަދި (އިޙްރާމުގައި ޖެހުނު އެތި) އެ އެއްޗަކުން އެއްވެސް ވަހެއް ނުދުވާ އެއްޗެއް ބޭނުންކޮށް ދޮވުމެވެ. މިއީ އެންމެ ރައްކާތެރިކަން ބޮޑު އަދި އެންމެ އަޥްލާވެގެންވާ ގޮތެވެ. އަދި ޝައްކުވާ ކަންތަކުން އެންމެ ދުރުކޮށްދޭ ގޮތެވެ.

އެހެނަސް އެ (ދޮންނަކުނޑި، ސައިބޯނި) ބޭނުންކޮށްގެން ދޮވުނީ އެވެ. އެކަމުގައި ކުށެއް ނެތެވެ. އަދި އެއީ މީރުވަސްދުއްވާ އެއްޗެހި (ހުވަދު) ބޭނުން ކުރީ ކަމުގައި ނުވާނެ އެވެ.“ الموقع الرسمي لفضيلة الشيخ عبدالله البخاري > مقاطع وأسئلة > حكم غسل لباس الإحرام بالصابون المعطر

މި މައުޟޫގައި މަދީނާގައި ދިރިއުޅުއްވާ ޢިލްމުވެރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. عَرَفَات بن حسَن المحمدِي -حفظه الله- އަރިހުގައި ސުވާލު ދެންނެވީމެވެ.

ސުވާލު : ޝެއިޚް އެވެ. މި ޒަމާނުގައި ހުންނަ ބައެއް ދޮންނަކުނޑިއަކީ އޭގައި މީރުވަސްދުވާ ތަކެއްޗެވެ. މީހަކު އޭނާގެ އިޙްރާމް އެއިން ދޮވުމުގައި ކުށެއްވޭ ހެއްޔެވެ؟ އަދި އެކަނޑައެޅޭނީ މީރުވަސްދުވާ އެއްޗެއް އިޙްރާމުގައި ބޭނުންކުރި ކަމުގައިތޯ އެވެ؟

ޝެއިޚް ޖަވާބުގައި ވިދާޅުވި އެވެ. ”އެކަމުގައި މައްސަލައެއް ނެތެވެ. އެއީ، މީރުވަސްދުވާ (އަތަރު،ސެންޓް، ހުވަދު ފަދަ އެއްޗެއް ގޮތުގައިވާ) އެއްޗެއް ނޫނެވެ. ފަހެ، (އިސްތިޢުމާލު ކުރުން ހަރާމްވެގެންވަނީ) މީރުވަސްދުއްވުމަށް ބޭނުންކުރާ އެއްޗެއްސެވެ.“ (ޝެއިޚްގެ ފަތުވާ ނިމުނީ)

ވުމުން މައްސަލަ ސާފުވެއްޖެކަމުގައި އުއްމީދު ކުރަމެވެ.

އެފަދަ ދޮންނަކުނޑިން ދޮވުމަކީ ހުއްދަ ކަމެކެވެ. ސަބަބަކީ އެއީ ސެންޓާއި އަތަރު ފަދައިން މީރުވަސް ދުއްވުމަށް ހަށިގަނޑުގައި ބޭނުންކުރާ އެއްޗެއް ނޫނެވެ.

އެހެނަސް ޝެއިޚް ވިދާޅުވެފައިވާ ފަދައިން ރައްކާތެރި ގޮތަކީ އަދި އަޥްލާވެގެންވާ ގޮތަކީ ޝައްކުތަކުން ވެސް ދުރުވުމަށް އެފަދަ އެއްޗެއް ދޫކޮށްލުމެވެ. އެހެނަސް އޭގެ އަޞްލުގައި އެ ހުއްދަވެގެންވެ އެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply