ފަރުޟު ނަމާދުގައި ސަޖިދައިގައި ދުޢާ ކުރެވިދާނެތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ސަޖިދައިގައި ދުޢާ ކުރުމާއި މެދުގައި ބުނަމެވެ.   

އަޚާ އެވެ! ބައެއް މީހުން ދެކޭ ގޮތުގައި ސަޖިދައިގައި ދުޢާ ކުރުމަކީ ދަމުނަމާދަށް (ތަޙައްޖުދު ނަމާދަށް) ޚާއްޞަވެގެންވާ ޢަމަލެކެވެ.  

އެހެނަސް އެއީ ޞައްޙަ ބުނުމެއް ނޫނެވެ.  

އެންމެހައި ނަމާދެއްގައި، އެއީ ފަރުޟު އަދި ސުންނަތް ނަމާދު ކަމުގައިވީނަމަވެސް ސަޖިދައިގައި ދުޢާ ކުރުން ބަޔާންވެގެންވެ އެވެ. 

 

ނަބިއްޔާ -صلى الله عليه وسلم-  ޙަދީޘް ކުރައްވާފައިވެ އެވެ. (إنَّ أقربَ ما يكونُ العبدُ مِن ربِّه وهو ساجدٌ فأكثِروا الدُّعاءَ)  ”އަޅާ އޭނާގެ އިލާހުގެ ޙަޟުރަތަށް އެންމެ ކުށްތަންވާ ވަޤުތަކީ ސަޖިދައިގައި އޮންނަ ވަޤުތެވެ. ފަހެ، ތިޔަބައިމީހުން ދުޢާކުރުން ގިނަ ކުރާށެވެ.“ رواه مسلم في كتاب الصلاة، باب: ما يقال في الركوع و السجود. 

އަދި އެހެން ޙަދީޘެއްގައިވެ އެވެ. (وأما السجود فاجتهدوا في الدعاء فقمن أن يستجاب لكم) ”ދެންފަހެ، ސަޖިދައިގައި ދުޢާ ކުރުމަށް ބާރުއެޅުން ހުއްޓެވެ. ފަހެ، އެ ދުޢާ އިޖާބަވެދިއުން ގާތްވެގެންވެ އެވެ.“  

މިއީ އެންމެހައި ނަމާދުގެ ސަޖިދައަށް ބަޔާންވެގެންވާ ޙުކުމެވެ.  ވުމުން، ކުޅަދާނަވެގެންވާ ވަރަކުން ސަޖިދައިގައި ދުޢާ ކުރުން ހުއްޓެވެ. 

ދަންނަ އެވެ! ސަޖިދައިގައި އެއްފަހަރު سبحان ربي الأعلى އެއްފަހަރު ކިޔުން ވާޖިބުވެގެންވާކަމަށް ޖުމްހޫރު ޢީލްމުވެރިން ވިދާޅުވެ އެވެ. އަދި 3 ފަހަރަށް ކިޔުން އެދެވިގެންވެ އެވެ.  

ވުމުން ދުޢާ ކުރާ މީހާ އޭނާ ސަޖިދައިގައި ދުޢާކުރުން އޮތީ މި ޛިކުރު ކިޔުމަށްފަހުގައި ކަމުގައި ހަނދާންކޮށްދެމެވެ.  

މި މައުޟޫގައި ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام ابن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.  

”ސަޖިދައިގައި ކުރެވޭ ދުޢާ އިޖާބަވުން ގާތްކަން ބޮޑެވެ. ފަރުޟު ނަމާދެއް އަދި ސުންނަތް ނަމާދެއްގައި ކަމުގައިވީނަމަވެސް މެއެވެ. 

އެއީ ނަބިއްޔާ -صلى الله عليه وسلم-  ޙަދީޘް ކުރައްވާފައިވުމުންނެވެ. (أَقْرَبُ ما يَكونُ العَبْدُ مِن رَبِّهِ، وهو ساجِدٌ، فأكْثِرُوا الدُّعاءَ)  

އަޅާ އޭނާގެ ރައްބުގެ ޙަޟުރަތަށް އެންމެ ކުށްތަންވެގެންވަނީ އޭނާ ސަޖިދައިގައިވާ ހިނދުގަ އެވެ. ފަހެ، ދުޢާކުރުން ގިނަކުރުން ހުއްޓެވެ. ސަޖިދައިގައި ދުޢާކުރުން އިތުރުކުން މުސްތަޙައްބުވެގެންވެ އެވެ. ސަބަބަކީ ސަޖިދައިގައިވާ ދަނޑިވަޅަކީ، ކިޔަމަންތެރިކަމާއި ދެރަ ނިކަމެތި ކަމުގެ އިތުރުން ހިތް ތިރިކުރެވޭ ޙާލަތަކަށް ވާތީވެ އެދަނޑިވަޅުގައި ދުޢާކުރުން މުނާސިބުވެގެންވެ އެވެ.“ 

شرح عمدة الأحكام  ص١٩٨ 

މާތް ނަބިއްޔާގެ އަރިހުން ޘާބިތުވެގެންވާ އަދި ސަޖިދައގައި ވިދާޅުވި ނުހަނު ހެޔޮ ދުޢާ މިތަނުގައި ބަޔާން ކުރަމެވެ.  

މިއީ އަހަރުމެންފަދަ އަޅުތަކުން ކޮންފަދަ ޙާޖަތްޖެހިފައިވާ ދުޢާތަކެއް ހެއްޔެވެ؟ 

أَبُو هُرَيرة -رضي الله عنه- ނަބިއްޔާ -صلى الله عليه وسلم- އަރިހުން ރިވާކުރައްވާފައިވެ އެވެ. (أنَّ رسولَ اللهِ -صلى الله عليه وسلم-  كان يقولُ في سجودِه:  اللَّهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ دِقَّهُ وَجِلَّهُ وَأَوَّلَهُ وَآخِرَهُ وَعَلاَنِيَتَهُ وَسِرَّهُ) 

”ހަމަކަށަވަރުން ސަޖިދައިގައި رسولَ اللهِ  -صلى الله عليه وسلم-  ވިދާޅުވެ އެވެ. އަޅުގެ ވެރި އިލާހު! މިއަޅާގެ އެންމެހައި ފާފަތަކެއް ފުއްސަވާނދޭވެ. އެންމެ ކުދި ފާފަތަކާއި، ބޮޑެތި ފާފަތަކާއި، އެންމެ ކުރީގެ ފާފަތަކާއި އެންމެ ފަހުގެ ފާފަތަކާއި އަދި ފާޅުވެގެންވާ ގޮތުގައި އާއި ސިއްރިޔާތުގައި ކުރެވިފައިވާ  އެންމެހައި ފާފަތަކެއް ފުއްސަވާނދޭވެ.“ صحيح مسلم 483 

عَلِيُّ بن أَبِي طَالب -رضي الله عنه-  ވިދާޅުވި އެވެ. ”ﷲ އަށް ކުއްތަންވެ ސަޖިދައިގައި އޮންނަ ހިނދުގައި ކިޔުމަށް ﷲ އެންމެ ލޯބިވޮޑިގަންނަވާ އެއް ކަލިމައަކީ ظَلَمْتُ نَفْسِيْ فَاغْفِرْلِي ….. “ ”މިއަޅާވަނީ ނަފްސަށް އަނިޔާވެރިވެފަ އެވެ. ފަހެ އަޅާއަށް ފާފަ ފުއްސަވާނދޭވެ.“  مصنف ابن أبي شيبة  29842 

ފަހެ، ޤުރުއާނުގައި ވާރިދުވެގެންވާ ދުޢާތައްވެސް ދުޢާ ކުރުމުގެ ބޭނުމުގައި ސަޖިދައިގައި ކިޔޭނެ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts