އަންހެނަކު ސެންޓު ޖަހައިގެން ގެއިން ބޭރަށް ދިއުމުގެ ޙުކުމަކީ ކޮބާތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
އަންހެނުން ހަށިގަނޑުގައި ހުވަދު ލުމާއި މެދުގައި ކޮށްފައިވާ ސުވާލުގައި ބުނަމެވެ.
އިމާމް النسائي އަދި أحمد ރިވާކޮށްފައިވާ ޙަދީޘްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ ) ”ހަށިގަނޑުގައި ހުވަދުލައިގެން އޭގެވަސް ބަޔަކަށް ދުވާފަދައިން ބައެއްގެ ކައިރިން ހުރަސްކޮށްލާފައިދާ ކޮންމެ އަންހެނަކީ، ޒިނޭ ކޮށްފި އަންހެނެކެވެ.“
މި ޙަދީޘް އިމާމް الألباني ، صحيح الجامع ގައި ޙަސަން ކުރައްވާފައިވެ އެވެ.
މިއީ ޝަރިޢަތުގައި އަންހެނުންނަށް މަނާވެގެންވާ ކަމެވެ. ސަބަބަކީ އަންހެން މީހާގެ އަޞްލަކީ ގޭގައި ޤަރާރުވެ އިނުމެވެ. ޝަރުޢީ ޙާޖަތެއްޖެހިގެން މެނުވީ ބޭރުތެރެއަށް ނުނިކުތުމެވެ. ގޭގައި އަންހެން މީހާއަށް ޒީނަތް ފާޅުކުރުމުގައި މަނާކަމެއް ނެތެވެ. އެހެނަސް ބޭރުތެރޭގައި ޒީނަތުގެ ތެރެއިންވާ މިންވަރެއް ފާޅުކުރުން ހުއްދަވެގެން ނުވެ އެވެ.
ﷲ ވަޙީ ކުރެއްވި އެވެ. (وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ) ”ތިޔަކަނބަލުން ތިޔަ ކަނބަލުންގެ ގެތަކުގައި ތިބޭށެވެ. އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށީ ކަމެވެ.“
ޝަރީޢަތުގައި މިފަދައިން ކަނޑައެޅިފައިވާ ސަބަބު އަދި އޭގެ ޙިކްމަތް ނުހަނު ގިނަގުނަ ކަމުގައިވެ އެވެ.
ފަހެ، ހަމަކށަވަރުން އަންހެނުންގެ ފިތުނައަކީ ފިރިހެނުންގެ މައްޗަށް އެންމެ ބޮޑުވެގެންވާ ފިތުނަ ކަމުގައިވެ އެވެ.
މާތްނަބިއްޔާ ﷺ ގެ ޙަދީޘްފުޅުތަކުގައިވާ ފަދައިން އަންހެނުން ބޭރަށް ނުކުންނަހިނދު ޝައިޠާނާ އަންހެން މީހާގެ ގާތަށް އައިސް އޭނާ ފިރިހެނުންނަށް ޒީނަތްތެރި ކުރުވަ އެވެ.
ޙަދީޘްގައިވެ އެވެ. (المرأةُ عورَةٌ فإذا خرجتِ استشرفَها الشَّيطانُ) ”މުޅި އަންހެނާ އަކީ ޢަޥްރައެކެވެ. ފަހެ، އަންހެނާ ބޭރުތެރެއަށް ނުކުމެއްޖެހިނދު، ފިރިހެނުންގެ ލޯތަކުގެ މައްޗަށް އެއަންހެނަކު ޒީނަތްތެރި ކުރުވަ އެވެ.“ މި ޙަދީޘް الترمذي ރިވާކުރެއްވި އެވެ. އަދި އިމާމް الألباني، إرواء الغليل ގައި ސަނަދު ޞައްޙަ ކުރައްވ އެވެ.
މިއީ އަހަރެމެންގެ ލޯމައްޗަށް އެކަން ހިނގާކަން ނުފެނުނު ކަމުގައިވީނަވެސް، ކަން ހިނގާ ގޮތެވެ.
ޝައިޠާނާ އެފިރިހެނުންގެ ލޯތަކުގެ މައްޗަށް އެ އަންހެނަކު ޒީނަތްތެރި ކުރުވަ އެވެ. އަދި އަންހެން މީހާގެ ގާތުގައި ފިރިހެނުންނަށް ރީތި އަދި ފިރިހެނުންނަށް ޒީނަތްތެރި އަންހެނެއް ކަމުގައި ބުނެދީ ފިތުނަވެރި ކުރުވަ އެވެ.
ވުމުން، އަންހެނުންގެ މައްޗަށް ފިރިހެނުންގެ ލޮލުގެ ނަޟަރު ހުއްޓުވާ ކަންތައްތައް ދީނުގައިވަނީ މަނާކުރެވިގެންނެވެ. އަދި ލޮލުގެ ޒިނޭއަށް އަދި ދުލާއި އަތާއި ފައިގެ ޒިނޭއަށް އަރައިގަނެވިދާނެ އެންމެހައި ވަޞީލަތްތަކެއް މަނާ ކުރެވިގެންވެ އެވެ.
ފަހެ، އަންހެނާ މީރިވަސްދުވާ އެއްޗެއް ލައިގެން، ފިރިހެނުން ތަކެއްގެ ކައިރިން ދިއުމުން، އޭގެ ވަސްޖެހި، ކިތައް ފިރިހެނުންގެ ލޮލުގެ ނަޟަރު އަންހެނާއަށް ހުއްޓިގެން ދާނެ ހެއްޔެވެ.
ކިތައް ފިތުނަވެރި ލޮލުގައި އަންހެނާ ޖެހޭނެ ހެއްޔެވެ. މިއީ ފެށުމެވެ. އަދި އޭގެ ނިމުން ނިމިގެންދާނެ ގޮތަކީ ކޮބައިކަމެއް ނޭނގެ އެވެ.
މާތް ނަބިއްޔާގެ އަޞްޙާބު ބޭކަލުންނަށް މިފަދައިން މި މުންކަރާތް ވިސްނިވަޑައިގެންނެވި އެވެ. އެބޭކަލުން އެފަދައިން މި އުއްމަތް މި ފިތުނަތަކުން ރައްކާތެރި ކުރުމަށްޓަކައި ނަޞޭޙަތްތެރިވެ ވަޑައިގަންނަވާ އިރުޝާދު ދެއްވި އެވެ. عبد الله بن مسعود رضي الله عنه ވިދާޅުވެފައިވެ އެވެ.
”(ޙާޖަތެއްނެތި) ގެއިން ބޭރަށް ދިޔަނުދީ އަންހެނުން ގޭގައި ހިފަހަށްޓާށެވެ. އެހެނީ އެކަނަބަލުންވާކަން ކަށަވަރީ ޢައުރައެއް ކަމުގަ އެވެ. އަންހެނުން ގެއިން ނުކުމެއްޖެނަމަ ޝައިޠާނާ އަންހެނުނާ ދިމާލަށް ބަލާ ފިރިހެނުންގެ ލޯތަކުގެ މައްޗަށް އެ އަންހެނަކު ޒީނަތްތެރި ކުރުވަ އެވެ. އަދި ބުނެ އެވެ. ކަނބުލޭގެ ކައިރިން ލާފަދާ ކޮންމެ މީހަކީ ކަނބުލޭގެއާމެދު ޢަަޖައިބުވާ މީހެއް ކަމުގައި މެނުވީ ނުވެ އެވެ.“ ابن أبي شيبة١٨٠٠٦
އަންހެނުން، ގެއިން ނުކުމެ މިސްކިތަށް ދިއުމުގެ ނިޔަތުގައިވެސް މީރުވަސްދުވާ ހުވަދު ލައިގެން ނުކުތުން މަނާ ކުރެވިގެންވުމުން، އެ ނޫން ޙާޖަތްތަކުގައި ހުވަދުލުން ކޮންފަދައަކުން ނަހީ ކުރެވިގެންވާނެ ހެއްޔެވެ؟
މިސްކިތަށް ނުކުންނަ އަންހެނާއަށްވެސް މަނާވެގެންވެ އެވެ. ފަހެ، އެހެން ޤަޞްދުތަކުގައި ނުކުންނަ އަންހެނާގެ މައްޗަށް ކޮންފަދަ ހެއްޔެވެ؟
ރިވާޔަތުގައިވެ އެވެ. (خرجتُ مع أبي هريرةَ من المسجدِ ضُحًى فلقِينا امرأةً بها من العِطرِ شيءٌ لم أجدْ بأنفي مثلَه قطُّ فقال لها أبو هريرةَ : عليكِ السَّلامُ فقالت : وعليكَ قال : فأين تريدينَ ؟ قالت : المسجدَ قال : ولأيِّ شيءٍ تطيَّبتِ بهذا الطِّيبِ ؟ قالت : للمسجدِ قال : آللهِ قالت : آللهِ قال : آللهِ قالت آللهِ قال : فإنَّ حِبِّي أبا القاسمِ أخبرَني أنه لا تُقبلُ لامرأةٍ صلاةٌ تطيَّبتْ بطِيبٍ لغيرِ زوجِها حتى تغتسلَ منه غسلَها من الجنابةِ فاذهبي فاغتسِلي منه ثم ارجِعي فصلِّي)
ޙަދީޘްގެ ރާވީ ވިދާޅުވި އެވެ. އަހަރެން أبو هريرةَ އެކުގައި މިސްކިތުން ޟުޙާގެ ވަޤުތުގައި ނުކުތީމެވެ. އަހަރެމެންނާއި އަންހެނަކާއި ބައްދަލުވި އެވެ. އެ އަންހެންމީހާ އެ ލައިގެންހުރި ހުވަދަށްވުރެ، އެއާއި އެއްފަދަ މީރުވަހެއް ދުވާ، ހުވަދެއް (ސެންޓެއް) އަހަރެންގެ ނޭފަތުގައި ދުވަހަކުވެސް ނުޖެ އެވެ. އެ އަންހެންމީހާއަށް أبو هريرةَ ވިދާޅުވި އެވެ. عليكِ السَّلامُ އެވެ. އަންހެންމީހާ ބުންޏެވެ. وعليكَ އެވެ.
أبو هريرةَ ވިދާޅުވި އެވެ. ”ތި އަންހެނާ ދަނީ ކޮންތާކަށްތޯ އެވެ؟“ އަންހެންމީހާ ބުންޏެވެ. ”މިސްކިތަށެވެ.“ أبو هريرةَ ބުންޏެވެ. ”ތިޔަ މީރުވަސްދުވާ އެއްޗެއް ބޭނުންކުރީ ކޮން ޤަޞްދެއްގައިތޯ އެވެ؟“ އަންހެންމީހާ ބުންޏެވެ. ”މިސްކިތަށް އަންނާތީ އެވެ.“ أبو هريرةَ ވިދާޅުވި އެވެ. ﷲ ޤަންދީ ހެއްޔެވެ؟“ އަންހެންމީހާ ބުންޏެވެ. ”ﷲ ޤަންދީ އެވެ.“ أبو هريرةَ ވިދާޅުވި އެވެ. ”ﷲ ޤަންދީ ހެއްޔެވެ؟“ އަންހެންމީހާ ބުންޏެވެ. ”ﷲ ޤަންދީ އެވެ.“
أبو هريرةَ ވިދާޅުވި އެވެ. ހަމަކަށަވަރުން އަހަރެން އެންމެ ލޯބިވާ އިންސާނާ (محمد -صلى الله عليه وسلم-) އަހަރެންނަށް ޙަދީޘްކުރެއްވި އެވެ. ”ފިރިމީހާއަށްޓަކައި ނޫންގޮތުގައި އަންހެނަކު ހުވަދުލައިފި ހިނދުގައި، އެ ހުވަދު އެ އަންހެނާ ހަށިގަނޑު ޖުނުބު ހިނައިގަތުމުން ހިނައި ޠާހިރުވާ ފަދައިން ހިނައި ޠާހިރު ވުމަށްދާންދެން، އެ އަންހެނާގެ ނަމާދު ﷲ ޤަބޫލުވޮޑި ނުގަންނަވާ ހުއްޓެވެ.“ ފަހެ، ކަނބުލޭގެ އަނބުރައި ދިއުން ހުއްޓެވެ. އަދި އެ ހުވަދު ދޮވެ ސާފު ކުރުން ހުއްޓެވެ. އަދި އެއަށްފަހު ނަމާދު ކުރުން ހުއްޓެވެ.“
މި ޙަދީޘް އިމާމް الألبَانِي ، السلسلة الصحيحة 3-27 ގައި ގެންނަވާފައިވެ އެވެ.
ވުމުން އެހުވަދު، ސެންޓުގެ ވަސް، އަންހެނާއަށް ޙަރާމްވެގެންވާ އެއްވެސް ފަރާތަކަށް ވަސްދުވޭ ގޮތުގައި ބޭނުން ކުރުން ޙަރާމްވެގެންވެ އެވެ.
މިއީ، ނަމާދަށް ދިއުމުގައި ގެއިން ނުކުތް އަންހެނެއްގެ މައްޗަށް ބަޔާންވެގެންވާ ގޮތުގައި، ނުބައި ޤަޞްދެއް އަދި ނުބައި ނިޔަތެއްނެތި، ﷲ އަށްޓަކައި އަޅުކަން ކުރުމަށްޓަކައިވާ ޤަޞްދުއޮތް ހިނދުގަ އެވެ.
ފަހެ، ގެއިން ބޭރަށް ނުކުންނަ އެހެނިހެން ޙާޖަތްތަކުގައި މިފަދައިން މީރުވަސްދުވާ ހުވަދުލައި ހުއްދަވެގެންނުވާ ފަރާތްތަކަށް އޭގެ ފަސް ފާޅުކޮށްފިހިނު އޭގެ ފާފަވެރި ކަމުގެ ބޮޑުކަން ވިސްނާލުން ހުއްޓެވެ.
ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ އިމާމް عبد العَزِيز بن عبد الله بن بَاز -رحمه الله- ވިދާޅުވެފައިވެ އެވެ.
”ފިރިހެނުންނަށް ނުފެންނާނެ ގޮތުގައި އަންހެނުންނާ އެކުގައި އެފަދަ މަގެއްގައި ދާނަމަ، ބޭރުގައި ހުވަދު ބޭނުން ކުރުން އަންހެން މީހާއަށް ހުއްދަވެގެންވެ އެވެ. ދެންފަހެ، މީރުވަސްދުވާ އެއްޗެހި ބޭނުންކޮށް ފިރިހެނުން އުޅޭ ބާޒާރުތަކަށް ނުކުތުން އަންހެން މީހާއަށް ހުއްދައެއް ނުވާނެ އެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ފަދައިންނެވެ. (أيما امرأة أصابت بخورًا فلا تشهدن معنا العشاء) ”އެއްވެސް އަންހެނަކު އެ ކަނބުލޭގެ ހަށިގަނޑުގައި ހުވަދުލައިފިހިނދު، އަހަރެމެންނާ އެކުގައި (ޢިޝާނަމާދު ކުރުމަށް މިސްކިތަށް) ޙާޟިރުވެގެން ނުވާނެ އެވެ.“ އަދި މި ނޫން ޙަދީޘްތައްވެސް މިފަދައިން ވާރިދުވެގެންވެ އެވެ. އަދި އެކަމުގެ ސަބަބަކީ، އަންހެނަކު ހުވަދުލައިގެން ފިރިހެނުން އުޅޭ މަގުތަކަށް އަދި ފިރިހެނުން އެއްވާ ތަންތަކަށް -މިޘާލަކަށް މިސްކިތައް- ނުކުތުމަކީ، ފިތުނަވެރިވެދިއުމުގެ ސަބަބުތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެއީ އަންހެން މީހާއަށް ހަށިގަނޑު ނިވާ ކުރުމާއި އަދި ޒީނަތްތެރިކަން ފާޅުކުރުމުގެ މައްޗަށް އިންޒާރު ދެވިގެންވާ ފަދައިންނެވެ. ﷲ -جل وعلا- ވަޙީ ކުރެއްވި އެވެ. (وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ) ”ތިޔަކަނބަލުން ތިޔަ ކަނބަލުންގެ ގެތަކުގައި ތިބޭށެވެ. އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށީ ކަމެވެ.“ ފަހެ، ޒީނަތްތެރިކަން ފާޅުކުރުމުގެ ފިތުނަވެދާނެ ކަންތައްތަކާއި އަދި ހަށިގަނޑު ރީތިކަން ފާޅުކުރުން ވެ އެވެ. އޭގެ ތެރޭގައި މޫނާއި ބޮލާއި އަދި އެ ނޫންވެސް އަންހެނާގެ ހަށިގަނޑުގެ ބައިތަކެވެ.“
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.