މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢު ކުރާނެ ސިފައަކީކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

ދަތުރުވެރިއެއްގެ ޙާލުގައިވާ މީހާއަށް ދީނުގައި ދެވިފައިވާ ލުއިތަކުގެ ތެރޭގައި، މެންދުރު ނަމާދާއި ޢަޞްރު ނަމާދު އެއްވަޤުތެއްގައި ކުރުން ހުއްދަވެގެންވެ އެވެ. 

ނަމާދު ޖަމްޢު ކުރުމުގެ މާނައަކީ ދުވާލުގެ 2 ނަމާދު އެއްވަޤުތެއްގައި ކުރުމެވެ. ނުވަތަ ރޭގަނޑުގެ ދެ ނަމާދު އެއްވަޤުތެއްގައި ކޮށްލުމެވެ.  

އެ ގޮތުން ޖަމްޢު ކުރެވޭ ނަމާދު ތަކަކީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު (މި ދެނަމާދު ކޮންމެވެސް އެއް ވަޤުތެއްގައި ކުރުމެވެ.) 

މަޣްރިބް ނަމާދާއި ޢިޝާ ނަމާދު (ދެ ނަމާދު ކޮންމެވެސް އެއްވަޤުތެއްގައި ކުރުމެވެ.)  

ޖަމްޢު ކުރާހިނދު، އެއްގޮތަކީ އިސްކޮށް ޖަމްޢު ކުރުމެވެ.  

މާނައަކީ : މެންދުރު އަދި ޢަޞްރު ނަމާދު – މި ދެނަމާދު ޖަމްޢު ކުރާ މީހާ- މެންދުރު ވަޤުތުގައި ދެ ނަމާދު ޖަމްޢު ކޮށްލުމަކީ، އިސްކޮށް ޖަމްޢު ކުރުމެވެ.  

ހަމަ އެފަދައިން މަޣްރިބް އަދި ޢިޝާ ނަމާދު، މި ދެނަމާދު މަޣްރިބް ވަޤުތުގައި ކޮށްލުންވެސް އެއީ އިސްކޮށް ޖަމްޢު ކުރުމެވެ.  

ޖަމްޢު ކުރުމުގައި އޮތް ދެވަނަ ސިފައަކީ ފަސްކޮށް ޖަމްޢު ކުރުމެވެ.  

އެއީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޢަޞްރު ނަމާދުގެ ވަޤުތުގައި ކުރުމެވެ.  

އަދި މަޣްރިބް ނަމާދާއި ޢިޝާނަމާދު ޢިޝާނަމާދުގެ ވަޤުތުގައި ކޮށްލުންވެސް އެއީ ފަސްކޮށް ޖަމްޢު ކޮށްލުމެވެ.  

ފަސްކޮށް ޖަމްޢު ކުރި ކަމުގައިވީނަމަވެސް ނަމާދުގެ ތަރުތީބު ދޫކޮށްލައިގެން ނުވާނެ އެވެ. ނަމާދު ކުރަންޖެހޭނީ ނަމާދުގެ ތަރުތީބުންނެވެ. 

ދަންނަ އެވެ. މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢު ކުރުން ފެށޭނެ ވަޤުތަކީ މެންދުރު ނަމާދު ވަޤުތުވަނުމުންނެވެ. އެބަހީ މެންދުރު ނަމާދު ވަޤުތު ވަނުމުގެ ކުރިން ޢުޛުރުވެރި ޙާލަތު ދިމާވެ، ދުވާލުގެ ދެ ނަމާދު ޖަމްޢު ކުރާ މީޙަކަށް، ނަމާދު ޖަމްޢު ކުރުމުގެ ވަޤުތު ނުވަދެ އެވެ.  

މެންދުރު ނަމާދު ވަޤުތު ވަނުމުން ޖަމްޢު ކުރުމުގެ ވަޤުތު ފެށުނީ އެވެ. އަދި އިރު އޮއްސެންދެން އެ ވަގުތު ދެމި އޮންނާނެ އެވެ.  

މަޣްރިބް ނަމާދާއި އިޝާ ނަމާދު ޖަމްޢު ކުރުން ފެށޭނެ ވަޤުތަކީ އިރު އޮއްސުމާއި އެކުގަ އެވެ. އަދި ރޭގަނޑު ދެބައިވުމަށް ދާންދެން އެ ވަޤުތު ދެމި އޮންނާނެ އެވެ.  

ނަމާދު ޤަސްރުކޮށް ކުރާހިނދު (އެބަހީ ކުރުކޮށް ކުރާހިނދު) އޭގެ މާނައަކީ 4 ރަކުޢަތުގެ ނަމާދު 2 ރަކުޢަތަށް ކުރުމެވެ. ވުމުން، މަޣްރިބް ނަމާދަކީ 3 ރަކުޢަތެއްގެ ނަމާދެއް ގޮތުގައި ވުމުން ކުރުކޮށް ނުކުރެވޭނެ އެވެ. އެ ނަމާދު ކުރާނީ 3 ރަކުޢަތަށެވެ.  

މިއީ ދީނުގައި ލުއި ދެވިގެންވާ މިންވަރެވެ.  

ވުމާއެކު، ދަތުރުވެރިޔާ އޭނާގެ ދުވާލުގެ 2 ނަމާދު ކޮންމެ ގޮތެއްގައިވެސް އިރު އޮއްސުމުގެ ކުރިން ކުރުން އޭނާގެ މައްޗަށް ވާޖިބުވެގެންވެ އެވެ. މިކަމުގައި ފަރުވާކުޑަވެ އިހުލާމު ވުމަކީ ބޮޑުވެގެންވާ ފާފަ އެކެވެ.  

ދިމާވި ޙާލަތެއްގެ ސަބަބުން، އެ ގޮތުން ހަނދާންނެތިވެ ނުވަތަ ނިދީގައި އޮވެ ދުވާލުގެ ދެނަމާދު ނުކޮށް އޭނާއާ މަޣްރިބް ވަޤުތާއި ބައްދަލު ކުރީ އެވެ.  

އެހިނދުވެސް އޭނާއަށް ނަމާދު ތަރުތީބު ދޫކޮށްލުން ހުއްދައެއް ނުވާނެ އެވެ.  

އެހިނދު، މެންދުރު ނަމާދު ފުރަތަމަ ކުރާނި އެވެ. އެއަށްފަހު ޢަޞްރު ނަމާދު ކުރާނީ އެވެ.  (ދެނަމާދުވެސް މިޙާލަތުގައި ކުރާނީ ޤަޟާކޮށެވެ.) އެއީ ނަމާދުގެ އަޞްލު ވަޤުތުން ބޭރުވެފައި ވުމުންނެވެ.  

އަދި އެއަށްފަހު، އެރޭގެ މަޣްރިބް އަދި ޢިޝާ ކުރާނީ އެވެ.  

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts