ކުރިމަތި ފަރާތުން ފައިބާ މަނި މަޛިޔު ވަދިއުގެ ޙުކުމަކީ ކޮބާތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

أما بعد:

އަންހެނުންގެ ކުރިމަތި ފަރާތުން ފައިބާ ތަކެއްޗާއި އަދި އެތަކެތީގެ މައްޗަށް ކަނޑައެޅިފައިވާ ޙުކުމާއި މެދުގައި ބުނަމެވެ.

އަންހެން މީހާގެ ފަރުޖުން ބޭރުވާ ތަކެތީގެ ގިނަ ބާވަތްތަކެއްވެ އެވެ.

މަޛިޔު (مذي) އެވެ. މިއީ އެތެރެފެންނަފަދަ ފެންކުލައިގައިވާ ތުނި އެއްޗެކެވެ. ޝަހުވަތުގެ ތެރެއިން ބޭރުވާ އެއްޗެކެވެ. ނުވަތަ ޝަހުވަތުގެ ކަންކަމާއި ފިކުރު ކުރުމުން، ނުވަތަ ގައިގޯޅިވެ އުޅުމުން ބޭރުވާ އެއްޗެކެވެ. އަދި މަޛިޔު ބޭރުވުމަކުން ހަށިގަނޑަށް ވަރުބަލި ކަމާއި ލޮޑުކަމެއް އިޙްސާސް ނުވާނެ އެވެ. މި ފެނަކީ ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންގެ ކުރިމަތިފަރާތުން ބޭރުވާ އެއްޗެކެވެ.

ޙަދީޘްގައިވެ އެވެ. عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ قَالَ: «كُنْتُ رَجُلاً مَذَّاءً، فَاسْتَحْيَيْتُ أَنْ أَسْأَلَ رَسُولَ اللَّهِ ﷺ لِمَكَانِ ابْنَتِهِ، فَأَمَرْتُ المِقْدَادَ ابْنَ الأَسْوَدِ فَسَأَلَهُ، فَقَالَ: يَغْسِلُ ذَكَرَهُ وَيَتَوَضَّأُ».

ޢަލީ ބިން އަބީ ޠާލިބު رَضِيَ اللَّهُ عَنْهُ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ތިމަންނަވީ ގިނަގިނައިން މަޒްޔު އަންނަ ފިރިހެނަކަށެވެ. އަދި ނަބިއްޔާ ﷺ ގެ ދަރިކަނބަލުންގެ މަގާމުގެ ސަބަބުން، (މި މަޒްޔުގެ ކަންތަކާ ބެހޭ ގޮތުން) ނަބިއްޔާ އަރިހުގައި ސުވާލު ކުރަން ތިމަން ލަދުވެތިވީމެވެ. ފަހެ (އެ ސުވާލު ކުރުމަށް) އަލްމިގްދާދު ބިން އަލްއަސްވަދަށް އެންގުމުން، އެކަލޭގެފާނު ނަބިއްޔާ އަރިހުގައި ސުވާލު ކުރެއްވިއެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ: ”އެކަލޭގެފާނުގެ ލަދުވެތި ގުނަވަން ދޮވެފައި ވުޟޫ ކުރާނީއެވެ.“

އަދި ބުޚާރީގެ ރިވާޔަތެއްގައި ވެއެވެ: «اغْسِلْ ذَكَرَكَ وَتَوَضَّأْ». ”ތިބާގެ ލަދުވެތި ގުނަވަން ދޮންނާށެވެ. އަދި ވުޟޫ ކުރާށެވެ.“

މަޛިޔުގެ ނަޖިސްކަމާއި މެދުގައި އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގެންފައިވެ އެވެ. އަދި އެ ބޭރުވެއްޖެހިނދު ޙަދަޘަވެރިވާނެ ކަމާއި މެދުގައިވެސް ޢިލްމުވެރިން އިއްތިފާޤުވަޑައިގަންނަވަ އެވެ. އެބަހީ އެމީހަކު ވުޟޫ ގެއްލޭނެ އެވެ.

ކުރިމަތި ފަރާތުން ބޭރުވާ ވަދިއު : މިއީ ގިނަފަހަރު ކުޑަކަމު ދިއުމާއެކު ބޭރުވާ އޮލަ ފެނެކެވެ. މޮޑެފައި ހުންނަ ފުށްގަނޑުގެ ކުލައަކީ ވަދިއުގެ ކުލަ އެވެ. މި ފެނުގެ ނަޖިސްކަމުގެ މައްޗަށްވެސް އެންމެހައި ޢިލްމުވެރިން އިއްތިފާޤުވަޑައިގަންނަވަ އެވެ.

މަނި : މިއީ ޝަހުވަތް ފުދިގެން ދިއުމާއެކު ބޭރުވާ އޮލަ ފެނެކެވެ. އަދި މި ފެން ބޭރުވުމާއެކު ހަށިގަނޑަށް ލޮޑުކަމާއި ވަރުބަލިވުން އިޙްސާސު ކުރެވޭނެ އެވެ. މިއީ އަންހެނުންނާއި ފިރިހެނުންވެސް ޝަހުވަތް ފުދިގެން ދިއުމާއެކު ބޭރުވާ ފެނެކެވެ.

މަންޏަކީ ނަޖިސް ނުވަތަ ޠާހިރު އެއްޗެއް ކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފްވަޑައިގަންނަވާފައިވެ އެވެ.

އެހެނަސް މަނި ބޭރުވެއްޖެހިނދު އެމީހަކު ހިނައިގަތުން ވާޖިބުވެގެންވާކަމުގެ މައްޗަށް ޢިލްމުވެރިން ޢިއްތިފާޤު ވަޑައިގަންނަވަ އެވެ.

ޙަދީޘްގައިވެ އެވެ. ޞަޙާބިއްޔާ أُمِّ سَلَمَةَ رَضِيَ اللَّهُ عَنْهَا – ވިދާޅުވިކަމަށް ރިވާވެގެންވެއެވެ : «جَاءَتْ أُمُّ سُلَيْمٍ – امْرَأَةُ أَبِي طَلْحَةَ – إِلَى رَسُولِ اللَّهِ ﷺ فَقَالَتْ: يَا رَسُولَ اللَّهِ! إِنَّ اللَّهَ لَا يَسْتَحْيِي مِنَ الحَقِّ؛ هَلْ عَلَى المَرْأَةِ مِنْ غُسْلٍ إِذَا هِيَ احْتَلَمَتْ؟ فَقَالَ رَسُولُ اللَّهِ ﷺ: نَعَمْ؛ إِذَا رَأَتِ المَاءَ

ރަސޫލު ﷲ ﷺ ގެ އަރިހަށް އަބޫ ޠަލްޙާގެ އަނބިކަނބަލުން އުންމު ސުލައިމު ވަޑައިގެން ދެންނެވިއެވެ: އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުން ހައްގުގެ ކިބައިން ﷲ ލަދުވެތިވެ ވޮޑިނުގަންނަވައެވެ. އަންހެނަކު އިޙްތިލާމުވެއްޖެ ނަމަ ހިނައިގަންނަން ޖެހޭނެތޯއެވެ؟ ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: ”އާދޭހެވެ. އެ ކަނބުލޭގެއަށް ފެން ފެނިއްޖެ ނަމައެވެ.“».

އަންހެން މީހާގެ ފަރުޖުން ބޭރުވާ ލޮދި އެވެ.

މި ލޮދި ޠާހިރު އެއްޗެއް ނުވަތަ ނަޖިސް ކަމާއި މެދުގައި ޢިލްމުވެރިން ދެބަސްވަޑައިގަންވަނާފައިވެ އެވެ. الحنفية އަދި حنابلة الشافعية ދެކެވަޑައިގަންނަވަނީ އެއީ ޠާހިރު އެއްޗެއް ގޮތުގަ އެވެ.

و الله أعلم ފަރުޖުން ބޭރުވާ މި ލޮދީގެ މައްޗަށް ބުނެވެނީ އެއީ ޠާހިރު އެއްޗެއް ކަމެވެ. ސަބަބަކީ، އޭއި ނަޖިސް އެއްޗެއް ގޮތުގައި އެއްވެސް ދަލީލެއް ވާރިދުވެގެން ނުވުމެވެ.

އޭގެ ސަބަބުން ވުޟޫ ގެއްލުމުގެ މައްޗަށް ޢިލްމުވެރިންގެ މެދުގައި ދެބަސްވަޑައިގަންނަވާފައިވެ އެވެ.

ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅަކީ އޭގެ ސަބަބުން ވުޟޫ ގެއްލޭނެ ކަމެވެ. އެބޭކަލުން އެކަމުގެ މައްޗަށް ނަންގަވާފައިވާ ދަލީލަކީ މުސްތަޙާޟާ އަންހެނާ ވުޟޫ ކުރުމަށް ނަބިއްޔާ އަމުރުފުޅު ކުރައްވާފައި ވުމެވެ.

ޙަދީޘްގައިވެ އެވެ. عَائِشَةَ رَضِيَ اللَّهُ عَنْهَا ގެ އަރިހުން ރިވާވެގެންވެއެވެ «أَنَّ فَاطِمَةَ بِنْتَ أَبِي حُبَيْشٍ سَأَلَتِ النَّبِيَّ ﷺ، فَقَالَتْ: إِنِّي أُسْتَحَاضُ فَلَا أَطْهُرُ، أَفَأَدَعُ الصَّلَاةَ؟ فَقَالَ: لَا؛ إِنَّ ذَلِكِ عِرْقٌ، وَلَكِنْ دَعِي الصَّلَاةَ قَدْرَ الأَيَّامِ الَّتِي كُنْتِ تَحِيضِينَ فِيهَا، ثُمَّ اغْتَسِلِي وَصَلِّي».

ހަމަކަށަވަރުން ނަބިއްޔާ ﷺ އަރިހުގައި ފާޠިމާ ބިންތި އަބޫ ޙުބައިޝް ސުވާލު ކުރެއްވިއެވެ: ހަމަކަށަވަރުން ތިމަން ކަމަނާ އިޞްތިޙާޟާވެ އެ ކަމުން ތާހިރުވެ (ލޭ ކެނޑިގެން) ނުދެއެވެ. (އެބަހީ: މެދުކެނޑުމެއް ނެތި ރަހިމުގެ ތިރީބައިން ލޭފައިބަފައިބަ ހުރެއެވެ. މިއީ ހައިޟުވުމާ ތަފާތު ކަމެކެވެ.) ފަހެ ތިމަން ކަމަނާ ނަމާދުކުރުން ދޫކޮށްލަންވީތޯއެވެ؟ ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ނޫނެކެވެ. ހަމަކަށަވަރުން ތިޔައީ ނާރަކުން އަންނަ ލެއެކެވެ. (އެބަހީ: ހައިޟުގެ ކަމެއް ނޫނެވެ.) އެހެނެއްކަމަކު ކަނބުލޭގެ (އާންމުކޮށް) ހައިޟުވެ އުޅޭ މުއްދަތަށް ނަމާދުކުރުން ދޫކޮށްލާށެވެ. އެއަށްފަހު ހިނައިގަނެ ނަމާދު ކުރާށެވެ.“

އަދި އެހެން ރިވާޔަތެއްގައި ވެއެވެ: «وَلَيْسَ بِالحَيْضَةِ؛ فَإِذَا أَقْبَلَتِ الحَيْضَةُ: فَاتْرُكِي الصَّلَاةَ، فَإِذَا ذَهَبَ قَدْرُهَا: فَاغْسِلِي عَنْكِ الدَّمَ وَصَلِّي ”އެއީ އަދި ހައިޟެއް ނޫނެވެ. ވީމާ (އަސްލު) ހައިޟުވާން ފެށުމުން ނަމާދުކުރުން ދޫކޮށްލާށެވެ. ދެން (އާންމުކޮށް) ހައިޟުވެ އުޅޭ މުއްދަތު ނިމުމުން ކަނބުލޭގެ ކިބައިގައިވާ ލޭތައް ދޮވެ (ހިނައިގަންނާށެވެ.) އަދި ނަމާދު ކުރާށެވެ.“

ފަހެ، މިފަދައިން ފައިބާ ލޮދީގެ މައްޗަށް އެންމެ ޢަދުލުވެރި ބަސްފުޅުގެ ގޮތުގައިވަނީ އޭގެ ސަބަބުން ވުޟޫ ގެއްލޭނެ ކަމެވެ. މިފަދައިން މި ޒަމާނުގައި ފާޅުވި އެންމެ ބޮޑެތި ފިޤުހު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ الشيخ ابن عثيمين ދެކެވަޑައިގަންނަވަ އެވެ.

ނިންމާލުމުގެ ކުރީގައި ބުނަމެވެ. މިފަދައިން ފައިބާ ލޮދި ހުއްޓުމެއްނެތި އަބަދާ އަބަދު ފައިބާނަމަ، މުސްތަޙާޟާ އަންހެނާ ޢަމަލު ކުރާ ފަދައިން ޢަމަލު ކުރުން ހުއްޓެވެ.

އެބަހީ : ނަމާދު ވަޤުތު ވަނުމުން ވުޟޫ ކުރާނީ އެވެ. އަދި އެއަށްފަހު ފޭބި ކަމުގައިވީނަމަވެސް އެކަމުގައި ގެއްލުމެއް ނެތެވެ. އެ ވުޟޫގައި ސުންނަތް ނަމާދު އަދި ފަރުޟު ނަމާދު ކުރެވޭނެ އެވެ.

މިފަދައިން ހުއްޓުމެއްނެތި ގިނައިން މިފަދައިން ބޭރުވާ އަންހެން މީހާއާ މެދުގައި މަދީނާގައި ދިރިއުޅުއްވާ ޢިލްމުވެރި ބޭފުޅެއް ކަމުގައިވާ ޑރ. عرفات بن حسن المحمدي -حفظه الله ައަށް ހުށަހެޅުއްވުމުން ވިދާޅުވި ބަސްފުޅު މިތަނުގައި ބަޔާން ކުރަމެވެ.

ޝެއިޚް ވިދާޅުވެފައިވެ އެވެ. : ކޮންމެ ގޮތެއްވިޔަސް، ޙައިޟުގެ ދުވަސްތަކުގައި ނޫންގޮތަށް އެ އެއްޗެއް ފެނުމުން، ނުކުންތަން ދޮވެލުމަށްފަހު ވުޟޫކުރުން ހުއްޓެވެ. އުޚްތުގެ މައްޗަށް ހިނައިގަތުމެއް ނުވެ އެވެ. އެހެނަސް އުޚުތުގެ މައްޗަށް އޮތީ ވުޟޫ ކުރުމެވެ. އަދި ގިނަ މިންވަރަށް ބޭރުވާނަމަ، އަދި އެކަން ދަތި އުނދަގޫ ކަމަކަށްވެއްޖެ ހިނދުގައި، އޭގެ ޙުކުމަކީ، އަބަދާ އަބަދު ކުޑަކަމުދާ ތަކެތި ފައިބާ މީހާގެ ޙުކުމެވެ. ޔަޢުނީ، މީގެ މާނައަކީ : އުޚްތަށް އެއީ ބުރަ ކަމެއްގޮތުގައި ވެއްޖެ ހިނދު، ކޮންމެ ނަމާދަކަށް ވުޟޫ ކުރާނީ އެވެ.

އެގޮތުން ނަމާދުގެ ވަޤުތު ވަނުމުން، އެ ނަމާދުގެ ވަޤުތުގެ ކުރީކޮޅު ވުޟޫ ކުރުމަށްފަހު، އެ އެއްޗެއް އޭގެ ފަހުގައި ނުކުތް ކަމުގައިވިޔަސް ނަމާދުކޮށް ނިންމާނީ އެވެ. މީގެ މާނައަކީ، މެންދުރު ނަމާދަށް ވުޟޫ ކުރުމަށްފަހު، މެންދުރު ނަމާދުގެ ސުންނަތްތައް އަދި މެންދުރު ނަމާދު ކުރާނީ އެވެ.

އަދި އަޞްރު ވަޤުތު ވަނުމުން އަޞްރު ނަމާދަށް ވުޟޫ ކުރާނީ އެވެ. މިފަދައިންނެވެ. ކޮންމެ ނަމާދަކަށް އެ ނަމާދުގެ ވަޤުތު ވަނުމުން ވުޟޫކޮށް ނަމާދު ކުރާނީ އެވެ.

އަދި ޢިލްމުގެ އަހުލުވެރިންގެ ތެރެއިން އެއްބަޔަކު ދެކިވަޑައިގަންނަވަނީ، ނަމާދު ވަޤުތު ވަނުމަށްފަހު ވުޟޫކޮށް އެގޮތުގައި، އެހެން ޙަދަޘަވެރިކަމެއް ކުރިމަތި ނުވާކަމަށް ވާނަމަ އެ ވުޟޫގައި ދެމިހުރެވޭނެ ކަމެވެ. އެއީ އެގޮތުގައި މެންދުރު ވަޤުތު، އަޞްރު ވަޤުތު އަދި މަޣްރިބް ވަޤުތު ވަންނަ ހިނދުގައިވެސް އެވެ. ކުރިމަތި ފަރާތުން ބޭރުވާ އެ ހުދުކުލައިގެ ފެން ނޫން ޙަދަޘަވެރިކަމެއް ކުރިމަތި ނުވާ ހިނދެއްގައި އެކަމުގައި މައްސަލައެއް ނުވެ

އެވެ.

އެ އަންހެނާއަކީ އުޛުރުވެރި ޙާލުގައިވާ އަންހެނެކެވެ.

އުޚްތަށް އޮތީ އަންހެނުންނާ ބެހޭ ޑޮކްޓަރަށް ދެއްކުމެވެ. ފަހަރެއްގައި އެއީ ބަލިކަމެއްގެ ސަބަބުން މެދުވެރިވާ ކަމެއްގެ ގޮތުގައިވެ، ބޭސްފަރުވާ ކުރެވޭ ކަމެއްގެ ގޮތުގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. بارك الله فيك.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply