ޢަރަފާތްދުވަހުގެ މާތްކަމާއި މަތިވެރިކަން އަދި އެދުވަހާއި ގުޅިފައިވާ ހެޔޮ ޢަމަލުތަކާއި އަދި ބިދުޢަވެރި ޘާބިތު ނޫން ޢަމަލުތަކަކީ ކޮބައިތޯއެވެ؟

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:

ޢަރަފާތް ދުވަހުގެ މާތް ކަމުގެ މައްޗަށް ބުނަމެވެ.

އަޚާއެވެ! ޙައްޖުމަހުގެ ދިހަ ދުވަހަކީ މުޅި ދުނިޔެމަތީގައިވާ އެންމެ މާތް މަތިވެރިވެގެންވާ ދުވަސްތަކެވެ. رَسُول الله صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (أفضلُ أيامِ الدنيا أيامُ العشْرِ)”މި ދުނިޔެ މަތީގައިވާ އެންމެ ހެޔޮކަންބޮޑުވެގެންވާ ދުވަސްތަކަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ.“ صحيح الجامع 1133

މި މާނައިގައިވާ ގިނަގުނަ ޙަދީޘްތަކާއި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ އެތައް ބަސްފުޅުތަކެވެ.

ވުމުން، މި ޣަނީމާގެ ބޭނުން ހިފުން ހުއްޓެވެ. މި ދުވަސްތައް މާތް މަތިވެގެންވާ ގިނަ ގުނަ ސަބަބުތަކެއްވެސް ވެ އެވެ. އޭގެ ތެރޭގައި الحافظ ابن حجر -رحمه الله- ވިދާޅުވެފައިވެ އެވެ.

”އެހެން ދުވަސްތަކުގެ މައްޗަށް ޙައްޖުމަހުގެ ދިހަ ދުވަސް އިސްވެ މަތިވެރިވެގެންވާ ސަބަބެއް ކަމުގައިވަނީ، އެ ދުވަސްތަކުގައި އަޅުކަމުގެ އެންމެ ބޮޑެތި އަޅުކަންތައް އެދުވަސްތަކުގައި ޖަމަޢަވެފައިވުމުންނެ އެވެ. އެއީ، ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ޞަދަޤާތް ދިނުމާއި، ޙައްޖު ކުރުމެވެ. މި ނޫން ދުވަސްތަކެއްގައި މި އެންމެހައި އަޅުކަންތަކެއް ޖަމަޢައެއް ނުވެ އެވެ.“

އަޚާއެވެ! މިފަދަ މާތް މަތިވެރި މޫސުމެއް ބައްދަލު ކުރުމުން އެ ދުވަސްތަކުގެ ފައިދާ ލިބިގަތުމަށް މަސައްކަތް ކުރުމުން ދުރުވެ ފަރުވާ ކުޑަ ކުރާނީ ނަފްސު ހެޔޮކަންތަކުން މަޙްރޫމުވެގެންވާ ފަރާތެއް ކަމުގައި މެނުވީ ނުވެ އެވެ.

މި ދިހަ ދުވަސްތަކުގެ ތެރޭގައިވާ އެންމެ މާތް އެއް ދުވަހަކީ ޢަރަފާތް ދުވަހެވެ. އެކިއެކި ބާވަތްތަކުން އަދި ސިފަތަކުން މި ދުވަހުގެ މާތްކަން ބަޔާންވެގެންވެ އެވެ.

1. އެ ދުވަހަކީ އިސްލާމް ދީން ފުރިހަމަވެ، ﷲ ގެ ނިޢުމަތް ފުރިހަމަވެ ދިޔަ ދުވަހެވެ. ﷲ ވަޙީކުރެއްވި އެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا. “ މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތްތައް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީންއެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.“

ޞަޙާބީ عمر بن الخطاب رضي الله عنه ވިދާޅުވެފައިވެ އެވެ. ”(މި އާޔަތުގައި ބަޔާންވެގެންވާ ދުވަސް) ތިމަންމެން ދަންނަމެވެ. އަދި މި އާޔަތް ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ބާވައިލެއްވުނުތަންވެސް ދަންނަމު އެވެ. (އެއީ) އެ ނަބިއްޔާ ޢަރަފާތުގައި ޤާއިމްވެވަޑައިގެން ހުންނެވި ހުކުރު ދުވަހުގަ އެވެ.“

2. ޢަރަފާތް ދުވަހަކީ، އެ ދުވަހެއްގެ މައްޗަށް ﷲ ތަޢާލާ، ޤަންދީ ހުވާކުރައްފާއިވާ ދުވަހެއް ކަމުގައިވެ އެވެ.

ﷲ ވަޙީ ކުރެއްވި އެވެ. وَالسَّمَاءِ ذَاتِ الْبُرُوجِ ”ބުރުޖުތަކުގެ ވެރި އުޑު ގަންދެއްވަމެވެ.“
وَالْيَوْمِ الْمَوْعُودِ“އަދި ވަޢުދު ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ.“ وَشَاهِدٍ وَمَشْهُودٍ އަދި ހެކިދޭ ފަރާތާއި އަދި ހެކި ދެވޭ ފާރާތް ގަންދެއްވަމެވެ.“
ޞަޙާބީ أبي هريرة رضي الله عنه ވިދާޅުވެފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވި އެވެ. ”اليوم الموعود يوم القيامة ، واليوم المشهود يوم عرفة ، والشاهد يوم الجمعة “ اليوم الموعود އަކީ ޤިޔާމަތް ދުވަހެވެ. އަދި اليوم المشهود އަކީ ޢަރަފާތް ދުވަހެވެ. އަދި الشاهد އަކީ ހުކުރު ދުވަހެވެ. ”

މި ޙަދީޘަކީ الإمام الألبَانِي ޙަސަނު ކުރައްވާފައިވާ ޙަދީޘެކެވެ.

އަދި ޢަރަފާތް ދުވަހަކީ ﷲގެ ވަޙިބަސްފުޅުގައި އެކަލާނގެ ޤަންދެއްވާފައިވާ “ والشفع والوتر “ ގައިވާ الوتر އަކީ ޢަރަފާތް ދުވަހެވެ. ޞަޙާބީ ابن عباس ވިދާޅުވެފައިވެ އެވެ. الوتر އަކީ ޢަރަފާތް ދުވަހެވެ.

އެނގިގަތުން ހުއްޓެވެ! މާތް މަތިވެރިވެގެންވާ އިލާހު عزوجل ،އެއެއްޗެއްގެ މާތް އަދި މަތިވެރި އެއްޗެއް މެނުވީ ޤަންދެއްވައި ވަޙީ ނުކުރައްވާނެ އެވެ. ވުމުން، ޢަރަފާތް ދުވަހުގެ މާތް ކަމާއި މަތިވެރިކަން އެގޮތުން ބަޔާންވެގެންވެ އެވެ.

3. ޢަރަފާތް ދުވަހަކީ އެ ދުވަހެއްގައި ﷲ ތަޢާލާ އެ އިލާހު ޚަލްޤު ކުރެއްވި އެންމެހައި އިންސާނުންގެ ބައްޕަ ކަމުގައިވާ އާދަމް -عليه السلام- ގެ ބުރަކަށިފުޅުން ދަރިފަސްކޮޅު ހިއްޕަވައި އެބައިމީހުންގެ މައްޗަށް ޢަހުދު ކަށަވަރު ހިއްޕެވި ދުވަހެވެ. އާދަމް ގެ ބުރަކަށިފުޅުން ދަރިފަސްކޮޅު -ޛައްރުތަކެއްގެ ގޮތުގައި- ނެރުއްވައި ﷲ ތައާލާ ކުރިފުޅުމައްޗަށް ނެރުއްވައި އެތަކެއްޗަށް ﷲ ބަސްވަޙީކުރައްވައި ޢަޙުދު ހިއްޕެވިއެވެ.

މިފަދައިން الإمام الألبَانِي -رحمه الله- ޞައްޙަ ކުރައްވާފައިވާ عَبد الله بن عبَّاس -رضي الله عنهما- ގެ ހަދީޘްއިން ބަޔާންވެގނެވް އެވެ.

ﷲ ވަޙީކުރައްވާފައިވެ އެވެ.

وَإِذْ أَخَذَ رَبُّكَ مِن بَنِي آدَمَ مِن ظُهُورِهِمْ ذُرِّيَّتَهُمْ وَأَشْهَدَهُمْ عَلَىٰ أَنفُسِهِمْ أَلَسْتُ بِرَبِّكُمْ ۖ قَالُوا بَلَىٰ ۛ شَهِدْنَا ۛ أَن تَقُولُوا يَوْمَ الْقِيَامَةِ إِنَّا كُنَّا عَنْ هَٰذَا غَافِلِينَ (172) أَوْ تَقُولُوا إِنَّمَا أَشْرَكَ آبَاؤُنَا مِن قَبْلُ وَكُنَّا ذُرِّيَّةً مِّن بَعْدِهِمْ ۖ أَفَتُهْلِكُنَا بِمَا فَعَلَ الْمُبْطِلُونَ “ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އާދަމުގެދަރިންގެ ކިބައިން އެބައިމީހުންގެ ބުރިކަށިތަކުން އެބައިމީހުންގެ ދަރިފަސްކޮޅު ނެރުއްވައި އެބައިމީހުންގެ އަމިއްލަ ނަފްސު ތަކުގެ މައްޗަށް އެބައިމީހުން ހެކިކުރެއްވިހިނދު ހަނދުމަކުރާށެވެ! (އެކަލާނގެ وحى ކުރެއްވިއެވެ.) ތިޔަބައިމީހުންގެ ވެރި އިލާހުކަމުގައި، ތިމަންއިލާހު ވޮޑިގެން ނުވަންހެއްޔެވެ؟ އެބައިމީހުން ދެންނެވި އެވެ. ނޫނެކެވެ. (އިބަ އިލާހުއީ އަޅަމެންގެ ވެރިއިލާހުއެވެ.) އެކަމަށް އަޅަމެން ހެކިވެއްޖައީމުއެވެ. (އެކަން އެހެންވީ) މިކަމާމެދު ޣާފިލު ވެގެންވާ ބަޔަކު ކަމުގައި ހަމަކަށަވަރުން، ތިމަންމެންވީމުއޭ، ޤިޔާމަތް ދުވަހުން ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ނުވަތަ ތިޔަބައިމީހުން ބުނާނެކަމަށްޓަކައެވެ. ޝަރީކު ކޮށްއުޅުނުކަން ކަށަވަރީ، މީގެކުރިން ތިމަންމެންގެ ކާބަފައިންނެވެ. ތިމަންމެންވީ، އެބައިމީހުންގެ ފަހުން އައި ދަރިފަސްކޮޅެއްކަމުގައެވެ. ފަހެ، ބާޔިލް ގޮތަށް އުޅުނުމީހުން ކުޅަކަންތަކަށްޓަކައި، ތިމަންމެން ހަލާކުކުރައްވަނީތޯއެވެ؟

4. ޢަރަފާތް ދުވަހުގައި ރޯދަ ހިފުން މުޞްތަޙައްބުވެގެންވެ އެވެ. އަދި ޢަރަފާތް ދުވަހުގައި ހިފާ ރޯދައަކީ 2 އަހަރުދުވަހުގެ ކުށް ފާފަތަކަށްވާ ކައްފާރާއެއް ކަމުގައި ކަނޑައެޅިފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ.

(صيام يوم عرفة أحتسب على الله أن يكفر السنة التي قبله والسنة التي بعده) ”ޢަރަފާތް ދުވަހުގައި ހިފާ ރޯދައަކީ، އެމީހާގެ ވޭތުވެދިޔަ އަހަރާއި އަދި އަންނަންއޮތް އަހަރުގެ ކުށްފާފަތައް ފޮހެވިގެންދާނޭ ޢަމަލެއްގެ ގޮތުގައި ﷲ ގެ ޙަޟުރަތުން އުއްމީދު ކުރަމެވެ.“ صحيح مسلم 1162

5. ޢަރަފާތް ދުވަހަކީ އެ ދުވަހެއްގައި އެންމެ ގިނަ މީސްތަކުން ނަރަކައިން މުއްތިވެގެންދާ ދުވަސްކަމުގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (ما من يومٍ أكثرَ من أن يُعتِقَ اللهُ فيهِ عبدًا من النارِ من يومِ عرفةَ) ”ޢަރާފާތް ދުވަހުގައި ﷲ އެއިލާހުގެ އަޅުތަކުން ނަރައިން މުއްތިކުރައްވާ މިންވަރަށް، އަޅުތަކުން ނަރަކައިން މުއްތިކުރެވޭ އެހެން ދުވަހެއް ނުވެ އެވެ.“
صحيح مسلم 1348

6. ޢަރަފާތް ދުވަހަކީ، ފާފަ ފުއްސެވިގެން ދިއުމާއި، ނަރަކައިން މުއްތިވުމާއި، އަދި ޢަރަފާތަށް ޖަމަޢަވެފައިވާ މިސްތަކުންގެ މައްޗަށް މަލާއިކަތުންގެ އަރިހުގައި ﷲ ތަޢާލާ ފަޚުރުވެވޮޑިގަންނަވާ ދުވަސް ކަމުގައި ބަޔާންވެގެންވެ އެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެ އެވެ. (ما من يومٍ أكثرَ من أن يُعتِقَ اللهُ فيهِ عبدًا من النارِ، من يومِ عرفةَ وإنَّهُ ليدنو ثم يُباهي بهم الملائكةُ فيقول: ما أراد هؤلاءِ)

”ﷲ ތަޢާލާ ޢަރަފާތް ދުވަހުގައި އަޅުތަކުން ނަރަކައިން މުއްތި ކުރައްވާ މިންވަރަކަށް، މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހެއް ނުވެ އެވެ. އަދި ހަމަކަށަވަރުން އެ އިލާހު އެދުވަހުގައި (ޢަރަފާތުގައިވާ) އަހުލުވެރިންގެ މައްޗަށް އިރު މެދުން ވީއްލުމާއި އެކު އެމީސްތަކުންނާއި މެދު މަލާއިކަތްބޭކަލުންގެ އަރިހުގައި ފަޚުރުވެވޮޑިގަންނަވައި މަލާއިކަތުންނަށް އެ އިލާހު ބަސްވަޙީ ކުރައްވާ ދަންނަވާނެ އެވެ. އެ އަޅުތަކުން ބޭނުންވަނީ ކޮންކަމަކަށްތޯ އެވެ؟“

އަދި ޞަޙާބީ ابن عمر ރިވާކޮށްފައިވާ އެހެން ރިވާޔަތެއްގައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. “ إن الله تعالى يباهي ملائكته عشية عرفة بأهل عرفة ، فيقول : انظروا إلى عبادي أتوني شعثا غبرا ”

”ޢަރަފާތަށް ޖަމަޢަވެފައިވާ އަހުލުވެރިންގެ މައްޗަށް ފަޚުރުވެވޮޑިގަންނަވާ އެއިލާހުގެ މަލާއިތުންގެ އަރިހުގައި އެ އިލާހު ބަސްވަޙީ ކުރައްވަ އެވެ. ”ތިމަން އިލާހުގެ އަޅުތަކުންނަށް ބެލުން ހުއްޓެވެ. އެބައިމީހުން ތިމަން އިލާހުގެ ޙަޟުރަތަށް (ހަށިގަނޑު) ހިރަފުސްވެގެންވާ ޙާލުގައި، ބޯހޭވިފައިވާ ޙާލުގައި އެވަނީ އައިސްގެންނެވެ.“

7. ދުޢާ ކުރުމަށް އެންމެ ހެޔޮވެގެންވާ ދުވަސް ގޮތުގައި ޢަރަފާތް ދުވަސް ޛިކުރުވެގެންވެ އެވެ. ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ.

(خيرُ الدُّعاءِ يومُ عرفةَ، و خيرُ ما قلتُ أنا و النَّبيون من قبلي لا إله إلا اللهُ وحده لاشريك له، له الملكُ، وله الحمدُ، و هو على كلِّ شيءٍ قديرٌ)
”އެންމެ ހެޔޮވެގެންވާ ދުޢާ އަކީ ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާ އެވެ. ތިމަން ނަބިއްޔާ އަދި ތިމަން ނަބިއްޔާ އަށްވުރެ ކުރިން އިސްވެދިޔަ ނަބިއްޔުން ޢަރަފާތް ދުވަހުގައި ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ لا إله إلا اللهُ وحده لاشريك له، له الملكُ، وله الحمدُ، و هو على كلِّ شيءٍ قديرٌ އެވެ. صحيح الجامع 3274

އަޚާ އެވެ! މިއީ މި ދުވަސް މާތްވެގެންވާކަން ޛިކުރު ވެގެންވާ ގޮތްތަކެވެ. ކޮންފަދަ މާތް މަތިވެރި ކަމެއް ހެއްޔެވެ؟

ކޮންފަދަ ބޮޑު ޤަދަރުވެރި ކަމެއް ހެއްޔެވެ؟ މަލަކޫތީ ޢާމަލުގައި މިދުވަސް ކަނޑައެޅިގެންވާ ގޮތެވެ. ފަހެ، މި ދުވަހުގެ މާތްކަމަށް އިޤްރާރުވެ، ފާފަފުއްސެވުމަށްއެދި ދެންނެވުމަށް، ﷲ އަށް ކުއްތަންވުމަށް ޚާއްޞަކުރުން ހުއްޓެވެ.

الإِمَامُ عَبْد الله بن المُبَارَك -رحمه الله- ވިދާޅުވެފައިވެ އެވެ.

”ޢަރަފާތްދުވަހުގެ ހަވީރު ވަޤުތުގައި سُفَيَان الثَّورِي އަރިއަހަށް ތިމަން ވަޑައިގަތީމު އެވެ. އެހިނދު ދެކަކޫ މައްޗަށް އިށީދެވަޑައިގެން އިންނެވި އެވެ. އަދި ދެލޯފުޅުން ކަރުނަތައް އޮހޮރި ފައިބަމުން ދިޔަ އެވެ. ފަހެ، ތިމަންނައާ ދިމާލަށް ބެއްލެވި އެވެ. އެހިނދު ދެންނެވީމެވެ. މި ޖަމާޢަތުގައި އެންމެ ނުބައިވެގެންވާ ޙާލުގައިވާ މީހަކީ ކާކުތޯ އެވެ؟ އެހިނދު ދެންނެވި އެވެ. ﷲ އެމީހަކަށް ފާފަ ނުފުއްސަވާނެކަމަށް ހީކުރާ މީހާ އެވެ.“ ابن الجوزي ص 310

އަޚާ އެވެ! މި ދުވަހުގެ މަތިވެރިކަމާއި އަދި ހެޔޮކަން ޢަރަފާތުގައި ޤާއިމްވެ ތިއްބަވާ އަހުލުވެރިން ނޫން ފަރާތްތަކަށްވެސް ޙާޞިލްވާނެ އެވެ. ފަހެ، މިއީ ދުޢާ ކުރުމާއި އިސްތިޣްފާރުކޮށް ދެންނެވުމުގައިވާ ދުވަހެކެވެ.

الحَافِظ النووي رحمه الله ވިދާޅުވެފައިވެ އެވެ.
”ފަހެ، މި ދުވަހަކީ ދުޢާކުރުމަށް އަހަރުތެރޭގައިވާ އެންމެ މާތް މަތިވެރި ދުވަހެވެ. ފަހެ، އިންސާނާއަށް އެދެވިގެންވަނި މިއަދު ޛިކުރު ކުރުމަށާއި، ދުޢާ ކުރުމަށް އަދި ޤުރުއާން ކިޔެވުމަށް ހުސްކޮށްލުމެވެ.
އަދި އެކިއެކި ބާވަތްތަކުގެ ތަފާތު ދުޢާތައް ކުރުމެވެ. އަދި ތަފާތު ބާވަތްތަކުގެ ޛިކުރުތައް ކުރުމުގައި ދެމިހުރުމެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށާއި، އޭނާގެ މައިންބަފައިންނަށް، ގާތްތިމާގެ މީހުންނަށް، އޭނާގެ ޝެއިޚުންނަށް، އޭނާގެ ރަޙްމަަތްތެރިންނަށް، އޭނާ ލޯބިވާ އަހުލުވެރިންނަށް އަދި އޭނާއަށް އިޙްސާންތެރިކަން ފޯރުކޮށްދިނުމުގައިވާ އެންމެހައި މީސްތަކުންނަށާއި އަދި އެންމެހައި މުސްލިމުންނަށް ދުޢާކޮށްދިނުން ހުއްޓެވެ.
އަދި މި ދުވަހުގައި މި އެންމެހައި ކަންތައްތައް ކުރުމަށް ފަރުވާކުޑަވެ އިހުމާލުވުމުގެ މައްޗަށް އިންޒާރު ލިބިގަތުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން މިދުވަސް އަނބުރައި ހޯދުމަކީ ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ.“

ދަންނަ އެވެ! ޢަރަފާތް ދުވަހާއި ގުޅިފައިވާ ޢަމަލުތަކަކީ މި އެވެ. އެދުވަހަށް ޚާއްޞަވެގެންވާ ޢަމަލުތައް ބަޔާންވެގެންވަނީ މިފަދައިންނެވެ.
ފަހެ މީގެ އިތުރަށް ޢަރަފާތް ދުވަހަށް ނިސްބަތްކޮށް ބައެއް މީހުން ކުރަމުންގެންދާ ޢަމަލުތައް ކަމުގައިވާ :
ޢަރަފާތް ދުވަހަށް ޚާއްޞަވެގެންވާ ނަމާދެއް ކުރުމާއި، އިޚްލާޞް ސޫރަތް އެވެނި މިވެނި މިންވަރަކަށް ކިޔެވުމާއި، ޙަޝްރު ސޫރަތް އެވެނި މިވެނި މިންވަރަކަށް ކިޔެވުމާއި އަދި ޢަރަފާތް ދުވަހަށް ޚާއްޞަކޮށް ލިޔެފައިވާ ”ޢަރަފާތް ދުވަހުގެ ދުޢާ“ ނަމުގައި ބުނެވިފައިވާ މި އެންމެހައި ޢަމަލުތަކުން އެއްކިބާވެ ދުރުވާން ޖެހެ އެވެ. އެބަހީ މި ފަދައިން ޢަރަފާތް ދުވަހަށް ޚާއްޞަކޮށް ކުރާ އެންމެހައި ޢަމަލުތަކަކީ ބިދުޢަވެރި ޢަމަލުތަކެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ބަޔާންކޮށްފައިވާ އަދި އުއްމަތަށް އިރުޝާދު ދެއްވާފައިވާ ކަންތަކެއް ނޫނެވެ.

والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.

Similar Posts

Leave a Reply