ޙައްޖު މަބްރޫރު ޙައްޖަކަށް ވަނީ ކިހިނެއްތޯއެވެ؟
بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله وسلامه عليه- وعلى آله وصحبه أجمعين.
أما بعد:
މަބްރޫރޫ ޙައްޖުގެ މައްޗަށް ޛިކުރު ކޮށްފައިވާ ޙަދީޘްއާ މެދުގައި ބުނަމެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (تَابِعُوا بَيْنَ الحَجِّ والعُمُرَةِ؛ فَإِنَّهُمَا يَنْفِيَانِ الفَقْرَ وَالذُّنُوْبَ كَمَا يَنْفِيْ الكِيْر خَبَثَ الحَدِيْدِ والذَّهَب وَالفِضَّةِ، وَلَيْسَ لِلْحَجَّة المَبْرُوْرَة ثَوَابٌ إِلَّا الجَنَّةِ) ”الحج އަދި العمرة ތަކުރާރުކުރުން ހުއްޓެވެ. ފަހެ ހަމަކަށަވަރުން އެ ދެ އަޅުކަމަކީ ފަޤީރުކަމާއި އަދި ކުށްފާފަތައް، ކަނބުރު ތެޅުމުން ދަގަނޑާއި، ރަނާއި އަދި ރިހިން ދަމިލަ ފިލައިގެންދާ ފަދައިން ފާފަތައް ފިލުވައިދޭ އަޅުކަމެކެވެ. އަދި މަބްރޫރު ޙައްޖެއްގެ ޘަވާބަކީ ސުވަރުގެ މެނުވީ ނުވެއެވެ.“
މި ޙަދީޘް الترمذي (810)، ابن خزيمة ގެ صحيح (2512) ގައި، އަދި النسائي (2631) ގައި ابن مسعود -رضي الله عنه- ގެ އަރިއަހުން ރިވާކުރައްވާފައިވެ އެވެ. އަދި އެބޭކަލުންގެ އަރިއަހުގައި މިއީ حسن ސަނަދެކެވެ.
ސުވާލު ކޮށްފައިވާ ފަރާތުން މި ސުވާލު ހުށަހަޅައިފައިވާ ސަބަބަކީ، އެއްވެސް ޞާލިޙް ޢަމަލަކީ އޭގެ ސަބަބުން ބޮޑެތި ފާފަތައް ފުހެލައި، އެމީހާއަށް ފާފަ ފުއްސެވިގެންވާކަމުގައި ނުވާކަން ބަޔާން ކޮށްފައިވުމުން އެކަން އޮޅުން އަރައި ކޮށްފައިވާ ސުވާލެއް ކަމުގައި ދެކެމެވެ.
އެ އޮޅުން އަރައިފައިވާ ސަބަބަކީ، ބައެއް ޙަދީޘްތަކުގައި ބައެއް ޢަމަލަށް ސުވަރުގެ ޖަޒާއެއްގެ ގޮތުގައި އައިސްފައި ވުމެވެ.
ވުމުން މި މައްސަލަ ސާފުކޮށް ބަޔާންކޮށްދެމެވެ. މައްސަލަ ސާފުކޮށް ދިނުމަށް ނުކުތާ ތަކެއްގެ މައްޗަށް އަލި އަޅުވާލާނަމެވެ.
ފުރަތަމައީ : ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، ބޮޑު އެއްވެސް ފާފައެއް ތަޥްބާވުމުން މެނުވީ ފޮހެވިގެން ނުދާނެ ކަމެވެ.
މިއީ މި މައްސަލައިގައި އެތައް ދަލީލުތަކެއް ވާރިދުވެގެންވާ އަދި ޙުއްޖަތްތައް ގިނަވެގެންވާ ބަސްފުޅު ކަމުގައިވެ އެވެ.
ވުމުން ނަމާދާއި، ރޯދަ، ޒަކާތް ދިނުމާއި، ޙައްޖުކުރުން އަދި މި ނޫންވެސް އެހެނިހެން އަޅުކަންތަކުން ފޮހެވިގެންދާނީ ބޮޑެތި ފާފަތައް ނޫން އެހެނިހެން ފާފަތެކެވެ.
ބޮޑެތި ފާފަތަކަށް ލާޒިމްވެފައިވަނި އެ ފާފައިން ތަޥްބާވުމެވެ.
ފަހެ، ފާފަތަކުން ތަޥްބާވުމަކީ ﷲ އަޅުތަކުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެއް ކަމުގައިވެ އެވެ. ﷲ ވަޙީކުރެއްވި އެވެ. وقد قال عز وجل: ﴿ وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ ﴾ ”ފަހެ، ތަޥްބާ ނުވާމީހާ، ހަމަކަށަވަރުން އެބައިމީހުންނަކީ އަނިޔާވެރިންނެވެ.“
ނަމާދާއި ޙައްޖު އަދި އެހެނިހެން އަޅުކަންތަކުން ފޮހެލާ ފާފަތަކަކީ ކުދި ފާފަތަކެވެ. އެއީ ﷲ ގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. إِن تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنكُمْ سَيِّئَاتِكُمْ وَنُدْخِلْكُم مُّدْخَلًا كَرِيمًا( النساء: 31
”ތިޔަބައިމީހުންނަށް އެކަންކަން ނަހީ ކުރެވިގެންވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކިބައިން، ތިމަން އިލާހު ތިޔަބައިމީހުންގެ ކުދިފާފަތައް ފުއްސަވާހުށީމެވެ.“
މި އާޔަތުގައި ވަރަށް ޞަރީޙަކޮށް ބަޔާންވެގެންވަނީ، ބޮޑެތި ފާފަތަކުން ދުރުހެލިވެގެން ވުމުން އެބައީހުންނަށް ކުދި ފާފަތައް ފޮހެވިގެންދާނެ ކަމެވެ.
އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (الصَّلَوَاتُ الخَمْسَ، والجُمْعَة إِلى الجُمْعَة، وَرَمَضَانَ إلى رَمَضَانَ، مُكفِّرَاتٌ مَا بَيْنَهُنَّ إِذاَ اجْتُنِبَتْ الكَبَائِر)
”ފަސްވަޤުތުގައި ކުރެވޭ ނަމާދާއި، އެއް ހުކުރުން އަނެއް ހުކުރަށް އަދި އެއް ރަމަޟާންއިން އަނެއް ރަމަޟާން އަކީ ބޮޑެތިފާފަތަކުން ދުރުހެލިވެ ތިބޭނަމަ ކައްފާރާއެއްގެ ގޮތުގައިވާނެ އަޅުކަންތަކެވެ.“
މިއީވެސް ވަރަށްވެސް ފާޅުކަން ބޮޑު ގޮތުގައި، ވަންހަނާ ކަމެއް ނުވާގަތުގައިވާ ސާފު ދަލީލެކެވެ. ނަމާދާއި އަދި ހުކުރުން އަދި ރަމަޟާން މަހުގެ ރޯދައިން ފާފަތައް ފުހެވިގެންދަނީ ބޮޑެތި ފާފަތަކުގެ މަތިން ދުރުހެލިވެ ވަކިވެގެންވުމެވެ.
ދެވަނައީ : ފުރަތަމަ ނުކުތާގައި ބަޔާންވެގެންވާ ޤަވާޢިދުގައި ދެމިހުރުމުން، އެއަށްފަހު އެ މައުޟޫގައި ވާރިދުވާ ޙަދީޘްތަކުގެ މައްޞަ މަފްހޫމަށް ދެވެ އެވެ.
އެއީ ޤައިދު ކުރެވިގެންވާ ޤައިދެއްގެ ދަށުގައި ވުމެވެ.
1.އިސްވެ ބަޔާން ވެގެންވާ ޙަދީޘްއިން ދަލީލު ކުރެވެނީ ރަމަޟާން މަހުގެ ރޯދަހިފުމުން ކައްފާރާއެއްގެ ގޮތުގައި ވަނީ ބޮޑެތި ފާފަތަކުން ދުރުހެލިވެގެންވާ ފާރާތަށެވެ.
އެހެން ވުމުން ރަމަޟާން މަހުގެ މައްޗަށް ވާރިދުވެގެންވާ އެފަދަ ޙަދީޘްތައް މާނަކުރާނީ އަދި ފަހުމް ވާންޖެހޭނީ އެ ޤަވާޢިދު ދަށުންނެވެ.
އެގޮތުން މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (مَن صامَ رمضانَ إيمانًا واحتسابًا ، غُفِرَ لَهُ ما تقدَّمَ من ذنبِهِ)
”ރަމަޟާން މަހުގެ ރޯދަ ފަރުޟު ވުމުގެ މައްޗަށް އީމާންވެ، ﷲ ގެ ޙަޟުރަތުން ޘަވާބާއި ދަރުމައަށްޓަކައި ރޯދަ ހިފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތަކެއް ﷲ ފުއްސަވާނެތެވެ.“ صحيح البخاري
ވުމުން ޙަދީޘްގެ މާނައަކީ، އެމީހަކީ އެންމެހައި ބޮޑެތި ފާފަތަކުން ތަޥްބާވެ ރަމަޟާން މަހުގެ ރޯދަ ހިފި މީހެއްގެ ގޮތުގައިވުމެވެ.
ފަހެ އެހިނދު އޭނާގެ އިސްވެ ގޮސްފައިވާ އެންމެހައި ފާފަތަކެއް ރަމަޟާން މަހުގެ ރޯދައާއެކު ފުހެވިގެންދިޔަ އީ އެވެ.
- ލައިލަތުލް ޤަދްރީގައި އަޅުކަމުގައި ޤާއިމްވާ މީހާއާ މެދުގައި ވާރިދުވެގެންވާ ޙަދީޘްގައިވެ އެވެ.
(مَن يقُمْ ليلة القدر إيمانًا واحتسابًا، غُفر له ما تقدم من ذنبه)
”ލައިލަތުލް-ޤަދްރީގެ މާތް ކަމާއި މަތިވެރިކަމަށް އީމާންވެ އެ ރޭގައި ﷲގެ ޙަޟުރަތުން ޘަވާބާއި ދަރުމައަށް އެދިގެން އަޅުކަމުގައި ޤާއިމްވެއްޖެ މިހާގެ އިސްވެ ގޮސްފައިވާ ފާފަތައް ﷲ ފުއްސަވާނެތެވެ.“
މިތަނުގައިވެސް އޭގެ މުރާދަކީ، ބޮޑެތި ފާފަތުން ދުރުވެ އެ ފާފަތަކުން ތަޥްބާވެގެންވާ ޙާލުގައި އެ ރޭގައި ރޭއަޅުކަމުގައި ޤާއިމްވެއްޖެ މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސެވުމެވެ.
ބޮޑެތި ފާފަތައް އެ ރޭގެ ރޭއަޅުކަމުންވެސް ފޮހެވިގެންނުދާނެ އެވެ.
- ޙައްޖުގެ އަޅުކަމުގެ އަޖުރާއި މެދުގައިވެސް ވަރަށްވެސް ގިނަ ޙަދީޘްތައް ވާރިދުވެގެންވެ އެވެ. އޭގެ ތެރޭގައި :
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(مَنْ حَجَّ للهِ فَلَمْ يَرْفُث وَلَمْ يَفْسُق رَجَعَ كَيَوْمِ وَلَدَتهْ أُمُّه)
”ﷲ އަށްޓަކައި ޙައްޖުކޮށް، (އެޙައްޖުގައި) އަނބިމީހާއާ ޖިމާޢުވުމުންނާއި، ޖިމާޢުވުމަށް މަގުފަހިވާ ޢަމަލުތަކުން ޢަމަލެއް ނުކޮށް އަދި ފާސިޤު އަމަލެއް ނުކުރާ ޙާލު، އޭނާގެ މަންމަގެ ބަނޑުން އުފަންވި ދުވަސް ފަދައިން ރުޖޫޢަވާނެ އެވެ.“
އެހެން ޙަދީޘެއްގައިވެ އެވެ. (والحَجُّ المَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلاَّ الجَنَّة) ”އަދި މަބްރޫރު حج އަކަށް ޖަޒާއެއްގެ ގޮތުގައި ސުވަރުގެ ކަމުގައި މެނުވީ ނުވެ އެވެ.“
މި ޙަދީޘްތަކުގައިވާ ”ޖަޒާއަކީ ސުވަރުގެ އެވެ.“ ”މަބްރޫރު ހައްޖުގެ ޖަޒާއަކީ ސުވަރުގެ އެވެ.“ ފަހެ، މަބްރޫރު ހައްޖަކީ އެއީ އެ ޙައްޖުގައި، ޙައްޖުވެރިޔާ އޭނާ ކުރެވިފައިވާ އެންމެހައި ބޮޑެތި ފާފަތަކުން ތަޥްބާވެ، މީސްތަކުންގެ ހައްޤުތައް އަދާކޮށް އެއަށްފަހު ފުރިހަމަ ޙައްޖުކޮށްފައިވާ ފަރާތެވެ.
މި ޙަދީޘްގައި ޤައިދު ކުރެވިގެންވާ މަބްރޫރޫ ޙައްޖެއް ވުމުގެ މާނައަކީ، އެ ހައްޖުގައި އެންމެހައި ބޮޑެތި ފާފަތަކުގެ މައްޗަށް ތަޥްބާވެ ކުރެވޭ ޙައްޖެއްކަން ބަޔާންކުރައްވާ ސަޢުދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ الإمام عَبد العَزِيز بن عبد الله بن بَاز- رحمه الله- ވިދާޅުވެފައިވެ އެވެ. “ فَلَمْ يَرْفُث (އެ ހައްޖުގައި އޭނާ ރަފްޘް އެއް ނުކުރެ އެވެ.) ޔަޢުނީ : އަނބިމީހާއާ ޖިމާޢު ވުމުންނާއި އަދި ފާޙިޝް އަދި އެ ޙައްޖުގައި ނުބައިވެގެންވާ ބަސްތައް ބުނުމުން އެއްކިބާވި އެވެ. އަދި ފާސިޤު ޢަމަލެއް ނުކުރެ އެވެ. ޔަޢުނީ : ފާފަތަކުގެ މަތީގައި ދެމި ނުހުރެ އެވެ. އަދި ކިޔެއްތަ! އޭނާ ޙައްޖު ކޮށްފައިވަނީ ފާފަތަކުން ތަޥްބާވެ، ފާފަތަކަށް އަރައިގަނެވިފައިވާ ކަމުގެ މައްޗަށް ދެރަވެ ހިތާމަ ކުރާ ޙާލުގަ އެވެ. ފަހެ، އޭނާ އެނބުރި އަންނާނީ އޭނާގެ މަންމަގެ ބަނޑުން އުފަންވި ދުވަސްފަދައިންނެވެ.“
ފަހެ، ވުމުން އެ ޙައްޖު މަބުރޫރު ޙައްޖެއްގެ ސިފަ ލިބިފައިވަނީ އެގޮތުންނެވެ.
މި ހުރިހައި ޢަމަލެއްގެ މައްޗަށް އައިސްފައިވާ އިސްވެ ގޮސްފައިވާ އެންމެހައި ފާފަތައް ފުއްސެވިގެން ދިއުން ޤައިދު ކުރެވިފައިވަނީ، ބޮޑެތި ފާފަތަކުން ތަޥްބާވުމުން ކަމުގައި ޤައިދު ކުރެވިގެންވަނީ ޖަވާބުގައި ކުރިން ބަޔާން ކުރެވުނު އާޔަތް އަދި ޙަދީޘްގެ މައްޗަށް ބިނާ ކޮށެވެ.
މަދީނާގައި މިއަދު ތިއްބެވި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިއަދު އުއްމަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ العلامة عَبد المحسن العبَّاد -حفظه الله- ވިދާޅުވެފައިވެ އެވެ. “ މަބްރޫރު ޙައްޖަކީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި އެއްގޮތަށް މުސްލިމު އަޅާ ގެނެސް ގަންނަ ޙައްޖެކެވެ…… (މަބްރޫރު ޙައްޖަކީ) ފާޙިޝް ކަންތަކުންނާއި ފާސިޤު ކަންތަކުން ދުރުވެގެންވާ ޙައްޖެއް ކަމުގައި ވާން ޖެހޭނެ އެވެ.
އަދި އެ ޢަމަލުކުރުން ޙަރާމް ވެގެންވާ ޢަމަލުތަކުން މަނާވެގަންނަން ޖެހޭނެއެވެ. އަދި މަބްރޫރު ޙައްޖުގެ ޢަލާމާތަކީ މުސްލިމު އަޅާ އޭނާ ޙައްޖަށް ފަހުގައި ރަނގަޅު ޙާލަތުން އެންމެ ރަނގަޅު ޙާލަތަށް ބަަދަލުވުމެވެ. އަދި ނުބައި ޙާލަތުން ހެޔޮ ޙާލަތަށް ބަދަލުވުމެވެ. …… ޙައްޖުގެ ކުރިން ފާފަތަކަށް އަރައިގަތުމުގެ ފިތުނަވެރިކަންޖެހިފައިވާ މީހާއަށް އޮތީ ޙައްޖުގައި ތަޥްބާވުމެވެ. އިޚްލާޞްތެރި، ނަޞޫޙު ތަޥްބާއަކުން ތަޥްބާވުމެވެ.
އަދި އެފާފަތަކުން ވަކިވެ، ހުއްޓާލައި ދުރުވެ، ވެދިޔަ ކަންކަމުގެ މައްޗަށް ހިތާމަ ކުރުމެވެ. އަދި މުސްތަޤުބަލުގައި އެފާފަތަކަށް އަރައި ނުގަންނާނެކަމުގެ މައްޗަށް ޢަޒުމް ކަނޑައެޅުމެވެ….. އެފާފަތަކަކީ އާދަމުގެ ދަރީންގެ ޙައްޤުތަކެއް އެކުލެވިގެންވާ ފާފަތަކެއް ކަމުގައިވާ ނަމަ، އަދި އެއީ މުދާ ކަމުގައިވާ ނަމަ، އޭގެ އަހުލުވެރިން އޭނާއަށް މާފު ނުކުރާނަމަ އެމުދާ އެމީހުންނަށް ރައްދުކޮށްދޭން ޖެހޭނެ އެވެ.
އަދި އެއީ ދުލުންނާއި އަތުން އެބައިމީހުންނަށް ކުރެވިފައިވާ ގޯނާއެއްނަމަ އެމީހުންގެ ކިބައިން އެކަމަށް މާފު ހޯދަންޖެހޭނެ އެވެ. އެހެނަސް މިކަންތައްތައް ފާޅުކޮށް، ބަޔާންކޮށްފި ހިނދުގައި ފަސާދަ ނުކުމެދާނެ ކަމަށް އަދި ބައިބައިވުން އުފެދިދާނެކަމާއި ރުޅިވެރިކަން އުފެދިދާނެ ކަމުގައި ވާނަމަ، ޢާންމު ލަފްޒުން ޛިކްރުކޮށް އެބައިމީހުންގެ ގާތުން މާފު ހޯދުން ހުއްޓެވެ. އަދި އެއީ އެބައިމީހުންނަށް ހެޔޮ ދުޢާކުރުމާއި، ޘަނާގެ ބަސްތަކުން ލާއިޤު ވެގެންވާ ގޮތުގައި ބުނުމާ އެކުގައެވެ. ފަހެ އެހިނދުގައި އޭނާގެ ނަފްސަށް ޙައްޖަށް ފަހުގައި ހެޔޮ ދޮރުތައް ހުޅުވި، މުޅިން އާ ހަޔާތެއް ފެށިގެންދެއެވެ. އެ ޙަޔާތް ވަނީ ﷲ އަށް ތަޤްވާވެރި ވުމާއި ﷲ ގެ ދީނުގައި ޘާބިތުވުމުގެ މައްޗަށް ބިނާކޮށްފައެވެ. އެހެނަސް ޙައްޖުގެ ކުރީގައި އޭނާވަނީ ނުރަނގަޅު ޙާލަތެއްގަ އެވެ. އަދި ޙައްޖަށް ފަހުގައިވެސް އެގޮތުގައި މެދުކެނޑުމެށްނެތި ހުރުމުން އެއީ މަބްރޫރު ޙައްޖެއް ލިބިގެން ނުދާ ކަމުގެ ޢަލާމާތެކެވެ.“
ފަހެ، މިފަދައިން ޤައިދު ކުރެވިފައިވެ އެވެ. ބޮޑެތި ފާފަތަކަށް އަރައިގަނެ ތަޥްބާނުވެ ނުވަތަ މީސްތަކުންނަށް އަދާ ކުރަން ޖެހިފައިވާ ޙައްޤުތައްހުރެ އެ ޙައްޤުތައް އަދާ ނުކޮށް ކުރާ ޙައްޖަކީ މަބްރޫރު ހައްޖު ގޮތުގައި ނުވާނެ އެވެ.
والله تعالى أعلم. وصلى الله على نبينا محمد وآله وصحبه وسلم.